އަމިއްލަ ގައުމުގައި ގަތަރާ ދެކޮޅަށް ކުޅޭ ވޯލްޑް ކަޕްގެ "ގްރޫޕް ބީ"ގެ މެޗަށް ކެނެޑާ ނުކުންނަ އިރު، ފުރަތަމަ މެޗުން ލިބުނު ފިލާވަޅުތަކުގެ ބޭނުން ހިފައި، މެޗުގެ ކޮންޓްރޯލް ހޯދުމަށް ކެނެޑާއިން އަމާޒު ހިފައިފިއެވެ.

ކެނެޑާގެ ފުރަތަމަ މެޗުގައި ބޮސްނިއާއާ ވާދަކޮށް ވަނީ 1-1 އިން އެއްވަރުވެފައެވެ. މި ގްރޫޕްގައި ހިމެނޭ ހަތަރު ޓީމު ކަމަށްވާ ކެނެޑާ، ގަތަރު، ސްވިޒަލޭންޑް އަދި ބޮސްނިއާއަށް ވެސް ދެވަނަ މެޗުތަކާ ކުރިމަތިލާ އިރު ލިބިފައިވަނީ އެއް ޕޮއިންޓެވެ. އަދި ކޮންމެ ޓީމަކުން ވެސް އެއް ގޯލު ޖަހާފައިވާ އިރު، ބައިކޮޅަށް ވަދެފައިވަނީ ވެސް އެއް ގޯލެވެ. ކެނެޑާ އާއި ގަތަރު ބައްދަލުކުރާ މެޗުގެ ކުރިން ސްވިޒަލޭންޑާއި ބޮސްނިއާ ބައްދަލުކުރާ މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކެނެޑާގެ ކޯޗު ޖެސީ މާޝް ބުނީ، ގްރޫޕްގެ ހާލަތު މިހާރު އޮތް ގޮތުން ކޮންމެ ވަގުތަކާއި ކޮންމެ ޕޮއިންޓަކީ ވެސް މުހިންމު އެއްޗެއް ކަމަށާއި، ޓީމުގެ ފޯކަސް ހުރީ އެކަމަށް ކަމަށެވެ. އޭނާ ބުނިގޮތުގައި ކެނެޑާއިން މިހާރު އަމާޒު ހިފާފައިވަނީ ގަތަރު ހުއްޓުވާނެ ގޮތްތައް ބަލައި، ކެނެޑާއިން މެޗު ކުޅެން ބޭނުންވާ ގޮތަށް ކުޅުން ބައްޓަން ކުރުމަށެވެ.

"ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކަންތައްތައް ދިޔައީ އަހަރެމެން ބޭނުންވި ގޮތަކަށް ނޫން. އެއީ އިދިކޮޅު ޓީމުން ބޭނުންވި ގޮތް. އެހެންކަމުން ގަތަރާ ދެކޮޅަށް ކުޅޭ މެޗުގެ ފެށުމުގަައި ވެސް އަހަރެމެން ބޭނުންވާ ގޮތަށް ކުޅުން ބައްޓަންކޮށް، މެޗުގެ ކޮންޓްރޯލް ހޯދަން ޖެހޭނެ،" މާޝް ބުންޏެވެ.

ކެނެޑާގެ ތަރި އަލްފޮންސޯ ޑޭވީސްގެ އަނިޔާގެ މައުލޫމާތު ގިނަ ދުވަސްތަކެއް ވަންދެން ސިއްރުކޮށްފައި އޮތުމަށްފަހު، ކޯޗު މާޝް ވަނީ ޑޭވީސް މެޗަށް ފިޓްކަން ފާހަގަކޮށްފައެވެ. މާޝް ބުނީ މި ހަފުތާގެ ފަރިތަކުރުންތަކުގައި ޑޭވީސް ބައިވެރިވެފައިވާ ކަމަށާއި، ކުރިއަށް އޮތް މެޗުގައި އޭނާ ކުޅޭނެ ކަމަށެވެ. ނަމަވެސް އޭނާ ބޭނުންކުރާނެ ގޮތެއް ނިންމާނީ މެޗުގެ ހާލަތަށް ބެލުމަށްފަހު ކަމަށް ކޯޗު ފާހަގަ ކުރިއެވެ.

"ގަތަރު ޓީމަށް ހަމައެކަނި އަހަރެމެންގެ ކުޅުންތެރިންގެ ބާރުގެ އިތުރުން ސަޕޯޓަރުންގެ އަޑު ވެސް އިވޭނެ ގޮތް ހަދަން ބޭނުންވޭ. ސްޓޭޑިއަމްގެ އަޑުގަދަކަމުގެ ބޭނުން ހިފައި، ސަޕޯޓަރުންނަކީ ސްޓޭޑިއަމްގައި އަހަރެމެންގެ 12 ވަނަ ކުޅުންތެރިޔާއަށް ހަދަން ޖެހޭ،" ސަޕޯޓަރުންނަށް ދިން މެސެޖެއްގައި މާޝް ބުންޏެވެ.

"ގްރޫޕު ބީ" ގައި ކެނެޑާއިން ގަތަރާ ދެކޮޅަށް ނުކުންނާނީ ރާއްޖޭގަޑިން ދަންވަރު 3:00 ގައެވެ.