ވޯލްޑް ކަޕް 2026 ގައި އުޒްބެކިސްތާން އަތުން ކޮލަމްބިއާއިން މޮޅެއް ހޯދައިފިއެވެ.
ދެކުނު އެމެރިކާގެ ފުޓުބޯޅައިގައި ފާހަގަކޮށްލެވޭ ކޮލަމްބިއާ ގައުމީ ފުޓުބޯޅަ ޓީމަކީ މުޅި ދުނިޔޭގައިވެސް މަގުބޫލުކަން ހޯދާފައިވާ ހުނަރުވެރި ޓީމެކެވެ. ކޮލަމްބިއާ އަކީ ދުނިޔޭގައި ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިންތަކެއް ފެންނަ ޓީމެވެ. ވޯލްޑް ކަޕްގައި ކޮލަމްބިއާއިން ވަނީ މިހާތަނަށް ހަ ފަހަރު ވާދަކޮށްފައެވެ. ވޯލްޑް ކަޕްގައި އެ ގައުމަށް މިހާތަނަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީއަކީ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރުމެވެ.
މީގެ އިތުރުން، ސަރަހައްދީ އެންމެ ބޮޑު މުބާރާތް ކަމަށްވާ ކޮޕާ އެމެރިކާގައިވެސް އެ ޓީމުން ވަނީ ވިދާލައިފައެވެ. އެގޮތުން، 2001 ވަނަ އަހަރު އަމިއްލަ ގައުމުގައި ކުޅެ، ބައިކޮޅަށް އެންމެ ގޯލެއް ވެސް ނުވައްދައި މުބާރާތުގެ ޗެމްޕިއަންކަން ކޮލަމްބިއާއިން ހޯދިއެވެ. އަދި 1975 ވަނަ އަހަރާއި 2024 ވަނަ އަހަރުގެ ކޮޕާ އެމެރިކާ މުބާރާތުގެ ރަނަރަޕްކަންވެސް އެ ޓީމުން ވަނީ ހޯދައިފައެވެ.
އުޒްބެކިސްތާން ގައުމީ ފުޓުބޯޅަ ޓީމަކީ މެދުތެރޭ އޭޝިއާގައި އެންމެ ފާހަގަކޮށްލެވޭ އެއް ބާރެވެ. 1991 ވަނަ އަހަރު މިނިވަންކަން ލިބުނު ފަހުން، އެ ގައުމުގެ ފުޓުބޯޅަ އެސޯސިއޭޝަނުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދައިފައެވެ. އުޒްބެކިސްތާންގެ އެންމެ ބޮޑު ކާމިޔާބީއަކީ މިއަހަރުގެ ފީފާ ވޯލްޑް ކަޕުން ފުރަތަމަ ފަހަރަށް ޖާގަ ހޯދުމެވެ. ޔޫއޭއީއާ ދެކޮޅަށް ކުޅެ 0-0 އިން އެއްވަރުކޮށް، އަދި ފަހުން ގަތަރު 3-0 އިން ބަލިކޮށް، އެ ޓީމުން ވަނީ ތާރީހުން ޖާގަ ހޯދައިފައެވެ.
ސަރަހައްދީ މުބާރާތްތަކަށް ބަލާއިރު، 1994 ވަނަ އަހަރުގެ އޭޝިއަން ގޭމްސްއިން ރަން މެޑަލް ހޯދުމުގެ އިތުރުން، 2011 ވަނަ އަހަރުގެ އޭޝިއަން ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށް ހަތަރުވަނަ މަގާމު ހޯދިއެވެ. މީގެ އިތުރުން 2025 ވަނަ އަހަރުގެ ކާފާ ނޭޝަންސް ކަޕްގެ ތަށިވެސް ވަނީ އުފުލާލައިފައެވެ. ގައުމީ ޓީމަށް 44 ގޯލު ޖަހައިދީފައިވާ ކެޕްޓަން އެލްޑޯ ޝޮމުރޮޑޯވް އާއި އަބްދުކޮދިރް ހުސަނޯވް ފަދަ ކުޅުންތެރިންނާއެކު، އުޒްބެކިސްތާން ޓީމު މިހާރު އޮތީ ބައިނަލްއަގުވާމީ މައިދާނުގައި އައު ހަރުފަތަކަށް އެރުމުގެ މަގުމަތީގައެވެ.
މިއަދުގެ މެޗަށް ކޮލަމްބިއާއިން ވަނީ އެޓީމުގެ ދެ ތަރިން ކަމަށްވާ ކެޕްޓަން ހަމޭސް ރޮޑްރިގޭޒް އަދި ލުއިސް ޑިއާޒް ފުރަތަމަ 11 ގައި ހިމަނައިފައެވެ. އަދި އުޒްބަކިސްތާން ވެސް ވަނީ ކެޕްޓަން އެލްޑޯ ޝޮމުރޮޑޯވް އާއި އަބްދުކޮދިރް ހުސަނޯވް އާއެކު ވަނީ ވަރުގަދަ ފުރަތަމަ 11 އެއް ނެރެފައެވެ.
މެކްސިކޯގެ ތާރީހީ ސްޓޭޑިއަމް، އެސްޓާޑިއޯ އަޒްޓެކާގައި މިއަދު ކުޅުނު "ގްރޫޕު ކޭ" ގެ މެޗުގައި އުޒްބެކިސްތާންގެ މައްޗަށް ކޮލަމްބިއާއިން ކުރި ހޯދީ 3-1 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ދިހަ މިނެޓުގެ ތެރޭގައި ކޮލަމްބިއާއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔަ ނަމަވެސް، ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. ތާރީހުގައި އުފެދުނު އެންމެ މޮޅު އެއް ޑިފެންޑަރު ފަބިއޯ ކަނަވާރޯގެ އިރުޝާދުގެ ދަށުން ކުޅެމުންދާ އުޒްބެކިސްތާންގެ ޑިފެންސް ފެނިގެން ގޮސްފައިވަނީ ވަރުގަދަކޮށެވެ.
މެޗުގެ ފުރަތަމަ ހަމަލާ ފެނިގެންދިޔައީ މެޗުގެ 17 ވަނަ މިނެޓުގައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ޖޮން އަރިއާސް ފޮނުވާލި ހަމަލާ ދިޔައީ އުޒްބެކިސްތާން ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ. އޭގެ ފަހުން ވެސް ފުރުސަތުތައް ތަނަވަސްކުރުމަށް ކޮލަމްބިއާއިން މަސައްކަތްކުރިއެވެ.
އުޒްބެކިސްތާނުން ދިޔައީ ކައުންޓާ އެޓޭކުތަކުގައި ނުރައްކާކުރުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން މެޗުގެ 31 ވަނަ މިނެޓުގައި ކެޕްޓަން ޝޮމުރޮޑޯވްއަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެވެއެވެ. ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ޝޮމުރޮޑޯވް ވަންނަން ދަނިކޮށް، ކޮލަމްބިއާގެ ޑިފެންޑަރުން ފަހަތުން އައިސް ވަނީ ބޯޅަ ދިފާއުކޮށްފައެވެ.
އޭގެ މިނެޓެއް ފަހުން ކޮލަމްބިއާއަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. އަރިއާސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ލުއިސް ޑިއާޒް ފޮނުވާލި ހަމަލާ އަމާޒުވީ އުޒްބެކިސްތާން ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
މެޗުގެ 40 ވަނަ މިނެޓުގައި ނުރައްކާތެރި ކުޅުމަކާއެކު ކޮލަމްބިއާއިން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ލުއިސް ޑިއާޒް ދިން ރީތި ބޯޅައަކަށް ޕެނަލްޓީ އޭރިއާ ތެރެއިން ހުސްވެލުމަށްފަހު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ކޮލަމްބިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޑިނިއެލް މުނިއޯޒް އެވެ.
އެ ގޯލަށްފަހު ވެސް ކޮލަމްބިއާއިން ވަނީ ކުރިއަށްޖެހި ނުރައްކާކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް އުޒްބެކިސްތާނުގެ ހުރިހާ ކުޅުންތެރިން ފަހަތަށް ފައިބައިގެން ކުޅެމުންދިއުމުން، ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ކޮލަމްބިއާ ކުރީގައި އޮވެގެންނެވެ.
ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފުގެ ކުރީކޮޅުގައި އުޒްބެކިސްތާނުން ކުރިއަށްޖެހި ކޮލަމްބިއާގެ ގޯލަށް ނުރައްކާކުރުމަށް މަސައްކަތްކުރިއެވެ. ނަމަވެސް އުޒްބެކިސްތާނަށް ކޮލަމްބިއާގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށް ހުރަސްތަކެއް ކުރިމަތިވެ، ފުރަތަމަ ދިހަ މިނެޓުގެ ތެރޭގައި ރަނގަޅު ފުރުސަތެއް ލިބިފައެއް ނުވެއެވެ.
މެޗުގެ 60 ވަނަ މިނެޓުގައި އުޒްބެކިސްތާނުން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ޝުމޮރޮޑޯވް ފޮނުވާލި ހަމަލާއެއް ކޮލަމްބިއާ ކީޕަރު ކެމިލޯ ވާގަސް މަތަކުރުމާއެކު ލިބުނު ރީބައުސް ބޯޅަ، ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އުޒްބެކިސްތާނަށް އެ ގޯލު ކާމިޔާބުކޮށްދިނީ އަބޮސްބެކް ފޭޒުއްލާވް އެވެ.
އޭގެ ތިން މިނެޓު ފަހުން ކޮލަމްބިއާއަށް އަލުން ލީޑު ހޯދުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އަރިއާސްއަށް ލިބުނު ބޯޅައަކުން އޭނާ ފޮނުވާލި ހަމަލާ، އަބްދުﷲ އަބްދުއްލާވް ވަނީ ބްލޮކްކޮށްފައެވެ.
މެޗުގެ 65 ވަނަ މިނެޓުގައި ކޮލަމްބިއާއިން ވަނީ ގޯލު ޖަހައި އަލުން ލީޑު ހޯދައިފައެވެ. ގުސްޓާވޯ ޕުއޭޓާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ކޮލަމްބިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ތަރި ލުއިސް ޑިއާޒް އެވެ. އޭނާ ފޮނުވާލި ހަމަލާ ގޯލުގެ ތެރެއަށް ވަދެފައިވަނީ އުޒްބެކިސްތާން ކީޕަރު އުޓްކީރް ޔުސުޕޯވްގެ އަތުގައި ޖެހިފައެވެ.
މެޗުގެ 86 ވަނަ މިނެޓުގައި ލީޑޫ ފުޅާކޮށްލުމަށް ކޮލަމްބިއާއަށް ފުރުސަތެއް ލިބިގެންދިޔައެވެ. ކޯނަރެއްގެ ތެރެއިން ހުސްކޮށް ހުއްޓައި ލިބުނު ބޯޅައިން، ޖެފަސަން ލޭމާ ފޮނުވާލި ހަމަލާ އުޒްބެކިސްތާންގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ. އޭގެ ފަހުން ނަތީޖާ ހަމަހަމަކުރުމަށް އުޒްބެކިސްތާނަށް ފުރުސަތެއް ލިބުނު ނަމަވެސް، ޕެނަލްޓީ އޭރިއާ ތެރޭ ހުސް ހުރެ އަކްމަލް މޮޒްގޮވޯއީ ފޮނުވާލި ހަމަލާ، ކޮލަމްބިއާގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ކޮލަމްބިއާއިން ވަނީ ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ކުޗޯ ހެނާންޑޭޒް ނަގައިދިން ރީތި ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ކޮލަމްބިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިޔާ ޖަމިންޓަން ކަމްޕާޒް އެވެ. އޭގެ ފަހުން އުޒްބެކިސްތާންގެ ބޭރުޒްޔޮން ކަރީމޯވްގެ ބާރު ހަމަލާއެއް ކޮލަމްބިއާގެ ހުރަސް ދަނޑިއަށް ވެސް އަމާޒުވިއެވެ.
މި ގްރޫޕުގައި ދެން ހިމެނެނީ ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލާއި ޑީއާރް ކޮންގޯއެވެ. އެ ދެ ޓީމު ކުޅުނު މެޗުގައި ކޮންގޯ އިން ވަނީ 1-1 ގެ ނަތީޖާއަކުން ޕޯޗުގަލް ހިފަހައްޓައިފައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް