އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން، އީރާނާ ދެކޮޅަށް ކުރިއަށްގެންދާ އަސްކަރީ އޮޕަރޭޝަންތަކަށާއި އެހެނިހެން ކަންކަމަށް ހަރަދުކުރުމަށް 87.6 ބިލިއަން ޑޮލަރުގެ އިތުރު ބަޖެޓެއް ފާސްކޮށްދިނުމަށް އެމެރިކާގެ ކޮންގްރެސްއަށް ރަސްމީކޮށް ހުށަހަޅައިފިއެވެ.
މި ބަޖެޓުގެ ތެރެއިން އެންމެ ބޮޑު ބައެއް ކަމަށްވާ 67.1 ބިލިއަން ޑޮލަރު ކަނޑައަޅާފައިވަނީ ދިފާއީ ވުޒާރާއަށެވެ. މީގެ ތެރޭގައި ހަތިޔާރު ހޯދުމަށް 21 ބިލިއަން ޑޮލަރާއި، އޮޕަރޭޝަނަލް ހަރަދުތަކަށް 17.3 ބިލިއަން ޑޮލަރު ހިމެނޭ ކަމަށް އެމެރިކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
މީގެ އިތުރުން، ދަނޑުވެރިންނަށް އެހީވުމަށް 11.1 ބިލިއަން ޑޮލަރާއި، އެފްރިކާގައި ފެތުރެމުންދާ އެބޯލާ ރޯގާއާ ދެކޮޅަށް މަސައްކަތްކުރުމަށް 1.4 ބިލިއަން ޑޮލަރުވެސް މި ހުށަހެޅުމުގައި ހިމަނާފައިވެއެވެ.
ވައިޓް ހައުސްގެ އޮފީސް އޮފް މެނޭޖްމަންޓް އެންޑް ބަޖެޓްގެ ޑިރެކްޓަރު ރަސް ވޯޓް ވިދާޅުވި ގޮތުގައި، މި ފައިސާއަކީ އީރާނުގެ ނުރައްކާތައް ހުއްޓުވުމަށާއި އަސްކަރީ ގާބިލުކަން އިތުރުކުރުމަށް ކޮންމެހެން ބޭނުންވާ ފައިސާއެކެވެ. ނަމަވެސް، މި ހުށަހެޅުން ފާސްކުރުމުގައި ކޮންގްރެސްގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވާނެ ކަމަށް ބެލެވޭކަމަށް ރިޕޯޓްތައް ބުނެއެވެ. ސަބަބަކީ، އީރާނާ ދެކޮޅަށް އިތުރު ހަމަލާތައް ދިނުން ހުއްޓުވުމަށް ގޮވާލައި ކޮންގްރެސްގެ ގިނަ މެންބަރުންތަކެއް ދާދި ފަހުން ވޯޓު ދެއްވާފައިވުމެވެ.
މި ބަޖެޓަށް ތާއީދުކުރައްވައި ރިޕަބްލިކަން ޕާޓީގެ އިސް ބައެއް މެންބަރުން ކަމަށްވާ ޓޮމް ކޯލް އަދި ކެން ކަލްވަރޓް ވިދާޅުވީ، އެމެރިކާގެ ސިފައިންގެ ގާބިލުކަން ދެމެހެއްޓުމަށް މި ފައިސާ މުހިންމު ކަމަށެވެ. އެހެންނަމަވެސް، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން އަންނަނީ މިކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
ސެނެޓުގެ މައިނޯރިޓީ ލީޑަރު ޗަކް ޝޫމަރ ވިދާޅުވި ގޮތުގައި، ޓްރަމްޕް މަސައްކަތްކުރައްވަނީ އޭނާ ފެއްޓެވި ޒިންމާދާރުކަން ކުޑަ ހަނގުރާމައެއްގެ ގެއްލުންތައް ފޫބެއްދުމަށް ރައްޔިތުންގެ އަތުން އެތައް ބިލިއަން ޑޮލަރެއް ހޯއްދެވުމަށެވެ. ސެނެޓަރ ޕެޓީ މަރޭ ވިދާޅުވީ، މިއީ އަމިއްލައަށް އިހުތިޔާރުކުރި ހަލާކުދެނިވި ހަނގުރާމައެއް ކަމަށާއި، އެކަމަށް އިތުރު ފައިސާ ދޫކުރުމަށް ރުހުން ނުދެއްވާނެ ކަމަށެވެ.
މި މައްސަލައިގައި ގޮތެއް ނިންމުމަށްޓަކައި ކޮންގްރެސްގެ ކަމާބެހޭ ކޮމިޓީތަކުން މިހާރު އަންނަނީ ބަޖެޓުގެ ހުށަހެޅުން ދިރާސާކުރަމުންނެވެ.
އެމެރިކާ
އެމެރިކާ
އެމެރިކާ
އެމެރިކާ
ކޮމެންޓް