އީރާނާއެކު ކުރި ހަނގުރާމައަށް ފަހު، އެމެރިކާއާއި އިސްރާއީލާ ދެމެދު އޮންނަ ސްޓްރެޓީޖިކް ގުޅުން ދެމެހެއްޓުމުގެ މުހިންމުކަން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިއަދު ފާހަގަކުރައްވައިފިއެވެ. އޭނާ މިކަން ފާހަގަކުރެއްވީ، އީރާނާއި އެމެރިކާއާ ދެމެދު ސުލްހައިގެ އެއްބަސްވުމަކަށް އައުމާ ގުޅިގެން އިސްރާއީލުގެ އެތެރޭގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރެއިންނެވެ.
ނަތަންޔާހޫ ވިދާޅުވި ގޮތުގައި، އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގައި އެމެރިކާއިން ވަނީ އިސްރާއީލާ “ކޮނޑާކޮނޑުޖައްސައި” އެކުގައި ސާބިތުވެ ތިބެފައެވެ. ކުރިއަށް އޮތް ތަނުގައި ވެސް ދެ ގައުމުގެ ދެމެދުގައި އޮންނަ މުހިންމު ގުޅުން ހިމާޔަތްކުރުމަކީ އިސްރާއީލުގެ ސަރުކާރުން އިސްކަންދޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރު އޮތް ސިޔާސީ އަދި އަސްކަރީ ހާލަތަށް އިޝާރާތްކުރައްވައި ނަތަންޔާހޫ ވިދާޅުވީ، އީރާނާ ދެކޮޅަށް ކުރާ މަސައްކަތް އަދި ނުނިމޭ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އިތުރު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.
އެހެންކަމުން، މި ވަގުތު ބޭނުންވަނީ މަޑުމައިތިރިކަމާއެކު ވިސްނުންތެރިކަން އިސްކުރުން ކަމަށާއި، އިސްރާއީލުގެ ސަލާމަތީ މަސްލަހަތުތައް ދިފާއުކުރުމުގައި ފަހަތަށް ނުޖެހި ސާބިތުވެ ތިބުން މުހިންމުކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
އެމެރިކާއާއި އީރާނާ ދެމެދު ސޮއިކުރި އެއްބަސްވުމާ ގުޅިގެން އިސްރާއީލުގެ ސިޔާސީ ބައެއް ފަރާތްތަކުން ނަތަންޔާހޫއަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގައި، އޭނާ ވަނީ އެމެރިކާއާއެކު އޮންނަ ޑިޕްލޮމެޓިކް ގުޅުމުގެ މުހިންމުކަން ތަކުރާރުކޮށް ދިފާއުކުރައްވާފައެވެ.
ރިޕޯޓުތައް ބުނާ ގޮތުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އީރާނާއެކު ވެފައިވާ އެއްބަސްވުމުގެ ސަބަބުން އިސްރާއީލުގެ އެތެރޭގައި ވަނީ ހިޔާލުތަފާތުވުންތައް އުފެދިފައެވެ. ނަމަވެސް ނަތަންޔާހޫގެ ވާހަކަފުޅު ނިންމަވައިލައްވަމުން ވިދާޅުވީ، އެއްބަސްވުމެއް އޮތަސް އަދި ނެތަސް، އީރާނުން ނިއުކްލިއަރ ހަތިޔާރު ހޯދުމަށް ކުރާ މަސައްކަތް ހުއްޓުވުމަށް އިސްރާއީލުން އަބަދުވެސް މަސައްކަތްކުރާނެ ކަމަށެވެ.
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ
ކޮމެންޓް