ފީފާ ވޯލްޑް ކަޕް 2026 ގެ "ގްރޫޕް އޭ"ގައި ޗެކް ރިޕަބްލިކާއި ދެކުނު އެފްރިކާ ބައްދަލުކުރާ މެޗުގައި، ދެކުނު އެފްރިކާއިން ތަފާތު ކުޅުމެއް ދައްކާނެ ކަމަށް ޗެކް ރިޕަބްލިކްގެ ކޯޗު މިރޮސްލާވް ކޫބެކް ބުނެފިއެވެ.

މި ދެ ޓީމު ވެސް ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވެފައެވެ. ފުރަތަމަ މެޗުގައި ޗެކް ރިޕަބްލިކް ވަނީ 2-1 ގެ ނަތީޖާއަކުން ދެކުނު ކޮރެއާ އަތުން ބަލިވެފައެވެ. އަދި ދެކުނު އެފްރިކާ ވަނީ 2-0 އިން މެކްސިކޯ އަތުން ބަލިވެފައެވެ.

މެކްސިކޯއާ ދެކޮޅަށް ކުޅުނު މެޗުގައި ދެކުނު އެފްރިކާގެ ކޯޗު ހޫގޯ ބްރޫސް ވަނީ އާންމުކޮށް ބޭނުންނުކުރާ ފަސް ޑިފެންޑަރުންގެ ފޯމޭޝަނެއް ބޭނުންކޮށްފައެވެ. ނަމަވެސް މިރޭ ކުޅޭ މެޗުގައި ދެކުނު އެފްރިކާއިން އެހާ ޑިފެންސިވް ކުޅުމެއް ނުކުޅޭނެ ކަމަށް ކޫބެކް ލަފާކުރެއެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ކޫބެކް ބުނީ، މެކްސިކޯއާ ދެކޮޅަށް ދެކުނު އެފްރިކާއިން ކުޅުނީ އާދަޔާހިލާފު ސްޓައިލަކަށް ކަމަށެވެ.

"އެ ޓީމުން ކުޅުނީ ތަފާތު ސެޓްއަޕެއް. އެހެންކަމުން މިފަހަރު އެގޮތަށް ކުޅޭނެ ކަމަކަށް އަހަރެން އުންމީދެއް ނުކުރަން،" ކޫބެކް ބުންޏެވެ. އޭނާ އިތުރަށް ބުނީ ޗެކް ރިޕަބްލިކާ ދެކޮޅަށް ދެކުނު އެފްރިކާއިން ނުކުންނާނީ ތަފާތު ސްޓްރެޓެޖީއަކާއެކު ކަމަށް ބެލެވޭ ކަމަށެވެ.

ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިއުމަށް މި މެޗުން މޮޅުވުން ދެ ޓީމަށް ވެސް ވަނީ މުހިންމުވެފައެވެ. މިކަމުގެ ސަބަބުން ޕްރެޝަރު ބޮޑުވޭތޯ އެހުމުން ކޫބެކް ބުނީ، އެއީ މެޗެއްގެ ކުރިން އޮންނާނެ "ރަނގަޅު ޓެންޝަނެއް" ކަމަށެވެ. "އަހަރެން ޕްރެޝަރުގެ ދަށުވެގެން ނުދާނަން. އެކަމަކު ހަމަގައިމުވެސް ޓެންޝަން އިހުސާސްކުރެވޭ،" އޭނާ ބުންޏެވެ.

ކޫބެކް ފާހަގަކުރި ގޮތުގައި ދެ ޓީމު ވެސް އޮތީ އެއް ހާލަތެއްގައެވެ. ފުރަތަމަ މެޗުން ޕޮއިންޓެއް ލިބިފައި ނުވުމަކީ އުނދަގުލެއް ކަމަށާއި، ނަމަވެސް ހުރިހާ މަސައްކަތެއް އަމާޒުކުރާނީ މޮޅުވެ ޕޮއިންޓް ހޯދުމަށް ކަމަށް އޭނާ ބުންޏެވެ. އަދި އިދިކޮޅު ޓީމާ ގުޅޭގޮތަށް ސްޓްރެޓެޖީ ބަދަލުކުރާނެ ކަމަށް ވެސް ބުންޏެވެ.

ދެކުނު ކޮރެއާއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެކް ރިޕަބްލިކުން ވަނީ ސީދާ ކުރިއަށް ބޯޅަ ފޮނުވައިގެން ކުޅެ، ސެޓް-ޕީސްތަކުގައި ކުޅުންތެރިންގެ އިސްކޮޅުގެ ފައިދާ ނެގުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް ކުރިއަށް އޮތް މެޗުގައި ކުޅޭނެ ގޮތަކާ ގުޅޭގޮތުން ކޫބެކް ވަކި އެއްޗެއް ނުބުނެއެވެ.

ވޯލްޑް ކަޕްގެ "ގްރޫޕު އޭ" ގައި ޗެކް ރިޕަބްލިކުން ކުޅޭ ދެވަނަ މެޗުގައި ދެކުނު އެފްރިކާއާ ދެކޮޅަށް ނުކުންނާނީ ރާއްޖޭގަޑިން މިރޭ 9:00 ގައެވެ.