ވޯލްޑް ކަޕް 2026 ގައި ޕޯޗުގަލް ކުޅުނު ފުރަތަމަ މެޗުގައި ޑީއާރް ކޮންގޯއާ 1-1 އިން އެއްވަރުވުމުން އަމާޒުވި ފާޑުކިޔުންތަކަށް ނުބަލައި، އުޒްބެކިސްތާނާ ދެކޮޅަށް ކުޅޭ ދެވަނަ މެޗަށް ނުކުންނާނީ ކުރިއަށްވުރެ ބޮޑަށް ބަދަހިކޮށް ކަމަށް ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފިއެވެ.
"ގްރޫޕު ކޭ" ގައި ކޮންގޯއާ ދެކޮޅަށް ކުޅުނު މެޗުގައި ޕޯޗުގަލުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. އެއީ މެޗުގެ ހަވަނަ މިނެޓުގައި ޖާއޯ ނެވޭސް ބޮލުން ޖަހައި ކާމިޔާބުކުރި ގޯލެވެ.
އުޒްބެކިސްތާނާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން މާޓިނޭޒް ބުނީ ކޮންގޯއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ 20 މިނެޓުގައި ކުޅުންތެރިން މޮޅަށް ކުޅުނު ނަމަވެސް، އޭގެ ފަހުން ޓީމުގެ ޑިސިޕްލިން އަދި ރޭވުންތެރިކަން ގެއްލުނު ކަމަށެވެ. ނަމަވެސް އުޒްބެކިސްތާނާ ދެކޮޅަށް ކުޅޭ މެޗުގައި އެކަންކަން ރަނގަޅުކުރާނެ ކަމަށް އޭނާ ބުންޏެވެ.
"އަހަރެމެން މިތިބީ ވަރުގަދަކޮށް އަދި ސަމާލުކަން ދީގެން. އަދި އަހަރެމެންގެ ޓީމު އޮތީ ކުރިއަށްވުރެ ބޮޑަށް އެކުވެރިކޮށް. މިއީ މަރުހަލާއެއް. ހާސްކަމަކީ އަހަރެމެންގެ ޓީމުގެ ބައެއް ނޫން،" މާޓިނޭޒް ބުންޏެވެ.
މާޓިނޭޒް ބުނީ ދަށް ނަތީޖާއަކަށްފަހު ފާޑުކިޔުން އަމާޒުވުމަކީ އާންމު ކަމެއް ކަމަށާއި ބައެއް ފަހަރު އެއީ ބޭއިންސާފު ނުވަތަ ނެގެޓިވް ފާޑުކިޔުންތަކެއް ނަމަވެސް އެއީ ޓީމު ތައްޔާރުވާ ގޮތުގެ ބައެއް ނޫން ކަމަށެވެ.
މާޓިނޭޒް ބުނިގޮތުގައި ޓޮމާސް އަރައުހޯ ފިޔަވައި ޕޯޗުގަލްގެ ހުރިހާ ކުޅުންތެރިންނަށް ކުރިއަށްއޮތް މެޗުގައި ކުޅެވޭނެއެވެ. މީގެ ތެރޭގައި ފުރަތަމަ މެޗުގައި ނުކުޅޭ ރުބެން ޑިއާސް ވެސް ހިމެނެއެވެ. މީގެ އިތުރުން، ކޮންގޯ މެޗުގައި ދެއްކި ކުޅުމުގެ ސަބަބުން އުމުރުން 41 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯ ބެންޗުން ފެށުމަށް ގޮވާލަމުންދާ ދަނޑިވަޅެއްގައި، މާޓިނޭޒް ވަނީ އޭނާގެ ދިފާއުގައި ވާހަކަދައްކައިފައެވެ.
"އަހަރެމެންނަކީ ބޯޅަ ބޭނުންވާ ޓީމެއް. އަހަރެމެން ބޭނުންވަނީ ޑިފެންސްކޮށް އަވަހަށް ރިއެކްޓްކުރަން. އަހަރެމެން ބޭނުންވަނީ އަވަހަށް ކައުންޓައެޓޭކް ކުރަން. ހަރަކާތްތަކާއެކު ޖާގަ ހުޅުވާލަދޭނެ ކުޅުންތެރިއެއް ބޭނުންވޭ، އަދި ރޮނާލްޑޯއަކީ އެކަން ކުރަން އެންމެ މޮޅު އެއް ކުޅުންތެރިޔާ،" އޭނާ ބުންޏެވެ.
މާޓިނޭޒް އިތުރަށް ބުނީ ރޮނާލްޑޯއަކީ ގައުމަށްޓަކައި ގިނަ ދުވަސްތަކެއް ވަންދެން ކުޅެ، ކާމިޔާބު ހޯދައިދިނުމަށް މަސައްކަތްކުރަމުން އަންނަ ކުޅުންތެރިއެއް ކަމަށާއި އޭނާ ބޭނުންވަނީ ޓީމަށްޓަކައި އިތުރަށް ކުރިއަރަން ކަމަށެވެ. އަދި ރޮނާލްޑޯއަކީ ޓީމަށް ހުރި ނަމޫނާއެއް ކަމަށް ވެސް ކޯޗު ބުންޏެވެ.
"ގްރޫޕް ކޭ" ގެ ފުރަތަމަ މެޗުގައި އުޒްބެކިސްތާން އަތުން 3-1 އިން މޮޅުވެ ކޮލަމްބިއާ އޮތީ ގްރޫޕްގެ އެއްވަނައިގައެވެ. މާޓިނޭޒް ބުނީ ކޮލަމްބިއާއާ ހަމައަށް ގޮސް، މުބާރާތުގެ ނޮކްއައުޓް ބުރަށް ދިއުމަށް މޮޅެއް ހޯދުން މުހިންމުކަން ޓީމަށް އެނގޭ ކަމަށެވެ.
"މާޔޫސްކަމުގެ އިހުސާސަކީ ޓީމެއްގެ ގޮތުގައި އަހަރެމެން އެންމެންނަށް ވެސް ކުރެވޭ އިހުސާސެއް. އަހަރެމެންގެ ފެންވަރުގައި އުޒްބެކިސްތާން މެޗުގައި 90 މިނެޓު ވަންދެން ކުޅެން ތައްޔާރަށް އޮތް ޓީމެއް އޮންނާނެ ކަމުގެ އިހުސާސް ކުރެވޭ،” މާޓިނޭޒް ބުންޏެވެ.
ވޯލްޑް ކަޕްގެ "ގްރޫޕު ކޭ" ގައި އުޒްބެކިސްތާނާ ދެކޮޅަށް ޕޯޗުގަލް ނުކުންނާނީ ރާއްޖޭގަޑިން މިރޭ 10:00 ގައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް