ވޯލްޑް ކަޕް 2026 ގައި ޗެކް ރިޕަބްލިކުން މޮޅުވާން ދަނިކޮށް، ސައުތު އެފްރިކާއިން ހުއްޓުވައިފިއެވެ.
ދެކުނު އެފްރިކާއިން ފުރަތަމަ މެޗެއް ކުޅުނީ 1906 ވަނަ އަހަރުއެވެ. އޭގެފަހުން ފީފާގެ ސަސްޕެންޝަނެއްގައި އޮތުމަށްފަހު އަލުން ފުޓުބޯޅައަށް ނުކުތީ 1992 ވަނަ އަހަރުއެވެ. 16 އަހަރު އެގައުމުން ފީފާ ސަސްޕެންޝަނެއްގައި އޮތެވެ. މީގެ ކުރިން ތިން ވޯލްޑް ކަޕެއްގައި ދެކުނު އެފްރިކާއިން ކުޅުނެވެ. އެއީ ކޮލިފައި ވެގެން ކުޅުނު 1998 ވަނަ އަހަރާއި 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ އިތުރުން އެގައުމުގައި ބޭއްވި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގައެވެ. ދެކުނު އެފްރިކާއަކީ ވޯލްޑް ކަޕެއް ހޯސްޓް ކުރި އެފްރިކާގެ ފުރަތަމަ ގައުމެވެ. އެ ޝަރަފާއެކު އެގައުމުގެ ވޯލްޑް ކަޕް ވެގެންދިޔައީ ގައުމުގެ ސަގާފަތް ދުނިޔެއަށް އިޝްތިހާރު ވެގެން ދިޔަ ވޯލްޑް ކަޕަކަށެވެ.
މީގެ ކުރިން 1996 ވަނަ އަހަރު އެފްރިކާގެ ޗެމްޕިއަންކަން ހޯދި ދެކުނު އެފްރިކާއިން މިފަހަރު ވޯލްޑް ކަޕަށް ނުކުންނަނީ މެދުކެނޑުމަކަށްފަހުއެވެ. އަމިއްލަ ގައުމުގެ ވޯލްޑް ކަޕާއި ދެން ކުރިން ކުޅުނު ވޯލްޑް ކަޕްތަކުގައިވެސް އެގައުމަށް ގްރޫޕް ސްޓޭޖު ފަހަނައަޅައި ދެވިފައެއް ނުވެއެވެ.
ޗެކް ރިޕަބްލިކްގެ ފުޓުބޯޅަ ރަސްމީވެގެން ދިޔައީ ޗެކޮސްލޮވާކިއާ ވަކިވެ، އެގައުމު ވަކި ގައުމަކަށްވި ހިސާބުންނެވެ. އެއީ 1990 ގެ ތެރޭގައެވެ. ޗެކް ރިޕަބްލިކުން ވަކި ގައުމެއްގެ ގޮތުގައި ފުރަތަމަ މެޗެއް ކުޅުނީ 1994 ވަނަ އަހަރުއެވެ. ޗެކޮސްލޮވާކިއާގެ ގޮތުގައި އަށް ވޯލްޑް ކަޕެއްގައި ވާދަކޮށްފައިވާ އިރު، ދެ ފަހަރަކު ވޯލްޑް ކަޕް ފައިނަލްވެސް ކުޅުނެވެ. އެއީ 1934 އަދި 1962 ވަނަ އަހަރުއެވެ. ޗެކް ރިޕަބްލިކްގެ ގޮތުގައި ވަކިން އެގައުމުން ވޯލްޑް ކަޕް ކުޅުނީ 2006 ވަނަ އަހަރު އެކަންޏެވެ. އެފަހަރު ކެޓީ ގްރޫޕް ސްޓޭޖުންނެވެ. ވަރުގަދަ އިންޑިވިޖުއަލް ކުޅުންތެރިން އޭގެފަހުން ފެނުނު ނަމަވެސް، މިދިޔަ ހަތަރު ވޯލްޑް ކަޕަށްވެސް އެޓީމު ކޮލިފައިވެފައެއް ނުވެއެވެ. ޗެކް ރިޕަބްލިކުން ވަކި ގައުމެއްގެ ގޮތުގައި ޔޫރޯ 2004 ގެ ސެމީގައި ކުޅުނެވެ. އެއީ ފަހަކަށް އައިސް އެންމެ ބޮޑު ކާމިޔާބީއެވެ.
މިރޭގެ މެޗުގައި ޗެކް ރިޕަބްލިކްގެ ފުރަތަމަ 11 ގައި އެޓޭކް ލައިނުން ޕެޓްރިކް ޝިކް އާއި އެޑަމް ލޯޒެކް ފާހަގަކޮށްލެވުނު އިރު، ލަޑިމިއާ ކޯފާލް ވެސް މެޗު ފެށިއެވެ. ނަމަވެސް ތޯމަސް ސޯޗެކް މެޗު ފެށީ ބެންޗުންނެވެ.
ސައުތު އެފްރިކާގެ ފުރަތަމަ 11 ގައި ގޯލްކީޕަރު ރޮންވެލް ވިލިއަމްސް ފާހަގަކޮށްލެވުނު އިރު، ފޯވަޑް ލައިލް ފޮސްޓާ ފެށީ ބެންޗުންނެވެ. ސައުތު އެފްރިކާގެ ފުރަތަމަ މެޗުގައި ޔާޔާ ސިތޯލް އާއި ތެމްބާ ޒްވާންއަށް ރަތް ކާޑު ދެއްކުމުން، އެ ކުޅުންތެރިން ތިބީ ސަސްޕެންޝަންގައެވެ.
މި ދެ ޓީމުން ވެސް ދެވަނަ މެޗާ ކުރިމަތިލާފައިވަނީ ފުރަތަމަ މެޗުން ލިބުނު ނާކާމިޔާބީއަށްފަހުއެވެ. އެގޮތުން މެކްސިކޯ އަތުން 2-0 ގެ ނަތީޖާއަކުން ސައުތު އެފްރިކާ ބަލިވި އިރު، 2-1 ގެ ނަތީޖާއަކުން ސައުތު ކޮރެއާ އަތުން ޗެކް ރިޕަބްލިކް ވަނީ ބަލިވެފައެވެ.
އެމެރިކާގެ އެޓްލާންޓާ ސްޓޭޑިއަމްގައި ޗެކް ރިޕަބްލިކާއި ސައުތު އެފްރިކާ މިރޭ ކުޅުނު "ގްރޫޕު އޭ" ގެ މެޗު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.
ޗެކް ރިޕަބްލިކުން ވަރުގަދައަށް މެޗު ފަށައި، ފުރަތަމަ ހަ މިނެޓުގެ ތެރޭގައި ވަނީ ގޯލަކާއެކު ލީޑު ހޯދައިފައެވެ. އެލެކްޒެންޑާ ސޮއިކާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ޗެކަށް އެ ގޯލު ކާމިޔާބުކޮށްދިނީ މިޝަލް ސަޑީލެކްއެވެ.
އެ ގޯލަށްފަހު ސައުތު އެފްރިކާއިން ކުރިއަށް ޖެހި، ޗެކްގެ ގޯލަށް ނުރައްކާކުރުމަށް މަސައްކަތްކުރިއެވެ. އެގޮތުން ސައުތު އެފްރިކާއިން ފޮނުވާލި ދެ ހަމަލާއެއް ފާހަގަކޮށްލެވޭ އިރު، އޮސްވިން އަޕޮލިސް ފޮނުވާލި ހަމަލާ އަދި އިގްރާމް ރޭނާސް ފޮނުވާލި ހަމަލާ ވެސް ޗެކްގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ސައުތު އެފްރިކާގެ ނުރައްކާ ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން އޯބްރީ މޮޑީބާ މަޑުމަޑުން ފޮނުވާލި ބޯޅަ، ޗެކްގެ ކީޕަރު މަޓެއާ ކޮވާރްއަށް ރަނގަޅަށް ހޯދިފައިނުވުމާއެކު، ރީބައުންސް ބޯޅައިން ނުރައްކާކުރުމަށް ސައުތު އެފްރިކާއަށް ފުރުސަތު ލިބުނެވެ. ނަމަވެސް ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ރީބައުންސް ބޯޅައިން ތަޕޭލޯ މަސޭކޯ ފޮނުވާލި ހަމަލާ، ޗެކްގެ ޑިފެންސުން ވަނީ ބްލޮކްކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ޗެކް ރިޕަބްލިކް ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައި ދެ ޓީމުގެ ވެސް ވަރުގަދަ އެޓޭކުތަކެއް ފެނިގެންދިޔައެވެ. ސައުތު އެފްރިކާ އިން ގިނަ މަސައްކަތްތަކެއް ކުރަމުންދިޔަ ނަމަވެސް، ޗެކްގެ ގޯލާ އަމާޒުކޮށް ބޯޅައެއް ފޮނުވާލެވިފައެއް ނުވެއެވެ. އަދި ޕެނަލްޓީ އޭރިއާ ބޭރުން ޗެކްގެ ލޫކަސް ޗޭވް ފޮނުވާލި ހަމަލާ އަމާޒުވީ ސައުތު އެފްރިކާގެ ކީޕަރު ރޮންވެން ވިލިއަމްސްއާ ދިމާއަށެވެ.
މެޗުގެ 59 ވަނަ މިނެޓުގައި ޗެކްގެ ނުރައްކަލެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ޗެކްގެ މިޝަލް ސަޑީލެކް ފޮނުވާލި ހަމަލާ، ސައުތު އެފްރިކާގެ ޑިފެންސުން ވަނީ ބްލޮކްކޮށްފައެވެ. ސައުތު އެފްރިކާއިން އެޓޭކުގައި މަސައްކަތްކޮށް، ޑިފެންސްގައި ވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކައިފައެވެ.
ޗެކުން ފަހަތަށް ފައިބައިގެން ޑިފެންސްކުރަމުން ދަނިކޮށް، މެޗުގެ 81 ވަނަ މިނެޓުގައި މަސޭކޯ ފޮނުވާލި ހަމަލާއެއް ޕެނަލްޓީ އޭރިއާ ތެރެއިން ޗެކްގެ ޕަވެލް ސުލްޗް އަތުގައި ބޯޅަ ޖެހުމާއެކު ސައުތު އެފްރިކާއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ޕެނަލްޓީގައި ގޯލުގެ ކަނަކަށް ބޯޅަ ފޮނުވާލައިގެން ސައުތު އެފްރިކާއަށް ނަތީޖާ ހަމަހަމަކޮށްދިނީ ޓެބޯހޯ މޮކޮއޭނާ އެވެ.
މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ސައުތު އެފްރިކާއަށް ވަނީ ލީޑު ހޯދުމަށް ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ބަދަލު ކުޅުންތެރިޔާ ކޮމެގެލޯ ސަބެލެބެލޭ ފޮނުވާލި ހަމަލާ، ޗެކްގެ ކީޕަރު ކޮވާރް ވަނީ ދިފާއުކޮށްފައެވެ.
ދެވަނަ ހާފުގެ އިތުރުވަގުތުކޮޅުގެ ސައުތު އެފްރިކާއިން ތިން ޕޮއިންޓު ހޯދުމަށް މަސައްކަތްކުރިއެވެ. އެގޮތުން ޕެނަލްޓީ އޭރިއާ ތެރެއިން މޮޑީބޭ ފޮނުވާލި ހަމަލާއެއް ފާހަގަކޮށްލެވެއެވެ. އޭނާ ފޮނުވާލި ހަމަލާ، ޗެކްގެ ޑިފެންސުން ވަނީ ބްލޮކްކޮށްފައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް