މެދުއިރުމަތީގެ ސަލާމަތީ މަސްރަހު ގޯސްވުމުގެ ސަބަބުން، ކުވޭތުގައި ހުންނަ އެމެރިކާގެ އެމްބަސީ ބަންދުކޮށްފައި ހުރުމަށްފަހު، އެ ތަނުގެ ހިދުމަތްތައް މިއަދު އަލުން ފަށައިފި ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފިއެވެ.

ކުވޭތު ސިޓީގައި ހުންނަ އެމެރިކާ އެމްބަސީ އަލުން ހުޅުވުމުގެ ގޮތުން ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނަކާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމްބަސީ ހުޅުވުމާއެކު އެމެރިކާގެ ރައްޔިތުންނަށް ބޭނުންވާ ކުއްލި އެހީގެ ހިދުމަތްތައް ވަގުތުން ފޯރުކޮށްދޭން ފަށާނެއެވެ. އަދި އެހެނިހެން އާންމު ހިދުމަތްތައް ކުރިއަށް އޮތް ތަނުގައި ފިޔަވަހިތަކަކަށް ބަހާލައިގެން ފަށާނެ ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.

ކުވޭތުގައި ހުންނަ އެމެރިކާގެ އެމްބަސީގެ ހުރިހާ ހިދުމަތެއް މެދުކަނޑާލައި އެ ތަން ބަންދުކުރީ މި އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. އެ ފިޔަވަޅު އެޅީ އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން، ބަދަލުހިފުމުގެ ގޮތުން އީރާނުން ކުވޭތާއި ސައުދީ އަރަބިއްޔާގައި ހުރި އެމެރިކާގެ މިޝަންތަކަށް ޑްރޯން ހަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. އެ ދުވަސްވަރު ސަލާމަތީ ސަބަބުތަކަށްޓަކައި އެމެރިކާގެ ރައްޔިތުން ކުވޭތުން ފޭބުމަށްވެސް ސްޓޭޓް ޑިޕާޓްމަންޓުން އެންގިއެވެ.

އެމްބަސީގެ ހިދުމަތްތައް އަލުން މި ފެށީ، އީރާނާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ކުޑަވެ، ސަރަހައްދުގެ ސަލާމަތީ ކަންކަން ރަނގަޅުވާން ފެށުމާ ގުޅިގެންނެވެ.