ބައްޕައިންގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ފެންނަނީ ވަރަށް ވެސް ލޯބި، އަސަރުގަދަ މަންޒަރުތަކެކެވެ. ބައްޕައާއެކު ނަގާފައިވާ ރީތި ފޮޓޯތަކާއި، ބައްޕަގެ މަތިވެރި ގުރުބާނީއަށް ތައުރީފުކޮށް ލިޔެފައިވާ ދިގު ޕޯސްޓުތަކުން ފޭސްބުކް އަދި އިންސްޓަގްރާމްގެ ޓައިމްލައިންތައް ފުރިފައިވެއެވެ. ނަމަވެސް، މިއީ މުޖުތަމައުގެ ހަގީގީ މަންޒަރުތޯ ސުވާލު އުފެދެއެވެ. ބައްޕައެއްގެ ފުރިހަމަ ޒިންމާ އަދާކުރަނީ ހަމަ ހަގީގަތުގައި ވެސް ކިތައް ބައްޕައިންތޯއެވެ؟ ދަރިން ހޯދުމަށްފަހު އަނބިމީހާ ވަރިކޮށްލައި، ދަރިންނަށް ކުރާން ޖެހޭ ހަރަދުތައް ނުދީ، އެއްވެސް ޒިންމާއެއް ނެތި އުޅެނީ ކިތައް ބަފައިންކަން އެނގޭ މީހަކު ވަރަށް މަދެވެ.
ސޯޝަލް މީޑިއާގެ އުފާވެރި މަންޒަރުތަކުގެ ފަހަތުގައި، އެކަނިމާއެކަނި ދަރިން ބަލައި ބޮޑުކުރާ އެތައް މައިންނެއްގެ ކަރުނައާއި ވޭން ފޮރުވިފައިވެއެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު ވެސް ރާއްޖެއަކީ އެންމެ ވަރި ގިނަ ގައުމެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އާބާދީގެ ކޮންމެ އެއްހާސް މީހަކަށް 10.97 ގެ ނިސްބަތުން ރާއްޖޭގައި ވަރިކުރެއެވެ. މިހާ ގިނައިން އާއިލާތައް ރޫޅިގެންދާއިރު، އޭގެ އެންމެ ހިތްދަތި ނަތީޖާއާ ކުރިމަތިލާން ޖެހެނީ އެއްވެސް ކުށެއް ނެތް ތުއްތު ކުދީންނަށެވެ.
ވަރިވުމަށްފަހު ދަރިންނަށް ހަރަދު ނުދިނުމަކީ ރާއްޖޭގައި އާންމު ކަމެކެވެ. ފެމިލީ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދަރިންގެ ހަރަދުގެ މައްސަލަތައް އިންތިހާއަށް ގިނައެވެ. 2024 ވަނަ އަހަރު އެކަނިވެސް، ދަރިންގެ ހަރަދާއި އެހެނިހެން މާލީ ޒިންމާތަކާ ގުޅޭގޮތުން 97 މިލިއަނަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ. ދެހާސް ފަންސަވީސް ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި 44 މިލިއަން ރުފިޔާ ދަރިންގެ ހަރަދުގެ ގޮތުގައި ދެއްކުމަށް އަމުރުކޮށްފައިވާއިރު، އޭގެ ތެރެއިން ކޯޓު މެދުވެރިކޮށް ހޯދިފައިވަނީ 25 މިލިއަން ރުފިޔާއެވެ. މީގެ މާނައަކީ، އެތައް މިލިއަން ރުފިޔާއެއްގެ ހަރަދު ނުދީ ބަފައިން ފިލައިގެން އުޅޭ ކަމެވެ. ދަރީންނަށް އަޅައިނުލައި، އެ ކުދީންގެ ހައްގުތަކަށް އަރައިގަންނަމުންދާއިރު، މިއީ މުޅި މުޖުތަމައަށް އޮތް ބޮޑު ނުރައްކަލެކެވެ. ކޯޓަށް ހާޒިރުވުމަށް އެތައް ހާސް ޗިޓެއް ފޮނުވި ނަމަވެސް، ގަސްދުގައި ކޯޓަށް ހާޒިރު ނުވެ، ޒިންމާއިން ރެކިގަންނަން މަސައްކަތްކުރާ މީހުން މަދެއް ނޫނެވެ. ދަރިންގެ ޒަރޫރީ ބޭނުންތައް ފުއްދައިދިނުމަކީ ބައްޕަގެ މައްޗަށް ދީނީ ގޮތުންނާއި ގާނޫނީ ގޮތުން ވެސް ލާޒިމުކަމަކަށް ވާއިރު، މިކަމަށް ފުރަގަސްދިނުމަކީ ބޮޑުވެގެންވާ އިހުމާލެކެވެ.
މި ހިތްދަތި ހަގީގަތުގެ އެންމެ ބޮޑު ތަކުލީފެއް އުފުލަން ޖެހެނީ އެކަނިވެރި މައިންނަށެވެ. ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 5400 އަށްވުރެ ގިނަ މީހުން އެކަނިވެރި މައިންބަފައިންގެ އެލަވަންސް ހޯދުމަށް ރަޖިސްޓަރީކޮށްފައިވެއެވެ. މީގެ ތެރެއިން ބޮޑު ބަޔަކީ މައިންނެވެ.
2024 ވަނަ އަހަރުގެ މެދުތެރޭގައި އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ފަގީރު ހާލަތުގައި ދިރިއުޅޭ 2895 އެކަނިވެރި މައިންނާއި ބަފައިން އެބަތިއްބެވެ. އަދި 4940 ކުދީންނަށް ދައުލަތުން މާލީ އެހީތެރިކަން ފޯރުކޮށްދެމުންދެއެވެ. ސަރުކާރުން މިހާރު ކޮންމެ ކުއްޖަކަށް 3000 ރުފިޔާގެ މަގުން އެލަވަންސް ދިން ނަމަވެސް، އަދި އެންމެ ގިނަވެގެން އާއިލާއަކަށް 12000 ރުފިޔާ ލިބޭ ގޮތަށް ހަމަޖައްސާފައިވީ ނަމަވެސް، މިއީ މާލެ ފަދަ ތަނެއްގައި ކުލި ދެއްކުމާއި ދިރިއުޅުމުގެ ހަރަދުތަކާ އަޅައި ބަލާއިރު އެކަށީގެންވާ މިންވަރެއް ނޫނެވެ.
އެ ކުދީންނަށް ރަނގަޅު ތަރުބިއްޔަތެއް ދީ، ހެޔޮ މުސްތަގުބަލެއް ހޯދައިދޭން އެކަނިވެރި މައިން ކުރާ މަސައްކަތާއި އުފުލާ ގުރުބާނީ ދަންނަނީ ކާކުތޯއެވެ؟ އާމްދަނީ ހޯދަން ދެތިން ވަޒީފާ އަދާކުރަމުން، ދަރީންގެ ކަންކަން ބަލަހައްޓަން އެ މައިން އުފުލާ ވޭނަކީ ބަޔާންކުރަން ދަތި ވޭނެކެވެ. މީގެ އިތުރުން، މުޖުތަމައުގެ ތެރެއިން "އެކަނިވެރި މައެއް" ގެ ލޭބަލް އަޅުވައި، އެ މީހުންނަށް ކުރިމަތިކުރުވާ ނަފުސާނީ ގޮންޖެހުންތައް ވެސް އިންތިހާއަށް ބޮޑެވެ. މުޖުތަމައުގެ ބައެއް މީހުންގެ ފަރާތުން ކުރިމަތިވާ ފުރައްސާރައާއި ބަދުބަސްތަކުގެ ސަބަބުން، އެ މައިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ބޮޑެތި އަސަރުތަކެއް ކުރެއެވެ.
މަންމައާއި ބައްޕަގެ ލޯބި ފުރިހަމައަށް ނުލިބި ބޮޑުވާ ކުދީންނަށް ކުރިމަތިވާ ނަފްސާނީ އަދި އިޖުތިމާއީ މައްސަލަތަކަކީ ވެސް ސީރިއަސް ކަންތައްތަކެކެވެ. އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން "އިތާ" ޕޯޓަލް މެދުވެރިކޮށް ގިނަ މައްސަލަތަކެއް ބަލަހައްޓަމުން އަންނައިރު، އާއިލީ ރޫޅުންތަކުގެ ސަބަބުން ކުދީންނަށް ކުރާ ނޭދެވޭ އަސަރުތައް ވަރަށް ބޮޑެވެ. ބައްޕަގެ އަޅައިލުން ނުލިބުމުގެ ސަބަބުން ކުދީންގެ ކިޔެވުމަށާއި އަހުލާގަށް ބޮޑެތި ގެއްލުންތަކެއް ލިބެއެވެ. އެ ކުދިންނަށް ބޭނުންވާ ލޯތްބާއި އަޅައިލުން ނުލިބުމުގެ ސަބަބުން، ކުށްކުރާ މާހައުލުތަކަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުވެއެވެ. މިއީ ޖީލުތަކަށް ދެމިގެންދާ އިޖުތިމާއީ ބޮޑު ވަބާއަކަށް ވެފައިވާއިރު، މި ކުދީންނަށް ކުރިމަތިވާ މައްސަލަތަކުގެ ޒިންމާ ނަގާނީ ކާކުތޯ މިއީ އުފެދޭ ބޮޑު ސުވާލެކެވެ. ބައްޕައިންގެ އިހުމާލުން ހަލާކުވެގެންދާ ކުދީންގެ މުސްތަގުބަލު އާރާސްތުކުރުމަށް ގައުމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހިފައިވާކަން ކަށަވަރެވެ. ދަރީންނަކީ ގައުމުގެ މުސްތަގުބަލު ކަމަށްވާއިރު، އެ ކުދީންނަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަކީ އެންމެންގެ ޒިންމާއެކެވެ.
ދަރިން ދޫކޮށް، ހަރަދު ވެސް ނުދީ އުޅޭ ބަފައިން ޒިންމާދާރު ނުކުރެވެނީ ކީއްވެގެންތޯ ގިނަ ބަޔަކު ސުވާލު އުފައްދައެވެ. ގާނޫނީ ނިޒާމުގައި ހުރި ހުސް ބާގަނޑުތަކުގެ ސަބަބުން، ހަރަދު ނުދޭ މީހުންނަށް ފިޔަވަޅު އެޅުން ވަނީ ވަރަށް ބޮޑަށް ލަސްވެފައެވެ. ކޯޓަށް މައްސަލަ ހުށަހަޅައިގެން ހަރަދު ހޯދަން އުޅުމަކީ އެކަނިވެރި މައިންނަށް އޮންނަ ވަރަށް ބޮޑު ތަކުލީފެކެވެ. ބައެއް ފަހަރު ބައްޕައިން އެ މީހުންގެ އާމްދަނީ ސިއްރުކުރުމާއި، ވަޒީފާ ބަދަލުކުރުން ފަދަ އުކުޅުތައް ބޭނުންކޮށްގެން ގާނޫނުގެ އަތްދަށުން ސަލާމަތްވެއެވެ. ކޯޓުން ކުރާ އަމުރުތައް ތަންފީޒުކުރުމުގައި ހުރި ގޮންޖެހުންތަކުގެ ސަބަބުން، އެތައް އަހަރެއް ވާންދެން ހަރަދު ނުލިބި ތިބޭން ޖެހޭ މައިން މަދެއް ނޫނެވެ.
2024 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ކޯޓަށް ހާޒިރުވުމަށް 12000 އަށްވުރެ ގިނަ ޗިޓު ފޮނުވާފައިވާއިރު، މިއިން ދައްކައިދެނީ މައްސަލަތައް ނުނިމި ދިގުލައިގެންދާ މިންވަރެވެ. ކަމާބެހޭ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، މި ނިޒާމު އިސްލާހުކޮށް، ހަރަދު ނުދޭ ފަރާތްތަކުގެ މުސާރައިން ސީދާ ކަނޑައިގެން ނެގޭނެ ނިޒާމެއް ގާއިމުކުރުމަކީ މިހާރުން މިހާރަށް ކުރަންޖެހިފައިވާ ކަމެކެވެ. މީގެ އިތުރުން، ހަރަދު ނުދޭ ފަރާތްތަކުގެ މުދާ ހިފެހެއްޓުން ފަދަ ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނަށް ބަދަލު ގެންނާން ޖެހެއެވެ.
މުޅި މި މައްސަލައިގެ ހައްލަކީ ހަމައެކަނި ގާނޫނުތައް ހަރުކަށި ކުރުމެއް ނޫނެވެ. މުޖުތަމައުގެ ވިސްނުން ވެސް ބަދަލުކުރަން ޖެހެއެވެ. އެކަނިވެރި މައެއްގެ ލޭބަލް ޖަހައިގެން މައިން ބާކީކުރުމުގެ ބަދަލުގައި، އާއިލާ ދޫކޮށްދާ ބަފައިންނާމެދު މުޖުތަމައުން ދެކޭ ގޮތް ބަދަލުކޮށް، އެ މީހުން ޒިންމާދާރު ކުރުވާން ޖެހެއެވެ. ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހަރުކަށި ފިޔަވަޅުތަކެއް އަޅައި، ކުދީންގެ ހައްގުތައް ކަށަވަރުކޮށްދޭން ޖެހެއެވެ. ދަރީންނަށް ހަރަދު ނުދީ ފިލައިގެން އުޅޭ މީހުންގެ ޕާސްޕޯޓު ހިފެހެއްޓުމާއި، ބޭންކް އެކައުންޓުތައް ފްރީޒްކުރުން ފަދަ ހަރުދަނާ ފިޔަވަޅުތަކެއް ތަންފީޒުކުރަން ފަށައިފިނަމަ، މި އިޖުތިމާއީ ބޮޑު ވަބާއަށް ހައްލެއް ލިބޭނެއެވެ. ކަމާބެހޭ ފަރާތްތަކުން މިހާރު ވެސް އަންނަނީ ކުޑަކުދީންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު އިސްލާހުކުރުމުގެ މަސައްކަތްތަކެއް ކުރަމުންނެވެ. މި އިސްލާހުތަކާއެކު، ހަރަދު ނުދޭ ބަފައިންނަށް ފިޔަވަޅު އެޅޭނެ އަވަސް ނިޒާމެއް ގާއިމުވެގެން ދިއުމަކީ އެތައް މައިންނެއް ކުރަމުން އަންނަ އިންތިޒާރެކެވެ.
ބައްޕައިންގެ ދުވަސް ފާހަގަކުރުމަކީ މުހިންމު ކަމެކެވެ. ޒިންމާދާރުކަމާއެކު އާއިލީ ޒިންމާ އަދާކުރަމުން އަންނަ ބައްޕައިން އެ ދައްކައިދަނީ ގައުމީ ނަމޫނާއެކެވެ. ހަމަ އެފަދައިން، އެ ޒިންމާއިން ރެކިގެން، ދަރީން ބިކަކޮށް، އާއިލާއަށާއި މުޖުތަމަށް "ފިލައިގެން" އުޅޭ ބައްޕައިންގެ ނޭދެވޭ އަމަލުތަކަށް ފިޔަވައި އަޅައި، ދަރީންނަށް ހައްގު މިންވަރު ހޯދައިދޭން ހަރުދަނާ ފިޔަވަޅުތަކެއް އެޅުންވެސް އަވަސްކުރާން ޖެހެއެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ކޮމެންޓް