ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން އިދިކޮޅު އެމްޑީޕީ މެންބަރުން ނެރުނީ، ޕީއެންސީއަށް ގެއްލުނު ހިތަދޫ އުތުރުދާއިރާގެ މަޖިލިސް ގޮނޑި، ބައި އިލެކްޝަނުން ކާމިޔާބު ކުރެއްވި އަބްދުﷲ ސޯދިގު (ސޯބެ)އަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުން ޖާގަ ހޯދައިދޭން މަސައްކަތް ކުރުމުންކަަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

ރައްްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަޑުގަދަ ކުރައްވައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި އެމްޑީޕީ މެންބަރުންނާ ދެމެދު ހިނގާދިޔަ ކަންތަކުގައި، އެމްޑީޕީގެ ނުވަ މެންބަރުންގެ ނަން އިއްވައި މަޖިލީހުން ނެރުނެވެ.

އެކަމާ ގުޅިގެން އެމްޑީޕީ ޕީޖީ ގްރޫޕުން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ނާޒިލް ވިދާޅުވީ، މިމަހު 15 ވަނަ ދުވަހު ސޯބެ މެންބަރުކަމުގެ ހުވައި ކުރެއްވުމަށްފަހު މަޖިލީހުގެ މަސައްކަތްތަކުގައި ބައިވެރިވި ނަމަވެސް އެއްވެސް ކޮމިޓީއަކުން ސޯބެއަށް ފުރުސަތު ދީފައިނުވާ ކަމަށެވެ.

މީގެ އިތުރުން މަޖިލިސް ގަވާއިދުގައިވާގޮތުން މަދުވެގެން އެމްޑީޕީގެ ދެ މެންބަރުންނަށް މަޖިލީހުގެ ކޮންމެ ކޮމިޓީއަކުން ފުރުސަތު ލިބެންޖެހޭއިރު މުހިއްމު ކޮމިޓީތަކުން ދީފައި ވަނީ އެންމެ ފުރުސަތެއް ކަަމަށްވެސް ވިދާޅުވިއެވެ.

ނާޒިލް ވިދާޅުވީ، އިދިކޮޅު ޕާޓީގެ ގޮތުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސްއޫލިއްޔަތު އެޅިފައިވަނީ އެމްޑީޕީގެ ބޮލުގައި ކަމަށެވެ.

ނަމަވެސް ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް އެންމެ ބޮޑަށް ކުރާ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އިން އެމްޑީޕީއަށް ދީފައިވަނީ އެންމެ ފުރުސަތެއްކަމަށް ނާޒިލް ވިދާޅުވިއެވެ.

ނާޒިލް ވިދާޅުވީ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލިސް ކޮމިޓީތަކުގައި އާއްމުކޮށް 11 މެންބަރުން ހިމެނޭއިރު އެމްޑީޕީގެ ދެ މެންބަރުންނަށް ފުރުސަތު ދިން ނަމަވެސް ޕީއެންސީގެ ނުވަ މެންބަރުން ތިބޭނެ ކަމަށެވެ. އެހެންކަމުން ޕީއެންސީން ކަނޑުވާން ނުޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް ކޮމިޓީތަކުން ދެ ޖާގަ އެމްޑީޕީއަށް ދޭން ޕިއެންސީގެ ޕީޖީ ގްރޫޕާ ވާހަކަދެއްކުމުން، އެމްޑީޕީއަށް ޖާގަ ދެވޭނީ އެމީހުން ބޭނުން ކޮމިޓީއަކުން ބޭނުންވަރަކަށް ކަަމަށް، ޕީއެންސީގެ ޕީޖީ ލީޑަރު ވިދާޅުވިކަމަށް ނާޒިލް ވިދާޅުވިއެެވެ. އަދި ސޯބެއަށް ކޮމިޓީން ފުރުސަދޭން އެދުމުން އެ މެންބަރަށް ފުރުސަތު ދެވެނީ މަޖިލީހުގައި ދައްކާ ޕާފޯމަންސަށް ބަަލާފައިކަމަށް ވިދާޅުވިކަމަށެވެ.

ނާޒިލް ވިދާޅުވީ، މަޖިލީހުގެ އެންވަޔަރުމެންޓް ކޮމިޓީ އާއި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެމްޑީޕީއަށް ޖާގައެއް ދިނުމަށް އިއްޔެ ދެކެވުނު ވާހަކަތާ ގުޅިގެން މިއަދުގެ ޖަލްސާ ފެށުމުގެ ކުރިން އެކަން ހަމަޖައްސާނެކަަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް މިއަދުގެ މަޖިލިސް ޖަލްސާ ނިމުނުއިރުވެސް އެކަން ހަމަނުޖެއްސިކަމަށް ނާޒިލް ވިދާޅުވިއެވެ.

ނާޒިލް ވިދާޅުވީ، ކޮމިޓީތަކުން ފުރުސަތު ދިނުމަކީ މެޖޯރިޓީއަށް ބަލައިގެން ކުރަންޖެހޭ ކަމެއްނޫން ކަމަަށެވެ. އެއީ މަޖިލިސް އިދާރާއިން ކުރެވޭނެ ކަމެއް ކަމަށާއި މަޖިލީހުގެ ސެކްރެޓަރީ ޖެނެރަލް އާއި މަޖިލިސް ރައީސްއާ އެކަމުގެ ވާހަކަދެއްކި ނަަމަވެސް ޖެއްސުން ކުރުމުގެ ގޮތުން އެކަން ކޮށްދީފައިނުވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީ މެންބަރުންނާއި މަޖިލިސް ރިޔާސަތާ ދެމެދު ހިނގާދިޔަ މައްސަލައިގައި، މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މަޖިލީހުގެ ގަވާއިދު ބުނަނީ މެންބަރަށް ދެ ކޮމިޓީން ޖާގަ ދޭން ޖެހޭނެ ކަމަށެވެ. ނަމަވެސް އެއީ އެމްޑީޕީން ބޭނުންވާ ދެ ކޮމިޓީއަށް ވާން ނުޖެހޭ ކަމަށެވެ.

މި މައްސަލައިގައި އެމްޑީޕީ މެންބަރުން ހަޅޭއްލަވައި އިހުތިޖާޖު ކުރުމުން އެވަގުތު މަޖިލިސް ޖަލްސާގައި ތިއްބެވި އެމްޑީޕީގެ ނުވަ މެންބަރުންގެ ނަން އިއްވައި މަޖިލީހުން ވަނީ ނެރެފައެވެ.

މިއަދުގެ ޖަލާގައި ނަން އިއްވި މެންބަރުން:

  • ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް
  • ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު
  • ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު
  • ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު
  • ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ
  • މަރަދޫ ދާއިރާގެ މެންބަރު އަހްމަދު ދީދީ
  • ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު
  • ކަނޑިތީމުދައިރާގެ މެންބަރު އަމީން ފައިސަލް
  • ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް