ވޯލްޑް ކަޕް 2026 ގައި ކެނެޑާ ބަލިކޮށް، ސްވިޒަލެންޑުން ގްރޫޕުގެ އެއްވަނައިގައި ގޮތުގައި ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.
ސްވިޒަލޭންޑަކީ 1904 ވަނަ އަހަރު އުފެދުނު ފުޓުބޯޅައިގެ ބަލަދުވެރި އިދާރާ، ފީފާގެ ފައުންޑަރެކެވެ. އޭރު ސްވިޒަލޭންޑަކީ ފުޓުބޯޅަގެ ނުފޫޒުގަދަ ނަމެއް ނަމަވެސް، ފަހަކަށް އައިސް އެގައުމުގެ ފުޓުބޯޅައިން އެ ހައިބަތެއް ނުފެނެއެވެ. ވަރުގަދަ، ގަދަ ބާރެއް ނޫން ނަމަވެސް އެޓީމަކީ އަބަދުވެސް ވޯލްޑްކަޕް އަދި ޔޫރޯ ފަދަ ބޮޑެތި މުބާރާތްތަކުން ޖާގަ ހޯދަމުން އަންނަ ޓީމެކެވެ. ސްވިޒަލޭންޑަކީ ފަސޭހަ ޓީމެއްގެ ގޮތުގައި އެއްވެސް މުބާރާތެއްގައި ނުބަލައެވެ. އެގައުމުން 12 ވޯލްޑް ކަޕެއްގައި ކުޅެފައިވާ އިރު، އެޓީމުން ވަނީ 1934، 1938 އަދި 1954 ގެ މުބާރާތުގެ ކުއާޓާ ފައިނަލުގައި ވެސް ވާދަކޮށްފައެވެ.
ސްވިޒަލެންޑުން ޔޫރޯގައި ފަސް ފަހަރަކު ވާދަކޮށްފައިވެއެވެ. އޭގެ ތެރެއިން އެންމެ ކާމިޔާބު މުބާރާތްތަކަކީ 2020 އަދި 2024 ވަނަ އަހަރު މުބާރާތްތަކެވެ. އެ ދެ މުބާރާތުގެވެސް ކުއާޓާ ފައިނަލްގައި ސްވިޒަލޭންޑް ކުޅެފައިވެއެވެ. މިފަހަރުގެ ވޯލްޑް ކަޕަށް ސްވިޒަލޭންޑް ކޮލިފައިވީ ގްރޫޕް ސްޓޭޖު މެޗަކުން ބަލިނުވެއެވެ. އެއީ މުބާރާތަށް ނުކުންނައިރު ހިތްވަރެކެވެ.
ކޮންކެކަފް ފެޑަރޭޝަންގައި ވާދަކުރާ ކެނެޑާއަކީ ފުޓުބޯޅައިގެ މާބޮޑު ތާރީހެއް އޮތް ގައުމެއް ނޫން ނަމަވެސް، އެޓީމަށް މިހާރު ވަނީ ދިރުން ގެނުވައިފައެވެ. ހާއްސަކޮށް އެ ރީޖަންގައި މިހާރު ކެނެޑާއަކީ ތަރިންތަކެއް އުފައްދަމުން އަންނަ ހަބެކެވެ. ކެނެޑާ ފުޓުބޯޅަ ތާރީހުގެ އެންމެ ބޮޑު ކާމިޔާބީއަކީ 1985 ވަނަ އަހަރާއި 2000 ވަނަ އަހަރު ސަރަހައްދީ އެންމެ ބޮޑު މުބާރާތް، ކޮންކަކަފް ޗެމްޕިއަންޝިޕް، ގޯލްޑް ކަޕް ކާމިޔާބު ކުރުމެވެ. ކެނެޑާއިން 1986 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވިއެވެ. އޭގެފަހުން ދެން ކުޅުނީ ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕެވެ.
ކެނެޑާއިން 1904 ވަނަ އަހަރުގެ އޮލިމްޕިކްސް ރަން މެޑަލް ހޯދި ނަމަވެސް، އޭގެ ފަހުން ފުޓުބޯޅައަށް މާ ބޮޑެތި އިންގިލާބުތަކެއް ނައިސް މަޑު ޖެހުނެވެ. އެހެންނަމަވެސް މިހާރު އާ ޖީލަކާއެކު ކުރިއަށްދާ ކެނެޑާއަށް މިއީ ހާއްސަ ވޯލްޑް ކަޕެކެވެ. އެއީ ކެނެޑާއަކީ މުބާރާތުގެ ހޯސްޓަކަށްވާތީއެވެ.
"ގްރޫޕު ބީ" ގައި އަދި އެއްވެސް ޓީމަކަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވެފައެއް ނުވެއެވެ. ކެނެޑާ އާއި ސްވިޒަލެންޑަށް މެޗު އެއްވަރުކޮށްލައިގެން ދެ ޓީމަށް ވެސް ފުރުސަތު ލިބެން އޮންނަ އިރު، ބޮސްނިއާ އާއި ގަތަރަށް މުޅިން ފުރުސަތު ނުގެއްލެއެވެ. އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިންވަނަ ހޯދާ ޓީމުތަކުގެ ތެރޭގައި ހިމެނުމަށް ވެސް ބޮސްނިއާ އާއި ގަތަރުން މެޗުން މޮޅުވުން މަޖުބޫރެވެ. ގްރޫޕުގައި ކެނެޑާ އާއި ސްވިޒަލެންޑަށް، ދެ ޓީމަށް ވެސް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އަދި ބޮސްނިއާ އާއި ގަތަރަށް، ކޮންމެ ޓީމަކަށް ވެސް ލިބިފައިވަނީ އެންމެ ޕޮއިންޓެވެ.
މިރޭގެ މެޗުގެ ފުރަތަމަ 11 ގައި ވެސް ސްވިޒަލެންޑުން ނެރެފައިވަނީ ކެޕްޓަން ގްރެނިޓް ޖަކާ، ރެމޯ ފްރޮއިލާ އަދި ބްރީލް އެމްބޯލޯ ހިމަނައިފައެވެ. އޭގެ އިތުރުން މެނުއެލް އަކާންޖީއާއެކު ޑިފެންސް ލައިން ވެސް ފާހަގަކޮށްލެވުނީ ތަޖުރިބާކާރު ޑިފެންސެއްގެ ގޮތުގައެވެ. އޭގެ އިތުރުން ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުމެ ދެ ގޯލު ޖެހި ޔޮހާން މަންޒަމްބީއާއި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ އެއް ގޯލު ޖެހި ރުބެން ވާގަސްއަށް ވަނީ ފުރަތަމަ 11 އިން ފުރުސަތުދީފައެވެ. ޑޭން އެންޑޯއީ އާއި ފަބިއަން ރީޑާ މެޗު ފެށީ ބެންޗުންނެވެ.
ވޯލްޑް ކަޕަށް އަނިޔާއަކާއެކު ކުރިމަތިލި ކެނެޑާގެ ތަރި އަލްފަންސޯ ޑޭވީސް މިރޭގެ މެޗު ވެސް ފެށީ ބެންޗުންނެވެ. ނަމަވެސް ޓަޔޯން ބިއުކެނަން، ޖޮނަތަން ޑޭވިޑް އަދި ކައިލް ލެރިން ވަނީ ކެނެޑާގެ ފުރަތަމަ 11 ގައި ހިމަނައިފައެވެ. ކެޕްޓަން ސްޓެފަން ޔުސްތާކިއޯ ބެންޗުން ފެށި އިރު، ގަތަރު މެޗުގައި ފައި ބިންދައިގެން ދިޔަ އިސްމާއިލް ކޯނޭ ސްކޮޑުގައި ހިމަނައިފައެއް ނުވެއެވެ.
ކެނެޑާގެ ބީސީ ޕްލޭސް ވެންކޫވާގައި މިރޭ ކުޅުނު "ގްރޫޕު ބީ" ގެ މެޗުގައި ކެނެޑާގެ މައްޗަށް ސްވިޒަލެންޑުން ކުރި ހޯދީ 2-1 ގެ ނަތީޖާއަކުންނެވެ. އެ މެޗުން ބަލިވި ނަމަވެސް، ގްރޫޕުގެ ދެވަނައިގެ ގޮތުގައި ކެނެޑާއަށް ވެސް ވަނީ ދެވަނަ ބުރުން ޖާގަ ލިބިފައެވެ. މިއީ ކެނެޑާއަށް ވޯލްޑް ކަޕެއްގެ ދެވަނަ ބުރުން ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.
ވަރުގަދަ ކުޅުމަކާއެކު ފެށި ސްވިޒަލަންޑަށް ފުރަތަމަ ދިހަ މިނެޓުގެ ތެރޭގައި ގޯލު ޖަހާނެ ހުސް ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ބްރީލް އެމްބޯލޯ ފޮނުވާލި ހަމަލާ، ކެނެޑާގެ ކީޕަރު މެކްސިމް ކްރެޕޯ މަތަކުރި އިރު، ރީބައުންސް ބޯޅައިން މަންޒަމްބީ ފޮނުވާލި ހަމަލާ ގޯލާ ކެނެޑާގެ ޑިފެންސުން ވަނީ ބްލޮކްކޮށްފައެވެ. އޭގެ ފަހުން އެމްބޯލޯ ފޮނުވާލި ހަމަލާއެއް ވެސް ކެނެޑާގެ ކީޕަރު ކްރެޕޯ މަތަކުރިއެވެ.
ކެނެޑާއިން ބޯޅަ ހިފަހައްޓަން މަސައްކަތްކޮށް މެޗުގެ 33 ވަނަ މިނެޓުގައި ސްވިޒަލެންޑްގެ ގޯލަށް ނުރައްކާކުރިއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ކައިލް ލެރިން ފޮނުވާލި ހަމަލާ، ސްވިޒަލެންޑްގެ ކީޕަރު ގްރެގޯ ކޮބެލް ވަނީ މަތަކޮށްފައެވެ.
މެޗުގެ 41 ވަނަ މިނެޓުގައި ކެނެޑާއަށް އިތުރު ފުރުސަތެއް ލިބިގެންދިޔައެވެ. ޖޮނަތަން ޑޭވިޑް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ އަލީ އަހްމަދު ފޮނުވާލި ހަމަލާ ވެސް ސްވިޒަލެންޑްގެ ކީޕަރު ކޮބެލް ވަނީ މަތަކޮށްފައެވެ. އޭގެ ފަހުން ޕެނަލްޓީ އޭރިއާ ބޭރުން ކެނެޑާ ފޯވަޑް ޖޮނަތަން ޑޭވިޑް ފޮނުވާލި ހަމަލާ، ސްވިޒަލެންޑްގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފެށިތާ މިނެޓެއް ނުވަނީސް ސްވިޒަލެންޑުން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. މަންޒަމްބީ ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ސްވިޒަލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ ރުބެން ވާގަސްއެވެ. މިއީ އޭނާ މި ވޯލްޑް ކަޕްގައި ޖެހި ދެވަނަ ގޯލެވެ.
އޭގެ ދިހަ މިނެޓު ތެރޭގައި ސްވިޒަލެންޑުން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. އެމްބޯލޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ފޮނުވާލި ބާރު ހަމަލާއަކުން ސްވިޒަލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ މަންޒަމްްބީއެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަދެފައިވަނީ ކެނެޑާ ކީޕަރު ކްރެޕޯގެ އަތުގައި ޖެހިފައެވެ. މިއީ މި ވޯލްޑް ކަޕްގައި މަންޒަމްބީ ކާމިޔާބުކުރި ތިންވަނަ ގޯލެވެ.
މެޗުގެ 68 ވަނަ މިނެޓުގައި ކެނެޑާގެ ނުރައްކަލެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ޖޮނަތަން ޑޭވިޑް ފޮނުވާލި ހަމަލާ، ސްވިޒަލެންޑް ޑިފެންޑަރު ނިކޯ އެލްވެޑީ ވަނީ މަތަކޮށްފައެވެ.
މެޗުގެ 76 ވަނަ މިނެޓުގައި ކެނެޑާއިން ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. ނޭތަން ސަލީބާ ދިން ބޯޅަ، ޕެނަލްޓީ އެރިއާ ތެރެއިން ހުސް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކެނެޑާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޕްރޮސް ޑޭވިޑެވެ. އޭނާ ގޯލު ޖެހީ ކުޅެން ނުކުތްތާ ދެ މިނެޓު ނުވަނީހެވެ.
އޭގެ ތިން މިނެޓު ފަހުން ކެނެޑާއަށް ނަތީޖާ ހަމަހަމަކުރުމަށް ފުރުސަތެއް ލިބިގެންދިޔައެވެ. ކެޕްޓަން ސްޓެފަން ޔުސްތާކިއޯ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ޑެރެކް ކޯނެލިއަސް ފޮނުވާލި ހަމަލާ، ސްވިޒަލެންޑްގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މެޗު ނިމެނިކޮށް ވެސް ކެނެޑާއަށް ފުރުސަތުތަކެއް ލިބިގެންދިޔައެވެ. ލިއަމް މިލާ އަދި އެލިސްޓާ ޖޯންސްޓަން ފޮނުވާލި ހަމަލާ ވެސް ސްވިޒަލެންޑް ކީޕަރު ކޮބެލް ވަނީ މަތަކޮށްފައެވެ.
މި ގްރޫޕުގައި ކުޅުނު އަނެއް މެޗުގައި ބޮސްނިއާއިން ވަނީ 3-1 ގެ ނަތީޖާއަކުން ގަތަރު އަތުން މޮޅުވެފައެވެ. އެ ނަތީޖާއާއެކު ހަތަރު ޕޮއިންޓާއެކު އެންމެ ރަނގަޅު ނަތީޖާ ހޯދާ ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނި، ބޮސްނިއާއަށް ވެސް ދެވަނަ ބުރުގެ ޖާގައެއް ލިބުމުގެ ފުރުސަތު އޮންނާނެއެވެ. ކެނެޑާ އާއި ބޮސްނިއާ، ކޮންމެ ޓީމަކަށް ހަތަރު ޕޮއިންޓު ލިބިފައިވީ ނަަމަވެސް، ކެނެޑާ ކުރީގައި ގޯލުގެ ތަފާތުންނެވެ. ގޯލުގެ ތަފާތަށް ބަލަނީ، ހެޑް ޓު ހެޑް ނަތީޖާއަށް ބަލާ އިރު، ދެ ޓީމު ބައްދަލުކުރި މެޗު އެއްވަރުވުމުންނެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް