ފީފާ ވޯލްޑް ކަޕް 2026 އިން ކެޓުމާއެކު ޗެކް ރިޕަބްލިކްގެ ފޯވަޑް ޕެޓްރިކް ޝިކް، ގައުމީ ޓީމުން ރިޓަޔާ ކޮށްފިއެވެ.

ޗެކުން މިފަހަރު ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ހޯދުނީ އެންމެ ޕޮއިންޓެވެ. ފުރަތަމަ މެޗުގައި ދެކުނު ކޮރެއާ ކައިރިން 2-1 އިން ބަލިވި އިރު، ދެވަނަ މެޗުގައި ދެކުނު އެފްރިކާ ކައިރިންވެސް ޗެކްވީ 1-1 އިން އެއްވަރެވެ. އަދި އެންމެފަހުން މެކްސިކޯއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ 3-0 އިންނެވެ.

ޝިކް ބުނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމާފައި ވަނީ ކުއްލިއަކަށް ނިންމި ނިންމުމަކާ އެކުގައި ނޫން ކަމަށެވެ. އަދި އެއީ އެންމެ ރެޔަކުން ކުއްލިއަކަށް ނިންމި ނިންމުމެއް ނޫން ކަމަށާއި، އެ ނިންމުން ނިންމުން ވިސްނާތާ މިހާރު ދުވަސްކޮޅެއް ވެއްޖެ ކަމަށްވެސް ޝިކް ބުންޏެވެ.

އުމުރުން 30 އަހަރުގެ ފޯވަޑް ވަނީ ޗެކަށް ކުޅުނު 56 މެޗުން 26 ގޯލް ޖަހައިދީފައެވެ.

ޝިކް ވަނީ ޔުރޯ 2020 ގައި ޗެކް ކުޅުނު މެޗުތަކުގައި ވިދާލައިފައެވެ. އެފަހަރު މުބާރާތުގައި ޝިކް ނިންމާލީ ޓޮޕް ސްކޯރާގެ ގޮތުގައެވެ. އެއީ ކްރިސްޓިއާނޯ ރޮނާލްޑޯއާއެކު ފަސް ގޯލު ޖަހައިގެންނެވެ. އެ މުބާރާތުގައި ޝިކް ސްކޮޓްލޭންޑް ކޮޅަށް، މެދު ރޮނގުމަތިން ޖެހި ގޯލަކީ މުބާރާތުގެ އެންމެ ރީތި ގޯލެވެ.

ޝިކް ބުނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމަނީ ފަހުރުވެރިކަމާއެކުގައި ކަމަށާއި، ގައުމީ ޖާޒީގައި އޭނާއަށް އުފާވެރި ވަގުތުތަކެއް ހޭދަކުރެވުނު ކަމަށެވެ. އަދި ޗެކްގެ ފުޓުބޯޅައިން މިފަހަކަށް އައިސް ފެނުނު ނަތީޖާތަކަކީ އެ ގައުމުގެ އަސްލު ފެންވަރު ނޫން ކަމަށްވެސް ޝިކް ބުނެފައިވެއެވެ.