ސްޕެއިނާ ދެކޮޅަށް ކުޅޭ ގްރޫޕް ސްޓޭޖުގެ ފަހު މެޗަކީ ފައިނަލެއް ކަމަށާއި، އެޓީމަށް މާގިނަ ވަގުތު ބޯޅަ ގެންގުޅެން ފުރުސަތު ދީގެން ނުވާނެ ކަމަށް އުރުގުއާއީގެ ކޯޗު މާސެލޯ ބިއެލްސާ ބުނެފިއެވެ.

ގްރޫޕް އެޗްގައި އުރުގުއާއީން މިހާތަނަށް ކުޅުނު ދެމެޗުންވެސް މޮޅެއް ހޯދިފައެއް ނުވެއެވެ. އެޓީމުން ސައުދީ އަރަބިއްޔާގެ އިތުރުން ކޭޕް ވާޑް ކައިރިންވެސް އެއްވަރުވެފައިވާ އިރު، ފުރަތަމަ މެޗުގައި ސައުދީއާ އެއްވަރުވީ 1-1 އިންނެވެ. ދެވަނަ މެޗުގައި ކޭޕް ވާޑާ އެއްވަރުވީވެސް 2-2 އިންނެވެ.

ސްޕެއިނުންވެސް ފުރަތަމަ މެޗުގައި 0-0 އިން ކޭޕް ވާޑާ އެއްވަރުވެ، މާޔޫސީ ފެށުމަކަށް ދިޔަ އިރު، ދެން ކުޅުނު މެޗުގައި ސައުދީ ކައިރިން ބޮޑު މޮޅެއް ހޯދިއެވެ. އެއީ 4-0 އިންނެވެ. އެ މޮޅާއެކު ސްޕެއިނަށް ގަދަ 32 ގެ ބޮޑު ފުރުސަތެއް އޮތް އިރު، އުރުގުއާއީއަށް އޮތީ މޮޅުވުމެވެ. އެއްވަރުވެއްޖެނަމަ އެޓީމަށް އޮތީ ތިންވަނަ ޓީމުތަކުގައި ހިމެނި އަނެއް ބުރަށް ދިއުމުގެވެސް ހަނި ފުރުސަތެކެވެ.

"އަހަރެމެންނަށް ސްޕެއިން މެޗަކީ ފައިނަލެއް. އެންމެންނަށްވެސް ސްޕެއިން އެނގޭނެ. އެޓީމު ކައިރިން އެންމެ މުހިންމު ކަމަކީ ބޯޅަ ހިފަހައްޓަން ޖާގަ ނުދިނުން. ވަގުތު ނުދިނުން. އެހެން ނޫނީ އަހަރެމެންނަށް ލަނޑު ލިބޭނެ،" ފުޓުބޯޅަ ތަޖުރިބާކާރު ބިއެލްސާ ބުންޏެވެ.

ބިއެލްސާ ވަނީ ޕްރެސްގައި ލެމީން ޔަމާލަށް ތައުރީފުކޮށް ވާހަކަދައްކައިފައެވެ. އޭނާ ބުނީ ސްޕެއިނަށް ތަފާތު ގެންނަ ކުޅުންތެރިޔަކީ ޔަމާލް ކަމަށާއި، އޭނާއަށް ސަމާލުވާން ޖެހޭނެ ކަމަށެވެ.

ސްޕެއިނާއި އުރުގުއާއީ ވާދަކުރާ މެޗު އޮންނާނީ މިރޭ ފަތިހު 5:00 ގައެވެ.