އެއްބަނޑު އެއްބަފާ ދެބޭން، ވޯލްޑް ކަޕް ފަދަ ބޮޑު މުބާރާތެއްގައި ދެގައުމެއް ތަމްސީލުކުރުމަކީ މާބޮޑު މައްސަލައެއް ކަމަށް ނުދެކޭ ކަމަށް 2014 ވަނަ އަހަރު ޖަރުމަނާއެކު ވޯލްޑް ކަޕް ހޯދި ސެމީ ކެދީރާ ބުނެފިއެވެ.
ކެދީރާ މިހާރު ފުޓުބޯޅަ ހުއްޓާލައިގެން ހުރި އިރު، މިފަހަރު ވޯލްޑް ކަޕްގައި އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ، ރާނީ ކެދީރާ އަންނަނީ ޓިއުނީޝިއާއަށް ކުޅެމުންނެވެ. އެއީ ބައްޕަގެ ގައުމެވެ. ސެމީ ކެދީރާގެ ކެރިއަރުގައި މަންމަގެ ގައުމު ޖަރުމަނާއެކު ވޯލްޑް ކަޕްގައި ކާމިޔާބީވެސް ހޯދާފައިވާ އިރު، އޭނާގެ ނަޒަރުގައި އެއީ އެއްވެސް މައްސަލައެއް ދިމާވާ ކަމެއް ނޫނެވެ. އަދި އެކަމުން ދައްކައިދިނީ މިހާރު ދުނިޔެ "ޑައިވާސް" ވެ، ގުޅިލާމެހިފައިވާ މިންވަރު ކަމަށްވެސް ކެދީރާ ބުންޏެވެ.
"އަހަންނަށް އެއީ އެއްވެސް މައްސަލައެއް ދިމާވާ ކަމެއް ނޫން. މިއީ މިހާރު ތަފާތު ދުނިޔެއެއް. މިއީ މުޅީން ބަވަނަވެފައިވާ ދުނިޔެއެއް. މިހާރު އެކަމަކީ ވަރަށް އުފާވެރިވެސް ކަމެއް. އެއިން ދައްކައިދެނީ އޮތް މިނިވަންކަން. އެއީ ފަހުރެއް،" ސެމީ ކެދީރާ ބުންޏެވެ.
ސެމީ ކެދީރާ ބުނީ ކެރިއަރުގައި ޖަރުމަނަށް ކުޅުނުއިރު، އެ ގައުމަށް އޮތް ލޯތްބާ ދޭތެރޭ ބަޔަކު ސުވާލު އުފެއްދި ކަމަށާއި، އަދި އަނެއް ބަޔަކު އޭނާ ޓިއުނީޝިއާއަށް ނުކުޅުމުން އެގައުމަށް ލޯބި ނެތީތޯ ސުވާލު އުފެއްދި ކަމަށެވެ.
"އެ ސުވާލުތަކާ އަހަރެން ކުރިމަތިލާން ޖެހިފައިވޭ. އޭގެ ޖަވާބަކީ އަސްލު އަހަރެމެން ދެބޭންގެ ހިތުގައިވެސް ދެގައުމަށްވެސް އެ ލޯބި އޮންނާނެއޭ. އެއީ އަހަރެމެން ހާއްސަވާ ސަބަބަކީ،" ސެމީ ކެދީރާ ފާހަގަކުރިއެވެ.
މިފަހަރުގެ ވޯލްޑް ކަޕްގައި އެއްބަނޑު އެއްބަފާ 16 ކުޅުންތެރިޔަކު ފެންނަމުން ދެއެވެ. އޭގެ ތެރެއިން 8 ކުޅުންތެރިޔަކު ކުޅެމުން އަންނަނީ ދެބޭން އެއް ގައުމަކަށެވެ. އަނެއް 8 ކުޅުންތެރިން ކުޅެނީ ދެ ގައުމަކަށެވެ. އިނާކީއާއި ނިކޯ ވިލިއަމްސް، ސްޕެއިނާއި ގާނާއަށް ކުޅެމުން އަންނަ އިރު، ފްރާންސްގެ ޑިސައިރޭ ޑޫއޭއާއި އައިވޮރީ ކޯސްޓްގެ ގުއޭލާއަކީވެސް ދެބޭންނެވެ.
ގާނާގެ ޑެރިކް ލަކަސަންއާއި ނެދަލޭންޑްސްއަށް ކުޅެމުން އަންނަ ބްރައިން ބްރޮބެރީއަކީވެސް އެއްބަނޑު އެއްބަފާ ދެބޭނަށްވާ އިރު، އޮސްޓްރޭލިއާގެ ހެރީ ސޯޓާއާއި ސްކޮޓްލޭންޑްގެ ޖޯން ސޯޓާއަކީވެސް ދެބޭންނެވެ.
ވޯލްޑް ކަޕްގެ ކުރީން ފްރާންސާއި އައިވޮރީ ކޯސްޓް ކުޅުނު އެކުވެރިކަމުގެ މެޗުގައި ޑޫއޭގެ ދެބެން ދެ ގައުމީ ސަލާން ކީތަންވެސް ފެނިފައިވާ އިރު، ކެދީރާ ބުނީ އެއީ ހިތްގައިމު މަންޒަރެއް ކަމަށެވެ. އަދި އެއީ ބައިބައިވެފައި އޮތް ދުނިޔެއަކަށް ދޭން ވަރުގަދަ މެސެޖެއް ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް