ވޯލްޑް ކަޕް 2026 ގައި އޮސްޓްރޭލިއާ ބަލިކޮށް، ދެވަނަ މޮޅާއެކު އެމެރިކާއިން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
އެމެރިކާއަކީ މިފަހަރު ވޯލްޑް ކަޕްގެ ހޯސްޓް ގައުމެކެވެ. އެގައުމަކީ މުބާރާތުގެ ފައިނަލް މެޗާއި އެންމެ ގިނަ މެޗުތައްވެސް ހޯސްޓް ކުރާނެ ގައުމެވެ. މިފަހަރުގެ ވޯލްޑް ކަޕަކީ އެމެރިކާ ވާދަކުރާ 12 ވަނަ ވޯލްޑް ކަޕެވެ. އެމެރިކާއިން 1930 ވަނަ އަހަރު ވޯލްޑް ކަޕްގެ ތިންވަނަ ހޯދި އިރު، ދެން ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ 2002 ވަނަ އަހަރު ކުއާޓާ ފައިނަލްގައި ކުޅުމެވެ.
އެމެރިކާއިން 1950 ވަނަ އަހަރު ވޯލްޑް ކަޕްގައި ކުޅުނު ނަމަވެސް ދެން ކުޅުނީީ 1990 އިން 2014 އާއި ދެމެދު އޮތް ވޯލްޑް ކަޕްތަކުގައެވެ. 2018 ވަނަ އަހަރު އެގައުމަށް ވޯލްޑް ކަޕު ގެއްލުނު ނަމަވެސް، 2022 ވަނަ އަހަރު އަނެއްކާވެސް ވޯލްޑް ކަޕަށް ނުކުތެވެ. އެމެރިކާއިން ފުޓުބޯޅައަށް ބޮޑު ހަރަދެއް ކުރަމުންދެއެވެ. އާ ޖީލުތައް ބިނާކުރުމަށެވެ. އާ ހަރުފަތަކަށް ކާމިޔާބީ ގެންދިއުމަށެވެ.
އޭޝިއާއަށް ނިސްބަތްވާ އޮސްޓްރޭލިއާއަކީ ދެ ކޮންފެޑެރޭޝަނެއްގެ ޗެމްޕިއަންކަން ހޯދި ގައުމެކެވެ. އޮސްޓްރޭލިއާއިން ވަނީ އޯއެފްސީ ނޭޝަންސް ކަޕް ހަތަރު ފަހަރު އަދި 2015 ވަނަ އަހަރުގެ އޭއެފްސީ އޭޝިއަން ކަޕް ކާމިޔާބުކޮށްފައެވެ. 1922 ވަނަ އަހަރުން ފެށިގެން ފުޓުބޯޅައިގައި އޯޝެނިއާ ގައުމެއްގެ ގޮތުގައި އޮސްޓްރޭލިއާ އޮތަސް، އެޓީމުން 2006 ވަނަ އަހަރުން ފެށިގެން ގުނަނީ އޭޝިއާ ގައުމަކަށެވެ.
އޮސްޓްރޭލިއާ އިން ވަނީ ހަތް ވޯލްޑް ކަޕެއްގައި ވާދަކޮށްފައެވެ. އެޓީމު ފުރަތަމަ ފެނިގެންދިޔައީ ވެސްޓް ޖަރުމަނުގައި ބޭއްވި ވޯލްޑް ކަޕް 1974 ގައެވެ. ދިގު އިންތިޒާރަކަށްފަހު އޮސްޓްރޭލިއާ ދެން ފެނިގެންދިޔައީ ވޯލްޑް ކަޕް 2006 ގައެވެ. އެއަށްފަހު ކޮންމެ ވޯލްޑް ކަޕެއްގައި އޮސްޓްރޭލިއާ ފެނެއެވެ. އޮސްޓްރޭލިއާއަށް ވޯލްޑް ކަޕްގައި އެންމެ ކާމިޔާބު އަހަރުތަކަކީ 2006 ގެ އިތުރުން އެންމެފަހުން ގަތަރުގައި ބޭއްވި 2022 ވަނަ އަހަރު ވޯލްޑް ކަޕެވެ. އެ ދެ މުބާރާތުގެ ގަދަ 16 އަށް އޮސްޓްރޭލިއާ ދަތުރުކުރިއެވެ.
ފުރަތަމަ މެޗުގައި ލިބުނު އަނިޔާއާ ގުޅިގެން އެމެރިކާގެ ޓީމުން އެޓީމުގެ ތަރި ކްރިސްޓިއަން ޕުލިސިޗް ނުފެންނާނެއެވެ. ނަމަވެސް މިރޭގެ މެޗުގެ ފުރަތަމަ 11 ގައި ކެޕްޓަން ޓިމް ރީމް، ވެސްޓަން މެކެނީ، ސާޖީނިއޯ ޑެސްޓް އަދި ފޮލަރިން ބެލޮގަން ވަނީ ހިމަނައިފައެވެ. އަދި އޮސްޓްރޭލިއާގެ ފުރަތަމަ 11 ގައި ހެރީ ސޫޓާ އާއި އެލެކްސެންޑްރޯ ޗިއާކެޓީ ހިމެނި، ޑިފެންސް ފެނުނީ ވަރުގަދަކޮށެވެ. ނަމަވެސް އެޓީމުގެ އެޓޭކުގެ އެންމެ މުހިންމު ކުޅުންތެރިޔާ ނެސްޓޮރީ އިރަންކުންޑާ މެޗު ފެށީ ބެންޗުންނެވެ.
"ގްރޫޕު ޑީ"ގެ ފުރަތަމަ މެޗުތަކުގެ ތެރެއިން އެމެރިކާ ވަނީ ޕެރަގުއާއީއާ ދެކޮޅަށް ކުޅެ 4-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި އޮސްޓްރޭލިއާގެ ފުރަތަމަ މެޗުގައި ތުރުކީ އަތުން 2-0 ގެ ނަތީޖާއަކުން ވަނީ މޮޅުވެފައެވެ. އެހެންކަމުން މިރޭގެ މެޗުން ނުކުތް އިރު، މޮޅުވެގެން އެމެރިކާ އަދި އޮސްޓްރޭލިއާއަށް ވެސް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރެވެން އޮތެވެ.
އެމެރިކާގެ ސިއާޓްލް ސްޓޭޑިއަމްގައި މިރޭ ކުޅުނު "ގްރޫޕު ޑީ" ގެ މެޗުގައި އޮސްޓްރޭލިއާގެ މައްޗަށް އެމެރިކާއިން ކުރި ހޯދީ 2-0 ގެ ނަތީޖާއަކުންނެވެ.
ދާދި ހަމަހަމަ ކުޅުމަކަށްފަހު އެމެރިކާއިން ނުރައްކާކުރަން ފަށައި، މެޗުގެ ނުވަވަނަ މިނެޓުގައި ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ޑެސްޓް ފޮނުވާލި ހަމަލާ، އޮސްޓްރޭލިއާގެ ޑިފެންސުން ވަނީ ބްލޮކްކޮށްފައެވެ.
މެޗުގެ 11 ވަނަ މިނެޓުގައި އެމެރިކާއިން ވަނީ ގޯލަކާއެކު ލީޑު ނަގައިފައެވެ. ބޯޅަ ހިފައިގެން އަރިމަތިން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ގޯލު ކުރިމައްޗަށް ބެލޮގަން ނެގި ބޯޅަ، ގޯލުގެ ތެރެއަށް ވަދެފައިވަނީ އޮސްޓްރޭލިއާގެ ކަމެރަން ބޯޖަސް އަތުން ބައިކޮޅަށެވެ.
އޭގެ މާގިނަރުތަކެއް ނުވެ ކޯނަރަކުން ވެސް އެމެރިކާއިން އޮސްޓްރޭލިއާގެ ގޯލަށް ނުރައްކާކުރިއެވެ. ކޯނަރުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ މެކެނީ ބޮލުން ފޮނުވާލި ހަމަލާ، އޮސްޓްރޭލިއާ ޑިފެންޑަރު ޖޯޑަން ބޮސް ގައިގައި ޖެހި ވަނީ ބްލޮކްވެފައެވެ.
މެޗުގެ 23 ވަނަ މިނެޓުގައި އޮސްޓްރޭލިއާއަށް ނަތީޖާ ހަމަހަމަކުރުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. މެތިއު ލެކީ ނަގައިދިން ބޯޅަ، ނިޝާން ވެލުޕިލޭއަށް ގޯލު ކުރިމަތިން ލިބުމުގެ ކުރިން އެމެރިކާ ޑިފެންޑަރު އެލެކްސް ފްރީމަން ވަނީ ޓެކަލްކޮށް ދިފާއުކޮށްފައެވެ.
މެޗުގެ 43 ވަނަ މިނެޓުގައި އެމެރިކާއިން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ޑެސްޓް ފޮނުވާލި ހަމަލާއެއް ބްލޮކްވުމަށްފަހު، ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅަ، ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން އެމެރިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެލެކްސް ފްރީމަން އެވެ. އެ ގޯލާއެކު އޮފްސައިޑް ކަމަށް ރެފްރީ ފުރަތަމަ ނިންމި ނަމަވެސް، ފަހުން ވީއޭއާރްގެ އެހީގައި ނިންމީ ގޯލެއް ކަމަށެވެ.
އެ ގޯލަށްފަހު ވެސް އެޓޭކުގައި ނުރައްކާކޮށް ފެނިފައިވަނީ އެމެރިކާއެވެ. ހާއްސަކޮށް ޑެސްޓްގެ ނުރައްކާ ފާހަގަކޮށްލެވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އޮސްޓްރޭލިއާ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި އޮސްޓްރޭލިއާ ޓީމު ކުރިއަށް ނުކުމެ ހުއްޓައި އެމެރިކާއަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ހުސްކޮށް ހުރެ ބެލޮގަންއަށް ލިބުނު ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާ، ފަހަތުން އައިސް، އޮސްޓްރޭލިއާ ޑިފެންޑަރު ޗިއާކެޓީ ވަނީ ދިފާއުކޮށްފައެވެ.
ދެވަނަ ހާފުގައި އިރަންކުންޑާ ކުޅެން ނުކުތުމާއެކު އޮސްޓްރޭލިއާގެ އެޓޭކުން ނުރައްކާތަކެއް ފެނިގެންދިޔައެވެ. އެގޮތުން މެޗުގެ 61 ވަނަ މިނެޓުގައި އޮސްޓްރޭލިއާއަށް ލިބުނު ފުރުސަތެއް ލިބިގެންދިޔައެވެ. އިރަންކުންޑާ ދިން ބޯޅައަކުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ކްރިސްޓިއަން ވޮލްޕަޓޯ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާ، އެމެރިކާގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
އެގެ ހަތަރު މިނެޓު ފަހުން ވެސް އޮސްޓްރޭލިއާއަށް ފުރުސަތެއް ލިބިގެންދިޔައެވެ. އެމެރިކާއަށް ހެދުނު ގޯހަކުން، ޕެނަލްޓީ އޭރިއާ ބޭރުން ކޮނާ މެޓްކާފް ފޮނުވާލި ހަމަލާ، އެމެރިކާ ކީޕަރު މެޓް ފްރީސް ވަނީ ފަސޭހަކަމާއެކު ދިފާއުކޮށްފައެވެ. މެޓްކާފް އަކީ ވެސް އޮސްޓްރޭލިއާއިން ދެވަނަ ހާފުގައި ކުޅެން އެރުވި ކުޅުންތެރިއެކެވެ.
ދެވަނަ ހާފުގެ ފަހުކޮޅުގައި ވެސް، އޮސްޓްރޭލިއާގެ އެޓޭކު ފެނުނީ ވަރުގަދަކޮށެވެ. އޮސްޓްރޭލިއާއިން އެމެރިކާގެ ގޯލަށް ނުރައްކާކުރުމަށް މަސައްކަތްކުރަމުންދިޔަ ނަމަވެސް، އެންމެ ރަނގަޅު ފުރުސަތުތައް ތަނަވަސްކުރުމަށް އުނދަގޫތަކަކާ ކުރިމަތިވިއެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް