ވޯލްޑް ކަޕް 2026 ގައި ފަހުވަގުތު ޖެހި ގޯލުން ޕެނަމާ އަތުން ގާނާއިން މޮޅެއް ހޯދައިފިއެވެ.

ގާނާގެ ގައުމީ ފުޓުބޯޅަ ޓީމަކީ އެފްރިކާ ބައްރުގައި އުފެދުނު އެންމެ ކާމިޔާބު އެއް ޓީމެވެ. ފީފާ ވޯލްޑް ކަޕްގައި ގާނާއިން ވަނީ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދައިފައެވެ. މިހާތަނަށް ފަސް ފަހަރެއްގެ މަތިން ވޯލްޑް ކަޕްގައި ވާދަކޮށްފައިވާ އިރު، އެ ޓީމުގެ އެންމެ ބޮޑު ކާމިޔާބީއަކީ 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރުމެވެ. މިއީ އެފްރިކާގެ ގައުމަކުން ވޯލްޑް ކަޕްގައި ހޯދި އެންމެ ބޮޑު އެއް ކާމިޔާބީއެވެ.

ސަރަހައްދީ ފެންވަރުގައިވެސް ގާނާއަކީ ގަދަ ބާރެކެވެ. އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޮން) ގެ ތަށި އެ ޓީމުން ވަނީ ހަތަރު ފަހަރެއްގެ މަތިން އުފުލާލައިފައެވެ. އެއީ 1963، 1965، 1978 އަދި 1982 ވަނަ އަހަރުއެވެ. މީގެ އިތުރުން ފަސް ފަހަރެއްގެ މަތީން އެ މުބާރާތުގެ ރަނަރަޕްކަންވެސް އެ ޓީމުން ވަނީ ހޯދައިފައެވެ.

ޕެނަމާ ގައުމީ ފުޓުބޯޅަ ޓީމަކީ އުތުރު އަދި މެދުތެރޭ އެމެރިކާ ސަރަހައްދުގައި ފާހަގަކޮށްލެވޭ ޓީމެކެވެ. ޕެނަމާއިން ވަނީ 2018 ވަނަ އަހަރު ރަޝިއާގައި އޮތް ފީފާ ވޯލްޑް ކަޕްގައި ފުރަތަމަ ފަހަރަށް ވާދަކޮށްފައެވެ. އެ މުބާރާތުގައި އިނގިރޭސިވިލާތާ ދެކޮޅަށް ކުޅުނު މެޗުގައި ފެލިޕޭ ބަލޯއީ ވަނީ ވޯލްޑް ކަޕް ތާރީހުގައި ޕެނަމާގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްފައެވެ. އިނގިރޭސިވިލާތުގެ އިތުރުން ބެލްޖިއަމް ވެސް އެއް ގްރޫޕެއްގައި ހިމެނުމުން، އުނދަގޫތަކެއް ކުރިމަތިވެ އެ ފަހަރު ނިންމާލަން ޖެހުނީ ގްރޫޕުގެ ފުލުގައެވެ. މިއަހަރުގެ ވޯލްޑް ކަޕަކީ ޕެނަމާގެ ދެވަނަ ވޯލްޑް ކަޕެވެ.

ސަރަހައްދީ ފެންވަރުގައި ޕެނަމާއިން ވަނީ ރަނގަޅު ކާމިޔާބީތަކެއް ހޯދައިފައެވެ. ކޮންކާކަފް ގޯލްޑް ކަޕްގައި އެ ޓީމުން ވަނީ ތިން ފަހަރެއްގެ މަތިން ރަނަރަޕް މަގާމު ހޯދައިފައެވެ. އެއީ 2005، 2013 އަދި 2023 ވަނަ އަހަރުގެ މުބާރާތެވެ. އަދި 2025 ވަނަ އަހަރުގެ ކޮންކާކަފް ނޭޝަންސް ލީގުގެ ދެވަނަ މަގާމުވެސް ހޯދާފައިވަނީ ޕެނަމާއިންނެވެ.

ރޭޕްގެ ދައުވާއެއް ކޮށްފައިވާތީ ކެނެޑާގެ ގާނޫނު އޮންނަގޮތުން، ގާނާގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ތޯމަސް ޕާޓޭއަށް ވިސާ ހަމަޖެހިފައިނުވާތީ މިއަދުގެ މެޗުގެ ސްކޮޑުގައި ހިމަނައިފައެއް ނުވެއެވެ. ގާނާގެ ތަރި އެންޓޮއިން ސެމެންޔޯ އާއި ތަޖުރިބާކާރު ފޯވަޑް ޖޯޑަން އަޔޫ، ފުރަތަމަ 11 ގައި ހިމެނެއެވެ. ޕެނަމާއިން ވެސް ނެރެފައިވަނީ އެޓީމުގެ އެންމެ މުހިންމު ފުރަތަމަ 11 އެވެ.

ކެނެޑާގެ ޓޮރޮންޓޯ ސްޓޭޑިއަމްގައި މިއަދު ކުޅުނު "ގްރޫޕު އެލް" ގެ މެޗުގައި ޕެނަމާގެ މައްޗަށް ގާނާއިން ކުރި ހޯދީ 1-0 ގެ ނަތީޖާއަކުންނެވެ.

ވަރުގަދަ ކުޅުމަކާއެކު ފަށައި މެޗުގެ ފުރަތަމަ ދެ މިނެޓުގެ ތެރޭގައި ޕެނަމާއިން ވަނީ ގާނާގެ ގޯލަށް ނުރައްކާކޮށްފައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ސެސީލިއޯ ވޯޓަމަން ފޮނުވާލި ހަމަލާ، ގާނާގެ ކީޕަރު ލޯރެންސް އަޓާ ޒިގީ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ޕެނަމާ އިން ކުޅެމުންދާ އިރު، ގާނާއިން މަސައްކަތްކޮށްފައިވަނީ ކައުންޓާ އެޓޭކުތަކުގައި ނުރައްކާކުރުމަށެވެ. ނަމަވެސް މެޗުގެ ފުރަތަމަ 20 މިނެޓުގެ ތެރޭގައި ރަނގަޅު ފުރުސަތެއް ގާނާއަށް ތަނަވަސްކުރެވިފައެއް ނުވެއެވެ.

މެޗުގެ 34 ވަނަ މިނެޓުގައި ޕެނަމާއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ކްރިސްޓިއަން މާޓިނޭޒް ނުރައްކާކުރުމުގެ ކުރިން، ގާނާގެ ކީޕަރު ޒިގީ ވަނީ ކުރިއަށް ނުކުމެ ބޯޅަ ހޯދައިފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގާނާއަށް ޕެނަމާގެ ކީޕަރު އޮރްލޭންޑޯ މޮސްކޭރާ ޓެސްޓުކޮށްލެވިފައެއް ނުވެއެވެ. ގާނާގެ ތަރި ސެމެންޔޯއަށް ވެސް އެދެވޭ ކުޅުމެއް ދެއްކިފައިނުވާ އިރު، ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގާނާގެ އެއް ނަންބަރު ކީޕަރު ޒިގީއަށް ލިބުނު އަނިޔާއަކާ ގުޅިގެން ދެވަނަ ހާފުގައި ކުޅެން ނުކުމެފައިވަނީ ކީޕަރު ބެންޖަމިން އަސާރޭއެވެ. ޒިގީއަށް އަނިޔާވީ ޕެނަމާގެ ހުރަހަކަށް މަސައްކަތްކުރަމުންދަނިކޮށް ކުޅުންތެރިއެއްގެ ގައިގައި ޖެހި ވެއްޓުމާ ގުޅިގެންނެވެ.

ދެވަނަ ހާފު ފެށިތާ ތިން މިނެޓު ތެރޭ ގާނާގެ ނުރައްކަލެއް ފެނިގެންދިޔައެވެ. ކަމަލްދީން ސުލެމާނާ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ޖޮނަސް އެޑްޖެޓޭ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ޕެނަމާގެ ކީޕަރު މޮސްކޭރާއާ ދިމާއަށެވެ.

މެޗުގެ 60 ވަނަ މިނެޓުގައި ޕެނަމާއަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުއްޓައި ލިބުނު ބޯޅައިން މާޓިނޭޒް ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ. އޭގެ އިރުކޮޅެއް ފަހުން ގާނާއަށް ފުރުސަތެއް ލިބިގެންދިޔަ އިރު، ޕެނަލްޓީ އޭރިއާ ތެރެއިން މާވިން ސެނާޔާ ފޮނުވާލި ހަމަލާ، ޕެނަމާގެ ކީޕަރު މޮސްކޭރާ ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ 65 ވަނަ މިނެޓުގައި ގާނާއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. އަޒަރިއާސް ލޮންޑޯނޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޖޯޑަން އަޔޫ ފޮނުވާލި ހަމަލާ، ޕެނަމާ ކީޕަރު މޮސްކޭރާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ. އޭގެ މިނެޓެއް ފަހުން ޕެނަމާއަށް ފުރުސަތެއް ލިބިގެންދިޔަ އިރު، ޕެނަލްޓީ އޭރިއާ ބޭރުން ޖިއޮވާނީ ރާމޯސް ފޮނުވާލި ހަމަލާ ދިޔައީ ގާނާ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

މެޗުގެ 71 ވަނަ މިނެޓުގައި ގާނާގެ ތަރި ސެމެންޔޯގެ ނުރައްކަލެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ސެމެންޔޯ ފޮނުވާލި ހަމަލާ، ޕެނަމާގެ ކީޕަރު މޮސްކޭރާ ވަނީ ދިފާއުކޮށްފައެވެ. ސެމެންޔޯއަށް އެ ބޯޅަ ރަނގަޅަށް ފޮނުވާލެވިފައެއް ނުވެއެވެ.

ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ގާނާއިން ވަނީ ގޯލެއް ޖަހައި ތިން ޕޮއިންޓު ކަށަވަރުކޮށްފައެވެ. ކައުންޓާ އެޓޭކެއްގައި ކުރިއަށް ގޮސް، އަސަންޓޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ޕެނަމާގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ގާނާއަށް ލީޑު ހޯދައިދިނީ ކަލެބް ޔިރެންކީއެވެ.

މި ގްރޫޕުގައި ދެން ހިމެނެނީ ވަރުގަދަ އިންގްލެންޑާއި ކްރޮއޭޝިއާއެވެ. ގްރޫޕުގެ ފުރަތަމަ މެޗުގައި އިންގްލެންޑުން ވަނީ 4-2 ގެ ނަތީޖާއަކުން ކްރޮއޭޝިއާގެ މައްޗަށް ކުރި ހޯދައިފައެވެ.