އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ލިބިދީފައިވާ ބާރުތައް ހަނިކުރުމަށް، އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ މަތިގެ، ސެނެޓުން ގަރާރެއް ފާސްކޮށްފިއެވެ. ވޮޝިންޓަންގައި ކުރިއަށްދިޔަ މި ވޯޓުގައި، ސެނެޓުން މި ގަރާރު ފާސްކޮށްފައިވަނީ 55 މެންބަރުންގެ ތާއީދާއެކުގައެވެ. ދެކޮޅަށް ވޯޓު ދެއްވީ 45 މެންބަރުންނެވެ. މީގެ ކުރިން ތިރިގެ، ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްއިން ވެސް ވަނީ މިފަދަ ގަރާރެއް ފާސްކޮށްފައެވެ.
މި ގަރާރުގެ މައިގަނޑު މަގުސަދަކީ، ކޮންގްރެސްގެ ރުހުމަކާ ނުލައި އީރާނާ ދެކޮޅަށް ހަނގުރާމަ އިއުލާނުކުރުމުގެ ބާރު ރައީސަށް ނޯންނާނެކަން ކަށަވަރުކުރުމެވެ. އެމެރިކާގެ ގާނޫނުއަސާސީން ހަނގުރާމަ އިއުލާނުކުރުމުގެ ބާރު ދީފައިވަނީ ކޮންގްރެސްއަށެވެ.
މި ގަރާރު ހުށަހެޅުއްވި ޑިމޮކްރެޓިކް ޕާޓީގެ ސެނެޓަރު ޓިމް ކެއިން ވިދާޅުވި ގޮތުގައި، ހަނގުރާމައަށް ސިފައިން ފޮނުވުމުގެ ކުރިން ފުންކޮށް ވިސްނައި މަޝްވަރާކުރުމަކީ ކޮންގްރެސްގެ މައްޗަށް އޮތް ހާއްސަ ޒިންމާއެކެވެ. އަދި ކުއްލި ހަމަލާއަކުން ދިފާއުވުމުގެ ބާރު ރައީސަށް އޮތް ނަމަވެސް، އިސްވެ ހަމަލާއެއް ދިނުމުގެ ބާރު އޮންނަންވާނީ ކޮންގްރެސްއަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ނަމަވެސް، ޓްރަމްޕްގެ ސަރުކާރުން ބުނަމުންދަނީ ގައުމީ ސަލާމަތާ ގުޅޭ ކަންކަމުގައި އަވަސް ފިޔަވަޅު އެޅުމުގެ ބާރު ރައީސަށް އޮންނަން ޖެހޭނެ ކަމަށެވެ. ވީއޯއޭ ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ގަރާރު ތަންފީޒުވިޔަ ނުދިނުމަށްޓަކައި ރައީސް ޓްރަމްޕް ވީޓޯ ކުރައްވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. ޓްރަމްޕް ވިދާޅުވެފައިވަނީ ރައީސްގެ ބާރުތައް ހަނިކުރުމަކީ ގައުމުގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށާއި، މިއީ ބަލިކަށިކަން ދައްކަންވީ ވަގުތު ނޫން ކަމަށެވެ. އަދި މިއީ ރިޕަބްލިކަން ޕާޓީ ފަޟީހަތްކުރުމަށް ޑިމޮކްރެޓުން ކުރާ ކަމެއް ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވިއެވެ.
މި ގަރާރު ފާސްކުރުމަށް ބޭނުންވާ އަގުލަބިއްޔަތު ހޯދުމަށްޓަކައި ވެރިކަންކުރާ ރިޕަބްލިކަން ޕާޓީގެ ބައެއް ސެނެޓަރުން ވެސް ވަނީ ޑިމޮކްރެޓުންނާ ގުޅިފައެވެ. އޭގެ ތެރޭގައި ސޫޒަން ކޮލިންސް އަދި ޓޮޑް ޔަންގް ފަދަ ސެނެޓަރުން ހިމެނެއެވެ. ރައީސް ޓްރަމްޕް މި ގަރާރު ވީޓޯ ކުރައްވައިފިނަމަ، އެ ވީޓޯ ބާތިލުކުރުމަށް ކޮންގްރެސްގެ ދެ ގޭގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތު ބޭނުންވާނެއެވެ.
އެމެރިކާ
އެމެރިކާ
އެމެރިކާ
އެމެރިކާ
ކޮމެންޓް