ވޯލްޑް ކަޕް 2026 ގެ "ގްރޫޕް ބީ" ގައި ގަތަރާ ދެކޮޅަށް މެޗުން އެއްވަރުވެ ލިބުނު މާޔޫސްކަމުން އަރައިގަނެ، ބޮސްނިއާއާ ދެކޮޅަށް ނުކުންނަ އިރު ޓީމުގެ ކުޅުން އިތުރަށް ރަނގަޅު ކުރުމަށް ސްވިޒަލެންޑުގެ ކޯޗު މުރާތު ޔަކީން ކުޅުންތެރިންނަށް ގޮވާލައިފިއެވެ.
މި މުބާރާތަށް ސްވިޒަލެންޑުން ނުކުތީ ބޮޑެތި އުންމީދުތަކަކާ އެކުގައެވެ. ފުރަތަމަ މެޗުގައި ގަތަރާ ދެކޮޅަށް ގިނަ ވަގުތު ބޯޅަ ހިފަހައްޓައި، ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރި ނަމަވެސް، މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މެޗުގެ 17 ވަނަ މިނެޓުގައި ބްރީލް އެމްބޯލޯ ކާމިޔާބު ކުރި ޕެނަލްޓީއަކުން ސްވިޒަލެންޑުން ލީޑު ނަގާފައިވަނިކޮށް، ގަތަރަށް ނަތީޖާ ހަމަހަމަވީ ދެވަނަ ހާފުގެ އިތުރު ވަގުތުގައި ސްވިޒަލެންޑުގެ މިރޯ މުހައިމް އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ.
ބޮސްނިއާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ޔަކީން ބުނީ، އެ ޓީމުން އުންމީދު ކުރީ އެއަށްވުރެ ރަނގަޅު ނަތީޖާއަކަށް ކަމަށެވެ.
"އަހަރެމެން ކުޅުނު ގޮތް ރަނގަޅު. ތަފާސްހިސާބުތަކަށް ބަލާއިރު އެކަން ފެންނަން އެބައޮތް. އެކަމަކު އޭގެން ލިބޭނެ މޮޅެއް ނެތް، ސަބަބަކީ އަހަރެމެންނަށް ދެ ޕޮއިންޓު ގެއްލިއްޖެ،" އޭނާ ބުންޏެވެ. އޭނާ އިތުރަށް ފާހަގަކުރި ގޮތުގައި، ލިބުނު ހިތާމައާ މެދު ވިސްނުމުގެ ބަދަލުގައި، ހެދުނު ގޯސްތަކުން އަވަހަށް ފިލާވަޅު ލިބިގަތުމަށް މުހިންމެވެ.
ކުރިއަށް އޮތް ތަނުގައި ޓީމުގެ ނިންމުންތައް އިތުރަށް ފުރިހަމަ ކުރަން ޖެހޭކަން ފާހަގަކުރަމުން ޔަކީން ބުނީ، ގޯލު ޖަހާނެ ފުރުސަތުތަކުގެ ބޭނުން ހިފުމުގައި ޓީމު އެންމެ ރަނގަޅު ނޫން ކަމަށެވެ. އަދި ލީޑުގައި އޮންނަ އިރު، ޑިފެންސްކުރުމަށްވެސް އިތުރު ސަމާލުކަމެއް ދޭންޖެހޭ ކަމަށް އޭނާ ބުންޏެވެ.
ގަތަރު މެޗުގެ ފަހު ވަގުތު ވަން ގޯލަކީ، މީގެ ކުރިން އެކުވެރިކަމުގެ މެޗުތަކުގައިވެސް ފެނިފައިވާ ފަދަ މައްސަލަތަކެއްގެ ސަބަބުން ވަން ގޯލެއްކަން ޔަކީން ފާހަގަކުރިއެވެ. "އަހަރެމެން މިއަށްވުރެ ވިސްނުންތެރިވާން ޖެހޭ. ބޯޅަ ހިފަހައްޓައިގެން ކުޅެން ޖެހޭ،" އޭނާ ބުންޏެވެ.
ސްވިްޒަލެންޑުގެ މިޑްފީލްޑަރު ރެމޯ ފްރޮއިލާ ބުނިގޮތުގައި، ގަތަރު މެޗަށްފަހު ޓީމުގެ ތެރޭގައި އޮތީ މާޔޫސީ މާހައުލެކެވެ. ނަމަވެސް މިހާރު ކުޅުންތެރިންގެ ފޯކަސް ހުރީ ބޮސްނިއާ މެޗަށް ކަމަށް އޭނާ ބުންޏެވެ.
"ފުރަތަމަ މެޗަށްފަހު އަހަރެމެން އުންމީދުކުރީ މިއަށްވުރެ ރަނގަޅު ނަތީޖާއަކަށް. އަހަރެމެން މާޔޫސްވި. އެކަމަކު އޭގެ އަނެއް ދުވަހު މެޗާ މެދު ވިސްނައި، ފިލާވަޅު ލިބިގަނެ، ދެން އޮތް މުހިންމު މެޗަށް ތައްޔާރުވާން މަސައްކަތް ފަށައިފިން،” ފްރޮއިލާ ބުންޏެވެ.
ބޮސްނިއާ މި މެޗާ ކުރިމަތިލާ އިރު، އެ ޓީމު ވަނީ މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ ކެނެޑާއާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުކޮށްފައެވެ. ބޮސްނިއާގެ ފިޒިކަލް ކުޅުމާއި ރޭވުންތެރިކަމަށް ސްވިޒަލެންޑުން ތައުރީފުކުރި ނަމަވެސް، ޔަކީން ގަބޫލުކުރާ ގޮތުގައި މެޗުގެ ނަތީޖާ ބިނާވެފައި އޮންނާނީ އޭނާގެ ޓީމުގެ ކުޅުމުގެ މައްޗަށެވެ.
ގްރޫޕް ސްޓޭޖުގައި ބާކީ ދެ މެޗު އޮތް އިރު، އިތުރު މެޗަކުން ނަތީޖާ ގޯސްވެއްޖެނަމަ މުބާރާތުގެ ނޮކްއައުޓް ބުރަށް ދިއުމަށް ސްވިްޒަލެންޑަށް ހުރަސްތަކަކާ ކުރިމަތިވާނެއެވެ. ޔަކީން ބުނީ ޓީމުގެ އަމާޒަކީ މުބާރާތުގައި ދެމިއޮވެ، ނޮކްއައުޓް ބުރަށް ދަތުރުކުރުން ކަމަށެވެ.
"ގްރޫޕު ބީ" ގައި ކުޅޭ އެ މެޗުގައި ސްވިޒަލެންޑުން ބޮސްނިއާއާ ދެކޮޅަށް ނުކުންނާނީ ރާއްޖޭގަޑިން މިރޭ 12:00 ގައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް