ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން 2028ގެ އޮގަސްޓް މަހުގެ ތެރޭގައި ހައުސިން ޔުނިޓްތައް ހަވާލުކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމް މުހައްމަދު ރޭ ވިދާޅުވީ މި ސަރުކާރުން އަމާޒު ހިފާފައިވާ ގޮތަށް 2028 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ހައުސިން ޔުނިޓްތައް ހަވާލުކުރެވޭ ކަމަށެވެ.

"އިދާރަކުރެއްވިއްޔާ އަދި ޝެޑިއުލާ އެއްގޮތަށް އެޗީވް ކުރެވޭނެ. އެޔަށް އެއްވެސް ޝައްކެއް ނެތް. އެއާ އެކުއެކީގައި މާލެ ސަރަހައްދުގައި އިންޑިޔާގެ ލައިންއޮފް ކްރެޑިޓްގެ ތެރެއިން ގުޅިފަޅުގައި 4000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް އެބަކުރަން. އެ މަސައްކަތުގައި މިހާރު އަޕްޑޭޓަކީ، އެކްޒިމް ބޭންކާއެއްކޮށް ފައިނަލް ޓާމްސް މަރުހަލާ މިހާރު ކުރިޔަށްދަނީ. އިރާދަކުރެއްވިއްޔާ މަސައްކަތަކީވެސް މި އަހަރު ފެއްޓިގެންދާނެ މަސައްކަތެއް." ނާޒިމް ވިދާޅުވިއެވެ.

"އެ ނޫނަސް ބޭން އޮފް މޯލްޑިވްސްގައި 4000 ހައުސިން ޔުނިޓް. އޭގެތެރެއިން 3400 ހައުސިން މަޝްރޫއު، މީގެ ކުރިން ހިއްސާކުރަމުން ދިޔައީ 3260 ހައުސިން މަޝްރޫއު ފައްޓައިފީމޭ. އެ އަދަދު އިތުރަށް 200 ހައުސިން ޔުނިޓްގެ މަޝްރޫއު 3460 ޔުނިޓްގެ މަޝްރޫއު މިހާރުވާނީ ފައްޓާފައި. އޭގެ ތެރެއިން ވިލިމާލޭގައި 300 ހައުސިން އަދި ބާކީ ހުރި ހުރިހާ ހައުސިންއެއް މި ހިންގަނީ ހުޅުމާލޭގައި އެ ހުރިހާ ހައުސިން މަޝްރޫއުއެއް މިހާރުވާނީ ފެއްޓިފައި،" އޭނާ އިތުރަށް ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ވިލިމާލޭގައި ހަދާ ހައުސިން ޓަވަރުތަކުގެ ކުރެހުމެއް ---- ފޮޓޯ: ބީއެމްއެލް

އެ މަޝްރޫތައް ވެސް ރައްޔިތުންނަށް ފެންނަން ހުންނާނެ ހަމަޔަކަށް އައުމަށް ވަގުތު ނަގާނެކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ އެއްވެސް އިމާރާތަކީ އެއްބަސްވުން ސޮއިކުރާ ދުވަހުން ފެށިގެން އޭގެ ފައުންޑޭޝަން އަޅައިގެން ބުރިބުރިއަކަށް މައްޗަށް އަރާނެ ތަންތަން ނޫން ކަމަށެވެ.

"އިދާރީ ވަރަށް ބޮޑު ޕްރޮސެސްއެއް އޮވޭ. ޑިޒައިން އެޕްރޫވް ކުރުމާއި، ސައިންޓް ހޭންޑް އޯވޭހޭންޑް ކުރުމާއި އަދި އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން ކުރަން ޖެހޭ އެހެނިހެން މަރުހަލާތައް. އީއައިއޭ ހެދުމާއި އެއާ ގުޅުން ހުރި ފަންނީ އިތުރު މަސައްކަތްތައް ކުރުމާއި، މި ކަހަލަ ބައިވަރު ހުއްދަތައް ނެގުމަށްފަހުގައި ހުޅުމާލޭގައި މިހާރު ދެ މަޝްރޫއުއެއްގެ އަމަލީ މަސައްކަތް ފެއްޓިއްޖެ. ހަމަ އެއާއެކުގައި ފޭސް ދޭއްގައި ވެސް، ޑިޒައިން މަސައްކަތް ނިމި މިހާރު އޮތީ އަމަލި މަސައްކަތް ނިމުމުގެ މަރުހަލާގައި،" ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.

މި މަޝްރޫއުތަކުގެ އިތުރުންވެސް މާލެ ސަރަހައްދުގައި އިތުރު 5000 ހައުސިން ޔުނިޓްގެ މަސައްކަތް ކުރިޔަށްގެންދަން ނިންމާފައިވާ ކަމަށާއި ޖުމުލަ 13000 ހައުސިން މަޝްރޫއުތައް މާލެ ސަރަހަދަށް އެކަނިވެސް މި ސަރުކާރުން ކުރިޔަށްގެންދަން ނިމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ރަށްތައް ހިމެނޭހެން މި ސަރުކާރުން އަލަށް ފެއްޓި 36 މަޝްރޫއުގެ މަސައްކަތްވެސް ކުރިޔަށްގެންދާ ކަމަށް ނާޒިމް ވިދާޅުވިއެވެ.