އިރާނަކީ މިފަހަރު ވޯލްޑް ކަޕްގައި އެތައް ގޮތަކުން އެކިއެކި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ގައުމު ނަމަވެސް، އެގައުމުގެ ކުޅުނު ފުރަތަމަ ދެ މެޗު ނިންމާލާފައި ދަމުން އެ ދެ މެޗު ހޯސްޓް ކުރި ލޮސް އެންޖަލަސްއަށް ޝުކުރު އަދާކޮށް ހާއްސަ މެސެޖެއް ދީފިއެވެ.

މިއީ 1930 ވަނަ އަހަރަށްފަހު ހޯސްޓް ގައުމެއް ހަނގުރާމަ އިއުލާނު ކޮށްފައިވާ ގައުމެއް، ވޯލްޑް ކަޕެއްގައި ކުޅޭ ފުރަތަމަ ފަހަރެވެ. އިރާނުން މާކުރިން ވެސް މިފަހަރު ވޯލްޑް ކަޕްގައި ނުކުޅެން އޮތީ ނިންމައިފައެވެ. އެއީ ފެބްރުއަރީ މަސް ތެރޭގައި އެމެރިކާ އާއި އިޒްރޭލް އެކުވެގެން، އެ ދެ ގައުމުގެ އިސް ނެގުމާއެކު އިރާނާ ދެކޮޅަށް ހަނގުރާމަ ފަށައި، އެގައުމުގެ ރޫހީ ލީޑަރު އަވަހާރަ ކޮށްލުމުގެ އިތުރުން އެތައް ކުދީންނެއް ޝަހީދުކޮށްލައި، ލާއިންސާނީ ޖަރީމާތައް ހިންގާފައިވާތީއެވެ. އިރާނުން މި މުބާރާތަށް ނުކުތީ އެ ހުރިހާ ހަނދާންތަކާ އެކުގައެވެ. ވޯލްޑް ކަޕަށް ދިޔައީ ޖެކެޓުގައި ހާއްސަ ނިޝާނެއް ވެސް ހަރުކޮށްގެންނެވެ. އެއީ އެމެރިކާ އާއި އިޒްރޭލް އިސްވެ، ސްކޫލަކަށް ދިން ހަމަލާގައި ޝަހީދުކޮށްލި، 168 ކުދިންގެ ހަނދާނުގައެވެ.

އިރާނުން ފުރަތަމަ އެދުނީ އެގައުމުގެ މެޗުތައް މެކްސިކޯއަށް ބަދަލު ކޮށްދިނުމަށެވެ. އެއީ ގްރޫޕް ސްޓޭޖު ހުރިހާ މެޗެއް އެމެރިކާގައި ކުޅެން ޖެހިފައި އޮތުމުންނެވެ. އޭރު އިރާނުން ފުރަތަމަ ކޭމްޕް ކުރަން އޮތީ އެމެރިކާގެ އެރިޒޯނާގައި ނަމަވެސް، ވިސާގެ މައްސަލަތައް ދިމާވާނެތީ ފީފާއަށް އެދިގެން އިރާނުން ވަނީ ކޭމްޕް، މެކްސިކޯގެ ތިޖުއާނާއަށް ބަދަލު ކޮށްފައެވެ.

އެހިސާބުން ވެސް އިރާންގެ އެތައް އޮފިޝަލުންނަކަށް އެމެރިކާއިން ވިސާ ހިފެހެއްޓި އިރު، ކޮންމެ މެޗެއް ނިންމައި އަނބުރާ ދާންވެސް ޖެހެއެވެ. އެއީ ރިކަވަރީއަށް ވަގުތު ނުލިބިއެވެ. އެކަމާ އިރާންގެ ކޯޗު، އާމިރް ގަލެނޯއީ އަދި ކެޕްޓަން މަހްދީ ތަރޭމީ ވެސް ވަނީ ފާޑު ކިޔައި، އެކަން އެހެން އޮތުމުން ކަންބޮޑުވުން ފާޅުކޮށްފައެވެ. އެހެން ނަމަވެސް ބޮޑާ ނުހާކައި އެކަން އިރާނުން ކޮށް، ހިތްވަރާ އެކު ފުރަތަމަ ދެ މެޗު އެއްވަރު ކުރިއެވެ. އެއީ ނިއު ޒިލޭންޑް އަދި ބެލްޖިއާމާ ދެކޮޅަށް ކުޅުނު މެޗުތަކެވެ. އެ ދެ މެޗު ލޮސް އެންޖަލަސްގައި ކުޅުމަށްފަހު އިރާނުން ވަނީ އެ ސިޓީއަށް ޝުކުރުގެ ނޯޓެއް ދީފައެވެ.

"ފާރިސީންގެ އެތައް އަހަރެއް ކުރީން ފެށިގެން މިއަދު ކުރިއަރާފައިވާ އިރާނާ ހަމައަށް އައި އިރުވެސް އިރާނުގެ އޮތް ވަތަނީ ރޫހު އަދިވެސް އޮތީ އެގޮތަށް. އެއަކަށް ބަދަލެއް ނާންނާނެ،" އިރާނުގެ މެސެޖުގައިވެއެވެ.

އޭގެ ތާރީހާއި މިނާބްގެ ހަނދާން އާކޮށް، ހޭޝްޓެގެއްގައި 168 ޖަހާފައިވެއެވެ.

"އަހަރެމެން ލޮސް އެންޖަލަސްއަށް ނުކުތީ ފަހުރުވެރިކަމާ އެކު، ޝަރަފުވެރިކަމާ އެކު ވާދަކުރަން. އަދި އެކަންކޮށް، މިހާރު މި ސިޓީ މި ދޫކޮށްލަނީ ގަދަރާއެކު. ޝުކުރިއްޔާ ލޮސް އެންޖަލަސް. ދިން މެހެމާންދާރީއަށް މަރުހަބާ. އަދި މި ޓީމަށް ސަޕޯޓްކޮށް، މި ޓީމަށް އުފާވެރިކަން ގެނެސްދިން އިރާނުގެ ހުރިހާ ރައްޔިތުންނަށާއި، އެހެން ހުރިހާ ސަޕޯޓަރުންނަށްވެސް ޝުކުރު އަދާކުރަން،" އިރާނުގެ މެސެޖުގައިވެއެވެ.

ސޯފީ ސްޓޭޑިއަމްގެ ޑްރެސިން ރޫމަށް އެމެސެޖު ދީ އިރާނުން އެނބުރި މެކްސިކޯއަށް ގޮސްފައިވާ އިރު، ދެން ކުޅޭ މެޗުގައި މިސްރާ ދެކޮޅަށް ނުކުންނާނީ ސިއޭޓަލްގައެވެ. އިރާނުން މި ދެއްކީ ތަފާތު ލޯތްބެކެވެ. ތަފާތު ނަމޫނާއެކެވެ. އެމެރިކާގެ ފިއްތުންތަކަށް ދިނީ ޗާލު މެސެޖެކެވެ.