ވޯލްޑް ކަޕް 2026 ގައި ފަހަތުން އަރައި ޖޯޑަން ބަލިކޮށް، އަލްޖީރިއާއިން ދެވަނަ ބުރުގެ އުންމީދެއް ހޯދައިފިއެވެ.
އަލްޖީރިއާގެ ގައުމީ ފުޓުބޯޅަ ޓީމަކީ އެފްރިކާ ބައްރުގެ އެންމެ ކާމިޔާބު އެއް ޓީމެވެ. 1964 ވަނަ އަހަރު ފީފާގައި ބައިވެރިވި މި ޓީމު ވަނީ ދުނިޔޭގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕްގައި ހަތަރު ފަހަރެއްގެ މަތީން ވާދަކޮށްފައެވެ. އެއީ 1982، 1986، 2010 އަދި 2014 އަހަރުއެވެ.
ވޯލްޑް ކަޕްގެ ތާރީހުގައި އަލްޖީރިއާއިން ހޯދި އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއަކީ 1982 ވަނަ އަހަރު ހުޅަނގު ޖަރުމަނުގެ މައްޗަށް 2-1 އިން ކުރި ހޯދުމެވެ. މީގެ އިތުރުން 2014 ވަނަ އަހަރުގެ މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށް، ދެކުނު ކޮރެއާ ކޮޅަށް ހަތަރު ގޯލު ޖަހައިގެން، ވޯލްޑް ކަޕް މެޗެއްގައި ހަތަރު ގޯލު ޖެހި އެފްރިކާގެ ފުރަތަމަ ގައުމުގެ ޝަރަފުވެސް އެ ޓީމުން ހޯދިއެވެ. އަލްޖީރިއާއިން ވަނީ 1990 އަދި 2019 ވަނަ އަހަރު އެފްރިކާ ކަޕް އޮފް ނޭޝަންސް ކާމިޔާބުކޮށްފައެވެ. އަދި 2021 ވަނަ އަހަރުގެ ފީފާ އަރަބް ކަޕްގެ ޗެމްޕިއަންކަންވެސް އެ ޓީމުން ހޯދިއެވެ.
ޖޯޑަން ގައުމީ ފުޓުބޯޅަ ޓީމަކީ މިހާރު އޭޝިއާ ބައްރުގައި އެންމެ ހަލުވިކޮށް ކުރިއަރަމުން އަންނަ އެއް ބާރެވެ. އެ ޓީމުން ވަނީ 2023 ވަނަ އަހަރުގެ އޭއެފްސީ އޭޝިއަން ކަޕްގެ ފައިނަލަށް ދަތުރުކޮށް، މުޅި ދުނިޔެ ސިއްސުވާލައިފައެވެ. މުބާރާތުގެ ސެމީ ފައިނަލުގައި ދެކުނު ކޮރެއާ 2-0 އިން ބަލިކުރުމަށްފަހު، ފައިނަލުގައި ގަތަރު އަތުން 3-1 އިން ބަލިވި ނަމަވެސް، މިއީ އެ ގައުމުގެ ފުޓުބޯޅަ ތާރީހުގައި ހޯދި އެންމެ ބޮޑު އެއް ކާމިޔާބީއެވެ.
މީގެ ކުރިން ދުވަހަކުވެސް ފީފާ ވޯލްޑް ކަޕަށް ކޮލިފައިވެފައި ނުވާ ޖޯޑަންއަށް މިފަހަރުގެ ވޯލްޑް ކަޕުން ޖާގައެއް ކަށަވަރުވުމަކީ ވެސް އެ ގައުމަށް ތާރީހީ ކާމިޔާބީއެކެވެ. މީގެ އިތުރުން ސަރަހައްދީ ފެންވަރުގައި ބަލާއިރު، އެ ޓީމުން ވަނީ 1997 އަދި 1999 ވަނަ އަހަރުގެ އަރަބް ގޭމްސްގެ ރަން މެޑަލް ހޯދުމުގެ އިތުރުން، 2025 ވަނަ އަހަރުގެ ފީފާ އަރަބް ކަޕްގެ ފައިނަލަށްވެސް ދަތުރުކޮށްފައެވެ. ފައިނަލުގައި ޖޯޑަން ބަލިވީ އެފްރިކާގެ ޗެމްޕިއަން މޮރޮކޯ އަތުންނެވެ.
ވޯލްޑް ކަޕް 2026 ގެ "ގްރޫޕު ޖޭ" ގައި އަލްޖީރިއާ ކުޅުނު ފުރަތަމަ މެޗުގައި އާޖެންޓީނާ ކެޕްޓަން ލިއޮނެލް މެސީގެ ހެޓްރިކާއެކު 3-0 ގެ ނަތީޖާއަކުން ވަނީ ބަލިވެފައެވެ. އަދި ޖޯޑަންގެ ފުރަތަމަ މެޗުގައި އޮސްޓްރިއާ އަތުން 3-1 ގެ ނަތީޖާއަކުން ވަނީ ބަލިވެފައެވެ. އެހެންކަމުން މުބާރާތުގައި ކުރިއަށްދިއުމަށް އަލްޖީރިއާ އަދި ޖޯޑަނަށް ވެސް މެޗު އޮތީ ވަރަށް މުހިންމު ވެފައެވެ.
އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައި އެޓީމުގެ ތަރި ރިޔާދް މަހްރޭޒް ބެންޗުން ފެށި ނަމަވެސް، މިއަދުގެ މެޗުގައި އޭނާއަށް ވަނީ ފުރަތަމަ 11 އިން ފުރުސަތު ލިބިފައެވެ. އޭގެ އިތުރުން މެންޗެސްޓާ ސިޓީއަށް ކުޅޭ ޑިފެންޑަރު ރަޔަން އައިޓް ނޫރީ އާއި އިބްރާހިމް މާޒާ ވަނީ މި މެޗުގެ ވެސް ފުރަތަމަ 11 ގައި ހިމަނައިފައެވެ. އަދި ގޯލްކީޕަރެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ލޫކާ ޒިދާނަކީ ފްރާންސް ލެޖެންޑް ޒައިނުއްދީން ޒިދާންގެ ދަރިއެކެވެ. އޭނާގެ ފަރާތުން އާޖެންޓީނާ މެޗުގައި ގޯސްތަކެއް ފެނިގެންދިޔައެވެ. މިއަދުގެ މެޗުގައި އަލްޖީރިއާގެ ނަބީލް ބެންތަލެބް ފެށީ ބެންޗުންނެވެ. އަލްޖީރިއާ އިން ވަނީ އެޓީމުގެ ތަރި މޫސާ އަލް ތާމަރީ، ފުރަތަމަ 11 ގައި ހިމަނައިފައެވެ.
އެމެރިކާގެ ސެން ފްރެންސިސްކޯ ބޭ އޭރިއާ ސްޓޭޑިއަމްގައި މިއަދު ކުޅުނު "ގްރޫޕު ޖޭ" ގެ މެޗުގައި އަލްޖީރިއާ އިން ޖޯޑަންގެ މައްޗަށް ކުރި ހޯދީ 2-1 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހަމަލާ ފޮނުވާލީ ޖޯޑަނުންނެވެ. މެޗު ފެށިތާ ފުރަތަމަ ދެ މިނެޓުގެ ތެރޭގައި ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ނިޒާރް އަލް ރަޝްދާން ބޮލުން ފޮނުވާލި ހަމަލާ، އަލްޖީރިއާގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
އަލްޖީރިއާ އިން ބޯޅަ ހިފަހައްޓައިގެން ކުޅެމުންދަނިކޮށް މެޗުގެ 11 ވަނަ މިނެޓުގައި ޖޯޑަނުން އިތުރު ފުރުސަތެއް ތަނަވަސްކުރިއެވެ. ކައުންޓާ އެޓޭކެއްގައި ލިބުނު ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން މޫސާ އަލް ތާމަރީ ފޮނުވާލި ހަމަލާ އަމާޒުވީ އަލްޖީރިއާ ކީޕަރު ޒިދާންއާ ދިމާއަށެވެ.
މެޗުގެ 20 ވަނަ މިނެޓުގައި އަލްޖީރިއާއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. އަލްޖީރިއާގެ ތަޖުރިބާކާރު ވިންގާ، ކެޕްޓަން ރިޔާދް މަހްރޭޒް ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ނުރައްކާކުރުމުގެ ކުރިން ޖޯޑަންގެ ޑިފެންސުން ވަނީ ދިފާއުކޮށްފައެވެ. އޭގެ ގިނައިރުތަކެއް ނުވެ އަލްޖީރިއާގެ ފަރޭސް ޝެއިބީ، ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާ ވެސް ވަނީ ބްލޮކްކޮށްފައެވެ.
މެޗުގެ 33 ވަނަ މިނެޓުގައި މަހްރޭޒަށް ގޯލު ޖަހާނެ އިތުރު ފުރުސަތެއް ލިބިގެންދިޔައެވެ. ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު މަހްރޭޒް ފޮނުވާލި ހަމަލާ، ޖޯޑަންގެ ކީޕަރު ޔަޒީދް އަބޫލައިލާ ވަނީ ކުރިއަށް ނުކުމެ ދިފާއުކޮށްފައެވެ.
މެޗުގެ 36 ވަނަ މިނެޓުގައި ޖޯޑަނުން ވަނީ އެޓީމުގެ ފުރަތަމަ ވޯލްޑް ކަޕް ގޯލު ކާމިޔާބުކޮށްފައެވެ. އަލް ތާމަރީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުން ޖޯޑަނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ނިޒާރް އަލް ރަޝްދާންއެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަދެފައިވަނީ އަލްޖީރިއާ ކީޕަރު ލޫކާ ޒިދާންގެ އަތުތެރެއިންނެވެ. މެޗުުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ޖޯޑަން ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި އަލްޖީރިއާއިން ވަރުގަދަ އެޓޭކަކާއެކު ފަށައި، މެޗުގެ 54 ވަނަ މިނެޓުގައި ނުރައްކާތެރި ހަމަލާއެއް ފޮނުވާލިއެވެ. ޕެނަލްޓީ އޭރިއާ ބޭރުން އިބްރާހިމް މާޒާ ފޮނުވާލި ހަމަލާ، ޖޯޑަންގެ ކީޕަރު އަބޫލައިލާ ވަނީ މަތަކޮށްފައެވެ. އޭގެ ފަސް މިނެޓު ފަހުން މާޒާއަށް އިތުރު ފުރުސަތެއް ލިބުނު ނަމަވެސް، ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު އޭނާ ފޮނުވާލި ހަމަލާ، ޖޯޑަންގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މެޗުގެ 61 ވަނަ މިނެޓުގައި ޖޯޑަނަށް ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ނޫރް އަލް ރުވާބްދޭ ފޮނުވާލި ހަމަލާ، އަލްޖީރިއާގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ. ޖޯޑަނުން އެންމެ ފާހަގަކޮށްލެވެނީ އެޓީމުގެ އެޓޭކުގައި ހިމެނޭ އަލް ތާމަރީ އާއި އަލީ އޮލްވާންގެ ނުރައްކަލެވެ.
މެޗުގެ 68 ވަނަ މިނެޓުގައި އަލްޖީރިއާ އިން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ކޯނަރުން މަހްރޭޒް ނަގައިދިން ހުރަހުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން އަލްޖީރިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ނަދީރް ބެންބުއާލީ އެވެ.
މެޗުގެ 71 ވަނަ މިނެޓުގައި ޖޯޑަނަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ޖޯޑަންގެ މަހްމޫދު އަލް މާދީ ފޮނުވާލި ހަމަލާ، އަލްޖީރިއާގެ ކީޕަރު ލޫކާ ޒިދާން ވަނީ މަތަކޮށްފައެވެ. އޭގެ ދެ މިނެޓު ފަހުން އަލްޖީރިއާގެ ނުރައްކަލެއް ފެނިގެންދިޔަ އިރު، މަހްރޭޒް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ޝެއިބީ ފޮނުވާލި ބާރު ހަމަލާ، ޖޯޑަންގެ ކީޕަރު އަބޫލައިލާ ވަނީ މަތަކޮށްފައެވެ.
މެޗުގެ 82 ވަނަ މިނެޓުގައި އަނެއްކާވެސް ކޯނަރެއްގެ ތެރެއިން އަލްޖީރިއާ އިން ވަނީ ގޯލު ޖަހައި ލީޑު ހޯދައިފައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅަ، ޖޯޑަންގެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އަލްޖީރިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އަމީން ގުއޭރީ އެވެ.
މި ނަތީޖާއާއެކު ފުރަތަމަ ތިން ޕޮއިންޓާއެކު އަލްޖީރިއާ އިން ދެވަނަ ބުރުގެ އުންމީދު އާކުރި އިރު، މިހާތަނަށް އެއްވެސް ޕޮއިންޓެއް ލިބިފައިނުވާ ޖޯޑަނަށް މިވަނީ އެގައުމުގެ ފުރަތަމަ ވޯލްޑް ކަޕް ދަތުރަށް ނިމުމެއް އައިސްފައެވެ. މި ގްރޫޕުން ހަ ޕޮއިންޓާއެކު އާޖެންޓީނާ ދެވަނަ ބުރަށް ވަނީ ދަތުރުކޮށްފައެވެ. ގްރޫޕުގައި ދެން ހިމެނޭ އޮސްޓްރިއާއަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އެންމެ ފޯރިގަދަ މެޗެއްގެ ގޮތުގައި މި ގްރޫޕުން ދެން ފެންނާނީ އަލްޖީރިއާ އާއި އޮސްޓްރިއާ ބައްދަލުކުރާ މެޗެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް