ވޯލްޑް ކަޕް 2026 ގައި މެކްސިކޯއާ ދެކޮޅަށް ކުޅުނު މެޗުގައި ބޭނުންކުރި ޓެކްޓިކްސްއާ ގުޅިގެން ފާޑުކިޔާ ފަރާތްތަކަށް ރައްދުދީ، އޭނާ ކަންކަން ކުރާނީ އަމިއްލަ ގޮތަށް ކަމަށް ދެކުނު އެފްރިކާގެ ކޯޗު ހޫގޯ ބްރޫސް ބުނެފިއެވެ.
"ގްރޫޕް އޭ" ގައި ޗެކް ރިޕަބްލިކާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވަމުންދާ އިރު، ބްރޫސް ވަނީ އޭނާގެ ނިންމުންތަކުގެ ދިފާއުގައި ވާހަކަދައްކައިފައެވެ.
މެކްސިކޯއާ ދެކޮޅަށް ކުޅުނު މެޗުގައި ބްރޫސް އާދަޔާހިލާފަށް ޑިފެންސިވް ކުޅުމެއް ކުޅުވުމުން ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. އެ މެޗުން ދެކުނު އެފްރިކާ 2-0 އިން ބަލިވި އިރު، އެ ޓީމަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. އަދި މެޗުގެ ދެވަނަ ހާފުގައި ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކުމުން، މެޗު ނިންމާލަން ޖެހުނީ ނުވަ ކުޅުންތެރިންނާއެކުގައެވެ.
ޗެކް ރިޕަބްލިކާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން ބްރޫސް ބުނީ، އޭނާއަކީ 40 އަހަރު ވަންދެން ކޯޗުކަން ކޮށްފައިވާ މީހެއް ކަމަށާއި، ފާޑުކިޔުންތައް އަމާޒުވުމަކީ ވަޒީފާގެ ބައެއްކަން އެނގޭ ކަމަށެވެ.
"މިވަގުތު އަހަރެންނަށް ފާޑުކިޔުން އަމާޒުވޭ، އެކަމަކު މީހުންނަށް އެނގެން ޖެހޭނެ. އަދި އެކަން ނޭނގޭ މީހުންނަށް ބުނެލަން ބޭނުންވަނީ އަހަރެން ކަންކަން ކުރާނީ އަހަރެންގެ ގޮތަށޭ،” ބްރޫސް ބުންޏެވެ.
މީގެ އިތުރުން، ސޯޝަލް މީޑިއާގައި ދައްކާ ބޭކާރު ވާހަކަތަކަށް އަޑުނާހާނެ ކަމަށާއި، ޓީމަށް ފާޑުކިޔޭ ވަރުގެ މުހިންމު ބައެއް ކަމަށް ހީކުރާ މީހުންގެ ވާހަކަތަކަށްވެސް ސަމާލުކަން ނުދޭ ކަމަށް އޭނާ ބުންޏެވެ. ކުރީގެ ކުޅުންތެރިންނަށް ނިސްބަތްކޮށް އޭނާ ބުނީ، އެ މީހުންގެ މާޒީގައި ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު، އެ މީހުން މަޑުން ތިބުން މާ ރަނގަޅުވާނެ ކަމަށެވެ.
މެކްސިކޯ މެޗުގައި ގޯސްކޮށް ދިޔަ ކަންކަން އޭނާއަށާއި ކުޅުންތެރިންނަށް އެނގޭ ކަމަށް ބްރޫސް ތަކުރާރުކުރިއެވެ. ބެލްޖިއަމަށް ނިސްބަތްވާ ތަޖުރިބާކާރު ކޯޗު ބުނި ގޮތުގައި، މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތެއް ހޯދުމަށްޓަކައި ޗެކް ރިޕަބްލިކާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވުން ދެކުނު އެފްރިކާއަށް މަޖުބޫރެވެ. ޗެކް ރިޕަބްލިކްވެސް ވަނީ ދެކުނު ކޮރެއާއާ ދެކޮޅަށް ކުޅުނު "ގްރޫޕް އޭ" ގެ ފުރަތަމަ މެޗުން ބަލިވެފައެވެ.
"އަހަރެމެންގެ ހާލަތު ވަރަށް ސާފު. މާދަމާ މޮޅުނުވެއްޖެނަމަ، ދެކުނު ކޮރެއާއާ ދެކޮޅަށް ކުޅޭ ފަހު މެޗަކީ އެއްވެސް ބޭނުމެއް ނެތް މެޗަކަށް ވެގެންދާނެ،” ބްރޫސް ފާހަގަކުރިއެވެ.
ފުރަތަމަ މެޗުގައި ހެދުނު ގޯސްތައް އެނގޭ ކަމަށާއި، ކުޅުންތެރިންނާ މެދު ކޯޗު މާ މަޑުމައިތިރި ކަމަށް ބައެއް މީހުން ބުނި ނަމަވެސް، ކެމެރާ ކުރިމަތީގައި ކުޅުންތެރިން ކުށްވެރިކުރަން ބޭނުންނުވާ ކަމަށް ބްރޫސް ބުންޏެވެ. އެހެންކަމުން ކޯޗެއްގެ ހައިސިއްޔަތުން ބައެއް ފަހަރު ކުޑަކޮށް ދޮގު ހަދަން ޖެހޭ ކަމަށްވެސް އޭނާ ބުންޏެވެ.
މެކްސިކޯ މެޗަށްފަހު ޓީމުގެ ކުޅުމާ މެދު އިތުބާރު އޮތް ކަމަށް ބްރޫސް ބުނުމުން ސަޕޯޓަރުންގެ ފަރާތުން މަލާމާތް ރައްދުވި ނަމަވެސް، އޭނާ ބުނީ މެކްސިކޯ މެޗުގައި ގޯސްކޮށް ދިޔަ ކަންކަން ރަނގަޅުކުރަން މަސައްކަތްކުރާނެ ކަމަށެވެ. ނަމަވެސް އެކަން ރަނގަޅު ކުރެވޭނީ ބޯޅަ ހިފަހައްޓައިގެން ކަމަށް ބުނެ، ކުރިއަށް އޮތް މެޗުގައި ތަފާތު ޓެކްޓިކްސްއެއް ބޭނުންކޮށްފާނެ ކަމުގެ އިޝާރާތެއް އޭނާ ވަނީ ދީފައެވެ.
ވޯލްޑް ކަޕްގެ "ގްރޫޕު އޭ" ގައި ދެކުނު އެފްރިކާއިން ކުޅޭ ދެވަނަ މެޗުގައި ޗެކް ރިޕަބްލިކާ ދެކޮޅަށް ނުކުންނާނީ ރާއްޖޭގަޑިން މިރޭ 9:00 ގައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް