ސްރީލަންކާގެ ސްކޫލްތަކުގައި ކުދިންނަށް ޖަންކް ފުޑް އަދި ފޮނިކާތަކެތި ވިއްކުން މަނާކޮށް، އެ ގަވާއިދު ތަންފީޒުކުރަން ފަށައިފިއެވެ. މި ފިޔަވަޅަކީ ކުޑަކުދިންގެ މެދުގައި ހަކުރުބައްޔާއި ހިތުގެ ބަލިތައް އަދި ފަލަބަލި އާންމުވަމުންދާތީ، އެކަން ކޮންޓްރޯލް ކުރުމަށް އެ ގައުމުގެ ސަރުކާރުން އެޅި ފިޔަވަޅެކެވެ.

ސްރީލަންކާގެ އެޑިއުކޭޝަން މިނިސްޓްރީއާއި ހެލްތު މިނިސްޓްރީ ގުޅިގެން ނެރުނު އާ ގަވާއިދުގެ ދަށުން، ހަކުރު، ލޮނު އަދި ސަރުބީ ގިނައިން އެކުލެވޭ ކާބޯތަކެތި ސްކޫލް ކެންޓީންތަކުގައި ވިއްކުމާއި ބޭނުންކުރުން ވަނީ މަނާކޮށްފައެވެ. މީގެ ތެރޭގައި ހޮޓް ޑޯގް، ބާގަރ، ޕިއްޒާ، އައިސްކްރީމް، ބިސްކޯދު، އެނާޖީ ޑްރިންކްސް، ތެލުލި ހެދިކާ އަދި ޓޮމާޓޯ ސޯސް ފަދަ ބާވަތްތައް ހިމެނެއެވެ.

މި ނިންމުމުގެ ސަބަބުން އެ ގައުމުގެ ހަތަރު މިލިއަނަށްވުރެ ގިނަ ދަރިވަރުންގެ ކެއުމުގެ އާދަތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. މީގެ އިތުރުން، ސްކޫލްތަކުގައި ބާއްވާ ހަރަކާތްތަކުގައި ވެސް ސިއްހަތަށް ގެއްލުންހުރި ކާނާ އިޝްތިހާރުކުރުން ވަނީ މަނާކޮށްފައެވެ.

ސިއްހީ މާހިރުންނާއި ތަފާސްހިސާބުތަކާ ހަވާލާދީ އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި، ކުޑަކުދިންގެ ކެއުމުގެ އާދަތައް ގޯސްވުމަކީ ގައިންގަޔަށް ނާރާ ބަލިތައް ކަމަށްވާ ހަކުރުބައްޔާއި ކެންސަރު ފަދަ ބަލިތައް ޖެހުމަށް މަގުފަހިވާ މައިގަނޑު ސަބަބެވެ. ސަރުކާރުގެ 2024 ވަނަ އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އުމުރުން 13 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން 12 އިންސައްތަ ކުދިންނަކީ އާދަޔާ ހިލާފަށް ބަރުދަން އިތުރު ކުދިންނެވެ. އަދި އިތުރު 3 އިންސައްތަ ކުދިންނަކީ ފަލަބަލި ތަހައްމަލުކުރަމުންދާ ކުދިންނެވެ. ހަމައެހެންމެ، 2024 ވަނަ އަހަރުގެ ގްލޯބަލް ސްކޫލް-ބޭސްޑް ސްޓޫޑެންޓް ހެލްތު ސާވޭއިން ދައްކާ ގޮތުގައި، 17.4 އިންސައްތަ ކުދިން އާންމުކޮށް ކާބަނޭޓެޑް ބުއިންތައް ބޭނުންކުރާއިރު، 41 އިންސައްތަ ކުދިންނަކީ ހަކުރު ގިނައިން އެކުލެވޭ ކާނާ ކެއުމަށް އާދަވެފައިވާ ކުދިންނެވެ.

މި ގަވާއިދު ތަންފީޒުކުރުމުގެ މަސައްކަތް ޕަބްލިކް ހެލްތު އިންސްޕެކްޓަރުން މިހާރު ފަށާފައިވާއިރު، ސްކޫލްތަކުގެ އިސްވެރިންނަށް ވަނީ ދަރިވަރުންނަށް ފައިދާހުރި ކާނާ ކަމަށްވާ ބަތް، ތާޒާ މޭވާ، ތަރުކާރީ، މަސް، ބިސް އަދި ތާޒާ ކިރު ފަދަ ބާވަތްތައް ބޭނުންކުރުމަށް ބާރުއެޅުމަށް އަންގައިފައެވެ. ހެލްތު މިނިސްޓްރީން ބުނި ގޮތުގައި، މި ގަވާއިދާ ހިލާފުވާ ސްކޫލް ކެންޓީންތަކާމެދު ފިޔަވަޅު އެޅުމަށް ވެސް ދަނީ ވިސްނަމުންނެވެ.