ފީފާ ވޯލްޑް ކަޕް 2026 ގައި ނޯވޭއިން ކުޅުނު ދެމެޗުންވެސް މޮޅުވެ، ގަދަ 32 ޓީމުގެ ދެވަނަ ބުރު ޔަގީން ކޮށްފިއެވެ.
ސެނެގާލް ގައުމީ ފުޓުބޯޅަ ޓީމަކީ އެފްރިކާ ބައްރުގައި އޮތް އެންމެ ވަރުގަދަ އަދި އެންމެ ކާމިޔާބު އެއް ފުޓުބޯޅަ ބާރެވެ. ސެނެގާލް ޓީމަކީ، ފަހުގެ ތާރީހެއްގައި އެފްރިކާގެ ފުޓުބޯޅައިގެ އެންމެ ކުރީ ސަފުން ޖާގަ ހޯދާފައިވާ ޓީމެކެވެ. ސަރަހައްދީ މުބާރާތްތަކަށް ބަލާއިރު، އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޮން) ގައި ސެނެގާލުން ވަނީ ފާހަގަކޮށްލެވޭ ބޮޑެތި ކާމިޔާބީތަކެއް ހޯދައިފައެވެ. އެގޮތުން 2002، 2019 އަދި 2025 ގެ މުބާރާތުގެ ފައިނަލްގައި ކުޅެފައިވާ އިރު، އެ ޓީމުން ވަނީ 2021 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކޮށް، އެ ޓީމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެފްކޮންގެ ތަށި އުފުލާލައިފައެވެ.
މީގެ އިތުރުން، ދުނިޔޭގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕްގައިވެސް ސެނެގާލުން ވަނީ އެ ޓީމުގެ ފެންވަރު ސާބިތުކޮށްދީފައެވެ. މިއީ ސެނެގާލުން ވާދަކުރާ ހަތަރު ވަނަ ވޯލްޑް ކަޕެވެ. އެ ޓީމުން ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ 2002 ވަނަ އަހަރުގެ މުބާރާތުގައި ޗެމްޕިއަނުންގެ ގޮތުގައި ނުކުތް ފްރާންސް ބަލިކޮށް ކުއާޓާ ފައިނަލަށް ދަތުރުކުރުމެވެ. އޭރު އެއީ އެފްރިކާގެ ޓީމަކަށް ހޯދުނު އެންމެ ބޮޑު އެއް ކާމިޔާބީއެވެ. އެފަހަރު ކުއާޓާގައި ސެނެގާލް ބަލިވީ ގޯލްޑަން ގޯލުގައި ތުރުކީ އަތުންނެވެ. އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕް 2022 ގެ ވެސް ގަދަ 16 އަށް ސެނެގާލް ދަތުރުކޮށްފައިވާ އިރު، ގަދަ 16 ގައި ބަލިވީ އިންގްލެންޑް އަތުންނެވެ.
ނޯވޭ ގައުމީ ފުޓުބޯޅަ ޓީމަކީ ޔޫރަޕްގެ ފުޓުބޯޅައިގައި ފާހަގަކޮށްލެވޭ ތާރީހެއް އޮތް ޓީމެކެވެ. މި ޓީމަކީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ބާރު ކަމަށްވާ ބްރެޒިލް އަތުން ދުވަހަކުވެސް ބަލިވެފައިނުވާ މަދު ޓީމުތަކުގެ ތެރެއިން އެއް ޓީމެވެ. ބްރެޒިލްއާ ދެކޮޅަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، އަނެއް ދެ މެޗުން ވަނީ އެއްވަރުވެފައެވެ.
ވޯލްޑް ކަޕްގައި ނޯވޭ އިން ވަނީ ތިން ފަހަރެއްގެ މަތިން ވާދަކޮށްފައެވެ. އެއީ 1938، 1994 އަދި 1998 ވަނަ އަހަރުއެވެ. މީގެ ތެރެއިން 1938 އަދި 1998 ވަނަ އަހަރުގެ މުބާރާތުގެ ގަދަ 16 އާ ހަމައަށް އެ ޓީމު ދަތުރުކުރިއެވެ. ސަރަހައްދީ މުބާރާތްތަކަށް ބަލާއިރު، ނޯވޭ އިން ޔޫރޯގައި ވާދަކޮށްފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ 2000 ވަނަ އަހަރުގެ މުބާރާތުގައެވެ. އެ ފަހަރު އެ ޓީމު ކަޓާފައިވަނީ ގްރޫޕް ސްޓޭޖުންނެވެ.
ވޯލްޑް ކަޕް 2026 ގެ "ގްރޫޕު އައި" ގައި ސެނެގާލުން ކުޅުނު ފުރަތަމަ މެޗުގައި ފްރާންސް ކެޕްޓަން ކިލިއަން އެމްބާޕޭގެ ދެ ގޯލާއެކު 3-2 ގެ ނަތީޖާއަކުން ވަނީ ބަލިވެފައެވެ. އަދި ނޯވޭގެ ފުރަތަމަ މެޗުގައި އާލިން ހާލަންޑްގެ ދެ ގޯލާއެކު 4-1 ގެ ނަތީޖާއަކުން އިރާގު އަތުން ވަނީ މޮޅުވެފައެވެ. މިއަދުގެ މެޗަށް ނުކުތް އިރު، ނޯވޭއަށް މޮޅަކާއެކު ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރެވެން އޮތެވެ. އަދި ސެނެގާލުން މުބާރާތުގައި ކުރިއަށްދާން މެޗު ވަރަށް މުހިންމުވިއެވެ.
މިއަދުގެ މެޗަށް ދެ ޓީމުން ވެސް ވަނީ ވަރުގަދަ ފުރަތަމަ 11 އެއް ނެރެފައެވެ. ނޯވޭގެ ތަރި އާލިން ހާލަންޑާއި ކެޕްޓަން މާޓިން އޮޑެގާޑާއި އަލެކްސެންޑާ ސާލަޓް އަދި އެންޓޯނިއޯ ނޫސާ، ނޯވޭގެ ފުރަތަމަ 11 ގައި ހިމެނުނެވެ. މިއަދު މެޗު ވެސް ނޯވޭ ޓީމުން އޮސްކާ ބޮބް ފެށީ ބެންޗުންނެވެ. މެޗުގައި ސެނެގާލްގެ ޓީމުގެ ފުރަތަމަ 11 ގައި ސާޑިއޯ މާނޭ އާއި ނިކޮލަސް ޖެކްސަން އަދި އިސްމާއީލާ ސާ ހިމެނުނެވެ. އޭގެ އިތުރުން ގޯލްކީޕަރު އެޑުއާޑް މެންޑީ އަދި ތަޖުރިބާކާރު ޑިފެންޑަރު، ކެޕްޓަން ކަލިޑޫ ކުލިބާލީ ވެސް ހިމެނުނެވެ.
އެމެރިކާގެ ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި މިރޭ ކުޅުނު "ގްރޫޕު އައި" ގެ މެޗުގައި ނޯވޭއިން 3-1 އިން ސެނެގާލް ބަލިކުރުމާއެކު އެ ގްރޫޕުން ގަދަ 32 ގެ ސީދާ ޖާގަ ހޯދާ ދެޓީމު ވަނީ ޔަގީންވެފައެވެ. އެއީ ދެމެޗުން ހަ ޕޮއިންޓާއެކު އޮތް ފްރާންސާއި ނޯވޭއެވެ. ދެން އޮތް ސެނެގާލާއި އިރާގަށް އަދި ޕޮއިންޓެއް ނުލިބެއެވެ. ގްރޫޕްގެ އެއްވަނަ ޔަގީންވާނީ ނޯވޭއާއި ފްރާންސް ކުޅޭ މެޗުންނެވެ. އަދި ދެން އޮތް ސެނެގާލާއި އިރާގަށް ޕޮއިންޓެއް ނުލިބި، މިހާރު އޮތީ ކެޓުމުގެ ތުންފަތް މަތީގައެވެ.
މެޗު ފެށިގެން ފުރަތަމަ ނުރައްކާ ފެނުނީ ނޯވޭއިންނެވެ. އެޓީމުގެ ނުރައްކާތެރި ކޯނަރެއްގައެވެ. ސެޓް ޕީސްތަކުގައި ނުރައްކާކޮށް ފެންނަ ނޯވޭގެ، މާޓިން އޮޑެގާޑް ނަގައިދިން ކޯނަރުގައި އިސްކޮޅުން ދިގު ކްރިސްޓޮފާ އަޔޭ ފޮނުވާލި ބޯޅަ ރޮނގުމަތިން ކަހަލަ ގޮތަކަށް ސަލާމަތްކުރީ ސެނެގާލްގެ ކީޕަރު އެޑުއާޑް މެންޑީއެވެ.
އޭގެފަހުން ދެން ފެނުނު 10 ވަރަކަށް މިނެޓުގައި ދެޓީމުވެސް ހަމަހަމައެވެ. މާ ބޮޑު ނުރައްކަލެއް ފެނިފައި ނުވާ އިރު، ބޮޑަށް ބޯޅަ ފެނުނީ މަދުތެރެއިންނެވެ. ނޯވޭއިން އިތުރު ނުރައްކާތައް ކުރަން ފެށީ ހާފުގެ ފަހުކޮޅުގައެވެ. މެޗުގެ 37 ވަނަ މިނެޓުގައި ނޯވޭގެ އޮޑެގާޑަށް މުޅިން ހުސް ފުރުސަތެއް ލިބުނެވެ. އާރްބީ ލެއިޕްޒިގަށް ކުޅެމުންދާ އެންޓޯނިއާ ނޫސާ އޭރިއާ ތެރެއަށް ވައްޓާލި ބޯޅަ އާލިން ހާލަންޑް، އޮޑެގާޑަށް ޖައްސާލުމުން އޭނާ ފޮނުވާލި ބާރު ހަމަލާ މަތަކުރީ މެންޑީއެވެ.
އޭގެފަހުންވެސް ނޯވޭ ނުރައްކާ ބޮޑުކޮށް ފެނުނި އިރު، 43 ވަނަ މިނެޓުގައި އެޓީމުން ސެނެގާލް ފޫއަޅުވާލިއެވެ. ނޯވޭން ކުރި އެޓޭކެއްގައި ކަލިދޫ ކުލިބާލީ ފަހަތުން ޖައްސާލި ބޯޅަ، ނޯވޭގެ މާކަސް ހޮމްގްރެން ޕެޑަސަން އަށް ލިބުމުން އޭނާ ފޮނުވާލި ބޯޅަ ހަނި ކަނުން ގޯލަށް ވަނީ މެންޑީ އަތުގައި ޖެހިފައެވެ.
އޭގެފަހުންވެސް ނޯވޭން އެޓޭކް އިތުރުކުރިއެވެ. ހާފު ނިމުމުގެ ކުރިންވެސް ދެވަނަ ގޯލެއް ޖަހަން ކައިރިކުރިއެވެ. މެންޑީ އަތުން ގެއްލުނު ބޯޅައެއް ހޯދައި ހާލަންޑް ފޮނުވާލި ބޯޅަ ދަނޑީގައި ޖެހުނު އިރު، އޭނާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ މެންޑީ އަތަށެވެ. ހާލަންޑަށް ގޯލެއް ނުޖެހި ހާފު ނިމުނު ނަމަވެސް، ނޯވޭ އޮތީ ކުރީގައެވެ.
ދެވަނަ ހާފުވެސް ނޯވޭން ފެށީ އެ ފޯމުގައެވެ. ހާފުގެ ކުރީކޮޅުގައި ދެވަނަ ގޯލެއް ޖަހައި ފެންވަރު ސާބިތު ކޮށްދިނެވެ. 48 ވަނަ މިނެޓުގައި ނޯވޭގެ ދެވަނަ ގޯލް ޖެހީ ހާލަންޑެވެ. މިފަހަރު އޭނާގެ ރަސްމީ ފެންވަރު ދައްކާލިއެވެ. ސެނެގާލުން އުފައްދަން އުޅުނު އެޓޭކެއް ހުއްޓުވާ، މެދުތެރެއިން އޮޑެގާޑް ކުރިއަށް ޖެހި، ކުލިބާލީ ފައި ތެރެއިން ކަހަލަ ގޮތަކަށް ޖައްސާލި ބޯޅަ ހާލަންޑް ފޮނުވާލުމުން ގޯލަށް ވަނީ މެންޑީ އަތުގައި ޖެހިފައެވެ.
އެ ގޯލަށްފަހު ސެނެގާލްގެ ހިތްވަރު ބަލިކޮށްލި ނަމަވެސް، ދެން ފެނުނީ އެޓީމުގެ ދެތިން އެޓޭކެކެވެ. ނިކޮލަސް ޖެކްސަން ބޮލުން ފޮނުވާލި ހަމަލާ ނޯވޭގެ ކީޕަރު ހަސްޖޯލްޑް ނައިލޭންޑް އަތަށް ދިޔަ އިރު، އޭގެ އިރުކޮޅެއްފަހުން 53 ވަނަ މިނެޓުގައި އިސްމައިލާ ސާގެ ގޯލެއް ފެނުނެވެ. އުނދަގޫ ހާލަތެއްގައި އޭރިއާ ތެރެއަށް ދެމިގަނެ، އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވައްދާލީ ފާޑަކަށް ޗިޕް ކޮށްލައިގެންނެވެ.
އެހެން ނަމަވެސް ސެނެގާލުން ހޯދި އުންމީދު ކުޑައިރުކޮޅެއް ތެރޭގައި އަނެއްކާވެސް ފަނޑުވިއެވެ. މިފަހަރުވެސް ހާލަންޑެވެ. 58 ވަނަ މިނެޓުގައި ހާލަންޑް އެ ގޯލް ޖެހީ އޭރިއާ ތެރެއިން ކުލިބާލީ ހެދި ގޯހަކުންނެވެ. ކުލިބާލީ ފައިގައި ޖެހި އަރިމައްޗަށް ދިޔަ ބޯޅަ، ސޭންޑާ ބާގް ނަގައިދިނުމުން ހާލަންޑް އުނދަގޫ ގޮތަކަށް ގޯލަށް ފޮނުވާލި އިރު، އެ ބޯޅަ ގޯލަށް ވަނީ ހުރަސް ދަނޑީގައި ޖެހިފައެވެ.
ހާލަންޑް ވަނީ މިހާތަނަށް ނޯވޭން މިފަހަރު ކުޅުނު ވޯލްޑް ކަޕް ދެމެޗުގައި ހަތަރު ގޯލް ޖަހައިފައެވެ. ގައުމީ ޓީމަށް ކުޅުނު މެޗަށްވުރެ ގޯލްގެ އަދަދު ގިނައެވެ. ހާލަންޑް ވަނީ ނޯވޭއަށް ކުޅުނު 52 މެޗުން 58 ގޯލް ޖަހައިދީފައެވެ.
މިރޭ މެޗުގެ ދެވަނަ ހާފުގެ ތެރެއިން ސެނެގާލް ކީޕަރު މެންޑީއަށް އަނިޔާވެ، ބަދަލު ކީޕަރު މޯރީ ޑިއާއު ކުޅެން ނެރެފައިވާ އިރު، އެއީ ސެނެގާލަށް ލިބުނު އިތުރު މާޔޫސްކަމެކެވެ.
މެޗުގެ ފަހުކޮޅުގައިވެސް ބޮޑަށް ނުރައްކާކުރީ ނޯވޭއިންނެވެ. ހާލަންޑްގެ ހެޓްރިކަކަށް އޭނާ މަސައްކަތް ކޮށް، އެކަމާ ގާތްކުރި ނަމަވެސް، ކާމިޔާބެއް ނުވިިއެވެ. 88 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ލިބުނު ބޯޅަ ގޯލަށް ފޮނުވާލި ނަމަވެސް ސެނެގާލް ޑިފެންޑަރު މޫސާ ނިކާޓޭ ބްލޮކް ކުރި އިރު، އޭގެފަހުން އޮޑެގާޑް ތަނަވަސްކުރި ފުރުސަތުގައި އޮސްކާ ބޮބް ފޮނުވާލި ބޯޅަ ރޮނގުމަތިން ދިފާއުކުރީ އިބްރާހީމް އެމްބާއޭއެވެ.
އޭގެފަހުން އަނެއްކާވެސް މެޗުގެ އޮއެވަރު ކުއްލިއަކަށް ބަދަލުވެސް ވިއެވެ. އެންމެ ފަހު މިނެޓް ކޮޅުގެ ތެރޭގައި ސާ ދެވަނަ ގޯލަކާއެކު ސެނެގާލަށް އިތުރު އުންމީދެއް ހޯދައިދިން ނަމަވެސް، އޭގެފަހުން އެޓީމުން ކުރި މަސައްކަތް ކާމިޔާބު ނުވެ މެޗު ނިމުނީއެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް