ކޮޅުމަޑުލު ވަންދޫއަށް އަލަށް ޒިޔާރަތްކުރާ މީހެއްގެ ލޮލުގައި އެންމެ އަވަހަށް އަޅައިގަންނާނެ އެއްތަނަކީ ވަންދޫ ބޮޑުވަޅެވެ. ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި ވަޅުހުރެއެވެ. ކުދިވަޅާއި ބޮޑުވަޅެވެ. އަމިއްލަ ވަޅާއި ބަންޑާރަ ވަޅެވެ. އެހުރިހާ ވަޅަކާއި ވަންދޫ ބޮޑުވަޅު ތަފާތެވެ. ވަރަށް ތަފާތެވެ. މީސްތަކުންގެ ލޮލުގައި އަޅައިގަންނަނީވެސް ތަފާތުވީމައެވެ. އެ ތަފާތަކީ ކޮބައިހެއްޔެވެ. ވަންދޫ ބޮޑުވަޅަކީ ހަމައެކަނި ވަޅެއް ނޫނެވެ. އެއީ ހިނާގެއެކެވެ. ވަށްބުރު ބައްޓަމަށް ފަރުމާކުރެވި ހިޔާކުރެވިފައިވާ ގެއެކެވެ. ވަޅުހުރީ އެގޭގެ މެދުގައެވެ. ވަޅަކީވެސް ވަށްބުރު ވަޅެކެވެ. މީސްތަކުން އިށީނުމަށާއި އަރާމުކުރުމަށް އިއްތައިލަން މިދެންނެވި ގޭގެ ވަށައިގެން ސިމެންތި އަށްޓެއް ހުރެއެވެ. ގެއެކޭ ދެންނެވިއަސް ގެއެއްގެ ބައްޓަމެއް ނޫނެވެ. ތަޅުލައި ބަންދުކުރެވޭ ތަނެއް ނޫނެވެ. ވައިވެއްދުމަށާއި އަލިވައްދަން ވަށައިގެން ކިޑިކީ ހުރެއެވެ. މިޒާތުގެ ތަންތަނަށް ރާއްޖެއިން ބޭރުގައި ކިޔަނީ ބާތްހައުސްއެވެ. ހިނާގެއެވެ.
އާއްމު ހިނާގެއަކީ ޖަމާއަތެއްގެ ބަޔަކު އެއްފަހަރާގޮސް ފެންވަރައި ގައިމޮޑެ އަރާމުކުރަން ތިބުމަށްޓަކައި ޚާއްސަ ތަންތަނެވެ. ވަންދޫ ބޮޑުވަޅު ފިޔަވައި ރާއްޖޭގެ އެއްވެސް ރަށެއްގައި މިޒާތަށް ފަރުމާކުރެވިފައިވާ އާއްމު ހިނާގެއެއް ހުރިކަމެއް ނޭގެއެވެ. މިފަދަ ތަނެއް ވަންދޫގައި ހުރުމުގެ ސިއްރަކީ ކޮބައިބާވައެވެ. މިސުވާލުގެ ޖަވާބު ހޯދުމަށްޓަކައި އެންމެފުރަތަމަ ހާވައިލަންޖެހެނީ ވަންދޫގެ ތާރީޚެވެ. ވަންދޫ ބޮޑުވަޅަކީ ދިވެހިރާއްޖޭގައި ސިމެންތި އާއްމުވުމުގެ މާކުރީގައި ތައްޔާރު ކުރެވިފައިވާ ސިމެންތި ވަޅެކެވެ. ވަޅުގެ ވަށައިގެންވާ ތަޅުންގަނޑާއި މީހުން އިއްތައިލުމަށް ހަދާފައިވާ އަށްޓަކީވެސް ސިމެންތިއެވެ. ވަޅުގައި ކަނޑާނަގައިގެން ލިޔެފައިވާ ތާރީޚުން އެގެނީ މިއީ މީލާދީން 1928 ވަނަ އަހަރު ކުރެވިފައިވާ މަސައްކަތެއް ކަމެވެ. އެހެންވިއްޔާ އެއީ މީގެ 98 އަހަރު ކުރިއެވެ. އެދުވަސްވަރު ދިވެހިން މިޒާތުގެ މަސައްކަތަށް ބޭނުންކުރީ އުވައެވެ. ފެންވަރާން އެރި އުޅުނީ ވެވަށެވެ. ވަޅުވަޅު އާއްމުވީ އޭގެ މާފަހުންނެވެ.
ވެވަކީ ދިވެހިރާއްޖޭގެ ރަށްރަށުގައި މީހުން އެރި ފެންވަރައި ހެދުމަށްޓަކައި ކުރީޒަމާނުގައި ކޮނެ ކައިރިހަދައި ފައްތަރުވެސް ލައިފައި ހުންނަ ފެންފެންގަޑެވެ. ފޯރާ މީހުންގެ ގޭގޭގައި ޕްރައިވެޓް ވެޔޮ ހުންނައިރު އެޒާތުގެ ވަސީލަތެއްނެތް މީހުންނަށް ބަންޑާރަ މާވެވެކެވެ. ކޮންމެ ރަށެއްގަައިވެސް މަދުވެގެން އެޒާތުގެ އެއްވެޔޮ އޮންނާނެއެވެ. މިޒަމާނުގެ ކުދިންނަށް ވެވަކީ ކޮބައިކަން ކިޔައިދިނުމަށް އެންމެ އެކަށީގެންވާ ލަފުޒަކީ ސުވިމިންޕޫލް ކަމަށް ފެނެއެވެ. ހިނާގެ ނުވަތަ ހައްމާމަކީ ފެންވެރުމަށްޓަކައި ވަށައިގެން ބަންދުކުރެވޭ ގޮތަށް ހަދައިފައި ހުންނަ ތަންތަނެވެ. މުޅިއަކުން ދިވެހި ގިފިއްޔެއްވެސް ނޫނެވެ. ބަހުގެ އަސްލަކީ އަރަބި ޙައްމާމެވެ. އެކަމަކު އެއީ ދިވެހިވެސް ވެފައިވާ ލަފުޒެކެވެ. މިޒަމާނުގެ ކުދީންނަށް ހައްމާމު ކިޔައިދިނުމަށްޓަކައި އެންމެ އެކަށީގެންވާ ލަފުޒަކީ ބާތްހައުސް ކަމަށް ފެނެއެވެ. ސްޕާއެކޭ ކިޔަަސް މައްސަލައެއް ނެތެވެ. އަޅުގަޑު ކިޔާހިތްވާ ނަމަކީ ހިނާގެއެވެ. ޖަމާއަތެއްގެ ބަޔަކު އެއްފަހަރާ ވަދެތިބެ ހިނެއުމަށް ބޭނުންކުރާ ޚާއްސަ ގެޔަކަށްވާތީއެވެ.
ވަންދޫ ހިނާގެ ހަދައިފައި އެވަނީ އެތަނާ ޖެހިގެން ދެކުނަށް މިހާރުއޮތް ހުސްބިމުގައި ހުރި ކުރީޒަމާނުގެ މާވެވަށް ފަސްއަޅައި ފޮރުވުމަށްފަހުގައެވެ. ކުރީޒަމާނުގައި ވަންދޫގައިވެސް އާއްމުން ފެންވަރައި އުޅުނީ ވެވަށް އެރިގެންނެވެ. އެތަން ފޮރުވުމަށްފަހު ބޭނުން ކުރަންފެށި ބޮޑުވަޅު ހެދުމަށް ބޭނުންކުރި ސިމެންތިއަކީ ރާއްޖެއިން ބޭރުން ގެނައި ސިމެންތިއެވެ. ވަންދޫއަކީ މާލިމީންގެ ރަށެކެވެ. ޝާހީ ނައުޒޯގުފަހަރުގެ ނެވިންނާއި ފަޅުވެރިންގެ ގިނަ މީހުން ނިސްބަތްވި ރަށަކީ ވަންދޫއެވެ. ސިމެންތި ގެނައީ އެމީހުންނެވެ. ވަންދޫގެ އުމުރުން ދުވަސްވީ މީހުން ކިޔައިދޭގޮތުން އޭރުގެ ސިމެންތި ހުންނަނީ ލަކުޑި ފީފާތަކުގައެވެ. އެއީ މާވަރުގަދަ ޕޯޓްލެންޑް ސިމެންތިއެކެވެ. އެއީ ތެދެކެވެ. ހިނާގެއަށްވަދެ ބަލައިލީމާ ހަލާކުވުމާއި ވީރާނާވުމުގެ އަސަރެއްވެސް ނުފެނެއެވެ. ކުރެވިފައިވާ މަސައްކަތުގެ ފޭރާންވެސް ވަރަށް ރީއްޗެވެ. ބޮޑަށް ބެލެވެނީ މިތަން ތައްޔާރު ކުރުމުގައި އެކަމުގެ ފަންނުވެރިން މާލެއިންވެސް ގެންދިޔަ ކަމުގައެވެ.
ކުރީގެ މާވެޔޮ ފޮރުވުމަށްފަހު ދިވެހިރާއްޖޭގެ ބަޔަކު އޭރު ނުދަންނަ އައު ބާވަތެއް ކަމަށްވާ ސިމެންތި ގެނެސްގެން ހިނާގެއެއް ގާއިމުކުރުމަކީ ކުޑަ މަސައްކަތެއް ނޫނެވެ. ޚަރަދުގެ ގޮތުންވެސްމެއެވެ. ފެން ހަރުނުލާނޭހެން ނަރުދަމާއަކާއި ފިނިކުރާނޭ ގޮތްވެސް ހިމަނައިގެން އާއްމު ހިނާގެއެއް ގާއިމުކުރީ މުޅިންވެސް ރަށުގެ ރައްޔިތުންގެ ޚަރަދުގައެވެ. މިހިސާބުން އުފެދޭ ސުވާލަކީ ފަސޭހަގޮތް ދޫކޮށްލައި ބޮޑު ޚަރަދެއްކޮށްގެން ބަޔަކު އެހައިތަނަށް ނުދަންނަ އަދި ތަޖުރިބާވެސް ނުކުރާ ޒަމާނީ މުޅިން އައުގޮތެއް ވަންދޫގެ ރައްޔިތުން އިޚުތިޔާރު ކުޅައީ ކީއްވެގެން ބާވައެވެ. ވަންދޫގެ ދުވަސްވީ މީހުން ކިޔައިދޭގޮތުން މިވަޅުގެ ބޭނުމަކީ އެކިބޭނުންތަކަށް ވަންދޫއަށް އަރާ އަޖުނަބީން ފެންވަރައި ތާހިރުވެވޭނެ އާއްމު ތަނެއް ވުޖޫދު ކުރުމެވެ. އޭރުގެ ވަންދޫއަކީ ކޮޅުމަޑުލުގެ އެންމެ ބޮޑު އާބާދީއެވެ. އެހެންވީމާ އެކިބޭނުންތަކުގައި ވަންދޫއަށް އަރައިފައިބާ އަޖުނަބީން ވަރަށް ގިނަވާނެއެވެ. އޭރެކޭ އެއްގޮތަށް މިހާރުވެސް ވަންދޫ ރައްޔިތުންނަކީ މެހުމާނުންނަށް ކަމޭހިތާ އޯގާތެރި ދީލަތި ހެޔޮބައެކެވެ.
އިހުގެ ވަންދޫއަކީ މާލޫދުގެ ވަރަށް ބޮޑު ރަށެކެވެ. މާލޫދު މޫސުމުގައި އެއީ މާލޫދު އީދެކެވެ. އަތޮޅުގެ ކުދިބޮޑު ގިނަބަޔަކު އެކަމަށްޓަކައި ވަންދޫއަށް އަރާނެއެވެ. އެމީހުންނަށްޓަކައި ރަށުގެ ރައްޔިތުން ބޮޑެތި ކޭންތައް ތައްޔާރު ކުރާނެއެވެ. އެންމެންވެސް އުޅޭނީ މެހުމާންދާރީ އަދާކުރުމުގައެވެ. އެހެންވީމާ ބޮޑު ޚަރަދެއް ކޮށްގެން އީޖާދީ ވިސްނުމެއްގައި މެހުމާނުންގެ ލުއިފަސޭހަޔަކަށް ހިނާގެއަކާއި ބޮޑުވަޅެއް ގާއިމުކުރީއެވެ. މިނަޒަރުން ވިސްނާއިރު މިއީ މެހުމާންދާރީ އަދާކުރުމުގައި ވަންދޫގެ ޒަމާންވީ ސަގާފަތު ރަމްޒުކޮށްދޭ ވަރަށް އަގުބޮޑު ބިނާއެއްކަމުގައި ސިފަކުރާހިތްވެއެވެ. މާލޫދު އީދަކީ ކޮންމެ އަހަރެއްގެވެސް ވަކި ދުވަސްވަރެއްގެ ކަމެކެވެ. ދެންބާކީ ހުންނަ ދުވަސްތަކުގައި އެކަމެއް ނޯންނާނެއެވެ. އެހެންވީމާ މިތަނުގެ ބޭނުން ވަންދޫގެ ރައްޔިތުންވެސް ހިފާނެއެވެ. ހިފިއެވެ. ޒަމާން މިއޮތީ ބަދަލުވެފައެވެ. މިއީ ހިނާގެއަށްވަދެ އެންމެނަށް ފެންނާނޭހެން ދާނިން ފެންވެރުމުގެ ޒަމާނެއް ނޫނެވެ. އެހެންވިޔަސް ރަށުގެ ތާރީޚު ދެމެހެއްޓުމުގެ ވިސްނުމުގައި ހިނާގެ ހިމާޔަތްކުރުން މުހިންމުކަމަށް ފެނެއެވެ.
އިމާދު ލަތީފު
ތ. ވަންދޫ
ތ. ވަންދޫ
ތ. ވަންދޫ
ކޮމެންޓް