ވޯލްޑް ކަޕް 2026 ގައި ކޮންގޯ އަތުން ހޯދި އުނދަގޫ މޮޅާއެކު ކޮލަމްބިއާ އިން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ދެކުނު އެމެރިކާގެ ފުޓުބޯޅައިގައި ފާހަގަކޮށްލެވޭ ކޮލަމްބިއާ ގައުމީ ފުޓުބޯޅަ ޓީމަކީ މުޅި ދުނިޔޭގައިވެސް މަގުބޫލުކަން ހޯދާފައިވާ ހުނަރުވެރި ޓީމެކެވެ. ކޮލަމްބިއާ އަކީ ދުނިޔޭގައި ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިންތަކެއް ފެންނަ ޓީމެވެ. ވޯލްޑް ކަޕްގައި ކޮލަމްބިއާއިން ވަނީ މިހާތަނަށް ހަ ފަހަރު ވާދަކޮށްފައެވެ. ވޯލްޑް ކަޕްގައި އެ ގައުމަށް މިހާތަނަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީއަކީ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރުމެވެ.

މީގެ އިތުރުން، ސަރަހައްދީ އެންމެ ބޮޑު މުބާރާތް ކަމަށްވާ ކޮޕާ އެމެރިކާގައިވެސް އެ ޓީމުން ވަނީ ވިދާލައިފައެވެ. އެގޮތުން، 2001 ވަނަ އަހަރު އަމިއްލަ ގައުމުގައި ކުޅެ، ބައިކޮޅަށް އެންމެ ގޯލެއް ވެސް ނުވައްދައި މުބާރާތުގެ ޗެމްޕިއަންކަން ކޮލަމްބިއާއިން ހޯދިއެވެ. އަދި 1975 ވަނަ އަހަރާއި 2024 ވަނަ އަހަރުގެ ކޮޕާ އެމެރިކާ މުބާރާތުގެ ރަނަރަޕްކަންވެސް އެ ޓީމުން ވަނީ ހޯދައިފައެވެ.

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރް ކޮންގޯ) ގެ ގައުމީ ފުޓުބޯޅަ ޓީމަކީ އެފްރިކާ ބައްރުގައި ފާހަގަކޮށްލެވޭ ތާރީހެއް އޮތް ޓީމެކެވެ. މި ޓީމަކީ ސަރަހައްދީ ގޮތުންނާއި ބައިނަލްއަގުވާމީ މައިދާނުގައިވެސް މުހިންމު ކާމިޔާބީތަކެއް ހޯދާފައިވާ ޓީމެކެވެ. މި ޓީމުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއަކީ 1974 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ވާދަކުރުމެވެ. އޭރު "ޒައިރް" ގެ ނަމުގައި ކުޅެމުންދިޔަ މި ޓީމު ވެފައިވަނީ ސަބް-ސަހާރަން އެފްރިކާ ސަރަހައްދުން ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ގައުމަށެވެ.

މި ވޯލްޑް ކަޕްގައި ކޮންގޯއިން މި ވާދަކުރަނީ 52 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. ސަރަހައްދީ މުބާރާތްތަކަށް ބަލާއިރު، ޑީއާރް ކޮންގޯއިން ވަނީ އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން) ގެ ތަށި 1968 އަދި 1974 ވަނަ އަހަރު ކާމިޔާބުކޮށްފައެވެ. މި ވޯލްޑް ކަޕަށް ޑީއާރް ކޮންގޯ ނުކުތީ ޔޫރަޕްގެ ކްލަބުތަކަށް ކުޅޭ ގިނަ ކުޅުންތެރިންތަކަކާއެކުއެވެ.

ވޯލްޑް ކަޕްގެ "ގްރޫޕު ކޭ" ގައި ކޮލްމަބިއާ އިން ކުޅުނު ފުރަތަމަ މެޗުގައި 3-1 ގެ ނަތީޖާއަކުން އުޒްބެކިސްތާން އަތުން ވަނީ މޮޅުވެފައެވެ. އަދި ކޮންގޯގެ ފުރަތަމަ މެޗުގައި 1-1 ގެ ނަތީޖާއަކުން ވަނީ ވަރުގަދަ ޕޯޗުގަލް ހިފަހައްޓައިފައެވެ. މި މެޗަކީ ދެވަނަ ބުރު ޔަގީންކުރުމަށް ކޮލަމްބިއާއަށް މުހިންމު މެޗަކަށްވެފައިވީ އިރު، ކޮންގޯއަށް ވެސް މި މެޗު މުހިންމެވެ.

މިއަދުގެ މެޗަށް ވެސް ކޮލަމްބިއާއިން ވަނީ އެޓީމުގެ ދެ ތަރިން ކަމަށްވާ ކެޕްޓަން ހަމޭސް ރޮޑްރިގޭޒް އަދި ލުއިސް ޑިއާޒް ފުރަތަމަ 11 ގައި ހިމަނައިފައެވެ. ކޮންގޯގެ ފުރަތަމަ 11 ގައި އެޓީމުގެ މުހިންމު ކުޅުންތެރިން ވަނީ ހިމަނައިފައެވެ. އެގޮތުން އާރޮން ވެން ބިސާކާ، ޔޮއާން ވީސާ، ޗެންސެލް އެމްބެމްބާ އަދި ސެޑްރިކް ބަކަމްބޫ ވަނީ ހިމަނައިފައެވެ. އެ ކުޅުންތެރިންނަކީ ޔޫރަޕްގެ ބޮޑެތި ކްލަބުތަކުގެ ތަޖުރިބާތަކަކާއެކު ނުކުންނަ ކުޅުންތެރިންތަކެކެވެ.

މެކްސިކޯގެ އެސްޓާޑިއޯ ގުއާގަލަހަރާގައި މިއަދު ކުޅުނު "ގްރޫޕު ކޭ" ގެ މެޗުގައި ކޮންގޯގެ މައްޗަށް ކޮލަމްބިއާ އިން ކުރި ހޯދީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗު ފެށިގެން މިނެޓެއް ނުވަނީސް ކޮންގޯ އިން ވަނީ ނުރައްކާކޮށްފައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ސެޑްރިކް ބަކަމްބޫ ފޮނުވާލި ބާރު ހަމަލާ، ކޮލަމްބިއާގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ ހަތަރުވަނަ މިނެޓުގައި ކޮލަމްބިއާގެ ނުރައްކާތެރި އެޓޭކެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ޖޯން އަރިއާސް ފޮނުވާލި ހަމަލާއެއް ކޮންގޯގެ ކީޕަރު ލިއޮނެލް އެމްޕާސީ ހުޝިޔާރުކަމާއެކު މަތަކުރި އިރު، ހުސްކޮށް ހުއްޓައި ލިބުނު ރީބައުސް ބޯޅައިން ޑެނިއަލް މުނިއޯޒް ފޮނުވާލި ހަމަލާ ކޮންގޯގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ. އޭގެ ފަހުން ލިބުނު ފުރުސަތެއްގައި މުނިއޯޒް، ކޮންގޯގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލި ނަމަވެސް، ރެފްރީ ނިންމީ އޭނާ އޮފްސައިޑް މަގާމެއްގައި ހުރި ކަމަށެވެ.

މެޗުގެ 11 ވަނަ މިނެޓުގައި ކޮލަމްބިއާގެ އިތުރު ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ހަމޭސް ރޮޑްރިގޭޒް ފޮނުވާލި ހަމަލާ ވެސް ކޮންގޯގެ ކީޕަރު އެމްޕާސީ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

މެޗުގެ 15 ވަނަ މިނެޓުގައި ކޮލްމްބިއާއަށް އިތުރު ދެ ފުރުސަތެއް ލިބިގެންދިޔަ އިރު، އެ ދެ ހަމަލާގައި ވެސް ކޮންގޯގެ ކީޕަރު އެމްޕާސީގެ ހުޝިޔާރުކަން ފާހަގަކޮށްލެވެއެވެ. އެ ދެ ހަމަލާއަކީ ވެސް ކޮލަމްބިއާ ތަރި ލުއިސް ޑިއާޒް ފޮނުވާލި ދެ ހަމަލާއެކެވެ. ޑިއާޒްގެ ފުރަތަމަ ހަމަލާ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި އިރު، އަނެއް ހަމަލާ ފޮނުވާލީ ޕެނަލްޓީ އޭރިއާ ތެރެއިންނެވެ. އޭގެ ދެ މިނެޓު ފަހުން ޕެނަލްޓީ އޭރިއާ ބޭރުން ގުސްތާވޯ ޕުއޭޓާ ފޮނުވާލި ހަމަލާ ވެސް ކީޕަރު އެމްޕާސީ ވަނީ މަތަކޮށްފައެވެ.

ހައިޑްރޭޝަން ބްރޭކަށްފަހު ކޮލަމްބިއާގެ އެޓޭކުތައް ހުއްޓުމަކަށް އައިސް، ކޮންގޯ އިން ވެސް އެޓޭކަށް މަސައްކަތްތަކެއް ކުރަމުންދިޔައެވެ. ކޮލަމްބިއާ އިން ފޮނުވާލި ހަމަލާތައް ކީޕަރު އެމްޕާސީއަށް ނުރައްކާވުމުގެ ކުރިން ކޮންގޯގެ ޑިފެންސުން ވަނީ ބްލޮކްކޮށްފައެވެ. އިތުރު ހުސް ފުރުސަތުތަކެއް ނުލިބި، މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ކޮލަމްބިއާއަށް ކައިރިކައިރީގައި ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ލުއިސް ޑިއާޒް ފޮނުވާލި ހަމަލާ، ކޮންގޯ ކީޕަރު އެމްޕާސީ މަތަކުރި އިރު، ރީބައުސް ބޯޅައިން އަރިއާސް ފޮނުވާލި ހަމަލާ، ކޮންގޯގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

ދެވަނަ ހާފުގެ ހައިޑްރޭޝަން ބްރޭކާ ހަމައަށް ދިޔަ އިރު، އެޓޭކުގައި ނުރައްކާކޮށް ފެނިގެންދިޔައީ ކޮލަމްބިއާއެވެ. ކޮލަމްބިއާ އިން ހުރަސްތަކެއް ނަގައިގެން ނުރައްކާކުރުމަށް މަސައްކަތްކުރަމުންދިޔަ ނަމަވެސް، ކޮންގޯޯ ކީޕަރު އެމްޕާސީ ފެނުނީ ހުޝިޔާރުކޮށެވެ.

މެޗުގެ 72 ވަނަ މިނެޓުގައި ކޮންގޯގެ ނުރައްކަލެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ވިސާ ފޮނުވާލި ހަމަލާ، ޖޯން ލުކޫމީ ވަނީ ބްލޮކްކޮށްފައެވެ.

މެޗުގެ 76 ވަނަ މިނެޓުގައި ކޮލަމްބިއާ އިން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ކިންޓޭރޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ކޮލަމްބިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ މުނިއޯޒްއެވެ. އޭނާ ވަނީ އުޒްބެކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ގޯލެއް ޖަހައިފައެވެ.

އޭގެ ފަހުން ލުއިސް ޑިއާޒް، ކޮންގޯގެ ގޯލުގެ ތެރެއަށް ދެ ބޯޅައެއް ފޮނުވާލި ނަމަވެސް، ގޯލެއް ނޫން ކަމަށް ރެފްރީ ވަނީ ނިންމައިފައެވެ. ޑިއާޒްގެ ފުރަތަމަ ބޯޅަ ހޯދުމުގައި ފައުލްކޮށްފައިވާ އިރު، ދެވަނަ ބޯޅަ ލިބުނީ އޮފްސައިޑް މަގާމެއްގައި ހުއްޓައެވެ.

ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ކޮންގޯގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ނެތެނައެލް އެމްބޫކޫގެ ބާރު ހަމަލާއަކުން ފޮނުވާލި ބޯޅަ، ގޯލުގެ ތީރީ ކަނަކަށް އަމާޒުވާން ދަނިކޮށް ކޮލަމްބިއާ ކީޕަރު ވާގަސް ވަނީ މަތަކޮށްފައެވެ.

މި ނަތީޖާއާއެކު ދެ މެޗުން މޮޅުވެ ކޮލަމްބިއާ އިން ހަ ޕޮއިންޓު ހޯދައިގެން ދެވަނަ ބުރުގެ ޖާގަ ވަނީ ކަށަވަރުކޮށްފައެވެ. ޕޯޗުގަލަށް ހަތަރު ޕޮއިންޓު ލިބިފައިވާ އިރު، ކޮންގޯއަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. ދެން ހިމެނޭ އުޒްބެކިސްތާނަށް މިހާތަނަށް ޕޮއިންޓެއް ހޯދިފައެއް ނުވެއެވެ. ކޮލަމްބިއާގެ ފަހު މެޗުގައި ނުކުންނަން ޖެހޭނީ ޕޯޗުގަލާ ދެކޮޅަށެވެ. ކޮންގޯގެ ފަހު މެޗުގައި އުޒްބެކިސްތާނާ ދެކޮޅަށް ނުކުންނަ އިރު، އެ މެޗުން ކޮންގޯ މޮޅުވެގެން އެންމެ ރަނގަޅު ނަތީޖާ ހޯދާ ތިންވަނައިގައި އޮންނަ ޓީމުތަކުގެ ތެރޭގައި ހިމެނުމުގެ ފުރުސަތު ބޮޑުކުރެވޭނެއެވެ.