ވޯލްޑް ކަޕް 2026 ގެ ގްރޫޕް އީގެ ދެވަނަ ޔަގީންކޮށް، އައިވޮރީ ކޯސްޓުން ގަދަ 32 ގެ ބުރަށް ދަތުރުކޮށްފިއެވެ.
މިރޭ ފިލަޑެލްފިއާ ދަނޑުގައި ކުޅުނު މެޗުގައި އައިވޮރީ ކޯސްޓުން 2-0 އިން ކިއުރަސާއޯ ބަލިކުރުމާއެކު، އެޓީމަށް ވަނީ ތިން މެޗުން ހަ ޕޮއިންޓާއެކު ދެވަނަ ލިބިފައެވެ. އެއްވަނައިގައި އޮތް ޖަރުމަނުން މިރޭ އެކުއެޑޯ ކައިރިން ބަލިވި އިރު، ޖަރުމަނުވެސް އޮތީ ތިން މެޗުން ހަ ޕޮއިންޓާއެކުގައެވެ. ފަރަގަކީ ދެޓީމުގެ ހެޑް ޓު ހެޑް ރެކޯޑުގެ ފަރަގެވެ.
އެކުއެޑޯ ގްރޫޕްގެ ތިންވަނައިގައި ނިންމާލީ ތިން މެޗުން ހަތަރު ޕޮއިންޓާއެކުގައެވެ. ކިއުރަސާއޯގެ ތާރީހީ ފުރަތަމަ ވޯލްޑް ކަޕްގެ ދަތުރު ނިމުނީ އެއް ޕޮއިންޓުންނެވެ.
މިރޭގެ މެޗަށް ނުކުތްއިރު ދެ ޓީމަށްވެސް ތާރީހީ ފުރުސަތެއް އޮތެވެ. އެއީ މުޅިން އަލަށް ވޯލްޑް ކަޕެއްގެ ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތެވެ. ވޯލްޑް ކަޕަށް ކޮލިފައިވި އެންމެ ކުޑަ ގައުމު، ކިއުރަސާއޯގެ އެ ތާރީހީ ދަތުރު އިތުރަށް ހާއްސަ ކޮށްލުމަށް އެޓީމުން ފަހު މެޗާ ހަމައަށް ފުރުސަތު ދެމެހެއްޓީ އެކުއެޑޯ ކައިރިން އެއްވަރުކޮށް ހޯދި ޕޮއިންޓާއެކުގައެވެ.
ކިއުރަސާއޯއިން މިފަހަރު ވޯލްޑް ކަޕަށް ނުކުމެ ކުޅުނު ފުރަތަމަ މެޗުގައި ޖަރުމަނު ކައިރިން 7-1 އިން ބަލިވި ނަމަވެސް، އެޓީމުން ވަނީ ވަރުގަދަ އެކުއެޑޯ ކައިރިން ގޯލެއް ޖެހިޔަ ނުދީ އެއްވަރު ކޮށްފައެވެ. އެ މެޗުގައި ކިއުރަސާއޯގެ ކީޕަރު އެލޮއި ރޯމް ވަނީ 15 ސޭވްއެއް ކޮށް، ވޯލްޑް ކަޕް މެޗެއްގައި އެންމެ ގިނަ ސޭވް ކުރުމުގެ ރެކޯޑު ހަދައިފައެވެ.
އަައިވޮރީ ކޯސްޓުން މިފަހަރު ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި 1-0 އިން އެކުއެޑޯ ބަލިކުރި އިރު، ޖަރުމަނު ކައިރިން ފަހުވަގުތު ބަލިވީ 2-1 އިންނެވެ. އެ ނަތީޖާއާއެކު ޖަރުމަނު މިރޭ އެކުއެޑޯއާ ދެކޮޅަށް ނުކުތީވެސް އެއްވަނަ ޔަގީންވެފައި އޮވެގެންނެވެ. އެހެން ނަމަވެސް މޮޅަކާއެކު އައިވޮރީ ކޯސްޓަށް ފުރަތަމަ ފަހަރަށް ދެވަނަ ބުރަށް ދެވެން އޮތެވެ.
އެ ފުރުސަތުގެ ބޭނުން ހިފަން ނުކުތް އައިވޮރީ ކޯސްޓުން ފެށިތާ މާގިނައިރެއް ނުވެ، ގޯލްވެސް ޖެހިއެވެ. ކިއުރަސާއޯއަށް ފަހަތުން ލިބުނު ބޯޅަ ރަނގަޅަށް ސާފުކޮށް ނުލެވިގެން އުޅެނިކޮށް، ހަތްވަނަ މިނެޓުގައި ގޯލް ޖަހައިދިނީ ނިކޮލަސް ޕެޕޭއެވެ. އަރިމަތިން ޔޭން ޑިއޮމާންޑޭއަށް ލިބުނު ބޯޅަ، އޭނާ ތިރިތިރީން ހުރަސް ކޮށްލުމުން ގޯލަށް ވައްދާލީ ޕެޕޭއެވެ. ފަސޭހަ ނިންމާލުމަކާއެކުގައެވެ.
އެ ގޯލަށްފަހު އައިވޮރީ ކޯސްޓުން ހަމަޖެހިލާފައިވާ އިރު، ކިއުރަސާއޯއަށް ދިޔައީ މަޑުމަޑުން ނުރައްކާ ކުރަމުންނެވެ. އޭގެފަހުން މެޗުގެ ފުރަތަމަ ހާފުގައި ހަމަލާތައް މަދުކޮށް ފެނިފައިވާ އިރު، ބޮޑަށް ނުރައްކާކުރީ ކިއުރަސާއޯއެވެ.
ހައިޑްރޭޝަން ބްރޭކް ކުރިން އަމަޑް ޑިއާލޯއަށް ލިބުނު ފުރުސަތެއް ފާހަގަވި އިރު، ހާފު ނިމެން ދަނިކޮށް، 44 ވަނަ މިނެޓުގައި ލެއާންޑްރީ ބަކޫނާ ވަނީ ކިއުރަސާއޯއަށް މެޗު އެއްވަރުކުރުމާ ގާތަށް ޖެހިލައިފައެވެ. އަރިމަތިން ގޮސް، ގުއޭލާ ޑޫއޭއާއި އުސްމާންޑ ޑިއޮމާންޑާ ނައްޓާލުަމށްފަހު ތިރިތިރިން ފޮނުވާލި ބޯޅަ ދިޔައީ ހަނި ކަނާ ދިމާލުން ބޭރަށެވެ.
ދެވަނަ ހާފު ފަށައިގެން އަނެއްކާވެސް އައިވޮރީ ކޯސްޓުން މެޗު ކޮންޓްރޯލް ކުރަމުން ގޮސްފައިވާ އިރު، ދުރުން ފްރޭންކް ކެސީ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެއެވެ. ދެޓީމަށްވެސް ރަނގަޅު ހަމަލާއެއް އުފައްދަން އުނދަގޫ ވެގެން އުޅެނިކޮށް، އަނެއްކާވެސް އައިވޮރީ ކޯސްޓުން ގޯލް ޖެހިއެވެ.
މިފަހަރުވެސް ގޯލް ޖެހީ ނިކޮލަސް ޕެޕޭއެވެ. މެދުތެރެއިން އިބްރާހީމް ސަންގަރޭ ދުއްވާލި ޕާހަށް މަސައްކަތް ކޮށް، ޕެޕޭ ގޯލް ޖަހައިދިނީ ކިއުރަސާއޯ ކީޕަރު ރޫމް ކައިރިން ފަސޭހަކޮށް ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.
އޭގެފަހުންވެސް މެޗުގައި ކިއުރަސާއޯއިން ފަޅި ފުރުސަތުތައް ހޯދާފައިވާ އިރު، އައިވޮރީ ކޯސްޓުން ދިޔައީ މެޗު ހިފަހައްޓަމުންނެވެ. ކިއުރަސާއޯއިގެ ޓަހިތު ޗޮންގެ ހަމަލާއެއް އައިވޮރީ ކޯސްޓް ކީޕަރު ޔާހިއާ ފޮފާނާ އަތަށް ދިޔަ އިރު، އެންމެ ފަހު ވަގުތު އައިވޮރީ ކޯސްޓްގެ އެލްޔޭ ވާހީއަށް ލިބުނު ދެ ފުރުސަތެއްގައި އޭނާއަށް ދިޔައީ ބޭނުން ނުހިފިއެވެ.
އައިވޮރީ ކޯސްޓަށް މިރޭގެ ނަތީޖާއަކީ ތާރީހީ ނަތީޖާއެކެވެ. މީގެ ކުރިން 2006، 2010، 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކުޅުނު ނަމަވެސް، އެ ހުރިހާ ފަހަރެއްގައި އެޓީމު ކަޓައިގެން ދިޔައީ ގްރޫޕް ސްޓޭޖުންނެވެ. މީގެ ކުރިން އެފްރިކާގެ ޗެމްޕިއަންކަން ހޯދި އައިވޮރީ ކޯސްޓަށް މިއީ ވޯލްޑް ކަޕްގެ ދެވަނަ ބުރަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް