ވޯލްޑް ކަޕް 2026 ގައި ޕެރަގުއާއީ ކުޅުނު ފުރަތަމަ މެޗުގައި އެމެރިކާ އަތުން 4-1 އިން ބަލިވި މެޗަށް ފަހު ޕެރަގުއާއީގެ ކުޅުންތެރިންނަށް އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން، އެ ޓީމުގެ ކޯޗު ގުސްޓާވޯ އަލްފާރޯ ނޫސްވެރިންނަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފިއެވެ.
ތުރުކީއާ ދެކޮޅަށް ކުޅޭ "ގްރޫޕް ޑީ" ގެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އަލްފާރޯ ބުނީ އެމެރިކާ އަތުން ލިބުނު ބޮޑު ނާކާމިޔާބީގެ ފުރިހަމަ ޒިންމާ އޭނާ ނަގާ ކަމަށެވެ.
"އަހަރެންނަށް ފާޑުކިޔާ! އަހަރެންނަށް ބަހުގެ ހަމަލާދީ! އެކަމަކު ކުޅުންތެރިންނަށް އެހެން ނުހަދާ! އެ ކުޅުންތެރިން ހިމާޔަތްކުރޭ!" އިނގިލި ދިއްކުރަމުން ނުރުހުންތެރިކަމާއެކު އަލްފާރޯ ބުންޏެވެ.
އޭނާ އިތުރަށް ބުނީ ވޯލްޑް ކަޕް ނިމުމުން އޭނާ ދާނެ ކަމަށާއި ނަމަވެސް ގައުމު ތަމްސީލުކުރަން ކުޅުންތެރިން ދެމިތިބޭނެ ކަމަށެވެ. ގައުމީ ޓީމުގެ އެންމެ އަގުހުރި ރައުސްމާލަކީ ކުޅުންތެރިން ކަމަށްވާތީ، އެ ކުޅުންތެރިން ދިފާއުކުރުމަށް އޭނާ އެދުނެވެ.
ޕެރަގުއާއީ އެންމެ ފަހުން ވޯލްޑް ކަޕެއްގައި ކުޅެފައިވަނީ 2010 ވަނަ އަހަރުއެވެ. އެ ފަހަރު އެ ޓީމު ކަޓާފައިވަނީ މުބާރާތް ކާމިޔާބުކުރި ސްޕެއިން އަތުން ކުއާޓާ ފައިނަލުގައެވެ. ކުރިއަށް އޮތް މެޗަށް ނުކުންނަ އިރު، ޕެރަގުއާއީ އަދި ތުރުކީއަށް ވެސް އިތުރު ގޯހެއް ހެދުމުގެ ފުރުސަތެއް ނެތެވެ. ސަބަބަކީ ތުރުކީ ވެސް ވަނީ ފުރަތަމަ މެޗުގައި އޮސްޓްރޭލިއާ އަތުން 2-0 އިން ބަލިވެފައެވެ.
އެމެރިކާއާ ދެކޮޅަށް ކުޅުނު މެޗުގެ ވާހަކަތައް ނޫސްވެރިން ތަކުރާރުކޮށް އެހުމުން އަލްފާރޯ ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އޭނާ ބުނީ އެމެރިކާ މެޗުގެ ސަފުހާ ބަންދުކޮށްފައިވާ ކަމަށާއި ދެން އޮތީ ތުރުކީއާ ދެކޮޅަށް ކުޅޭ ފައިނަލެއް ކަހަލަ މެޗު ކަމަށެވެ. ކުޅުންތެރިން ތިބީ ހަތް މިލިއަން މީހުން ތަމްސީލުކުރަން ކަމަށާއި ކުޅުންތެރިންގެ ބަދަލުގައި ކޯޗު "ހަލާކުކޮށްލިޔަސް" މައްސަލައެއް ނެތް ކަމަށް އޭނާ ބުންޏެވެ.
ވޯލްޑް ކަޕް 2026 ގެ "ގްރޫޕު ޑީ" ގައި ތުރުކީއާ ދެކޮޅަށް ޕެރަގުއާއީ ނުކުންނާނީ ރާއްޖޭގަޑިން މާދަމާ ހެނދުނު 8:00 ގައެވެ.
އަލީ ރިފްޝާން
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް