ވޯލްޑް ކަޕް 2026 ގައި ސްވިޒަލޭންޑާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނަ އިރު، ބޮސްނިއާ އަކީ ދަށް ޓީމެއްގެ ގޮތުގައި ދެކޭ ދެކުން ބަދަލުކުރާނެ ކަމަށް ބޮސްނިއާގެ މުހިންމު އެއް ކުޅުންތެރިޔާ ނިކޮލާ ކަޓިޗް ބުނެފިއެވެ.

ދުނިޔޭގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައިވާ އިޓަލީ އާއި ވޭލްސް ބަލިކުރުމަށްފަހު ވޯލްޑް ކަޕަށް ކޮލިފައިވި ބޮސްނިއާއިން ވަނީ މުބާރާތުގެ "ގްރޫޕު ބީ" ގައި އަމިއްލަ ގައުމުގައި ކުޅެމުންދިޔަ ކެނެޑާއާ 1-1 ގެ ނަތީޖާއަކުން އެއްވަރުކޮށްފައެވެ.

ސްވިޒަލެންޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ބޮސްނިއާ ޑިފެންޑަރު ކަޓިޗް ބުނީ އެ ކާމިޔާބީތަކާއެކު ވެސް ބޮސްނިއާއާ މެދު އަދިވެސް ދެކެނީ ދަށްކޮށް ކަމަށެވެ.

ކަޓިޗް ބުނި ގޮތުގައި އިޓަލީ ބަލިކުރުމުން ވެސް އެ ޓީމަށް ހައްގުވާ އިހުތިރާމެއް ނުލިބުނެވެ. ސަބަބަކީ މެޗަށްފަހު ދެއްކި ވާހަކަތަކުގައި އެއީ ބޮސްނިއާގެ މޮޅުކަމަށްވުރެ ބޮޑަށް އިޓަލީގެ ދަށްކަން ކަމަށް ސިފަކޮށްފައިވުމެވެ.

ބޮސްނިއާގެ ކޯޗު ސާގޭ ބާބަރޭޒް ބުނީ ސްވިޒަލޭންޑާ ދެކޮޅަށް އެ ޓީމު ނުކުންނާނީ އެންމެ ޕޮއިންޓެއް ހޯދަން ނޫން ކަމަށާއި، އަމާޒަކީ ތިން ޕޮއިންޓް ހޯދުން ކަމަށެވެ. 1990 އާއި 2000 ގެ އަހަރުތަކުގައި ބުންޑެސްލީގާ އަދި ގައުމީ ޓީމުގެ މޮޅު ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވުނު ބާބަރޭޒް ބުނީ، ބޮސްނިއާ ޓީމުން ބޮޑަށް އިސްކަންދެނީ ފަހަތް ވަރުގަދަކޮށް، ކައުންޓާ އެޓޭކުގައި އަވަސް ހަމަލާތަކެއް އުފެއްދުމަށް ކަމަށެވެ.

ގައުމީ ޓީމާ 2024 ވަނަ އަހަރު ހަވާލުވުމަށްފަހު ބާބަރޭޒް ވަނީ ޓީމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މިގޮތުން އޭނާ ވަނީ އާ ކުޅުންތެރިންތަކެއް ޓީމަށް ނަގައިފައެވެ. މީގެ ސަބަބުން ތަޖުރިބާކާރު ކުޅުންތެރިންގެ ލީޑާޝިޕާއެކު ޒުވާން ކުޅުންތެރިންގެ ހިތްވަރު ޓީމުގައި ހިމެނިގެންދާ ކަމަށް އޭނާ ފާހަގަކުރިއެވެ.

"ގްރޫޕް ބީ" ގައި ކެނެޑާއާ ދެކޮޅަށް ކުޅެ އެއްވަރުވި މެޗުން ޓީމަށް އިތުބާރު ލިބިގެންދިޔަ ކަމަށް ބާބަރޭޒް ބުންޏެވެ. މުބާރާތް ބާއްވާ ގައުމަކާ ދެކޮޅަށް ފުރަތަމަ މެޗުގައި ކުޅުމަކީ ޒުވާން ކުޅުންތެރިންނަށް ޖަޒުބާތީ ގޮތުން ގޮންޖެހުމަކަށް ވެދާނެކަން ފާހަގަކުރަމުން އޭނާ ބުނީ، ކޮންމެވެސް ވަރެއްގެ ހާސްކަމެއް ހުރި ނަމަވެސް އެއީ އުފާވެރިކަމުގެ ޝުއޫރުތަކެއް ކަމަށެވެ.

ކުރިއަށްއޮތް މެޗުގައި ސްވިޒަލޭންޑުން ކުޅޭނެ ގޮތަކާ މެދު ކަންބޮޑުވުމުގެ ބަދަލުގައި، ބޮސްނިއާއިން ސަމާލުކަން ދޭނީ އެ ޓީމުގެ އަމިއްލަ ކުޅުމުގެ ސްޓައިލަށް ކަމަށް ބާބަރޭޒް އަދި ކަޓިޗް ބުންޏެވެ.

މި މެޗުގައި ބޮސްނިއާގެ އުމުރުން 40 އަހަރުގެ ކެޕްޓަން އެޑިން ޖެކޯގެ ދައުރު ވަރަށް މުހިންމުވާނެއެވެ. ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދީފައިވާ ޖެކޯއަށް މިއީ އޭނާގެ އެންމެ ފަހު ވޯލްޑް ކަޕް ކަމަށް ބެލެވެއެވެ. ވަރުގަދަ ޑިފެންސަކާއެކު އަވަސް ހަމަލާތަކެއް އުފެއްދުމަށް މަސައްކަތްކުރާ އިރު، ޖެކޯގެ ގޯލު ޖެހުމުގެ ހުނަރަކީ ސްވިޒަލެންޑާ ދެކޮޅަށް ކުޅޭ މެޗުން ކާމިޔާބު ހޯދުމަށް ޓީމަށް އޮތް އެންމެ ބޮޑު އުންމީދެވެ.

ކަޓިޗް ވަނީ ޖެކޯއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. ދަނޑުމަތީގައާއި، ފަރިތަކުރުންތަކުގައި އަދި ދަނޑުން ބޭރުގައި ވެސް ޖެކޯގެ މުހިންމުކަން ބަޔާންކޮށްދޭނެ ބަސްތަކެއް ނެތް ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ފުރަތަމަ 11 ގައި ޖެކޯ ހިމަނާނެކަން ބާބަރޭޒް ކަށަވަރެއް ނުކޮށްދެއެވެ.

ނޫސްވެރިން ތަކުރާރުކޮށް އިޓަލީއާ ދެކޮޅަށް ކުޅުނު މެޗުގެ ވާހަކަ އެހުމުން، ބާބަރޭޒް އަދި ކަޓިޗް ވަނީ އެ ހަނދާންތައް އާކޮށްފައެވެ. އިތުރު ވަގުތު ކުޅެގެން 1-1 އިން އެއްވަރުވުމުން، ޕެނަލްޓީ ޖަހައިގެން 4-1 އިން ބޮސްނިއާ މޮޅުވި އެ މެޗަކީ އަބަދުވެސް ހަނދާނުގައި ހުންނާނެ މެޗެއް ކަމަށް ބާބަރޭޒް ބުންޏެވެ.

"ގްރޫޕު ބީ" ގައި ކުޅޭ މެޗުގައި ބޮސްނިއާއިން ސްވިޒަލެންޑާ ދެކޮޅަށް ނުކުންނާނީ ރާއްޖޭގަޑިން މިރޭ 12:00 ގައެވެ.