އެކި ގައުމުތަކުން ވޯލްޑް ކަޕާ ހަމައަށް ކުރި ދަތުރުތަކުގެ ވާހަކަ މީގެ ކުރީންވެސް އެތައް ފަހަރަކު ދެއްކިއްޖެއެވެ. މާ ގިނަ ތަރިންތަކެއް ނެތަސް، ބިމުގެ ޖާގަ ބޮޑު ނޫން ނަމަވެސް، އަދި އާބާދީ ކުޑަ ނަމަވެސް ބައެއް ގައުމުތަކުން އެތައް ހުރަސްތަކެއް ގިރާކޮށް، ވޯލްޑް ކަޕާ ހަމައަށް ދަތުރުކޮށްފިއެވެ. އޭގެ ތެރޭގައި އަލަށް ވޯލްޑް ކަޕެއްގައި ކުޅުމުގެ ޝަރަފު ހޯދާ ޓީމުތަކާއި އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު އަލުން އަންނަ ޓީމުތައްވެސް ފާހަގަވެފައިވެއެވެ. އޭގެ ތެރެއިން މިފަހަރު ވިދަމުން އަންނަ އެއްގައުމަކީ ގާތްގަނޑަކަށް 5.6 މިލިއަން މީހުން ދިރިއުޅޭ ނޯވޭއެވެ.
ނޯވޭއިން މިފަހަރުގެ ވޯލްޑް ކަޕަށް އެނބުރި އައީ 28 އަހަރުގެ އިންތިޒާރަކަށްފަހުއެވެ. އެނބުރި އައީވެސް ގަދަކޮށެވެ. އާލިން ހާލަންޑާއި މާޓިން އޮޑެގާޑްގެ އިތުރުންވެސް ޔޫރަޕްގެ ތަރިން އުފައްދައިގެންނެވެ. ކޮލިފިކޭޝަނުގައިވެސް ފެނުނީ އާދައިގެ ގޮތަކަށް ނޫނެވެ. ޔޫރަޕްގެ ތާރީހުގައިވެސް އެންމެ ވަރުގަދަ ކޮލިފިކޭޝަން ނަތީޖާތަކާއެކު ނޯވޭއިން ދުނިޔެ ސިއްސުވައިވެސް ލިއެވެ. 8 މެޗުން 8 މޮޅު ހޯދިއެވެ. 37 ގޯލް ޖެހިއެވެ. އެއީ ދެން އެންމެ ކައިރިން ވާދަކުރި ގައުމަށްވުރެ 8 ގޯލް އިތުރު އަދަދެކެވެ.
އެއީ ނޭނގުމެއްގައި، ކުއްލިއަކަށް ޖާދުލެއް ފަދައިން އައި ބަދަލެއް ނޫނެވެ. ނޯވޭއިން އެނގިގެން، ޕްލޭން ކޮށްގެން، ބަދަލުތައް ގެނެސްގެން ކުރި ކަމެކެވެ. މީގެ ކުރިން 1938، 1994 އަދި 1998 ވަނަ އަހަރު ނޯވޭއިން ވޯލްޑް ކަޕްގައި ކުޅެ، 1938 އަދި 1998 ވަނަ އަހަރުގެ މުބާރާތުގެ ގަދަ 16 އާ ހަމައަށް ދިޔަ ނަމަވެސް، އެއީ މާޒީކަން ނޯވޭއިން ގަބޫލުކޮށް، ސިސްޓަމް ޒަމާނީ ކުރިއެވެ. އޭގެ ނަތީޖާވެސް ފޮންޏެވެ. "ފަލި ޖަހަމުން" ދިޔަ ފޯރިގަދަ ވައިކިންސް ސަޕޯޓަރުންނާއެކު ނޯވޭ ވަނީ ދެވަނަ ބުރު ޔަގީން ކޮށްފައެވެ.
މޫސުމީ ހާލަތަށް ބަލައި ދަނޑުތަކަށް ގެނައި ބަދަލު
ގައުމެއްގެ ފުޓުބޯޅަ ޕްލޭނަށް އެންމެ މުހިއްމު އެއް މަސައްކަތަކީ އެކަށޭނެ ވަސީލަތްތަކެއް ބިނާކުރުމެވެ. އެހެން ނަމަވެސް އެއީ އެންމެ އިހުލާސްތެރި ގޮތެއްގައި ބިނާ ކުރެވޭނެ ވަސީލަތްތަކެއްތޯ، އެއީ ބަލަން ޖެހޭ މުހިއްމު ކަމެކެވެ. ހަމަ އިމާރާތްތަކެއް ހެދުން އެއީ ހައްލެއް ނޫންކަން ނޯވޭގެ ދަތުރުން ފެނެއެވެ. ނޯވޭއަކީ ދިގު ދެމިގެންދާ ފިނި މޫސުމަކާ ކުރިމަތިލާން ޖެހޭ ގައުމަކަށްވީ އިރު، އެގައުމުން އެކަމާ ކުރިމަތިލީ އާޓިފިޝަލް ދަނޑުތަކާއެކުގައެވެ.
އާޓިފިޝަލް ދަނޑަކީ ނޯވޭ ކަހަލަ ފިނި ގައުމަކަށް ހޯދެން އޮތް ހަމައެކަނި ހައްލުކަމަށް އެގައުމުން ގަބޫލުކުރިއެވެ.
"އަހަރެމެންގެ ގައުމީ ޓީމަކީ ސިސްޓަމެޓިކް މަސައްކަތްތަކެއްގެ ނަތީޖާ. އެއީ އަހަރުތަކެއްގައި ކުރެވުނު މަސައްކަތުގެ ނަތީޖާ. ނޯވޭ ފުޓުބޯޅަ އެސޯސިއޭޝަންގެ ޕްލޭޔާ އެންޑް ކޯޗް ޑެވަލޮޕްމަންޓް ހަކޯން ގްރާޓްލޭންޑް ބުނެފައިވެއެވެ.
ގްރާޓްލޭންޑް ފާހަގަކުރީ ނޯވޭއަށް އަހަރު ދުވަހު، މެދުނުކެނޑި ތަމްރީނު ކުރާ ކްލަބުތަކެއް، ޓީމުތަކެއް އުފައްދަން ދަނޑުތަކަށް އިންވެސްޓް ކުރަން މަޖުބޫރުވެފައި އޮތް ކަމަށެވެ. އާޓިފިޝަލް ދަނޑުތަކާއެކު އެކިއެކި އުނދަގޫ އެތައް ހާލަތެއްގައި ނޯވޭ ކުޅުންތެރިން ފަރިތަކުރުންތައް ފަށަން ޖާގަ ލިބޭކަން ގްރާޓްލޭންޑް ފާހަގަކުރި އިރު، 2016 އިން 2025 އާ ދެމެދު ނޯވޭއިން ވަނީ 539 ދަނޑެއް އަލަށް ހަދައިފައެވެ. އަދި 586 ދަނޑެއް އަލުން ބޭނުންކުރަން ފަށަން މަރާމާތުކުރިއެވެ.
ފުޓުބޯޅައިގެ މީހުން ބިނާކުރުން: 17000 އަށްވުރެ ގިނަ ގްރާސް ރޫޓް ކޯޗުން
ނޯވޭގެ ފުޓުބޯޅައަށް 2010 ގައި ކުރިމަތިވި ފާޑު ކިޔުންތައް ގިނަވެ، އެގައުމުން ފިޔަވަޅެއް ކުރިއަށް އެޅީ އެހިސާބުންނެވެ. ގްރާޓްލޭންޑްގެ ނަޒަރުގައި ނޯވޭއިން އެޅި އެންމެ ވަރުގަދަ ފިޔަވަޅަކީ، ބޯޅައިގެ ހުނަރު ކުރިއަރުވަން އެންމެ މުހިއްމު ކަމަކީ ބޯޅައިގެ ތައުލީމު އުނގުނުން ކަމަށް ގަބޫލުރި ކުރުމެވެ.
"ފުޓުބޯޅަ ކުރިއަރުވަން އެންމެން އެއް ވާހަކައެއް ދައްކަން ޖެހޭކަން ނޯވޭއިން ގަބޫލުކުރޭ. އެކަން ގަބޫލުކޮށްގެން ކްލަބުތައް އެއްކޮށް، ފުޓުބޯޅައިގެ މި ތައުލީމު އެއް މޭޒަކަށް ގެންނާނީ. ވާދަވެރި ކްލަބުތަކެއް ނަމަވެސް، ފުޓުބޯޅައިގެ ހިޔާލާއި މަޝްވަރާ ހިނގާނެ. ވަކި ކްލަބެއް، ވަކި އެކަޑެމީއަކު ނޫން ފުޓުބޯޅައިގެ ނޮލެޖު ހުއްޓިފައި ހުންނާނީކީ،" ގްރާޓްލޭންޑް ބުންޏެވެ.
ނޯވޭއިން 2011 އިން 2025 އާ ހަމައަށް 17،000 އަށްވުރެ ގިނަ ގްރާސް ރޫޓް ކޯޗުން ތަމްރީނުކުރިއެވެ. އޭގެ ތެރެއިން 2،000 އަށްވުރެ ގިނަ ކޯޗުން ވަނީ 2017 އާ ހަމައަށް ޔޫއެފާ ބީ ލައިސަންސް ފުރިހަމަކޮށްފައެވެ. ވަކި މީހަކު، ވަކި ނަމެއް ކުރިއަރުވާކަށް ނޫނެވެ. ނޯވޭގެ ކުރިއެރުމަށެވެ.
ނޯވޭގެ އެންމެ މުހިއްމު ހަތިޔާރު، "ލާންޑްސްލަގްޝްކޮލެން"
ލާންޑްސްލަގްޝްކޮލެންގެ މާނައަކީ ގައުމީ ޓީމުގެ ސްކޫލެވެ. ރަނގަޅެވެ. އެއީ ނޯވޭގެ ފުޓުބޯޅަ ސްކޫލް މެތަޑެވެ. 2015 ވަނަ އަހަރު ތައާރަފުކުރި ލާންޑްސްލަގްޝްކޮލެންއާއެކު ޑިސްޓްރިކްޓް، ރީޖަނަލް މުބާރާތްތަކުގެ ތެރެއިން ޒުވާން ގައުމީ ޓީމުތަކަށް މަގެއް ކޮށައިދިނެވެ. އަދި ލާންޑްސްލަގްޝްކޮލެންއަކީ ކްލަބުތަކަށް މޮޅެތި ކުޅުންތެރިން ހޯދޭނެ މަގެއްވެސް މެއެވެ. ފުޓުބޯޅައިގެ އަގު މައްޗަށް ޖެހިލިއެވެ.
ލާންޑްސްލަގްޝްކޮލެންއަކީ ނޯވޭގެ ގްރާސް ރޫޓް މަސައްކަތުން، އެލީޓް ލެވެލަށް ކުޅުންތެރިން ގެނެސްދޭން ހުޅުވާލި މަގެކެވެ. އުމުރުން 12 އަހަރު ވާންދެން އެކަޑެމީތަކާއި ލޯކަލް ކްލަބުތަކުގައި ކުދިން މަޖާކޮށް، އުފާކޮށް ކުޅުނު ނަމަވެސް، އޭގެ މަތިން ކޮންމެ އުމުރުފުރާއެއްގެ ގައުމީ ޓީމަށް އަބަދުވެސް 10 ޕަސެންޓް ކުދިން ގެންދެއެވެ. އެއީ އެންމެ އެލީޓް ކުޅުންތެރިންނެވެ.
"ލާންޑްސްލަގްޝްކޮލެން އަކީ ނޯވޭ ފުޓުބޯޅައިގެ މައި ތަނބު. އެއީ ސިސްޓަމަށް އާންމުންނަށް، އާދައިގެ ކުޅުންތެރިންނަށް ހުޅުވާލި ފާލަމެއް. އަދި ލާންޑްސްލަގްޝްކޮލެންގެ ސްޓައިލާއި މެތަޑުތަކުން ކުޅުންތެރިން އެލީޓްވެސް ކޮށްދޭނެ،" ގްރާޓްލޭންޑް ލާންޑްސްލަގްޝްކޮލެންއާ ގުޅޭ ގޮތުން ބުންޏެވެ.
ލާންޑްސްލަގްޝްކޮލެންއިން އުފައްދާ ކުޅުންތެރިންނަކީ އަމިއްލަ ފިޒިކަލިޓީއާއި މެންޓަލިޓީއަށް މަސައްކަތް ކުރާ އެލީޓް ކުޅުންތެރިންނަށް ހަދައިދެއެވެ. އެކަން ސާފުވެސް ވެއެވެ.
ނޯވޭ ސަޕޯޓަރުން ޖޯޝާ ފޯރީގައި، މުޅި ގައުމުވެސް އެގޮތުގައި
ޔަގީނުންވެސް ނޯވޭގެ ސަޕޯޓަރުން ތިބީ ތަފާތު ރޫހެއްގައެވެ. ވޯލްޑް ކަޕަށް ދިރުންވެސް ގެނެސްދީފިއެވެ. ތަފާތު "ފަލި ޖެހުމުގެ" ވައިކިން ޖޯޝެކެވެ. އެކަމަކީ ނޯވޭގެ ސަގާފަތުގެ ކަމެކެވެ. އުތުރު ޔޫރަޕްގެ ކަމެކެވެ. ކުރިން އައިސްލޭންޑުން ފެނުނު މަންޒަރެއް ކަހަލައެވެ. އެކަމުގައި މުޅި ނޯވޭވެސް ބައިވެރިވެއެވެ. ފުރަތަމަ މެޗަށްފަހު ނޯވޭގެ މަޖިލީހުންވެސް އެ މަންޒަރު ފެނުނެވެ. މުޅި މަޖިލިސް އެކުގައި ޓީމާއެކު ތިބިކަން ދައްކާލުމަށް ފަލި ޖެހިތަން ފެނުނެވެ. ހަޅޭކާއި އެކުގައެވެ.
ރޭގެ މެޗަށްފަހު ނޯވޭއިން އުފާފާޅުކުރި އިރު، އެގައުމުގެ ޝާހީ އާއިލާގެ ބޭފުޅުންވެސް ޓީމާއެކު ތިބިތަން ދައްކުވައިލިއެވެ. ނޯވޭގެ ދަތުރު އޮތީ ކިހާ ހިސާބަކަށްތޯ ބަލަމާ ހިނގާށެވެ. އަދި ފެންނަނީ ސަޅިކޮށެވެ.
މުޙައްމަދު ޝަމްޢޫން
އިރާނު-އިޒްރޭލު ހަނގުރާމަ
ހޮލީވުޑް
ނޭޓޯ
ހެލްތު މިނިސްޓަރު ގީލާ އަލީ
ކޮމެންޓް