ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި މުބާރާތަކީ 1930 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ފީފާ ވޯލްޑް ކަޕެވެ. އެއީ ދުނިޔޭގައި ބާއްވާ ކުޅިވަރުގެ އެންމެ ބޮޑު ހަރަކާތްވެސް މެއެވެ. އެ މުބާރާތުގައި ކުޅެލުމަކީވެސް ކުޅުންތެރިއެއްގެ ކެރިއަރުގައި ލިބޭ ހާއްސަ ޝަރަފެކެވެ. ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ވޯލްޑް ކަޕް ކުޅެލަން އެތައް ކުޅުންތެރިންނެއް އިންތިޒާރުކުރާ އިރު، ގޯލެއް ޖެހުން ވެގެންދަނީ އަދި މާ ހާއްސަ ކަމަކަށެވެ. ގައުމުގެ ތާރީހުގެ އިތުރުން ފުޓުބޯޅައިގެ ތާރީހުގައިވެސް އެއީ އާދަޔާހިލާފު ޝަރަފެކެވެ. އެ ހާއްސަކަން އެންމެ ގޯލަކަށް ދެވޭ ހިނދު، ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ގިނަ ގޯލް ޖެހުމުގެ ރެކޯޑު ހިފަހައްޓާލުން އެއީ ކިހާ ބޮޑު ޝަރަފެއް ކަމާމެދު ވިސްނާލަމާ ހިނގާށެވެ.
މިހާރު އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި އެންމެ ހާއްސަ ކަމަކަށްވީ، މުބާރާތުގެ ދިގު ތާރީހުގައި ހިފަހައްޓަމުން އައި ގޯލް ޖެހުމުގެ ރެކޯޑު މުގުރާލުން ކަމަށް ބުނެވިދާނެއެވެ. އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ، އުމުރުން 38 އަހަރުގައި ވޯލްޑް ކަޕް ފެށީ އާދަޔާހިލާފު ފޯމެއްގައެވެ. ފުރަތަމަ ދެމެޗުން ފަސް ގޯލް ޖަހައި، ޖަރުމަނުގެ މިރްސްލާވް ކްލޯސާ އަތުގައި 12 އަހަރު ވަންދެން އޮތް ރެކޯޑު މުގުރާލައިފިއެވެ.
ރޭ އޮސްޓްރިއާ ކޮޅަށް ޖެހި ދެ ގޯލާއެކު މެސީ ވަނީ މިހާތަނަށް އޭނާ ކުޅުނު ހަ ވޯލްޑް ކަޕްގައި ޖުމުލަ 18 ގޯލް ޖަހައިފައެވެ.
ދެން އޮތީ މުޅިން އެހެން ވާހަކައެކެވެ. މެސީގެ ފަހަތުން އަނެއްކާވެސް އެހެން ކުޅުންތެރިޔަކު އަންނަނީ އެ ރެކޯޑާ ގާތް ކުރަމުންނެވެ. އުމުރުން 27 އަހަރުގެ އެމްބާޕޭ މިހާތަނަށް މި ވޯލްޑް ކަޕްގައި ހަތަރު ގޯލް ޖެހި އިރު، އޭނާ ފެށީ 2018 ވަނަ އަހަރު ފްރާންސުން ހޯދި ވޯލްޑް ކަޕްގައެވެ. އެ ވޯލްޑް ކަޕްގައި ހަތަރު ގޯލް ޖެހި އިރު، އޭގެފަހުން 2022 ވަނަ އަހަރު ވޯލްޑް ކަޕްގެ ރަން ބޫޓް ހޯދީ އެމްބާޕޭއެވެ. އެއީ ފައިނަލުގައި ހެޓްރިކް ހަދައި، ޖުމުލަ 8 ގޯލް ޖަހައިގެންނެވެ.
އެމްބާޕޭ މިހާތަނަށް ޖުމުލަ 16 ގޯލް، ވޯލްޑް ކަޕްގައި ޖަހާފައިވާ އިރު، މި މުބާރާތުން މެސީގެ ރެކޯޑު މުގުރާލަންވެސް ފުރުސަތު އެބައޮތެވެ. އާދަޔާހިލާފު ކަމަކަށް އެކަން ވާނެއެވެ. އެއީ ތާރީހަށް ބަލާއިރު، ވޯލްޑް ކަޕްގައި ގޯލް ޖެހުމުގެ ރެކޯޑު މުގުރާލެވިފައި އޮތީ އަހަރުތަކަކުން ކަމަށްވާތީއެވެ.
ގާޑް މުލާގެ ރެކޯޑު 32 އަހަރަށް ދެމިގެން ދިޔަ
އުރުގުއާއީގައި އެންމެ ފުރަތަމަ ބޭއްވި ވޯލްޑް ކަޕްގައި އާޖެންޓީނާގެ ގިއުލާމޯ ސްޓެބީލް ވިދާލީ ހަތަރު މެޗުން 8 ގޯލް ޖަހައިގެންނެވެ. ދެން ކުޅުނު ވޯލްޑް ކަޕްގައި ބްރެޒިލް ލެއޮނީޑާސް އެ ރެކޯޑާ ހަމަކުރި ނަމަވެސް، އެ ދެކުޅުންތެރިންވެސް ރެކޯޑުވެސް 1950 އާ ހަމައަށް ދެމިގެން ދިޔައެވެ. އެއީ ބްރެޒިލްގެ އަޑެމީރް ޑެ މެނޭޒެޒް ރެކޯޑު މުގުރާލަން ދެންނެވެ. އޭގެފަހުން ޖެހިގެން އައި ވޯލްޑް ކަޕްގައި ހަންގޭރީގެ ސާންޑޯ ކޮސްސިސް، 11 ގޯލާއެކު ލިސްޓްގެ އެއްވަނައަށް އެރި އިރު، ދެން ފެނުނީ 1958 ވަނަ އަހަރު ވޯލްޑް ކަޕެވެ.
އެ ވޯލްޑް ކަޕްގައި ފްރާންސްގެ ޖަސްޓް ފޮންޓެއިން ވަނީ އެއް މުބާރާތެއްގައި 13 ގޯލް ޖަހައި ތަފާތު ރެކޯޑެއް ހަދައިފައެވެ. އެއީ އަދިވެސް ވޯލްޑް ކަޕްގެ އެއް މުބާރާތެއްގައި ކުޅުންތެރިޔަކު ޖެހި އެންމެ ގިނަ ގޯލެވެ. ފޮންޓެއިންގެ އެ ރެކޯޑު، 16 އަހަރަށް ދެމިގެން ދިޔައެވެ. އެހެން އޮއްވާ ފޮންޓެއިން ލިސްޓްގެ ދެވަނައަށް ވައްޓާލީ ގާޑް މުލާއެވެ. އެއީ 1974 ވަނަ އަހަރުއެވެ.
ޖަރުމަނުގެ ގާޑް މުލާ ދެ ވޯލްޑް ކަޕުން 14 ގޯލް ހަމަކޮށް ވޯލްޑް ކަޕްގެ އެއްވަނަ ގޯލް ޖެހުންތެރިޔާގެ ލިސްޓްގެ އެއްވަނައިގައި 32 އަހަރު ރަސްކަން ކުރިއެވެ. އެއީ 2006 ވަނަ އަހަރު ބްރެޒިލްގެ ޖާދުވީ ރޮނާލްޑޯ އެ ރެކޯޑު މުގުރާލަން ދެންނެވެ. ރޮނާލްޑޯ 15 ގޯލް ޖެހި އިރު، ދެން އެ ރެކޯޑު މުގުރާލީ 2014 ވަނަ އަހަރުއެވެ. އެއީ ބްރެޒިލަށް ޖަރުމަނުން ހިތްދަތިކަން ދިން ރޭ، ބްރެޒިލްގެ ބެލޯ ހޮރިޒޮންޓޭގެ ތާރީހީ އެސްޓާޑިއޯ މިނެއިރާއޯގައެވެ. މިރްސްލާވް ކްލޯސާ 16 ވަނަ ވޯލްޑް ކަޕް ގޯލް ޖަހައި ރެކޯޑު މުގުރާލީ، ހަތަރު ވޯލްޑް ކަޕުންނެވެ.
ކްލޯސާގެ ރެކޯޑުގެ ވާހަކައަކީ މި ޖީލަށް އެނގޭނެ ވާހަކައެއް ކަމަށް ބަލަމާ ހިނގާށެވެ. އެ ރެކޯޑު 12 އަހަރަށް ދެމިގެން ގޮސް، މިފަހަރު މެސީ މުގުރާލީ ރޭގައެވެ. މީގެ ކުރިއަކުން އެއް ވޯލްޑް ކަޕެއްގައި ދެ ކުޅުންތެރިޔަކު، ގޯލް ޖެހުމުގެ ރެކޯޑު މުގުރާލި ކަމަކަށް ތާރީހުން ފެންނާކަށް ނެތެވެ. އެހެންކަމުން، މިފަހަރު އެ ވާދަވެރިކަން ބަލައިލުމުގެ ޝަރަފު ހޯދަމާ ހިނގާށެވެ. އެ ފުރުސަތު މި ވޯލްޑް ކަޕްގައި ބޮޑެވެ.
މުޙައްމަދު ޝަމްޢޫން
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް