ދިވެހިރާއްޖޭގެ ރައްޔިތުން އިސްލާމްދީނުގެ މަތިވެރި ހިދާޔަތު ލިބިގަތީ މީލާދީން 1153 ވަނަ އަހަރުއެވެ. އޭގެފަހުން މިހާތަނަށް މިވީ 873 އަހަރެވެ. އިސްލާމްވުމުގެ ކުރިން ރާއްޖޭގެ ރަށްރަށުގައި ބޮޑުކޮށް ފެތުރިފައިއޮތީ ބުދުދީނެވެ. އެކިރަަށްރަށުގައި ހުރީ އެކިވަރުގެ ބުދުކޯލުތަކެވެ. ނުވަތަ ބުދުފައްޅިތަކެވެ.

އިސްލާމްވުމަށްފަހު އެކަހަލަ ބައެއް ތަންތަން މިސްކިތްތަކަށް ބަދަލުކުރިއެވެ. ބޮޑެތި ބައެއް ބުދުކޯލުތަކުގެ މައްޗަށް ގަލާއި ފަސްއަޅައި ފޮރުވާފައިވެސް ހުއްޓެވެ. އެކަހަލަ ތަންތަނުގެ އަސަރު އަދިވެސް ރާއްޖޭގެ ބައެއް ރަށްރަށުން ފެނެއެވެ. އާސާރީ ތަންތަނުގެ ގޮތުގައެވެ. މިދެންނެވި ޒާތުގެ އުސްގަޑުތަކަށް އެކިރަށްރަށުގައި ކިޔަނީ އެކިނަމެވެ. ފުވައްމުލަކުގައި ހުންނަނީ ހަވިއްތައެކެވެ. ހައްދުންމަތީ އިސްދޫގައި ހައްތެއްޔެކެވެ. މިލަދުންމަޑުލު ދެކުނުބުރީ ލަންދޫގައި ހުންނަނީ މާބަދިގެއެކެވެ. ނަމުގެ އަސްލަކީ މާބުދުގެއެވެ. އަރިއަތޮޅު އުތުރުބުރީ ތޮއްޑޫގައި ހުންނަނީ ދާގަބާއެކެވެ. މާލެއަތޮޅު ކާށިދޫގައި ތަރާގަޑެކެވެ. ކުރުހިންނަ ތަރާގަޑެވެ.

ކޮޅުމަޑުލު ވަންދޫ އުސްފަސްގަޑު. ފޮޓޯ އިމާދު ލަތީފު، ވަންއޮންލައިން ---

ކޮޅުމަޑުލު ކިނބިދޫގައި ހުރީ ވޭރެކެވެ. ދިވެހިރާއްޖޭގެ އެކިރަށްރަށަށް 2004 ވަނަ އަހަރު އެރި ސުނާމީގައި ކިނބިދޫ ވޭރުގެ އަސަރުވަނީ ނެތިގެން ފުހެވިގެން ގޮސްފައެވެ. އެކަމަކު ކޮޅުމަޑުލު ވަންދޫގައި އެޒާތުގެ އުސްގަޑެއް އަދިވެސް އެބަހުއްޓެވެ. އެތަނަށް ވަންދޫ މީހުން ކިޔަނީ އުސްފަސްގަޑެވެ. ކޮންމެ ނަމެއްކިޔަސް ތަނުގެ އަސްލު އެކައްޗެކެވެ. ބުދުކޯލެކެވެ. ފައްޅިއެކެވެ. ވަންދޫ އުސްފަސްގަޑަށް ނަޒަރު ހިންގައިލާއިރު އެއީ ކުޑަތަނެއް ކަމަށް ނުފެނެއެވެ. އެއީ ބޮޑުތަނެކެވެ. ބޮޑުއޭރިޔާއަކަށް ފެތުރިފައިވާ ތަނެކެވެ. އެހެންވީމާ އެކަހަލަ ތަނެއްގެ މައްޗަށް ގަލާއި ފަސްއަޅައި ފޮރުވުމަކީ ފަސޭހައިން ކުރެވޭނެ ކަމެއް ނޫނެވެ. އަދިއެއީ އެއްދުވަހަކުން ދެ ދުވަހަކުން އަދި ދެ ހަފުތާއަކުންވެސް ކުރެވޭނެ ކަމެއް ނޫނެވެ. އެކަން ކުރެވޭނީ ގިނަބަޔަކު ބައިވެރިވެގެން ގިނަ ދުވަހުންނެވެ. ރާއްޖޭގެ ރަށްރަށުގައި ބުދުކޯލުތައް މުޅިން މުގުރައި ނައްތައިލުމުގެ ބަދަލުގައި އޭގެ މައްޗަށް ގަލާއި ފަސްއަޅައި ފޮރުވުމުގެ ބޭނުމަކީ ކޮބައި ބާވައެވެ.

އެތައްހާސް އަހަރަކަށް އުޅެމުންއައި ދީނެއް ދޫކޮށްލުމަކީ އެއްވެސް ބަޔަކަށް ފަސޭހަވާނޭ ކަމެއް ނޫނެވެ. އެކަމަކު ވެރިކަމުގެ ފަރާތުން ވަކިގޮތަކަށް އެންގީމާ މަތިމަތިން އައުދީން އިޚުތިޔާރުކޮށް އަނެއްކާވެސް ފުރުސަތެއް ލިބުނީމާ އިހުގެ ދީނަށް ރުޖޫއަވުމުގެ ވިސްނުން ގެންގުޅުނު މީހުން މަދެއް ނުވާނެއެވެ. އެގޮތުން ބުދުކޯލުތަކާމެދު އެމީހުންގެ ވިސްނުމަކަށްވާނީ ވަގުތީގޮތުން ފޮރުވާފައި ބެހެއްޓުމެވެ. ފުރުސަތެއް ލިބުނީމާ އޭގެ އަސްލަށް އަލުން ރުޖޫއަކުރުމާއި ރުޖޫއަވެގަތުމުގެ ބޭނުމުގައެވެ. ފުވައްމުލަކު ހަވިއްތަޔާއި އިސްދޫ ހައްތެއްޔާއި ތޮއްޑޫ ދާގަބާހުރި ހިސާބު ހާވައިކޮނެގެން ބެލީމާ ފެނުނު ތަކެތިން މިދެންނެވި ބަހަށް ބާރުލިބެއެވެ. އެއްވެސް ގެއްލުމެއް ލިބިފައިނެތް ބުދުތައް ބައެއް ތަންތަނުން ފެނިފައިވެއެވެ. ވަންދޫ އުސްފަސްގަޑުން މިދެންނެވި ބާވަތުގެ އެއްވެސް އެއްޗެއް މިހާތަނަށް ފެނިފައެއް ނުވެެއެވެ. ހޯދަންވެސް މާކަބޮޑު މަސައްކަތެެއް ކުރެވިފައެއް ނުވެއެވެ. ކުރެވުނުކަން އެނގޭކަށެއްވެސް ނެތެވެ.

ކޮޅުމަޑުލު ވަންދޫ އުސްފަސްގަޑު. ފޮޓޯ އިމާދު ލަތީފު، ވަންއޮންލައިން ---

މިދެންނެވީ އުސްފަސްގަޑުގެ އަޑީގައިހުރީ ކޮންއެއްޗެއްކަން ބެލުމަށްޓަކައި ހާވައި ކޮނެގެން ބެލުމުގެ ދިރާސާތަކެއް ނުކުރެވޭ ވާހަކައެވެ. ދިވެހިރާއްޖޭގެ މަޝްހޫރު ތާރީޚު އިލްމުވެރިޔާ އަލްއުސްތާޒު މުހައްމަދު އިބްރާހިމް ލުތުފީގެ ޒަމާނުގައި އޭނާ ވަންދުއަށް ވަޑައިގެން އުސްފަސްގަޑަށް ޒިޔާރަތް ކުރައްވައި މަތިމަތިން ބެއްލެވި ވާހަކަ އެރަށުގެ ދުވަސްވީ މީހުން ބުނެއެވެ. އޭނާވެސް އެރަށުގައި ގިނަދުވަހު މަޑުކުރައްވައި ތަނުގެ މާބޮޑު ދިރާސާއެއް ހެއްދެވިކަމެއް އެނގޭކަށް ނެތެވެ. ރާއްޖޭގެ އެނޫން ބައެއް ރަށްރަށުގައި ހުރި މިޒާތުގެ ތަންތަނާއި އާސާރުތަކުގެ ދިރާސާތައް ހެދިފައިވާތީ އެތަންތަނުގެ ތާރީޚާއި އަސްލުގެ މައްޗަށް ހިސާބަކަށް އަލިކަން ލިބެއެވެ. އެކަހަލަ އެއްވެސް އަލިކަމެއް ވަންދޫގެ އުސްފަސްގަޑަކަށް އަދިނޭޅެއެވެ. ތަނުގެ އަޑީގައިހުރީ ކޮންކަހަލަ އާސާރެއްކަން ނޭގުމުގެ އިތުރަށް އެއީ ކިހައިދުވަސްވީ ތަނެއްކަން އަންދާޒާ ކުރެވޭގޮތްވެސް އަދިއޮތީ ނުވެފައެވެ. އެއީ ކުރަންޖެހިފައިވާ މަސައްކަތެކެވެ.

ވަންދޫ އުސްފަސްގަޑަކީ ރާއްޖެ އިސްލާމްވުމުގެ ކުރީގެ ތާރީޚަކާ ގުޅުންހުރި އާސާރެކެވެ. އެންމެ މަދުވެގެންވެސް ހާސްއަހަރުވެފައިވާ އާސާރެކެވެ. ތަން ހާވައި ކޮނެބަލައިގެން ފެންނަ އެއްޗެއްގެ ފަރުމާޔާއި ބައްޓަން ދިރާސާކުރީމާ ކިހައިދުވަސްވީ ތަނެއްކަންވެސް އެނގޭނެއެވެ. ކުރުހިންނަ ތަރާގަނޑާއި ދާގަބާގެ އުމުރުވެސް އަންދާޒާ ކުރެވުނު ނުވަތަ ކުރެވޭ ބީދައިންނެވެ. މި އުސްގަޑު ހުރީ ދާދިފަހަކާ ހަމަޔަށްވެސް ރަށުގެ ހުޅަނގުއުތުރުން ވަލުތެރޭގައެވެ. އެހިސާބުން ގޯތި ދޫކުރަމުންއައިސް މިހާރު އުސްގަޑު އެހެރީ ޓައުނުގެ ތެރޭގައެވެ. އުސްގަޑާއި ޖެހިގެން އިރުމަތިން މަގެކެވެ. ދެކުނުންވެސް މަގެކެވެ. އުތުރާއި ހުޅަނގުން އަމިއްލަ މީސްމީހުންގެ ގޯއްޗެވެ. މިބަދަލުތަކުގެ ސަބަބުން އުސްގަޑުގެ ހަގީގީ އޭރިޔާ ވަރަށް ކުޑަވެފައިވާ ކަމަށް ބެލެވެއެވެ. ދާދިފަހަކުން ނަރުދަމާ ހަދަންވެގެން މަގަށްވާ ބައިން އުސްގަޑު ކަހައި އެއްވަރުވެސް ކުރެވިފައިވެއެވެ. ގޯތިދޫކުރިއިރު އުސްގަޑުގެ އަސްލު އޭރިޔާއިން ބައެއްވެސް އޮތީ ދޫކުރެވިފައި ކަމަށް ފެނެއެވެ.

ވަންދޫ އުސްފަސްގަޑު މިހާރު އެހެރީ ގޯތި ދޭންވެގެންނާއި މަގުހަދަންވެގެން ރިސައިޒް ކޮށްފައެވެ. އުސްފަސްގަޑޭ ކިޔަކަސް އެތާގައި އޮތީ މައިގަޑު ގޮތަކަށް ގަލެވެ. އެކިސައިޒުގެ ގަލެވެ. ދުވަސްވެގެންގޮސް ކަޅުވެފައިވާ ގަލެވެ. އުސްމިނުގައި ދިހަބާރަ ފޫޓު ހުރެދާނެއެވެ. އުސްފަސްގަޑުގެ މިހާރުގެ އޭރިޔާއަކީ ގާތްގަޑަކަށް ތިންހާސް ދުއިސައްތަ އަކަފޫޓެވެ. ގަބޫލުކުރެވޭ ގޮތުން އޮރިޖިނަލް ސައިޒުން ގާތްގަޑަކަށް އަށާރަސަތޭކައެއްހައި އަކަފޫޓު އޮތީ ގެއްލިފައެވެ. އެހިސާބުން ގޯތިދޫކުރީ ރަށް ފުރިގެން ބިން ހުސްވެގެނަކުން ނޫނެވެ. ވަންދޫގެ ދެކުނުބިތާއި ހުޅަގުބިތުގައި އަދިވެސް ހުސްތަން ވަރަށް ބޮޑެވެ. އެކަންކޮށްފައިވަނީ ތާރީޚީގޮތުން ކިހައިޒަމާންވީ އާސާރަކަށް އުސްފަސްގަޑު ވެދާނެކަމުގެ މާބޮޑު ފިކުރަކާ ނުލައެވެ. މިއީ ވަންދޫގެ އެކަނި ކަމެއް ނޫނެވެ. މިޒާތުގެ ދުވަސްވީ ތަންތަނުގެ ވަށައިގެން ހުސްތަނެއް ބޭއްވުމުގެ ބަދަލުގައި ބައެއް އެހެން ރަށްރަށުގައިވެސް އަމަލުކޮށްފައިވަނީ ހަމަމިބީދައިންނެވެ.