ވޯލްޑް ކަޕް 2026 ގައި ޕެނަމާ ބަލިކޮށް، ކްރޮއޭޝިއާއިން ގަދަ 32 އަށް ދިޔުމަށް އުންމީދު އާކޮށްފިއެވެ.
ދުނިޔޭގެ ފުޓުބޯޅައިގެ މައިދާނުގައި ކްރޮއޭޝިއާ ފާހަގަކޮށްލެވެނީ ބޮޑެތި ބާރުތައް ސިއްސުވާލާ ފަދަ ނަތީޖާތަކެއް ނެރެމުން އަންނަ ޓީމެއްގެ ގޮތުގައެވެ. ހާއްސަކޮށް، ބޮޑެތި މުބާރާތްތަކުގައި ކްރޮއޭޝިއާއިން ދައްކާ ހިތްވަރަކީ ފާހަގަކޮށްލެވޭ ކަމެކެވެ.
ވޯލްޑް ކަޕްގެ ތާރީހަށް ބަލާއިރު، ކްރޮއޭޝިއާއިން ވަނީ ގަބޫލުކުރަން ދަތި ކާމިޔާބީތަކެއް ހޯދައިފައެވެ. އެގޮތުން 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އަލަށް ވާދަކޮށް، އެ ޓީމުން ވަނީ ތިންވަނަ މަގާމާއެކު ލޯ މެޑަލް ހާސިލުކޮށްފައެވެ. އޭގެ ފަހުން 2018 ވަނަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރުކޮށް، ރިހި މެޑަލް ހޯދިއިރު، 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި މުބާރާތުގައިވެސް އެ ޓީމުން ވަނީ ތިންވަނަ މަގާމު ކަށަވަރުކޮށްފައެވެ. ވޯލްޑް ކަޕް 2018 ގެ ފައިނަލުގައި ކްރޮއޭޝިއާ ބަލިވީ ވަރުގަދަ ފްރާންސް އަތުންނެވެ. އަދި އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕް 2022 ގެ ސެމީ ފައިނަލުގައި ކްރޮއޭޝިއާ ބަލިވީ ޗެމްޕިއަންކަން ހޯދި އާޖެންޓީނާ އަތުންނެވެ.
ސަރަހައްދީ މުބާރާތްތަކުގައިވެސް ކްރޮއޭޝިއާގެ ނަން ފަނޑުވުމެއް ނެތެވެ. ޔޫރޯގައި 1996 އަދި 2008 ވަނަ އަހަރު ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކޮށްފައިވާ އިރު، 2023 ވަނަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލްގައި ސްޕެއިންއާ ވާދަކޮށް، ޕެނަލްޓީ ޖަހައިގެން ބަލިވެ، އެ ޓީމަށް ލިބުނީ މުބާރާތުގެ ދެވަނައެވެ. މިފަހަރުގެ ވޯލްޑް ކަޕަށް ވެސް ކްރޮއޭޝިއާ ނުކުންނަނީ ލޫކާ މޮޑްރިޗް ފަދަ ތަޖުރިބާކާރު ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ވަރުގަދަ ސްކޮޑަކާއެކުއެވެ.
ޕެނަމާ ގައުމީ ފުޓުބޯޅަ ޓީމަކީ އުތުރު އަދި މެދުތެރޭ އެމެރިކާ ސަރަހައްދުގައި ފާހަގަކޮށްލެވޭ ޓީމެކެވެ. ޕެނަމާއިން ވަނީ 2018 ވަނަ އަހަރު ރަޝިއާގައި އޮތް ފީފާ ވޯލްޑް ކަޕްގައި ފުރަތަމަ ފަހަރަށް ވާދަކޮށްފައެވެ. އެ މުބާރާތުގައި އިނގިރޭސިވިލާތާ ދެކޮޅަށް ކުޅުނު މެޗުގައި ފެލިޕޭ ބަލޯއީ ވަނީ ވޯލްޑް ކަޕް ތާރީހުގައި ޕެނަމާގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްފައެވެ. އިނގިރޭސިވިލާތުގެ އިތުރުން ބެލްޖިއަމް ވެސް އެއް ގްރޫޕެއްގައި ހިމެނުމުން، އުނދަގޫތަކެއް ކުރިމަތިވެ އެ ފަހަރު ނިންމާލަން ޖެހުނީ ގްރޫޕުގެ ފުލުގައެވެ. މިއަހަރުގެ ވޯލްޑް ކަޕަކީ ޕެނަމާގެ ދެވަނަ ވޯލްޑް ކަޕެވެ.
ސަރަހައްދީ ފެންވަރުގައި ޕެނަމާއިން ވަނީ ރަނގަޅު ކާމިޔާބީތަކެއް ހޯދައިފައެވެ. ކޮންކާކަފް ގޯލްޑް ކަޕްގައި އެ ޓީމުން ވަނީ ތިން ފަހަރެއްގެ މަތިން ރަނަރަޕް މަގާމު ހޯދައިފައެވެ. އެއީ 2005، 2013 އަދި 2023 ވަނަ އަހަރުގެ މުބާރާތެވެ. އަދި 2025 ވަނަ އަހަރުގެ ކޮންކާކަފް ނޭޝަންސް ލީގުގެ ދެވަނަ މަގާމުވެސް ހޯދާފައިވަނީ ޕެނަމާއިންނެވެ.
ވޯލްޑް ކަޕް 2026 ގެ "ގްރޫޕު އެލް" ގައި ކްރޮއޭޝިއާ އަދި ޕެނަމާ ކުޅުނު ފުރަތަމަ މެޗުން ވެސް ވަނީ ބަލިވެފައެވެ. ކްރޮއޭޝިއާގެ ފުރަތަމަ މެޗުގައި އިންގްލެންޑް އަތުން 4-2 ގެ ނަތީޖާއަކުން ބަލިވި އިރު، ގާނާ އަތުން ޕެނަމާ ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. އެހެންކަމުން މުބާރާތުގައި ކުރިއަށްދިއުމަށް ދެ ޓީމަށް ވެސް އޮތީ މި މެޗު ވަރަށް މުހިންމުވެފައެވެ.
ކްރޮއޭޝިއާގެ ފުރަތަމަ 11 ގައި މިރޭ ވެސް ކެޕްޓަން ލޫކާ މޮޑްރިޗް ހިމަނާފައިވާ އިރު، ތަޖުރިބާކާރު މިޑްފީލްޑަރު އިވާން ޕެރިސިޗް ވެސް ހިމެނެއެވެ. މީގެ އިތުރުން މީގެ ކުރިން ވިދާލި ގޯލްކީޕަރު ޑޮމިނިކް ލިވަކޮވިޗް އާއި ޑިފެންޑަރު ޖޮސްކޯ ގުވާޑިއޯލް، މާރިއޯ ޕަސަލިޗް އަދި ޖޮސިޕް ސްޓަނިސިޗް ވެސް ފުރަތަމަ 11 ގައި ހިމެނެއެވެ. އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ބެންޗުން ފެށި މަޓެއޯ ކޮވަޗިޗްއަށް ވެސް މިރޭގެ މެޗުގެ ފުރަތަމަ 11 އިން ވަނީ ފުރުސަތު ދީފައެވެ. ކްރޮއޭޝިއާގެ ބެންޗުގައި ތަޖުރިބާކާރު ކުޅުންތެރިންތަކެއް ހިމެނޭ އިރު، އެ ކުޅުންތެރިންގެ ތެރޭގައި އަންދްރޭ ކްރަމަރިޗް އާއި އަންޓޭ ބުޑިމިއާ އަދި ނިކޯ ވްލަސިޗް ފާހަގަކޮށްލެވެއެވެ. ޕެނަމާ އިން ވެސް މިރޭގެ މެޗަށް ވަރުގަދަ ފުރަތަމަ 11 އެއް ވަނީ ނެރެފައެވެ.
ކެނެޑާގެ ޓޮރޮންޓޯ ސްޓޭޑިއަމްގައި މިރޭ ކުޅުނު "ގްރޫޕު އެލް"ގެ މެޗުގައި ކްރޮއޭޝިއާއިން މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.
ފުރަތަމަ ކޮޅުގައި ދެޓީމުގެ ފަރާތުންވެސް ފެނުނީ ހަމަހަމަ ކޮށެވެ. 20 ވަރަކަށް މިނެޓްގައި ނުރައްކަލެއް ނުފެނި ދިޔުމަށްފަހު ކުއްލިއަކަށް މެޗުގެ ޓެމްޕޯ އަވަސްވެލީ ހައިޑްރޭޝަން ބްރޭކަށް ދާން އުޅެނިކޮށެވެ. ޕެނަމާއިން ކުޅުން ކުރަމުން ގޮސް، ފުރަތަމަ ހަމަލާއެއްވެސް އުފެއްދިއެވެ. އަރިމަތިން، ބެސިކްޓަސްއަށް ކުޅޭ އާމިރް މުރީލޯ ނަގައިދިން ހުރަސް، އޭރިއާ ތެރެއިން ޖޯސޭ ލުއިސް ރޮޑްރިގޭޒް ބޮލުން ބާރަށް ފޮނުވާލި ނަމަވެސް، އެ ހަމަލާ ކްރޮއޭޝިއާ ކީޕަރު ޑޮމިނިކް ލިވާކޮވިޗް މަތަކުރިއެވެ. ލިވާކޮވިޗް އަތުގައި ޖެހި ބޯޅަ އަމާޒުވީ ދަނޑިއަށެވެ.
ހައިޑްރޭޝަން ބްރޭކަށްފަހު ކްރޮއޭޝިއާއިން ހަމަޖެހިލަން މަސައްކަތް ކުރި ނަމަވެސް ލިބޭ ބޯޅަތަކުގައި ޕެނަމާއިން ބެލީ ވީ އެންމެ އަވަހަށް ކުރިއަށް ދުއްވައިގަތުމަށެވެ. އެހެން ނަމަވެސް އެކަން އެޓީމަށްވެސް މާބޮޑަކަށް ކާމިޔާބެއް ނުވިއެވެ. ކައުންޓާއަށް ކުރި މަސައްކަތް ކާމިޔާބުވާ މަންޒަރު މަޑުމަޑުން ފެންނަމުން ދިޔަ ނަމަވެސް، ކްރޮއޭޝިއާ ފެނުނީ ކޮންޓްރޯލް ހޯދަން މަސައްކަތް ކުރިތަނެވެ.
ހާފުގެ ފަހުކޮޅާ ހަމައަށް ކްރޮއޭޝިއާއިން ޕާސްތައް ގިނަވޭތޯ ކުރި މަސައްކަތުގައި އެޓީމުން ވަނީ ހާފު ނިމެން ދަނިކޮށް ފުރަތަމަ ހަމަލާއެއްވެސް އުފައްދައިފައެވެ. ކޯމޯއަށް ކުޅެމުންދާ ކްރޮއޭޝިއާގެ މާޓިން ބަޓްރީނާ އޭރިއާ ބޭރުން ތިރި ތިރިން ފޮނުވާލި ހަމަލާ މަތަކޮށް ބޭރުކޮށްލީ ޕެނަމާގެ ކީޕަރު އޯލާންޑޯ މޮސްކޭރާއެވެ.
ދެވަނަ ހާފަށް ކްރޮއޭޝިއާއިން ނުކުތީ ފުރަތަމަ ހާފު ހަނދާން ނައްތާލުމަށެވެ. އެޓޭކް ލައިނަށް ބަދަލަކާއެކުގައެވެ. ޕީޓާ މޫސާގެ ބަދަލުގައި އަންޓޭ ބުޑިމީރް ކްރޮއޭޝިއާއިން މެޗަށް ނެރުނު އިރު، އެ ބަދަލުގެ ފައިދާ ފުރިހަމައަށް ފެނުނުވެސް މެއެވެ. ދެވަނަ ހާފު ފެށިގެން، މެޗުގެ 54 ވަނަ މިނެޓުގައި ކްރޮއޭޝިއާ ލީޑު ނެގިއެވެ. ޖޯސިޕް ސްޓަނިސިޗް އަރިމަތިން ނެގި ހުރަސް، އޭރިއާ ތެރެއިން ގޯލަށް ވައްދާލީ ބުޑިމީރެވެ.
އެ ގޯލަށް އިރުކޮޅެއް ނުވަނީސް ކްރޮއޭޝިއާއަށް ދެވަނަ ގޯލެއް ޖަހަން މުޅިން ހުސް ފުރުސަތެއް ލިބި ބޭކާރުވެސް ވިއެވެ. ޕެނަމާގެ ކޯނަރެއްގައި މެދުތެރެއިން ލޫކާ މޮޑްރިޗް ކުރިއަށް ދުއްވާލި ބޯޅަ، މާކޯ ޕަސަލިޗަށް މުޅިން ހުހަށް ލިބުނު ނަމަވެސް ކީޕަރު މޮސްކޭރާ ބޯމަތިން އެއްްލަން އުޅުމުގެ ތެރޭގައި ކީޕަރު އެ ބޯޅަ ދުއްވާލިއެވެ. އަދި ރީބައުންސްގައި ޕަސަލިޗަށް ދެވަނަ ބޯޅައެއް ފޮނުވާލަން ލިބުނު ނަމަވެސް، ގޯލާ އަމާޒުކޮށްލެވޭ ގޮތެއް ނުވިއެވެ.
ގްރޫޕް ސްޓޭޖުގައި ފުރަތަމަ ކުޅުނު މެޗުގައިވެސް ޕެނަމާގެ ފަރާތުން ހިތްވަރު ގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، މިރޭގެ މެޗުގައިވެސް އެޓީމުގެ ފަރާތުން އެކަން ފެނުނެވެ. ކްރޮއޭޝިއާ ކައިރިން ފަހަތަށް ޖެހުމަށް ނުވިސްނާ، 67 ވަނަ މިނެޓް ތެރޭގައި ފުލުފުލުން ނުރައްކާކުރިއެވެ. މުރީލޯ ދުރުން ފޮނުވާލި ބާރު ހަމަލާ ކީޕަރު ލިވާކޮވިޗް މަތަކުރި އިރު، ރީބައުންސްގައި ރީބައުންސްގައި މުރީލޯ ފޮނުވާލި ހަމަލާވެސް މަތަކުރީ ކީޕަރެވެ. އަދި އެ ބޯޅައިން ލިބުނު ކޯނަރުގައި ކާލޮސް ހާވީ ފޮނުވާލި ބޯޅަވެސް މަތަކުރީ ކީޕަރު ލިވާކޮވިޗެވެ.
އޭގެފަހުންވެސް ޕެނަމާއިން ހިތްވަރާއެކު ގޯލަކަށް މަސައްކަތް ކުރި ނަމަވެސް، ކްރޮއޭޝިއާއިން ވަނީ ތަޖުރިބާގެ ބޭނުންކޮށް ހިފަހައްޓައިފައެވެ. ހާއްސަކޮށް ޕެނަމާގެ އަވަސް ކައުންޓާތައް ފަހުކޮޅުގައި ހުއްޓުވާ މޮޅު ޔަގީންކުރިއެވެ.
ކްރޮއޭޝިއާ ހޯދި މޮޅާއެކު އެޓީމަށް ގަދަ 32 ގެ އުންމީދު އާވެފައިވާ އިރު، އެ ގްރޫޕްގައި ގާނާއާއި އިންގްލެންޑް ވަނީ ހަތަރު ޕޮއިންޓް ހޯދައިފައެވެ. ކްރޮއޭޝިއާ ތިން ޕޮއިންޓާއެކު އޮތް އިރު، ޕެނަމާއަށް ދެމެޗުން ޕޮއިންޓެއް ނުލިބެއެވެ. ގްރޫޕް ސްޓޭޖުގައި ޕެނަމާ ކުޅޭ ފަހު މެޗުގައި ނުކުންނާނީ އިންގެލެންޑާ ދެކޮޅަށެވެ. އަދި ކްރޮއޭޝިއާ ދެން ވާދަކުރާނީ ގާނާއާ ދެކޮޅަށެވެ. މިހާރު އޮތް ގޮތުން ޕެނަމާ ވަނީ ކަޓައިފައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް