އިންޑިއާގެ ޕޫނޭ ކައިރީގައި އޮންނަ ލޮހާގަޅު ފޯޓުން ވެއްޓި ޒުވާނަކު މަރުވި ހާދިސާއަކީ ގަސްތުގައި ރާވައިގެން ހިންގާފައިވާ މަރުގެ އަމަލެއް ކަމަށް ފުލުހުން ތުހުމަތުކޮށްފިއެވެ. މި މައްސަލައިގައި މަރުވެފައިވަނީ އުމުރުން 25 އަހަރުގެ ކޭޓަން އަގަރްވާލް އެވެ.

އޭނާ މަރާލި ކަމުގެ ތުހުމަތުގައި ފުލުހުން ވަނީ އޭނާއާ ކައިވެނިކުރަން ހަމަޖެހިފައިވާ އުމުރުން 20 އަހަރުގެ ސިޔާ ގޯޔަލް އާއި އޭނާގެ ލޯބިވެރިޔާ ކަމަށްވާ އުމުރުން 22 އަހަރުގެ ޗޭތަން ޗައުދަރީ ހައްޔަރުކޮށްފައެވެ.

ފުލުހުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކޭޓަން އާއި ސިޔާގެ އެންގޭޖްމަންޓް މި އަހަރުގެ ފެބްރުއަރީ މަހު ވަނީ ބާއްވާފައެވެ. އަދި އަންނަ ނޮވެންބަރު މަހު ރާޖަސްތާނުގެ އުދޭޕޫރުގައި ކައިވެނިކުރުމަށް އާއިލާއިން ދިޔައީ ތައްޔާރުވަމުންނެވެ. ނަމަވެސް ސިޔާ ބޭނުންވީ ޗޭތަންއާ ގުޅުން ބާއްވަން ކަމަށާއި، ކޭޓަން މަރާލަން ރޭވީ ކައިވެނި ހުއްޓުވުމުގެ ބޭނުމުގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

މިދިޔަ ޖޫން މަހުގެ 18 ވަނަ ދުވަހު ސިޔާގެ އުފަންދުވަސް ފާހަގަކުރުމަށް ލޮހާގަޅު ފޯޓަށް ދިޔަ ދަތުރުގައި، ކޭޓަން 400 ފޫޓު ފުން ވަޅުގަނޑަކަށް ވެއްޓުނީ ފޮޓޯ ނަގަން އުޅުމުގެ ތެރޭގައި ކައްސާލައިގެން ކަމަށް ސިޔާ ފުރަތަމަ ބުނެފައިވެއެވެ. ނަމަވެސް ކޭޓަންގެ އާއިލާއިން ކުރި ތުހުމަތުތަކާ ގުޅިގެން ފުލުހުން ހިންގި ތަހުގީގުން، އެއީ ގަސްތުގައި ކޮށްޕާލައިގެން ހިންގާފައިވާ އަމަލެއްކަން ހާމަވެފައިވާ ކަމަށް ޕޫނޭ ރޫރަލް ފުލުހުންގެ ސުޕްރިންޓެންޑެންޓް ސަންދީޕް ސިންގް ގިލް އާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

ފުލުހުން ފާހަގަކުރި ގޮތުގައި، ހާދިސާ ހިނގި ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުން ޗޭތަން އެ މީހުންގެ ފަހަތުން ދިޔަ މަންޒަރު ފެނިފައިވެއެވެ. މީގެ އިތުރުން، މީގެ ކުރިންވެސް ކޭޓަން މަރާލަން މަސައްކަތްކޮށްފައިވާ ކަމުގެ ހެކި ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުން ޖޫން 29 ގެ ނިޔަލަށް ފުލުހުންގެ ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.