ވޯލްޑް ކަޕެއްގައި މިހާތަނަށް ވާދަކުރި އެންމެ ކުޑަ ގައުމު ކިއުރަސާއޯއިން މިރޭ އައިވޮރީ ކޯސްޓާ ދެކޮޅަށް ނުކުންނާނީ ފެވަރިޓެއްގެ ގޮތުގައި ކަމަށް ކޯޗު ޑިކް އެޑްވޮކާޓް، ސަމާސާ ރާގެއްގައި ބުނެފިއެވެ.

އާބީދީގައި ދެ ލައްކަވެސް ހަމަ ނުވާ ކިއުރަސާއޯއިން މިފަހަރުގެ ވޯލްޑް ކަޕަށް ކުރި ދަތުރަކީވެސް ތަފާތު، ހައިރާން ކުރުވަނިވި ނަތީޖާތައް ފެނިގެން ދިޔަ ދަތުރެކެވެ. އޭގެ އިތުރުން މިފަހަރުގެ މުބާރާތުގައިވެސް އެޓީމުގެ ހިތްވަރު ތަފާތު ގޮތަކަށް ފެނިގެން ގޮސްފައިވެއެވެ. ޖަރުމަނު ކޮޅަށް ގޯލެއް ޖެހި ނަމަވެސް، އެމެޗުގައި 7-1 އިން ބަލިވިއެވެ. އެހެން ނަމަވެސް ދެން ކުޅުނު މެޗުގައި ވަރުގަދަ މެކްސިކޯ ކައިރިން ކިއުރަސާއޯ ވަނީ 0-0 އިން އެއްވަރު ކޮށްފައެވެ.

އެ މެޗުގައި ކިއުރަސާއޯގެ ކީޕަރު އެލޮއި ރޯމް ވަނީ 15 ސޭވްއެއް ކޮށް، ވޯލްޑް ކަޕް މެޗެއްގައި އެންމެ ގިނަ ސޭވް ކުރުމުގެ ރެކޯޑު ހަދައިފައެވެ. އެ ނަތީޖާއާ އެކު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިރޭ އައިވޮރީ ކޯސްޓް ބަލިކޮށް، ގަދަ 32 ގެ ބުރަށް ދާން ކިއުރަސާއޯއަށް ފުރުސަތު އެބައޮތެވެ.

"އަހަންނަށް ހީވަނީ މިއީ ކިއުރަސާއޯ ފެވަރިޓުންގެ ގޮތުގައި ނުކުންނާނެ ފުރަތަމަ މެޗުހެން،" ހިނިގަނޑަކާއެކު އެޑްވޮކާޓް ބުންޏެވެ.

އެޑްވޮކާޓަކީ އެގައުމުގެ ފުޓުބޯޅަ ބަދަލުކޮށްލި އިސް މޭސްތެރިޔާއެވެ. ނެދަލޭންޑްސްއަށް ނިސްބަތްވާ ކޯޗު ވަނީ އެގައުމަށް ކުޅެވެން ތިބި ނެދަލޭންޑްސްއަށް އުފަން ބައެއް ކުޅުންތެރިން ހޯދައި ފުރުސަތު ދީފައެވެ. އުމުރުން 78 އަހަރުގައި އެޑްވޮކާޓަކީ ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ދުވަސްވީ ކޯޗެކެވެ.

"ޖޯކެއް ގޮތުގައި އެކަން ބާއްވާފައި އަސްލު ބުނަން ބޭނުންވަނީ މި މެޗުވެސް ޓަފް ވާނެޔޭ. އެކަމަކު އަހަރެމެންނަށް މިކަހަލަ މެޗުތައް ކުޅެލަން ފުރުސަތު ލިބުމަކީ ތަފާތު އުފާވެރިކަމެއް ލިބޭ ކަމެއް. އަހަރެމެންނަށް އެކުއެޑޯއާ ދެކޮޅަށް މި ދެއްކުނު ކުޅުމާއެކު މީހުންނަށް ދައްކާލެވިއްޖެ ޓީމުގެ ހުރި ވަރުގަދަކަން. އަހަރެމެންނަކީ ހަމައެކަނި ޑިފެންސް ކުރާ ޓީމެއްވެސް ނޫން. ރަނގަޅު ވަގުތު އެޓޭކްވެސް ކުރާނެ،" އެޑްވޮކާޓް ފާހަގަކުރިއެވެ.

ކިއުރަސާއޯ އަދި އެކުއެޑޯ ވާދަކުރާ ގްރޫޕް އީގެ މެޗު އޮންނާނީވެސް މިރޭ 1:00 ގައެވެ. އެގަޑީ އެ ގްރޫޕްގެ އަނެއް މެޗުގައި އެކުއެޑޯއާއި ޖަރުމަނުވެސް ކުޅޭނެއެވެ.