އެމެރިކާއިން މެދުވެރިވެގެން ލުބުނާނުގައި ގާއިމުކުރާ އާ ހަމަލާކަނޑާލުމުގެ އެއްބަސްވުމަށް އަމަލުކުރަން އިސްރާއީލުން ތައްޔާރަށް އޮތްކަމަށް އެމެރިކާގައި ހުންނަވާ އިސްރާއީލުގެ ސަފީރު ޔެހިއެލް ލެއިޓަރ ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވި ގޮތުގައި މިކަން ބިނާވެފައިވަނީ ހިޒްބުﷲ އިން އެއްބަސްވުމުގެ ޝަރުތުތަކަށް ބޯލެނބުމުގެ މައްޗަށެވެ.

މިގޮތަށް ވިދާޅުވެފައި ވަނީ އިއްޔެ ހަވީރު 4:00 އިން ފެށިގެން ހަމަލާތައް މެދުކަނޑާލުމަށް އިސްރާއީލާއި ހިޒްބުﷲ އިން އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ އިސް އޮފިޝަލަކު ރޮއިޓަރސްއަށް މައުލޫމާތު ދެއްވާފައި ވަނިކޮށެވެ. މި އެއްބަސްވުން އެކުލަވާލާފައިވަނީ އެމެރިކާއާއި ގަތަރުގެ މަންދޫބުންގެ އިތުރުން އީރާނުގެ އެހީތެރިކަމާއެކުގައެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސަފީރު ލެއިޓަރ ވިދާޅުވީ، ވަގުތުން ހަމަލާތައް ހުއްޓާލުމަށް އިސްރާއީލުން ފުރިހަމައަށް އެއްބަސްވާ ކަމަށެވެ. ހިޒްބުﷲ އިން އެއްބަސްވުމަށް އިހުތިރާމުކޮށް، ހަމަލާތައް ހުއްޓާލައިފިނަމަ، އިސްރާއީލުން ވެސް ހަމަހިމޭންކަން ހިޔާރުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، އިސްރާއީލަށް އަމާޒުކޮށް ދޭ ކޮންމެ ހަމަލާއަކަށް ރައްދުދިނުމުގެ ހައްގު އެ ގައުމަށް އޮންނާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި އެއްބަސްވުމުގެ ދަށުން، ލީތާނީ ކޯރުގެ ދެކުނުން ހިޒްބުﷲގެ ހަނގުރާމަވެރިން ފަހަތަށް ޖެހުމަށް ޝަރުތުކޮށްފައިވެއެވެ. އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާ ހަވާލުވާނީ ލުބުނާނުގެ ރަސްމީ އަސްކަރިއްޔާއިން ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ ކުރިން ގާއިމުކުރި ހަމަލާކަނޑާލުމުގެ އެއްބަސްވުންތަކާ ހިލާފުވެފައިވާ ކަމަށް ބުނެ، އިސްރާއީލާއި ހިޒްބުﷲ އިން ވަނީ އެއްބަޔަކު އަނެއް ބަޔަކަށް ތުހުމަތުކޮށްފައެވެ.

އެހެންކަމުން، މި އާ އެއްބަސްވުމަށް އަމަލުކުރަން ފެށުމާއެކު، ދެ ފަރާތުން ވެސް އެއްބަސްވުމުގެ ޝަރުތުތަކާ އެއްގޮތަށް އަމަލުކުރޭތޯ ކަށަވަރުކުރުމަކީ މެދުވެރިންނަށް އޮތް އެންމެ ބޮޑު ގޮންޖެހުއް ކަމަށް ރިޕޯޓްތައް ބުނެއެވެ.