ކީޕަރު އެލޮއީ ރޫމްގެ މޮޅު ސޭވްތަކާއެކު، ކިއުރަސާއޯ އިން ވޯލްޑް ކަޕްގެ ފުރަތަމަ ޕޮއިންޓު ހޯދައިފިއެވެ.
ފުޓުބޯޅައިގައި އެކުއެޑޯގެ އެންމެ ބޮޑު ކާމިޔާބީއަކީ 1959 ވަނަ އަހަރާއި 1993 ވަނަ އަހަރު ކޮޕާ އެމެރިކާގެ ސެމީ ފައިނަލް ކުޅުމެވެ. އެ ދެ މުބާރާތަކީވެސް އެކުއެޑޯގައި ހޯސްޓް ކުރި ދެ މުބާރާތެވެ.
އުރުގުއޭގެ އިފްތިތާހީ ވޯލްޑް ކަޕު މުބާރާތަށް އެކުއެޑޯއަށް ދައުވަތު ލިބުނު ނަމަވެސް ހަރަދު ބޮޑުކަމުން ނުދާން ނިންމިއެވެ. އެކުއެޑޯ ފުރަތަމަ ވޯލްޑް ކަޕްގައި ވާދަކުރީ 2002 ވަނަ އަހަރުއެވެ. އޭގެ ފަހުން 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 އަށް ދިޔައެވެ. އެއީ ވޯލްޑް ކަޕެއްގައި ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ. 2022 ވަނަ އަހަރު ވޯލްޑް ކަޕާއެކު، ޖުމުލަ ހަތަރު ވޯލްޑް ކަޕެއްގައި މިހާތަނަށް ވާދަކުރި އެކުއެޑޯ 2014 ވަނަ އަހަރު ބްރެޒިލްގައި އޮތް ވޯލްޑް ކަޕުގައިވެސް ކުޅުނެވެ.
ކިއުރަސާއޯއަކީ ވޯލްޑް ކަޕްގެ ތާރީހުގައިވެސް ފެނިގެންދާނެ އެންމެ ކުޑަ ގައުމެވެ. އެ ރެކޯޑާއެކު ފުރަތަމަ ވޯލްޑް ކަޕަށް ކިއުރަސާއޯ ނުކުމެފައިވާ އިރު، އެގައުމަކީ ކޮންކަކަފަށް ނިސްބަތްވާ ގައުމެކެވެ. ކިއުރަސާއޯ ވަކި ގައުމެއްގެ ގޮތުގައި ގުނަން ފެށީ 2010 ވަނަ އަހަރުއެވެ. އޭގެ ކުރިން ނެދަލޭންޑްސް އަންޓިލޭސްއާއި ޓެރިޓޮރީ އޮފް ކިއުރަސާއޯގެ ނަމުގައި އެގައުމު އޮތް އިރު، ފީފާއިން ނިންމާފައިވަނީ ފުޓުބޯޅައިގައި އެ ދެގައުމުގެ ތާރީހަކީ ކިއުރަސާއޯގެ ތާރީހު ކަމަށް ބަލައިގަންނާށެވެ.
ކިއުރަސާއޯ ކޮލިފިކޭޝަންގައި ތަފާތު ދެއްކި އިރު، ނެދަލޭންޑްސްއަށް އުފަން ކުޅުންތެރިންގެ ތަޖުރިބާ އެޓީމުން ބޭނުންކުރިއެވެ. ނެދަލޭންޑްސް އަންޓިލޭސް ގޮތުގައި ކިއުރަސާއޯ ވަނީ ކޮންކަކަފް ގޯލްޑް ކަޕްގެ ތިންވަނަ ދެފަހަރު ހޯދައިފައެވެ. އެއީ އެޓީމުން ފުޓުބޯޅައިގައި ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.
ވޯލްޑް ކަޕް 2026 ގެ "ގްރޫޕު އީ"ގައި އެކުއެޑޯ ކުޅުނު ފުރަތަމަ މެޗުގައި ފަހުވަގުތު އައިވަރީ ކޯސްޓް އަތުން 1-0 ގެ ނަތީޖާއަކުން ވަނީ ބަލިވެފައެވެ. އަދި ވޯލްޑް ކަޕްގައި އަލަށް ވާދަކުރާ ކިއުރަސާއޯގެ ފުރަތަމަ ފެނިލުމުގައި ޖަރުމަން އަތުން 7-1 ގެ ނަތީޖާއަކުން ވަނީ ބަލިވެފައެވެ. އެހެންކަމުން މިއަދުގެ މެޗަށް ނުކުތް އިރު، މުބާރާތުގައި ކުރިއަށްދިއުމަށް އެކުއެޑޯ އަދި ކިއުރަސާއޯއަށް މެޗުން މޮޅެއް ހޯދުން އޮތީ މުހިންމުވެފައެވެ.
މިއަދުގެ މެޗަށް އެކުއެޑޯ އިން ނުކުތީ އެޓީމުގެ ޑިފެންސާއި މެދުތެރެއަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނެސްގެންނެވެ. ނަމަވެސް އެޓީމުގެ ޑިފެންސްގައި މިއަދުގެ މެޗަށް ވެސް، ޕީއެސްޖީގެ ވިލިއަމް ޕަޗޯ އާއި އާސެނަލްގެ ޕިއެރޯ ހިންކެޕިއޭ ވަނީ ހިމަނައިފައެވެ. އަދި މެދުތެރޭގައި ޗެލްސީއަށް ކުޅޭ މޮއިސެސް ކައިސޭޑޯ ހިމެނޭ އިރު، ފޯވަޑް ލައިންގައި މިއަދުގެ މެޗުގައި ވެސް ކެޕްޓަން އެނާ ވެލެންސިއާ އާއި ގޮންޒާލޯ ޕްލާޓާ ހިމެނެއެވެ.
މިއަދުގެ މެޗަށް ކިއުރަސާއޯ އިން ނުކުތީ އެއް ބަދަލާއެކުއެވެ. އެއީ ޖަރުމަން މެޗުގައި ފުރަތަމަ 11 އިން ފެނުނު ޓަހީޗް ޗޮންގްގެ ބަދަލުގައި ހުރިއެން ގާރިއަށް ފުރުސަތު ދިނުމެވެ. ބޮޑަށް ފާހަގަކޮށްލެވެނީ އެއީ ބޮޑަށް ޑިފެންސް ވަރުގަދަކުރުމަށް ގެނައި ބަދަލެއްގެ ގޮތުގައެވެ. މިއަދުގެ މެޗުގައި ވެސް ކިއުރަސާއޯގެ ފުރަތަމަ 11 އިން ދެބެއިން ކަމަށްވާ ކެޕްޓަން ލިއާންޑްރޯ ބަކޫނާ އާއި ޖުނީނިއޯ ބަކޫނާ ހިމެނެއެވެ. އޭގެ އިތުރުން ޖަރުމަން ކޮޅަށް ގޯލު ޖެހި އަދި އެޓީމުގެ ތާރީހުގައި ވެސް ޖެހި ވޯލްޑް ކަޕްގެ ފުރަތަމަ ގޯލު ކާމިޔާބުކުރި ލިވާނޯ ކޮމެނެންސިއާ ވެސް ފުރަތަމަ 11 ގައި ހިމެނެއެވެ.
އެމެރިކާގެ ކެންސަސް ސިޓީ ސްޓޭޑިއަމްގައި އެކުއެޑޯ އާއި ކިއުރަސާއޯ މިއަދު ކުޅުނު "ގްރޫޕު އީ" ގެ މެޗު ނިމިގެންދިޔައީ 0-0 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
މިއަދުގެ މެޗުގައި ކިއުރަސާއޯ ކީޕަރު އެލޮއީ ރޫމްގެ 15 ސޭވްއެއް ފެނިގެންދިޔަ އިރު، އޭނާ ވެފައިވަނީ ވޯލްޑް ކަޕް މެޗެއްގައި ދެވަނައަށް އެންމެ ގިނަ ސޭވް ކުރި ގޯލްކީޕަރަށެވެ. އެންމެ ގިނަ ސޭވް ކޮށްފައިވަނީ ވޯލްޑް ކަޕް 2014 ގައި ބެލްޖިއަމްއާ ދެކޮޅަށް ކުޅުނު މެޗުގައި އެމެރިކާގެ ކީޕަރު ޓިމް ހަވާޑް އެވެ. އޭނާ ވަނީ ޖުމްލަ 16 ސޭވް ކޮށްފައެވެ.
މެޗުގެ ފުރަތަމަ ދެ މިނެޓުގެ ތެރޭގައި އެކުއެޑޯ އިން ގޯލު ޖަހާނެ ހުސް ފުރުސަތެއް ތަނަވަސްކުރިއެވެ. މޮއިސެސް ކައިސޭޑޯ ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ވަރަށް ހުސްކޮށް ހުރެ، އެކުއެޑޯ ކެޕްޓަން އެނާ ވެލެންސިއާ ފޮނުވާލި ހަމަލާ، ކިއުރަސާއޯގެ ކީޕަރު އެލޮއީ ރޫމް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.
އެކުއެޑޯ އިން ކުރިއަށްޖެހި ކުޅެމުންދާ އިރު، ކިއުރަސާއޯ އިން ދަނީ ކައުންޓާ އެޓޭކުތަކުގައި ނުރައްކާކުރުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން މެޗުގެ އަށްވަނަ މިނެޓުގައި ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ޝެރެލް ފްލޮރޭނަސް ފޮނުވާލި ހަމަލާއެއް ފާާހަގަކޮށްލެވެއެވެ. އޭނާ ފޮނުވާލި ހަމަލާ، އެކުއެޑޯގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މެޗުގެ 14 ވަނަ މިނެޓުގައި އެކުއެޑޯ އިން ގޯލު ޖަހާނެ ފުރުސަތެއް ތަނަވަސްކުރިއެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ޕެޑްރޯ ވީޓޭ ފޮނުވާލި ހަމަލާ ދިޔައީ ކިއުރަސާއޯ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އޭގެ ހަ މިނެޓު ފަހުން ވެސް އެކުއެޑޯއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އިރު، ހިންކެޕިއޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ވެލެންސިއާ ފޮނުވާލި ހަމަލާ، ކިއުރަސާއީގެ ކީޕަރު ރޫމް ވަނީ މަތަކޮށްފައެވެ.
މެޗުގެ 28 ވަނަ މިނެޓުގައި ވެސް އެކުއެޑޯގެ ނުރައްކަލެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ޕްލާޓާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ކިއުރަސާއޯގެ ކީޕަރު ރީމްއާ ދިމާއަށެވެ. ކީޕަރު ރޫމް ވަނީ އެ ބޯޅަ ފަސޭހަކަމާއެކު ހޯދައިފައެވެ. އޭގެ ހަތަރު މިނެޓު ފަހުން ކިއުރަސާއޯއަށް ފުރުސަތެއް ލިބުނު ނަމަވެސް، ޕެނަލްޓީ އޭރިއާ ތެރެއިން ޖުނީނިއޯ ބަކޫނާ ފޮނުވާލި ހަމަލާ، އެކުއެޑޯ ޑިފެންޑަރު ޕަޗޯ ވަނީ ބްލޮކްކޮށްފައެވެ.
މެޗުގެ 42 ވަނަ މިނެޓުގައި އެކުއެޑޯގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ޖޯން ޔެބޮއާ ފޮނުވާލި ބާރު ހަމަލާ، ކިއުރަސާއޯގެ ކީޕަރު ރޫމް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.
ދެވަނަ ހާފުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ވެސް އެކުއެޑޯ އިން ހަމަލާއެއް ކިއުރަސާއޯގެ ގޯލާ އަމާޒުކޮށް ފޮނުވާލިއެވެ. ޕެނަލްޓީ އޭރިއާ ބޭރުން ކައިސޭޑޯ ފޮނުވާލި ބާރު ހަމަލާ، ކިއުރަސާއޯގެ ކީޕަރު ރޫމް ވަނީ މަތަކޮށްފައެވެ. އޭގެ ފަހުން ޕެނަލްޓީ އޭރިއާ ބޭރުން އެކުއެޑޯގެ ޕްލާޓާ ފޮނުވާލި ހަމަލާ ކިއުރަސާއޯގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މެޗުގެ 60 ވަނަ މިނެޓުގައި ކިއުރަސާއޯ އިން އެކުއެޑޯގެ ގޯލަށް ނުރައްކާކުރިއެވެ. ޕެނަލްޓީ އޭރިއާ ބޭރުން ކެޕްޓަން ލިއާންޑްރޯ ބަކޫނާ އަދި ރީބައުންސް ބޯޅައިން ޕެނަލްޓީ އޭރިއާ ތެރެއިން ކޮމެނެންސިއާ ފޮނުވާލި ހަމަލާ ވެސް އެކުއެޑޯގެ ކީޕަަރު ގަލިންޑޭޒް ވަނީ މަތަކޮށްފައެވެ. އަދި އޭގެ ފަހުން ކިއުރަސާއޯގެ ލޮޮކާޑިއާ ފޮނުވާލި ހަމަލާ، ކައުސޭޑޯ ވަނީ ބްލޮކްކޮށްފައެވެ.
ކިއުރަސާއޯގެ އެ ހަމަލާތަކުގެ އިރުކޮޅެއް ކުރިން އެކުއެޑޯގެ ހަމަލާއެއް ފެނިގެންދިޔަ އިރު، ހިންކެޕިއޭ ބޮލުން ފޮނުވާލި ހަމަލާ، ކިއުރަސާއޯގެ ކީޕަރު ރޫމް ވަނީ މަތަކޮށްފައެވެ.
މެޗުގެ 66 ވަނަ މިނެޓުގައި ވެސް ކައިރިކައިރީގައި ކިއުރަސާއޯގެ ކީޕަރު ރޫމްގެ މުހިންމު ދެ ސޭވްއެއް ފެނިގެންދިޔައެވެ. އެއީ ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ވެލެންސިއާ ބޮލުން ފޮނުވާލި ހަމަލާއަކާއި ކޯނަރެއްގެ ތެރެއިން ކެވިން ރޮޑްރިގޭޒް ބޮލުން ފޮނުވާލި ހަމަލާއެކެވެ. އެ ސޭވްތަކާއެކު މެޗުގައި ކިއުރަސާއޯގެ ކީޕަރު ކުރި ސޭވްތަކުގެ އަދަދު ވަނީ 12 އަށް އަރައިފައެވެ.
އޭގެ ފަސް މިނެޓު ފަހުން ވެސް ކިއުރަސާއޯ ކީޕަރު ރޫމްގެ ސޭވްއެއް ފެނިގެންދިޔައެވެ. އެއީ ޕެނަލްޓީ އޭރިއާ ބޭރުން ބަދަލު ކުޅުންތެރިޔާ ނިލްސަން އަންގޫލޯ ފޮނުވާލި ބާރު ހަމަލާއެކެވެ. އޭގެ އިރުކޮޅެއް ފަހުން ކޯނަރެއްގެ ތެރެއިން ހިންކެޕިއޭ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ކިއުރަސާއޯ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.
މެޗުގެ 74 ވަނަ މިނެޓުގައި ކިއުރަސާއޯގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ޖުނީނިއޯ ބަކޫނާ ފޮނުވާލި ބާރު ހަމަލާ، އެކުއެޑޯގެ ކީޕަރު ގަލިންޑޭޒް ވަނީ މަތަކޮށްފައެވެ.
ކިއުރަސާއޯ ކީޕަރު ރޫމްގެ 14 ވަނަ ސޭވް ފެނިގެންދިޔައީ މެޗުގެ 77 ވަނަ މިނެޓުގައެވެ. އެއީ ހުރަހެއްގެ ތެރެއިން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، އެނާ ވެލެންސިއާ ބޮލުން ފޮނުވާލި ހަމަލާއެކެވެ. އޭގެ ތިން މިނެޓު ފަހުން، ޕެނަލްޓީ އޭރިއާ ބޭރުން އެކުއެޑޯގެ ވީޓޭ ފޮނުވާލި ބާރު ހަމަލާ ވެސް ކިއުރަސާއޯގެ ކީޕަރު ރޫމް ވަނީ މަތަކޮށްފައެވެ.
މެޗުގެ 84 ވަނަ މިނެޓުގައި އެކުއެޑޯ ކެޕްޓަން އެނާ ވެލެންސިއާއަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ވެލެންސިއާ ހަމަލާ ފޮނުވާލުމުގެ ކުރިން ފަހަތުން އައިސް، ކިއުރަސާއޯގެ ޖޯޝުއާ ބްރެނެޓް ވަނީ ދިފާއުކޮށްފައެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައިވަނިކޮށް ވެސް އެކުއެޑޯގެ ހަމަލާއެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރޭ އަރިމަތިން ޕްލަސީޑޯ ފޮނުވާލި ހަމަލާ އަމާޒުވީ ކިއުރަސާއޯ ގޯލުގެ ހުރަސް ދަނޑިއަށެވެ.
މި ނަތީޖާއާއެކު އެކުއެޑޯ އަދި ކިއުރަސާއޯއަށް ވެސް ގްރޫޕުގެ ފަހު މެޗުން މޮޅުވެގެން ދެވަނަ ބުރުގެ ޖާގައެއް ހޯދުމުގެ ފުރުސަތެއް އޮންނާނެއެވެ. މި ގްރޫޕުން މިހާތަނަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައިވަނީ ހަ ޕޮއިންޓު ހޯދި ޖަރުމަނެވެ. ދެން ހިމެނޭ އައިވަރީ ކޯސްޓަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް