ޔޫކްރެއިންގައި އިންވެސްޓްކުރާ އަމިއްލަ ކުންފުނިތަކަށް ހަނގުރާމައިގެ ސަބަބުން ކުރިމަތިވާ މާލީ ނުރައްކާތައް ކުޑަކުރުމަށްޓަކައި، އެމެރިކާއާއި ވޯލްޑް ބޭންކް ގުޅިގެން އިންޝުއަރެންސް އަދި މާލީ ގެރެންޓީ ދިނުމުގެ އާ މަޝްރޫއެއް ފަށައިފިއެވެ.
ޕޮލެންޑުގެ ގްޑާންސްކްގައި އިއްޔެ ބޭއްވި ޔޫކްރެއިން ރިކަވަރީ ކޮންފަރެންސްގެ ހަވާސާގައި މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެމެރިކާގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (ޑީއެފްސީ) އާއި ވޯލްޑް ބޭންކުގެ މަލްޓިލެޓަރަލް އިންވެސްޓްމަންޓް ގެރެންޓީ އޭޖެންސީ (މީގާ) އިންނެވެ. ރޮއިޓަރސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ދަށުން "ޔޫއެސް-ޔޫކްރެއިން ރިކޮންސްޓްރަކްޝަން އިންވެސްޓްމަންޓް ފަންޑު" މެދުވެރިކޮށް ހިންގާ މަޝްރޫއުތަކަށް ސިޔާސީ އަދި ހަނގުރާމައިގެ ނުރައްކާތަކުން ރައްކާތެރިކަން ފޯރުކޮށްދޭނެއެވެ.
މި ފަންޑަކީ މައިގަނޑު ފަސް ދާއިރާއަކަށް އަމާޒުކޮށްގެން އުފައްދާފައިވާ ފަންޑެކެވެ. އޭގެ ތެރޭގައި ހަކަތައާއި މުހިންމު މައުދަންތައް ނެގުމުގެ ސިނާއަތް ހިމެނެއެވެ.
ވޯލްޑް ބޭންކުގެ ރައީސް އަޖޭ ބަންގާ ވިދާޅުވި ގޮތުގައި، މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ ޔޫކްރެއިންގެ މުސްތަގުބަލަށް އިންވެސްޓްކުރުމަށް އަމިއްލަ ވިޔަފާރިތަކަށް އިތުބާރު ހޯދައިދިނުމަށްޓަކައި ނުރައްކާތައް ކުޑަކޮށްދިނުމެވެ. އަދި ޑީއެފްސީގެ ޗީފް އޮފް ސްޓާފް ކޮނޯ ކޯލްމަން ފާހަގަކުރެއްވި ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން ޔޫކްރެއިންގައި ފައިދާހުރި އިންވެސްޓްމަންޓުތައް ކުރުމަށް އިންވެސްޓަރުންނަށް ޔަގީންކަން ލިބިގެންދާނެއެވެ.
މީގެ އިތުރުން، މީގާގެ ނައިބު ރައީސް އެޑް މައުންޓްފީލްޑް ވިދާޅުވީ، ހަނގުރާމައިގެ ނުރައްކާތަކުން ކަވަރުކޮށްދިނުމަކީ އަމިއްލަ ކެޕިޓަލް އިންވެސްޓްމަންޓުތައް ހޯދުމަށާއި ޔޫކްރެއިންގެ ވިޔަފާރީގެ މާހައުލު ހަރުދަނާކުރުމަށް މުހިންމު ކަމެއް ކަމަށެވެ.
މި ފަންޑަކީ މީގެ އަހަރެއްހާ ދުވަސް ކުރިން އެމެރިކާއާއި ޔޫކްރެއިންއާ ދެމެދު ވެވުނު މައުދަންތަކާ ބެހޭ އެއްބަސްވުމެއްގެ ދަށުން އުފެއްދި ފަންޑެކެވެ. ޔޫކްރެއިން ސަރުކާރުން ބުނެފައިވާ ގޮތުގައި، މި ފަންޑުގެ ދަށުން ހިންގާ ދެވަނަ މަޝްރޫއަށް ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ހުއްދަ ދެވޭނެއެވެ.
ޔުކްރެއިން
ޔުކްރެއިން
ޔުކްރެއިން
ޔުކްރެއިން
ކޮމެންޓް