ދިވެހިރާއްޖޭގެ ކޮންމެ ރަށަކީވެސް އެ ރަށަކަށް ހާއްސަ އާދަކާދަތަކަކާއި ސަގާފަތްތަކެއް ހިމެނޭ ރަށެކެވެ. މިގޮތުން ތ. ކަނޑޫދޫގެ ނަން ފާހަގަކުރެވެނީ ހަމައެކަނި ދަނޑުވެރިކަމާއި އެ ރަށުގެ މަޝްހޫރު މިރުހުގެ ސަބަބަކުން ނޫނެވެ. ކަނޑޫދޫއަކީ ރާއްޖޭގެ އެހެން އެއްވެސް ރަށަކުން ނުފެންނަ ފަދަ ތަފާތު ސަގާފީ ފަންނެއް ދިރުވައި އާލާކުރަމުން އަންނަ ރަށެކެވެ. މީގެ އެތައް އަހަރެއް ކުރީން ފެށިގެން އެ ރަށުގައި ރަށް ޒީނަތްތެރިކުރުމަށް ބޭނުންކުރަމުން އަންނަ "ވައްޕާ" އަކީ ކޮޅުމަޑުލު ކަނޑޫދޫގެ ރައްޔިތުންގެ ފަންނުވެރިކަމާއި އެއްބައިވަންތަކަން ރަމްޒުކޮށްދޭ ދިރިހުރި ތަރިކައެކެވެ.
މީގެ އެތައް އަހަރެއް ކުރީން ފެށިގެން ކަނޑޫދޫގައި މާލޫދު ކިޔުމާއި ރަށް ޒީނަތްތެރިކުރުމުގެ ތެރޭގައި ވައްޕާ ޖެހުމަކީ އާންމު ކަމެކެވެ. ރަށުގެ ދެ އަވަށުގެ ޒުވާނުން ގުޅިގެން ރަށުގެ ނެރުމަތީގައި އެއްކޮޅުން އަނެއް ކޮޅަށް ވައްޕާ ޖަހައި ރަށް ޒީނަތްތެރިކުރެއެވެ. މިއީ އެ ރަށަށް ހާއްސަ ކަމަކަށް ވާއިރު، ވައްޕާ ޖެހުމުގައި އޭރުވެސް އިސްކޮށް އުޅުނު އަދި މިހާރުވެސް އެ ފަންނު ކަނޑޫދޫގެ އަރަމުން އަންނަ ޒުވާން ޖީލަށް ދަސްކޮށްދެމުން އަންނަ ކަނޑޫދޫ ޑީޕްލައިޓު އަހުމަދު އިބްރާހިމް 61އ ބުނި ގޮތުގައި އޭނާ ހަނދާން ނުހުންނައިރުވެސް ކަނޑޫދޫގައި ވައްޕާ ޖަހަމުން އައިސްފައިވެއެވެ. މިއީ ރާއްޖޭގެ އެހެން ރަށްރަށުން ފެންނާން ނެތް، ކަނޑޫދޫއަށް ހާއްސަ އާދައެއްގެ ގޮތުގައި އޭނާ ފާހަގަކުރިއެވެ.
އަހުމަދު ކިޔައިދިން ގޮތުގައި ވައްޕާ ތައްޔާރުކުރުމަށް ބޭނުންކުރަނީ ގުޑި ހިއްޕާ ކަރުދާހާއި އިލޮއްޓާއި ގޮބޮޅީގެ އިތުރުން ހުސްކުރި ދަޅެވެ. ފުރަތަމަ ކަރުދާސް ހަނިކޮށް ކެފުމަށްފަހު އިލޮށީގައި އޮޅައި ތަތްކުރާނީއެވެ. ދެން ތަފާތު ކުލަތައް އެއްކޮށް ގޮބޮޅިއެއްގައި ޖެހުމަށްފަހު ދަނޑިއެއްގެ ކޮޅަށް އެ ގޮބޮޅި ހަރުކުރުމަށް ފަހު ނެރުމައްޗަށް ވާގޮތަށް ބަރިއަކަށް ހަރުކުރަނީއެވެ. ވައްޕާތަކުގައި ރޮއްޖެއް އައްސައި، އެ ރޮދީގައި ދަޅުން މަހުގެ ބައްޓަމަށް ކަނޑާފައި ހުންނަ ބައިތަކެއް އެލުވަނީއެވެ. މިގޮތަށް ދަޅު ކަނޑާއިރު، ދަވާދުކޮޅު ކަހައި ކަތުރުން މަހުގެ ބަށްޓަމަށް ކެނޑުމަށްފަހު އޭގެ މެދުން ލޯވަޅެއް އަޅައި އައްސަނީއެވެ.
މިގޮތަށް ތައްޔާރުކުރެވޭ ވައްޕާގެ އަސްލު ރީތިކަން ފެނިގެންދަނީ ވައިރޯޅިތަކާއެކު އެއަށް ހަރަކާތް ގެނުވާ ވަގުތުއެވެ. ކަނޑުމަތިން އަންނަ ވައި ޖެހުމުން ދަޅުން ހަދާފައިވާ މަސްތައް އެނބުރެން ފެށުމާއެކު، އިރުގެ އަލި އެއަށް އެޅުމުން އުފެދޭ ރިހި ދަޅަތައް މުޅި ސަރަހައްދަށް ފެތުރިގެންދެއެވެ. މި މަންޒަރު ދުރުގައި ތިބޭ މީހުންނަށާއި، ކަނޑުމަތިން ރަށަށް ޒިޔާރަތްކުރާ އުޅަނދުފަހަރުގައި ތިބޭ މީހުންނަށް ވަރަށް ސާފުކޮށް ފެންނާން ހުރެއެވެ. މި ދަޅަތައް ފެނުމުން، ކަނޑޫދޫގައި ހާއްސަ މުނާސަބަތެއް ނުވަތަ އުފާވެރި ހަރަކާތެއް ކުރިއަށްދާކަން ރަށުން ބޭރު މީހުންނަށް ވެސް ފަސޭހަކަމާއެކު ދެނެގަނެވެއެވެ. މިއީ މުއާސަލާތީ ވަސީލަތްތައް މަދު ޒަމާނެއްގައި، ރަށުގެ އުފާވެރިކަން ދުރު ސަރަހައްދުތަކަށް އަންގައިދިނުމަށް ބޭނުންކުރި މުހިންމު ނިޝާނެއް ވެސް މެއެވެ.
ވައްޕާގެ އިތުރުން ކަނޑޫދޫގެ ސަގާފަތާ ގުޅިފައިވާ އަނެއް ހާއްސަ އުފެއްދުމަކީ "އޮޑިފަތި" އެވެ. މިއީވެސް ވައްޕާއެކޭ އެއްފަދައިން ރަށް ޒީނަތްތެރިކުރުމުގެ ގޮތުންނާއި ފަންނުވެރިކަން ދައްކާލުމުގެ ގޮތުން ތައްޔާރުކުރާ އެއްޗެކެވެ. އޮޑިފަތި ތައްޔާރުކުރަނީ ފިލައިން ކުދި އޮޑިތަކެއްގެ ސިފައަށް ކަފައި، އޭގައި ރިޔާ ހަރުކުރުމަށްފަހު ރަށުގެ ގޮނޑުދޮށުގައި ހުންނަ ބޯކެޔޮ މުޑިއެއްގައި ހަރުކޮށްގެންނެވެ. ވައި ޖެހޭއިރު މި ކުދި އޮޑިފަތިތައް ވަރަށް ރީއްޗަށް އެނބުރޭ ކަމަށް އަހުމަދު ކިޔައިދިނެވެ. އޮޑިފައްޗާއި ވައްޕާ އެކުވުމުން، މުޅި ގޮނޑުދޮށާއި ނެރުމަތި ސިފަވެގެންދަނީ ދިވެހިންގެ ކަނޑުދަތުރުފަތުރުގެ ސަގާފަތާއި އުފެއްދުންތެރިކަން ދައްކުވައިދޭ ދިރިހުރި މައުރަޒެއްގެ ގޮތުގައެވެ.
"ވައްޕާއާއެކު އެބަހުރޭ އޮޑިފަތި ކިޔާ އެއްޗެއްވެސް ހަދާފައި. އެ މި ހަދާ ގޮތަކީ ފިލައިން އޮޑިތަކެއްގެ ސިފައަށް ކަފާފައި ރިޔާ ހަރުކޮށްފައި މި ހަރުކުރަނީ ބޯކެޔޮ ގަހެއްގައި. ދެން ވައި ޖެހޭއިރު އޮޑިފަތި ވަރަށް ރީއްޗަށް އެނބުރޭނެ" އަހުމަދު ކިޔައިދިނެވެ.
ޒަމާންތަކަކަށްފަހު މާލޫދު ކިޔުން ފަދަ އާދަކާދަތައް ހުއްޓުމަކަށް އައުމާއެކު، ވައްޕާ ޖެހުމުގެ ސަގާފަތަށް ވެސް ވަކި ދުވަސްވަރެއްގައި މަޑުޖެހުމެއް އައިސްފައިވެއެވެ. އެހެންނަމަވެސް، ކަނޑޫދޫގެ ރައްޔިތުން މި ފަންނު މުޅީން އުވިގެން ދިޔަދީފައެއް ނުވެއެވެ. މިއަދުވެސް ރައީސުލްޖުމްހޫރިއްޔާ ފަދަ އިއްޒަތްތެރިން ރަށަށް ވަޑައިގަންނަވާ ހާއްސަ މުނާސަބަތުތަކުގައާއި، ގައުމީ ފެންވަރުގައި ފާހަގަކުރާ ބޮޑެތި އީދުތަކުގައި ބޯކެޔޮ މުޑީގައި ވައްޕާ ޖަހައި ރަށް ޒީނަތްތެރިކުރެއެވެ. މީގެ އިތުރުން، ކުރިން ބޭނުންކޮށްފައި ހުންނަ އޮޑިފަތި ފަދަ ސަގާފީ ތަކެތި މަރާމާތުކޮށްގެން އަލުން ބޭނުންކުރުމަކީވެސް މި ތަރިކަ ދެމެހެއްޓުމަށް ރައްޔިތުން ކުރަމުން އަންނަ މުހިންމު މަސައްކަތެކެވެ.
"މިހާރުވެސް ރައީސަކު ވަޑައިގަންނަވާ ދުވަހެއްގައި މި ރަށުގައި ވައްޕާ ޖަހައި އޮޑިފަތި ޖަހައި ކަންކަން ކުރޭ. އެއީ މި ރަށަށް ހާއްސަ ސަގާފަތެއް" އަހުމަދު ކިޔައިދިނެވެ.
މި ހާއްސަ ސަގާފަތް އުވިގެން ދިޔަ ނުދިނުމަށްޓަކައި އެންމެ މުހިންމު މަސައްކަތެއް ކުރެވެމުން އަންނަނީ އާ ޖީލަށް މިކަން ދަސްކޮށްދިނުމުގެ ތެރެއިންނެވެ. ކޮންމެ އަހަރަކު ވެސް ރަށު ސްކޫލުގައި ބާއްވާ ސަގާފީ ހަރަކާތްތަކުގައި ދަރިވަރުންނަށް ވައްޕާ ހަދަން ދަސްކޮށްދިނުމުގެ އަމަލީ މަސައްކަތްތައް އަހުމަދުގެ އިސްނެގުމުގެ މަތިން ވަރަށް ފޯރީގައި ކުރިއަށްދެއެވެ. ސްކޫލު ކުދިން މި މަސައްކަތުގައި ޝައުގުވެރިކަމާއެކު ބައިވެރިވުމަކީ މި ފަންނުގެ މުސްތަގުބަލު އުޖާލާކަން އަންގައިދޭ ކަމެކެވެ.
ކަނޑޫދޫ ރައްޔިތުން ފަހުރުވެރިކަމާއެކު ގަބޫލުކުރާ ގޮތުގައި، ވައްޕާ ޖެހުމަކީ ހަމައެކަނި ޒީނަތްތެރިކުރުމުގެ އާދައެއް ނޫނެވެ. އެއީ އެ ރަށުގެ އަމިއްލަވަންތަކަމާއި އެއްބައިވަންތަކަމާއި ފަންނުވެރިކަމުގެ ރަމްޒެކެވެ. އާ ޖީލުގެ ހިތްތަކުގައި މިކަމަށް އޮތް ލޯތްބާއި ޝައުގުވެރިކަމުގެ ސަބަބުން، މިއީ ދުވަހަކުވެސް އެ ރަށުން އުވިގެންދާނެ ސަގާފަތެއް ނޫންކަން ކަށަވަރެވެ.
އަލީ ޔާމިން
ތ. ކަނޑޫދޫ
ތ. ކަނޑޫދޫ
ތ. ކަނޑޫދޫ
ކޮމެންޓް