(9 ނޮވެމްބަރުގެ އަދަދާ ގުޅޭ)
ޢަރަބީންގެ ސިޔާސީ ޙިއްސު ވަރަށް ތޫނެވެ. ޤައުމުގައި މެދުކެނޑުމެއްނެތި ދެމިގެންދިޔަ އަމާންކަމެއް ނެތުމުގެ ޙާލަތާ ހުރެއެވެ. ޔަގީންކަމެއްނެތް ސިޔާސީ މަސްރަޙާއި، ދާޚިލީ ހަނގުރާމަތަކުގެ ސަބަބުންނެވެ. خـــــزرج ވަންހައިގެ މީހުންނަށްވަނީ ވަރަށް ފުން އަސަރުތަކެއް ކޮށްފައެވެ. އިތުރު ސާހިބާގެ އަލި އުޖާލާ ޝަޚުޞިއްޔަތާ މެދުގައެވެ. ކީރިތި ޤުރްއާނުގެ ބަލާޣާތްތެރިކަމާ ހުރެއެވެ. ތައުޙީދާ ބެހޭގޮތުން ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ދެއްވި ފުރިހަމަ ބަޔާނުގެ ސަބަބުންނެވެ. އިސްލާމްދީނުގެ ސަބަބުން ތިމާމެންގެ ދުނިޔެއާއި އާޚިރަތު ރައްކާތެރިވާނެކަން އެބައިމީހުންގެ ސިޔާސީ ދުރުވިސްނުމުން ވަނީ ކަށަވަރުވެފައެވެ. އެހެންކަމުން އެމީހުން އެއްވެސް ފަސްޖެހުމެއްނެތި ޝަހާދަތުގެ ދެކަލިމަފުޅު ކިޔައި އިސްލާމްވެއްޖެއެވެ.
ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެބައިމީހުން އިސްލާމްވުމުން ޙަދީޘްކުރެއްވިއެވެ. "އަހުރެން ތިޔަބައިމީހުންގެ ރަށަށް ހިނގައްޖެކަމުގައިވާނަމަ އަހުރެންގެ ރިސާލަތު އިއްވުމަށްޓަކައި ތިޔަބައިމީހުންނަށް އަހުރެން ޙިމާޔަތްކޮށްދެވިދާނެ ހެއްޔެވެ؟" އެބޭކަލުން ޖަވާބު އެރުއްވިއެވެ. "އޭ މާތް اللّــــه ގެ ރަސޫލާއެވެ. އަޅުގަނޑުމެންގެ ރަށް ވަނީ ވަރަށް ނުރައްކައުތެރި ދާޚިލީ ހަނގުރާމައެއްގައި ހައްޔަރުވެފައެވެ. އެ ހަނގުރާމައަކީ ވަރަށް ކުރީއްސުރެ މެދުކެނޑުމެއްނެތި ހިނގަމުންއަންނަ ހަނގުރާމައެކެވެ. އަރަހުށި މާތް اللّــــه ކަލޭގެފާނުގެ ސަބަބުންނާއި، ތިޔަދެއްވާ މަތިވެރި ތަޢުލީމުގެ ބަރަކާތުން އަޅުގަނޑުމެންގެ މެދުގައި އެއްބައިވަންތަކަމާއި އެކުވެރިކަން އުފައްދަވައިފާށިއެވެ. އަޅުގަނޑުމެން ރަށުގެ މީހުންގެ ގާތަށްގޮސް އެބައިމީހުންނަށް އިސްލާމްދީނަށް ދަޢުވަތު ދޭނޫއެވެ. އަޅުގަނޑުމެންނަށް ތިޔަ ދަސްކޮށްދެއްވި ދީނުގެ އިރުޝާދުތައް އެމީހުންނަށް ހުށައަޅާނޫއެވެ. އަރަހުށި މާތް اللّــــه އެމީހުން ކަލޭގެފާނުގެ އަރިހަށް ޖަމާކުރައްވައިފިކަމުގައިވާނަމަ ކަލޭގެފާނަށްވުރެ ބާރުފުޅުގަދަ ޢިއްޒަތްތެރިޔަކު މިދުނިޔޭގައިވެސް ނުހުންނާނެއެވެ." ޔަޘްރިބުގެ މިދެންނެވި ނަސީބުވެރި އަންޞާރީންގެ ނަންފުޅުތައް ތިރީގައި މިވަނީއެވެ.
1. أبـــو أمـــامـــة أسـعــد بـــن زُرارة رضـــــى اللّــــه عــنـــــه (ބައެއް ރިވާޔަތްތަކުގައިވާގޮތުން أسـعــد ހުންނެވީ ތަންކޮޅެއް ކުރީން މައްކާއަށް ވަޑައިގެން ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ އަތްޕުޅުމައްޗަށް އިސްލާމްވެވަޑައިގެންނެވެ.)
2. عــــوف بـــن الحـــارث بـــن رفــاعــــة رضـــــى اللّــــه عــنـــــه
3. رافـــع بـــن مـــالـك بـــن عجــلان رضـــــى اللّــــه عــنـــــه
4. قُـطُـبـــة بـــن عــامــــــر رضـــــى اللّــــه عــنـــــه
5. عُـقُـبــة بـــن عــامــــــر رضـــــى اللّــــه عــنـــــه
6. جــابـــر بـــن عـبــد اللّـــه بـــن رِئــاب رضـــــى اللّــــه عــنـــــه
ހަވަނަ ބޭކަލަކު ކަމުގައި ބައެއް ރިވާޔަތްތަކުގައިވަނީ حـــارث بـــن عــبــد اللّــــه بـــن رِئــاب އެވެ. އަދި މިނޫން ގޮތްގޮތަށްވެސް ބައެއް ރިވާޔަތްތައް އައިސްފައިވެއެވެ. ހަމައެފަދައިން އެންމެފުރަތަމަ ބައިޢަތުގައި ބައިވެރިވެވަޑައިގެންނެވި ބޭކަލުންގެ ޢަދަދާމެދުވެސް ޚިލާފު ހުރެއެވެ. މި ހަބޭކަލުންނަކީވެސް خـــــزرج ވަންހައިގެ ބޭކަލުންނެވެ. އާދެ، މިއީ އަޅުގަނޑުގެ ފޮތެއްކަމުގައިވާ "މަދީނާގެ އިސްލާމީ ދައުލަތް" މިފޮތުގައި އަޅުގަނޑު ލިޔެފައިވާ ގޮތެވެ. ނަމަވެސް މިތާނގައި އަޅުގަނޑު ފާހަގަކޮށްލާން ބޭނުމެވެ.
ނަބީކަމުގެ ދިހަވަނަ އަހަރަކީ އަންޞާރުންގެ ހަބޭކަލަކު ނުވަތަ އަށްބޭކަލަކު އެންމެ ފުރަތަމަ އިސްލާމްވެވަޑައިގެންނެވި އަހަރެވެ. އެބޭކަލުން އިސްލާމްވެވަޑައިގެން ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ އަތްޕުޅުމައްޗަށް ބައިޢަތު ހިއްޕެވީވެސް ޢަޤަބާގައެވެ. އެހެންކަމުން މުއައްރިޚުންކުރެ ބައެއް ބޭކަލުން އެބައިޢަތުގެ ވާހަކަ ލިޔުއްވައިފައިވަނީ ޢަޤަބާގެ އެންމެފުރަތަމަ ބައިޢަތުގެ ނަމުގައެވެ. ނަމަވެސް ބައެއް ބޭކަލުން އެވާހަކަ ލިޔުއްވައިފައިވަނީ "އަންޞާރުން އިސްލާމްވެވަޑައިގަންނަވާން ފެށްޓެވުން" މި އުންވާނުގެ ދަށުގައެވެ. ޢަޤަބާގެ އެންމެފުރަތަމަ ބައިޢަތުގެ އުންވާނު ދެއްވައިފައިވަނީ ވިދިގެންއައި އަހަރު (ނަބީކަމުގެ އެގާރަވަނަ އަހަރު) އިސްލާމްވެވަޑައިގެން ބައިޢަތު ހިއްޕެވި އެގާރަ ނުވަތަ ބާރަ ބޭކަލުންގެ ބައިޢަތަށެވެ.
އަންޞާރުން އިސްލާމްވެވަޑައިގަންނަވާން ފެށްޓެވި ފެށްޓެވުމަށް ޢަޤަބާގެ ބައިޢަތެއްގެ ނަންދެއްވާ ބޭކަލުން ޢަޤަބާގެ ތިންވަނަ ބައިޢަތެއްގެ އުންވާނު ދެއްވަނީ ޢާންމުކޮށް މުއައްރިޚުން ޢަޤަބާގެ ދެވަނަ ބައިޢަތުގެ ނަން ދެއްވާ ބައިޢަތަށެވެ. މިގޮތުން ބަލާއިރު ޢަޤަބާގެ ބައިޢަތުތަކަކީ:
1. ނަބީކަމުގެ ދިހަވަނަ އަހަރު ހަބޭކަލަކު ނުވަތަ އަށްބޭކަލަކު ހިއްޕެވި ބައިޢަތު
2. ނަބީކަމުގެ އެގާރަވަނަ އަހަރު އެގާރަ ބޭކަލަކު ނުވަތަ ބާރަ ބޭކަލަކު ހިއްޕެވި ބައިޢަތު
3. ނަބީކަމުގެ ބާރަވަނަ އަހަރު ހަތްދިހަތިން ޞަޙާބީންނާއި ދެ ޞަޙާބިއްޔާއިން ހިއްޕެވި ބައިޢަތު މިއީއެވެ.
މިތާނގައި އަދިވެސް އަޅުގަނޑު އެއްކަމެއް ފާހަގަކޮށްލާން ބޭނުމެވެ. ކުރީންވެސް ދެންނެވި ފަދައިން އަޅުގަނޑުގެ ފޮތެއްކަމުގައިވާ "މަދީނާގެ އިސްލާމީ ދައުލަތް" މިފޮތުގައި އެންމެފުރަތަމަ އިސްލާމްވެވަޑައިގެންނެވި ބޭކަލުންގެ ނަންފުޅުތައް ލިޔުމުގައި އަޅުގަނޑު މަރްޖިޢެއްކަމުގައި ބެލީ "ޑޮކްޓަރ نـصـيـــر أحمـــد نــاصـــــــر ގެ ޕޭޣަމްބަރެ އަޢުޒަމް ވަ އާޚިރު". މިފޮތެވެ. އެއީވެސް އިތުބާރުހުރި ރިފަރެންސެކެވެ. އެފޮތަކީ 1978 ވަނަ އަހަރު ރާބިޠަތުލްޢާލަމިލް އިސްލާމީ އިން ބޭއްވި ސީރަތު ލިޔުމުގެ މުބާރާތުން ތިންވަނަޔަށް ހޮވުނު ފޮތެވެ. ޢަޤަބާގައި އެންމެފުރަތަމަ އިސްލާމްވެވަޑައިގެންނެވި ބޭކަލުންގެ ޢަދަދާއި ނަންފުޅުތަކުގައި ޚިލާފު ހުންނަ ވާހަކަ އަޅުގަނޑު ވަނީ އެފޮތުގައިވެސް ބަޔާންކޮށްފައެވެ. ކަންމިހެން ހުރުމާއެކު ســيــرة الــنـّـبــيّ صــلّـــــى اللّــــه عــلـيــــه وســلّـــــم: عــلاّمــــة شـبـــلـــى نـعــمـــانـــى އާއި سـيّـــد ســلـيـمــان نــــدوى މިފޮތާއި مُـحُسِنْ إِنْسَـانــيّــت: نــعــيـــم صـــدّيــقـــى މިފޮތުގައި ލިޔުއްވައިފައިވާ ގޮތަށްވެސް އެނަންފުޅުތައް ލިޔެލާނަމެވެ.
1. أبـــو الــهـيثــــم بــــن الــتّــيـهـــان
2. أبـــو أمـــامـــة أسـعــد بـــن زُرارة
(ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم މަދީނާއަށް ހިޖްރަކުރެއްވިފަހުން އެންމެފުރަތަމަ އަވަހާރަވި ޞަޙާބީއަކީ އެކަލޭގެފާނެވެ.)
3. عــــوف بـــن حـــارث (އަވަހާރަވީ ބަދުރުގައި)
4. رافـــع بـــن مـــالـك بـــن عجــلان (ޝަހީދުވީ އުޙުދު ހަނގުރާމައިގައެވެ. ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ވަނީ އެކަލޭގެފާނު ޝަހީދުވުމާ ހަމަޔަށް ކީރިތި ޤުރްއާނުން ބާވައިލެއްވި ހުރިހައި ބައިތަކެއް އެކަލޭގެފާނަށް ހަދިޔާކުރައްވައިފައެވެ.)
5. قُـطُـبـــة بـــن عــامــــــر بـــن حــديـــدة
6. جــابـــر بـــن عـبــد اللّـــه (بـــن رِئــاب)
ޝައްކެއްނެތެވެ. ހަބޭކަލަކު ނުވަތަ އަށްބޭކަލަކު އިސްލާމްވެވަޑައިގެންނެވުމަކީ އާންމު ނަޒަރަކުން ބަލާއިރު އާދަޔާ ޚިލާފު މާބޮޑު ކާމިޔާބެއް ނޫނެވެ. ނަމަވެސް ނަތީޖާއަށް ބަލާއިރު މިއީ އިސްލާމީ ތާރީޚު ބަދަލުކޮށްލި މުހިންމު ހާދިސާއެވެ. އިސްލާމީ ތަޙުރީކުގެ މޫތައް މަދީނާގެ ބިމަށް ފަތުރައިލުމުގެ މަގުފަހިކޮށްދިނީ މި ހާދިސާއެވެ. އިސްލާމްދީނުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم މިލިބިވަޑައިގެންނެވި ފުރުޞަތުގެ ބޭނުން ވަރަށް ފުރިހަމަޔަށް ހިއްޕެވިއެވެ. އެނގިވަޑައިގަންނަވާނެ ފަދައިން ލިބިވަޑައިގަންނަވާ ފުރުޞަތުތައް އެންމެ ހެޔޮގޮތުގައި ބޭނުން ހިއްޕަވައި އެފުރުޞަތުތައް އެދެވޭ މަތިވެރި ކާމިޔާބީތަކަކަށް ބަދަލުކޮށްލެއްވުމަކީ ޤާބިލު ލީޑަރުންގެ ޚާއްޞަ ސިފައެކެވެ. އިސްލާމްދީނުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ޝަޚުޞިއްޔަތުގައިވާ އެންމެ ޚާއްޞަ މޮޅުއެއްކަމަކީ ލިބިވަޑައިގަންނަވާ އެއްވެސް ފުރުޞަތެއް އެންމެ އެދެވޭ ނަތީޖާ ނުހޯއްދަވައި ދޫކޮށްނުލެއްވުމެވެ. ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ މިރީތި ސުންނަތަކީ އެމާތް ސާހިބާ ހޯއްދެވި މިސާލެއް ނެތްފަދަ ބޮޑެތި މަތިވެރި ކާމިޔާބީތަކުގެ ސިއްރެވެ.
ތެދުވެރި ކޮންމެ މުސްލިމަކީވެސް އެމީހެއްގެ މަތިވެރި ޢަޤީދާއާއި އެމީހެއްގެ އާދަޔާޚިލާފު ހީވާގިކަމުގެ ސަބަބުން ބޮޑު ޖަމާޢަތެއްފަދަ މީހެކެވެ. މަތިވެރި ތަޙުރީކެއްފަދަ މީހެކެވެ. އިސްލާމީ ތަޙުރީކުގައި އަލަށް މިބައިވެރިވެވަޑައިގެންނެވި ބޭކަލުންނަކީ އެބޭކަލުންގެ ޢަދަދަށް ބަލާއިރު އެންމެ ހަ ބޭކަލުންނެވެ. ނުވަތަ އަށްބޭކަލުންނެވެ. ނަމަވެސް އެބޭކަލުންގެ އީމާންކަމުގެ ޖޯޝާއި، ހިންމަތާއި، މަސައްކަތްޕުޅުގެ ވަރުގަދަކަމަށް ބަލާއިރު އެބޭކަލުން ހަރަކާތްތެރި ވަރުގަދަ އިންޤިލާބީ ޖަމާޢަތްތަކަކާ ނުބައްދަލެވެ. އެބޭކަލުންގެ ބުންވަރު އެލުމެއްނެތް މަސައްކަތްޕުޅުން މަދީނާގެ ކޮންމެ ގެޔަކަށް އިސްލާމީ ތަޙުރީކު ވާސިލުކުރެއްވިއެވެ. މަދީނާގެ އެންމެން އެއްފަހަރާ އިސްލާމްނުވި ކަމުގައިވިޔަސް އިތުރު ސާހިބާގެ ވާހަކަ މަދީނާގައި ދެކެވޭންފެށީ ލޯތްބާއި އިޙުތިރާމާ އެކުގައެވެ. އެންމެން އިންތިޒާރުކުރާފަދަ ޤާބިލު ލީޑަރަކު މަތިވުމުން އެލީޑަރެއްގެ ވާހަކަ ދައްކައިއުޅޭނެގޮތަށެވެ. އާދެ، އެ ބޭކަލުން އިސްލާމީ ތަޙުރީކުގެ މަރުކަޒީ ރަށަކީ މަދީނާ ކަމުގައިވުމަށް މަގުފަހިކޮށްދެއްވިއެވެ.
ޢަޤަބާގެ އެންމެ ފުރަތަމަ ބައިޢަތު (ބައެއް ރިވާޔަތްތަކުގައި ދެވަނަ ބައިޢަތު)
އިސްލާމްދީނުގެ މަތިވެރި ޢަޤީދާ މަދީނާގައި ފެތުރި އާންމުވާން ފަށައިފިއެވެ. އެ ޢަޤީދާ ގަބޫލުކުރައްވައި އަންޞާރުންގެ މާތް ލަޤަބުން ޝަރަފުވެރިވެވަޑައިގަންނަވާ ބޭކަލުންގެ ހިތްޕުޅުތަކުގައި އުފެދި އުތުރިއަރާންފެށީ ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ނޫރާނީ މޫނުފުޅު ދެކެވަޑައިގެންނެވުމުގެ ޝައުޤުވެރިކަމެވެ. އެމާތް ސާހިބާގެ އަތްޕުޅުމައްޗަށް ބައިޢަތު ހިއްޕެވުމުގެ އެދުންފުޅެވެ. އެހެންކަމުން ވިދިގެންއައި އަހަރުގެ ޙައްޖު މޫސުމުގައި އޭގެތެރެއިން އެގާރަ ނުވަތަ ބާރަ ބޭކަލަކު މައްކާއަށް ވަޑައިގެންނެވިއެވެ. ނަބަވީ ދަރުބާރަށް ހާޒިރުވެވަޑައިގެންނެވިއެވެ. އިތުރު ސާހިބާގެ އަތްޕުޅުގެ މައްޗަށް ބައިޢަތު ހިއްޕެވިއެވެ. ވަޢުޡާއި އިރުޝާދު އަޑުއެއްސެވިއެވެ. އިތުރު ސާހިބާގެ އަގުހުރި ނަސޭހަތްޕުޅުތަކާއި އަސަރުގަދަ ވަޢުޡުން އެބޭކަލުންގެ ހިތްޕުޅުތައް އިތުރަށް އަލިވިއެވެ. އީމާންކަމުގެ ހޫނުކަމާއި ޖޯޝުން އެހިތްޕުޅުތައް އިތުރަށް ތާޒާވިއެވެ.
އިތުރު ސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ އަތްޕުޅުމައްޗަށް އެބޭކަލުން ބައިޢަތުހިއްޕެވީ، އަންނަނިވި ކަންކަމުގެ މައްޗަށެވެ.
1. އަހަރެމެން އަޅުކަންކުރާނީ އެއްކައުވަންތަ اللّــــه އަށެވެ. އެކަލާނގެ ރަސްކަންފުޅާ އެހެން އެއްވެސްފަރާތެއް ޝަރީކެއް ނުކުރާނޫއެވެ. އަދި
2. އަހަރެމެން ވައްކަމެއް ނުކުރާނޫއެވެ. ޒިނޭއެއް ނުކުރާނޫއެވެ. ދަރީން (އަންހެން ދަރީން) ޤަތުލެއް ނުކުރާނޫއެވެ. އަދި އަހަރެމެން މީހުންގެ ބޮލުގައި ދޮގު ތުހުމަތުތައް އަޅުވައި ޣީބަ ބުނެއެއް ނަހަދާނޫއެވެ. އަދި
3. رســـول اللّــــه صــلّـــــى اللّــــه عــلـيــــه وســلّـــــم އަމުރުކުރައްވައިފި އެއްވެސް ހެޔޮކަމަކަށް އަހަރެމެން ފަހެއް ނުޖެހޭނޫއެވެ. އުރެދިއެއް ނުގަންނާނޫއެވެ.
ތާރީޚުގައި މި ބައިޢަތު މަޝްހޫރުވެފައިވަނީ "ބައިޢަތުއްނިސާއު" ގެ ނަމުންނެވެ. ޢިލްމުވެރީން ވިދާޅުވާ ގޮތުގައި މި ބައިޢަތަށް އެނަން ދެވުނީ މި ބައިޢަތުގައި ޖިހާދުގެ ވާހަކަ ބަޔާންކުރާ "މާއްދާއެއް" ހިމެނިފައި ނުވާތީއެވެ. އެމާއްދާ ހިމެނިފައި ނުވަނީ އެހައިތަނަށް ޖިހާދު ފަރުޟުކުރައްވައިފައި ނުވާތީއެވެ.
މިފަހަރުގެ ބައިޢަތުގައި އަލަށް ބައިވެރިވެވަޑައިގެންނެވީ ހަތް ބޭކަލެކެވެ. ދެން ތިއްބެވީ ކުރީއަހަރު ބައިޢަތު ހިއްޕެވި ބޭކަލުންނެވެ. އަލަށް ބައިވެރިވެވަޑައިގެންނެވި ބޭކަލުންނަކީ:
1. مــعــــاذ بـــن الحـــــارث بـــن عــفـــــــراء (بـــنـــو الـنجّــار - خــــزرج)
2. ذكـــوان بـــن عــبــد الــقـيـس (بـــنـــو زُرَيــقُ - خــــزرج)
3. عــبـــادة بـــن الـصّـامـت (بـــنـــو غــنـــم - خــــزرج)
4. يــــزيـــد بـــن ثــعــلــبــة (بـــنـــو غــنـــم ގެ ޙަލީފެއް - خــــزرج)
5. عــبــاّس بــــن عــبــيــدة بــــن نـضـلــة (بـــنـــو سـالــم - خــــزرج)
6. عـــويـــم بــــن ســاعــدة (بـــنـــو عــمــــرو بــــن عــــوف - أوس)
7. أبـــو الــهـيثــــم بــــن الــتّــيـهـــان (بـــنـــو عــبــد الأشـهـــل - أوس)
(رضـــــــى اللّــــه عـــنـــــهـــم، الـــرّحــيـــق المـخــتـــــوم: مـــولانـــا صفـــيّ الــــرّحــمــــن މުބާރިކު ޕޫރީ)
މަދީނާއަށް މުބައްލިޣަކު ފޮނުއްވުން
ޔަޘްރިބުގެ މި ނަސީބުވެރި އަންޞާރުން ކުފުރުގެ އަނދިރީގެ ތެރެއިން އީމާންކަމުގެ އަލިކަމުގެ ތެރެޔަށް ނިކުމެވަޑައިގެންނެވުމާއެކު އެބޭކަލުން ވަނީ މުޅީން ބަދަލުވެވަޑައިގެންފައެވެ. އެބޭކަލުން މައްކާއަށް ވަޑައިގެންނެވީ ޖެހިލުންވެވަޑައިގެން ތިއްބަވައެވެ. ބިރުފުޅުން ތިއްބަވައެވެ. ނަމަވެސް އެނބުރިވަޑައިގެންނެވިއިރު އެބޭކަލުންގެ ހިތްޕުޅުތަކުގައި ވަނީ ނޫރު ލެއްވިގެންނެވެ. އެ ހިތްޕުޅުތަކުގައިވަނީ އަމާންކަމާއި ސަލާމަތުގެ ސުވަރުގެއަކާމެދު ކުރެއްވޭ ވަރުގަދަ އުންމީދުތަކެވެ. އީމާންކަމަކީ އިލާހީ އަދި އިންސާނީ ލޯބީގެ އާރުތައް ހިނގައިގަންނަ ކަމެކެވެ. އެމަތިވެރި ލޯބީގެ ބާރުގައި އިންސާނީ ބުއްދިއާއި ފިކުރު ބަވަނަވެއެވެ. އެއީ މުއުމިނުން ވަކިވެ އެނގޭ ނިޝާނެކެވެ. މުއުމިނުން އަނެކުންނަށްޓަކައިވެސް އެދެނީ ޚުދު ތިމާއަށްޓަކައިވެސް އެދޭ ހެޔޮއެދުންތަކެވެ. އެހެންކަމުން ޔަޘްރިބުގެ އައު މުސްލިމުންގެ ހިތްޕުޅުގެ އަޑީގެ އެދިވަޑައިގެންނެވުމަކަށްވީ އެބޭކަލުން ފަދައިން އެބޭކަލުންގެ ވަޒަނުގެ އެހެނިހެން އަޚުންނާއި އުޚުތުންގެ ޙަޔާތުވެސް އީމާންކަމުގެ އަގުބޮޑު ނިޢުމަތުން މުއްސަނދިވުމެވެ. އިސްލާމްކަމުގެ ރަޙުމަތުން އާރާސްތުވުމެވެ. އެހެންކަމުން ޔަޘްރިބުގައި އިސްލާމްދީން ތަބްލީޣުކުރައްވާނެ މުބައްލިޣަކަށް އެބޭކަލުން އެދިވަޑައިގެންނެވިއެވެ. ކައުސާހިބާ صـلّــــــى اللّــــه عــلـيــــه وسـلّـــــم އެބޭކަލުންގެ ހުށަހެޅުއްވުން ގަބޫލުކުރެއްވިއެވެ. މުބައްލިޣެއްގެ ގޮތުންނާއި މުޢައްލިމެއްގެ ހައިސިއްޔަތުން مـصــعــب بـــن عُـمَـــيــــــر رضـــــى اللّــــه عــنــــه މަދީނާއަށް ފޮނުއްވާން ހަމަޖެއްސެވިއެވެ. عــلاّمــــة إبــن خُــلدون ވިދާޅުވާގޮތުގައި إبـــن أمِّ مـكــتــــوم رضـــــى اللّــــه عــنــــه ވެސް مـصــعــب ގެ އަރިހުގައި މަދީނާއަށް ފޮނުއްވާން ހަމަޖެއްސެވިއެވެ.
(ނުނިމޭ)
އަބްދުﷲ ފާރޫގް ހަސަން
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
ކޮމެންޓް