އިންޑިއާގެ ހޫނުމިން އާދަޔާ ހިލާފަށް މައްޗަށް ދިއުމުގެ ސަބަބުން އެ ގައުމުގެ 28 ސްޓޭޓެއްގެ ތެރެއިން ދެބައިކުޅަ އެއްބައި ސްޓޭޓްތަކުގެ ސްކޫލްތައް ބަންދުކުރަން ޖެހި، ދަރިން ބެލުމަށްޓަކައި ގިނަ އަދަދެއްގެ އަންހެނުންނަށް ވަޒީފާ ދޫކޮށްލަން މަޖުބޫރުވެއްޖެއެވެ.
ދަ ގާޑިއަން ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފިނިހޫނުމިން 41 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ދިއުމާ ގުޅިގެން ދިއްލީ އާއި އެހެނިހެން ސަރަހައްދުތަކުގެ ސްކޫލްތައް ވަނީ ހަފުތާތަކަކަށް ބަންދުކޮށްފައެވެ. މީގެ ސަބަބުން ގޭތެރޭގެ ޒިންމާތައް އުފުލަން ޖެހޭ އަންހެނުންނަށް ވަޒީފާގެ ވަގުތު މަދުކުރުމަށާއި މުސާރަ ކުޑަ ވަޒީފާތަކަށް ބަދަލުވުމަށް ނުވަތަ މުޅިން ވަޒީފާ އިން ވަކިވުމަށް ވަނީ މަޖުބޫރުވެފައެވެ.
އދ. ގެ ކުޑަކުދިންނާ ބެހޭ ފަންޑު (ޔުނައިޓެޑް ނޭޝަންސް ޗިލްޑްރަންސް ފަންޑް - ޔުނިސެފް) އިން 2026 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، އިންޑިއާގެ 392 މިލިއަން ކުޑަކުދިންނަށް އާދަޔާ ހިލާފު ހޫނުގެ ނުރައްކާ ވަނީ ކުރިމަތިވެފައެވެ. އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުދިންގެ ކިޔެވުމަށް ބުރޫއަރައި، އަހަރެއްގެ މައްޗަށް ކިޔަވައިދޭ ދުވަސްތަކުގެ 10 އިންސައްތަ ގެއްލެމުންދާ ކަމަށް ތަޖުރިބާކާރުން ލަފާ ކުރެއެވެ.
ނޮއިޑާގައި ދިރިއުޅޭ މަންމައެއް ކަމަށްވާ ސާކްޝީ ކަޓްޔާލް ބުނި ގޮތުގައި، ސްކޫލްތައް ބަންދު ކުރުމުގެ ސަބަބުން ދަރިފުޅު ބެލުމަށްޓަކައި އޭނާ ވަނީ މުސާރަ ބޮޑު ވަޒީފާއެއް ދޫކޮށްލައިފައެވެ. އަދި ފާއިތުވި އަހަރަކީ ހަނގުރާމައެއް ފަދަ އަހަރެއް ކަމަށް އޭނާ ސިފަކުރިއެވެ.
މި މައްސަލައާ ގުޅޭގޮތުން ވާހަކަދެއްކި ލޭބާ އިކޮނޮމިސްޓަކު ވިދާޅުވި ގޮތުގައި، ސްކޫލްތައް ބަންދުކުރުމުގެ ސަބަބުން އަންހެނުން ގޭގައި މަޑުކުރަން ޖެހުމަކީ އާއިލާތަކުގެ އާމްދަނީ ދަށްވެ، ފަގީރުކަމާ ގާތަށް މީހުން ހުށަހެޅިގެންދާ ކަމެކެވެ. މީގެ އިތުރުން، އިންޑިއާ ސަރުކާރުގެ ތިންކް ޓޭންކް، ނީތީ އާޔޯގުގެ ކުރީގެ ޑިރެކްޓަރެއް ކަމަށްވާ އުރްވަޝީ ޕްރަސާދު ފާހަގަކުރެއްވި ގޮތުގައި، އިންޑިއާގައި އެކުލަވާލާފައިވާ ހޫނުމިނާ ގުޅޭ ސިޔާސަތުތަކުގައި އަންހެނުންނަށް ކުރިމަތިވާ ހާއްސަ ދަތިތަކަށް ރިއާޔަތްކޮށްފައެއް ނުވެއެވެ.
އެމްއެސް ސްވާމިނާދަން ރިސާޗް ފައުންޑޭޝަނުން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި، ނުރަސްމީ ދާއިރާގައި މަސައްކަތްކުރާ އަންހެނުންގެ ތެރެއިން 97 އިންސައްތަ މީހުންނަށް ހޫނު މޫސުމުގައި އާމްދަނީގެ ބޮޑު ބައެއް ގެއްލެއެވެ. މިހާރުވެސް އިންޑިއާގެ އުތުރުގެ ގިނަ ސްޓޭޓްތަކެއްގައި، އޭގެ ތެރޭގައި ހަރިޔާނާ އާއި ވާރާނަސީ ހިމެނޭހެން، ސްކޫލްތައް ބަންދުކުރުމަށް ނުވަތަ ކިޔަވައިދޭ ގަޑިތައް ހެނދުނަށް ބަދަލުކުރުމަށް ވަނީ އަންގައިފައެވެ. އިންޑިއާ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓް (އައިއެމްޑީ) އިން ވަނީ އުތުރުގެ ގިނަ ސްޓޭޓްތަކަކަށް ރެޑް އެލާޓް ނެރެފައެވެ.
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ
ކޮމެންޓް