މިއަހަރު އަލަށް ވޯލްޑް ކަޕްގައި ކުޅެމުންދާ ކޭޕް ވާޑްގެ އުމުރުން 40 އަހަރުގެ ގޯލްކީޕަރު ޖޮސިމާ ޖޯސޭ އިވޯރާ ޑިއާސް (ވޮޒީނިއާ) ގެ މަންމަގެ ވިސާ ކަންކަން ހަމަޖެހި، ވޯލްޑް ކަޕަށް ދާން ފުރުސަތު ލިބިއްޖެއެވެ.

ސްޕެއިނާ ދެކޮޅަށް ކޭޕް ވާޑުން ކުޅުނު މެޗުގެ ފަހު ކަށިގަނޑާއެކު ހުރިހާ ކެމެރާއެއްގެ ފޯކަސްވެސް އަމާޒުވީ ގޯލްކީޕަރު، ވޮޒީނިއާއަށެވެ. އުމުރުން 40 އަހަރުގެ ކޭޕް ވާޑް ކީޕަރު ވޮޒީނިއާއަށް އޭރު ހުރީ ރޮވިފައެވެ. 2010 ވަނަ އަހަރު ދުނިޔޭގެ ޗެމްޕިއަން ސްޕެއިން ކައިރިން ހޯދުނު ޕޮއިންޓްގެ ހިތާމައިގައެއް ނޫނެވެ. އުފާވެރިކަމުގައެވެ. ފަސް ލައްކައެއްހާ މީހުން ދިރިއުޅޭ ކޭޕް ވާޑުން ސްޕެއިން ހިފަހައްޓާލި އިރު، އެ މެޗުގެ ތަރިއަކަށް ވެވުނީތީއެވެ. ވޯލްޑް ކަޕްގެ ހުވަފެނުގައި ކުލަ ޖެހުނީ ތަފާތު އިހުސާސަކާ އެކުގައެވެ.

ޕޯޗުގަލްގެ ދެވަނަ ޑިވިޝަނުގެ ޗާވޭސްއަށް ކުޅެމުން އަންނަ ވޮޒީނިއާ ވަނީ ސްޕެއިން ހެފެހެއްޓުމަށް ހަތް ވަރަކަށް ސޭވްކޮށް، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފައެވެ.

"އަހަންނަށް ރޮވުނީ އަހަރެންގެ ކާފައާއި މާމަގެ ހަނދާނުގައި. މީގެ ދެތިން އަހަރު ކުރިން އެ ދެމީހުންވެސް ވަނީ މަރުވެފައި. އެއީ އަހަންނަށް ހަޔާތުގައި އެންމެ މުހިއްމު ދެމީހުން. ރޮވުނު އަނެއް ސަބަބަކީ މަންމަ. އަހަރެންގެ މަންމައަށް މިއަދުގެ މެޗަށް ނާދެވުނީ ވިސާގެ ކަންކަން މެނޭޖް ނުކުރެވިގެން. ހަގީގަތުގައި އެކަމަށް ހޭދަވާ ހަރަދު ބޮޑުވުމުން އަހަރެމެންނަށް އެކަން ނުވީ،" އެމެޗަށްފަހު ވޮޒީނިއާ ބުނެފައިވެއެވެ.

އެހިސާބުން ކޭޕް ވާޑްގެ ފެޑަރޭޝަނުން ވަނީ ވޮޒީނިއާގެ މަންމަ އާނާ ކަންޑީޑާ އެވޯރާގެ ވިސާ ކަންކަން ގާތުން ބަލަން ފަށައިފައެވެ. އަދި ވަގުތުން އެކަމަށް ބޭނުންވާ ހަރަދު ހަމަޖެހޭނެ ގޮތެއްވެސް ހޯދައި، ވޮޒީނިއާގެ މަންމަ ވަނީ ފެޑަރޭޝަންގެ އެދުމުގެ މަތިން ޕްރާއިއާއަށް ގޮސްފައެވެ. އެއީ ކޭޕް ވާޑްގެ ވެރިރަށެވެ.

އެވޯރާ ބުނީ ހުރިހާ ކަމެއްވެސް ވެގެން ދިޔައީ މަދު ވަގުތުކޮޅެއްގެ ތެރޭގައި ކަމަށާއި، ކަންކަން ހަމަޖެހުމުން ވަރަށް އުފާވެފައި ހުރި ކަމަށެވެ. އަދި ދަރިފުޅު ކުޅޭތަން ބަލަން ވޯލްޑް ކަޕަށް ދިޔުމަކީ ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށްވެސް އެވޯރާ ބުނެފައިވެއެވެ.

ކޭޕް ވާޑުން ދެން ކުޅޭ ގްރޫޕް ސްޓޭޖު މެޗުގައި ނުކުންނާނީ އުރުގުއާއީއާ ދެކޮޅަށެވެ. އެއީ މިމަހު 22 ވަނަ ދުވަހުއެވެ.