ވޯލްޑް ކަޕް 2026 ގައި މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ ކެނެޑާއާ ދެކޮޅަށް ކުޅޭ މެޗަށް ގަތަރުން ނުކުންނާނީ އެއްވެސް ޕްރެޝަރަކާ ނުލައި، ހަމަޖެހިލައިގެން ކަމަށް އެ ޓީމުގެ ކޯޗު ހުލެން ލޮޕެޓެގީ ބުނެފިއެވެ.

"ގްރޫޕް ބީ" ގައި ހިމެނޭ ހަތަރު ޓީމަށް ވެސް މިހާރު ވަނީ އެއް ޕޮއިންޓް ލިބިފައެވެ. ފުރަތަމަ މެޗުގައި ސްވިޒަލޭންޑާ ވާދަކޮށް 1-1 އިން ގަތަރު އެއްވަރުވި އިރު، ބޮސްނިއާއާ ވާދަކޮށް ކެނެޑާ ވެސް ވަނީ 1-1 އިން އެއްވަރުވެފައެވެ. އެހެންކަމުން މި ގްރޫޕްގެ ވާދަވެރިކަން ވަނީ ވަރަށް ބޮޑުވެފައެވެ.

ގާތްގަނޑަކަށް 3.17 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ގަތަރުން މި މުބާރާތާ ކުރިމަތިލީ، ވޯލްޑް ކަޕްގެ ދަށް ނަތީޖާތައް ރަނގަޅުކުރުމުގެ އަމާޒުގައެވެ. އެގޮތުން 2022 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ވޯލްޑް ކަޕްގައި ގަތަރުން މުބާރާތް ނިންމާލީ އެއްވެސް ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލުގައި އޮވެގެންނެވެ. ނަމަވެސް، ގައުމީ ލީގަށް ނިސްބަތްވާ ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ގަތަރުގެ ޓީމަކީ އޭޝިއާގައި ވަރުގަދަ ބާރެކެވެ. އެ ޓީމުން ވަނީ ޖެހިޖެހިގެން ދެ ފަހަރު އޭޝިއަން ކަޕް ކާމިޔާބުކޮށްފައެވެ. އެހެންކަމުން، 2022 ވަނަ އަހަރުގެ މުބާރާތުގައި އޮތް ފަދަ ބޮޑު ފާޑުކިޔުންތަކެއް މިހާރު އެ ޓީމަށް އަމާޒުވެފައެއް ނުވެއެވެ.

ކެނެޑާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ލޮޕެޓެގީ ބުނީ، ޕްރެޝަރު ކިޔާ ބަހެއް އެ ޓީމުގެ ސިކުނޑީގައި ނެތް ކަމަށެވެ. "ހުވަފެނެއް ހާސިލުކުރަން މަސައްކަތްކުރާ އިރު، ދުވަހަކުވެސް ޕްރެޝަރެއް ނޯންނާނެ. އޭގެ ބަދަލުގައި އޮންނާނީ ބޮޑު އުންމީދަކާއި އުފާވެރިކަން. ސަބަބަކީ ގަތަރުގެ ތާރީހުގައި ވެސް ނުވާ ކަމެއް އަހަރެމެންނަށް ހާސިލުކުރެވިއްޖެ، އެއީ މި ހިސާބުގައި ދެމިއޮތުން،" ލޮޕެޓެގީ ބުންޏެވެ.

ލޮޕެޓެގީ އިތުރަށް ބުނީ ގަތަރަކީ ކުޑަ ގައުމެއް ނަމަވެސް، ފުޓުބޯޅައަށް އޮތް ލޯތްބާއި، ވަސީލަތްތަކަށް ކުރާ ހޭދަ އަދި ކޮންމެ ދުވަހަކު ކުރިއަރަން ކުރާ މަސައްކަތް ވަރަށް ބޮޑު ކަމަށެވެ. ސްވިޒަލޭންޑް މެޗުގެ ކަންކަމާ މެދު މިހާރު ނުވިސްނާ ކަމަށާއި، މިހާރުގެ ހަމައެކަނި އަމާޒަކީ ވަރުގަދަ ޓީމަކާ ކުރިމަތިލުން ކަމަށް ވެސް ކޯޗު ބުންޏެވެ.

ގަތަރު ޓީމުގެ މިޑްފީލްޑަރު އަބްދުލްއަޒީޒް ހާތިމް ބުނީ، 2022 ވަނަ އަހަރުގެ މުބާރާތުގައި ވަރަށް ބޮޑު ޕްރެޝަރަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. "އެ ފަހަރު ތަޖުރިބާ ނެތީ ކަމަށް ވެދާނެ. އެކަމަކު މިހާރު އަހަރެމެން މިތިބީ ތަޖުރިބާއާއެކު ތައްޔާރަށް،" އޭނާ ބުންޏެވެ.

ހާތިމް ބުނީ ކުރިއަށްއޮތް މެޗުގައި ރަނގަޅު ކުޅުމެއް ދައްކައި، ތާރީހު ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްގެންދަން ބޭނުންވާ ކަމަށާއި، އެއީ އުނދަގޫ ކަމެއް ނަމަވެސް އެކަން ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"ގްރޫޕު ބީ" ގައި ގަތަރުން ކެނެޑާއާ ދެކޮޅަށް ނުކުންނާނީ ރާއްޖޭގަޑިން ދަންވަރު 3:00 ގައެވެ.