ވޯލްޑް ކަޕްގައި އަލަށް ވާދަކުރާ ޖޯޑަން އަތުން އޮސްޓްރިއާއިން ހަނި މޮޅެއް ހޯދައިފިއެވެ.
ޔޫރަޕްގެ ފުޓުބޯޅައިގެ ތާރީހުގައި ފާހަގަކޮށްލެވޭ އޮސްޓްރިއާ ވަނީ 1934 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ހަތަރުވަނަ ހޯދައިފައެވެ. އޭގެ ފަހުން، 1954 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ތިންވަނަ ހޯދުމަކީ އެ ގައުމުގެ ފުޓުބޯޅައިގެ އެންމެ ބޮޑު ކާމިޔާބީއެވެ. ސަރަހައްދީ މުބާރާތްތަކަށް ބަލާއިރު، ޔޫރޯގައި އޮސްޓްރިއާއިން ވަނީ ފަހަކަށް އައިސް ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ. ޔޫރޯ 2020 އަދި 2024 ގައި އެ ޓީމުން ވަނީ މުބާރާތުގެ ގަދަ 16 އާ ހަމައަށް ދަތުރުކޮށްފައެވެ.
ވޯލްޑް ކަޕަށް އޮސްޓްރިއާ އަކީ އާ ޓީމަކަށް ނުވާ އިރު، މީގެ ކުރިން ހަތް ފަހަރަކު އެ ގައުމުން ވަނީ މުބާރާތުގައި ވާދަކޮށްފައެވެ. ނަމަވެސް މިއީ 1998 ގެ ވޯލްޑް ކަޕަށްފަހު މުބާރާތަށް އަސްޓްރިއާ ދަތުރުކުރި ފުރަތަމަ ފަހަރެވެ.
ޖޯޑަން ގައުމީ ފުޓުބޯޅަ ޓީމަކީ މިހާރު އޭޝިއާ ބައްރުގައި އެންމެ ހަލުވިކޮށް ކުރިއަރަމުން އަންނަ އެއް ބާރެވެ. އެ ޓީމުން ވަނީ 2023 ވަނަ އަހަރުގެ އޭއެފްސީ އޭޝިއަން ކަޕްގެ ފައިނަލަށް ދަތުރުކޮށް، މުޅި ދުނިޔެ ސިއްސުވާލައިފައެވެ. މުބާރާތުގެ ސެމީ ފައިނަލުގައި ދެކުނު ކޮރެއާ 2-0 އިން ބަލިކުރުމަށްފަހު، ފައިނަލުގައި ގަތަރު އަތުން 3-1 އިން ބަލިވި ނަމަވެސް، މިއީ އެ ގައުމުގެ ފުޓުބޯޅަ ތާރީހުގައި ހޯދި އެންމެ ބޮޑު އެއް ކާމިޔާބީއެވެ.
މީގެ ކުރިން ދުވަހަކުވެސް ފީފާ ވޯލްޑް ކަޕަށް ކޮލިފައިވެފައި ނުވާ ޖޯޑަންއަށް މިފަހަރުގެ ވޯލްޑް ކަޕުން ޖާގައެއް ކަށަވަރުވުމަކީ ވެސް އެ ގައުމަށް ތާރީހީ ކާމިޔާބީއެކެވެ. މީގެ އިތުރުން ސަރަހައްދީ ފެންވަރުގައި ބަލާއިރު، އެ ޓީމުން ވަނީ 1997 އަދި 1999 ވަނަ އަހަރުގެ އަރަބް ގޭމްސްގެ ރަން މެޑަލް ހޯދުމުގެ އިތުރުން، 2025 ވަނަ އަހަރުގެ ފީފާ އަރަބް ކަޕްގެ ފައިނަލަށްވެސް ދަތުރުކޮށްފައެވެ. ފައިނަލުގައި ޖޯޑަން ބަލިވީ އެފްރިކާގެ ޗެމްޕިއަން މޮރޮކޯ އަތުންނެވެ.
މިއަދުގެ މެޗުގައި އޮސްޓްރިއާގެ ފުރަތަމަ 11 ގައި ކެޕްޓަން ޑޭވިޑް އަލަބާ، ފިލިޕް ލީންހާޓް، ތަޖުރިބާކާރު މިޑްފީލްޑަރު މާސެލް ސަބިޓްޒާގެ އިތުރުން ކޮންރެޑް ލައިމާ ވެސް ވަނީ ހިމަނައިފައެވެ. އޭގެ އިތުރުން މެދުތެރޭގައި ނިކޮލަސް ސެއިވާލްޑް އާއި ޒޭވާ ޝްލޭގާގެ ޕާޓްނާޝިޕް ވެސް ފާހަގަކޮށްލެވެއެވެ. އޮސްޓްރިއާގެ ރެކޯޑު ގޯލު ޖެހުންތެރިޔާ މާކޯ އާނަޓޮވިޗް ފެށީ ބެންޗުންނެވެ. ޖޯޑަނުން ވެސް ނެރެފައިވަނީ އެޓީމުގެ އެންމެ ރަނގަޅު ފުރަތަމަ 11 އެވެ.
އެމެރިކާގެ ލެވީސް ސްޓޭޑިއަމްގައި މިއަދު ހެނދުނު ކުޅުނު "ގްރޫޕު ޖޭ" ގެ މެޗުގައި ޖޯޑަންގެ މައްޗަށް އޮސްޓްރިއާ ކުރި ހޯދީ 3-1 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހަމަލާ އުފެއްދީ ޖޯޑަނުންނެވެ. މެޗުގެ ދެވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރެއިން ޖޯޑަންގެ ކެޕްޓަން އިހްސާން ހަދާދް ފޮނުވާލި ހަމަލާ ދިޔައީ އޮސްޓްރިއާ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.
އޮސްޓްރިއާ އިން ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅެމުންދިޔަ ނަމަވެސް، ފުރަތަމަ ދިހަ މިނެޓުގެ ތެރޭގައި ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. ޖޯޑަނުން ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ކުޅެމުންދާތީ، އެ އުނދަގޫތަކާ އޮސްޓްރިއާއަށް ވަނީ ކުރިމަތިވެފައެވެ.
އޮސްޓްރިއާ އިން ކުރިއަށްޖެހި ފުރުސަތުތައް ތަނަވަސްކުރުމަށް މަސައްކަތްތައް ކުރަމުންދަނިކޮށް، މެޗުގެ 17 ވަނަ މިނެޓުގައި ޖޯޑަނުން ވަނީ ހަމަލާއެއް ފޮނުވާލައިފައެވެ. ޕެނަލްޓީ އޭރިއާ ބޭރުން އޮޑޭހް އަލް ފަކޫރީ ފޮނުވާލި ހަމަލާ، އޮސްޓްރިއާ ކީޕަރު އެލެކްސަންޑާ ޝްލާގާ ވަނީ ދިފާއުކޮށްފައެވެ.
މެޗުގެ 20 ވަނަ މިނެޓުގައި އޮސްޓްރިއާ އިން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބޯޅަ، ޖޯޑަން ގޯލުގެ މަތީ ކަނަކަށް އަމާޒުކޮށްގެން އޮސްޓްރިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ރޮމާނޯ ޝްމިޑް އެވެ. އޭގެ ގިނައިރުތަކެއް ނުވަނީސް ޖޯޑަނަށް ނަތީޖާ ހަމަހަމަކުރުމަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އަލީ އޮލްވާން ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ އޮސްޓްރިއާ ގޯލުގެ ހުރަސް ދަނޑިއަށެވެ.
މެޗުގެ 35 ވަނަ މިނެޓުގައި ޖޯޑަނަށް ކައިރިކައިރީގައި ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އޮލްވާން ފޮނުވާލި ހަމަލާ އޮސްޓްރިއާ ކީޕަރު ޝްލާގާ މަތަކުރި އިރު، ރީބައުންސް ބޯޅައިން މޫސާ އަލް ތާމަރީ ފޮނުވާލި ހަމަލާ އޮސްޓްރިއާގެ ޑިފެންޑަރު ލީންހާޓް ވަނީ ބްލޮކްކޮށްފައެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ޖޯޑަނަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު އަލް ތާމަރީ ފޮނުވާލި ހަމަލާ ދިޔައީ އޮސްޓްރިއާ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އޮސްޓްރިއާ ކުރީގައި އޮވެގެންނެވެ.
ވަރުގަދަ ކުޅުމަކާއެކު ފަށައި، ދެވަނަ ހާފުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ޖޯޑަނުން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ނޫރް އަލް ރަވާބްދޭ ދިން ބޯޅައެއް، އޮސްޓްރިއާގެ ހާފުގެ ތެރެއިން ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ޖޯޑަންގެ އޮލްވާން ވަނީ އޮސްޓްރިއާގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފައެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަދެފައިވަނީ އޮސްޓްރިއާ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައެވެ. އެ ގޯލަކީ ޖޯޑަންގެ ފުރަތަމަ ވޯލްޑް ކަޕްގައި ޖެހި ފުރަތަމަ ގޯލެވެ.
އޭގެ ފަހުން ވެސް ޖޯޑަނުން ވަނީ ކުރިއަށް ޖެހި އިތުރު ގޯލެއް ޖަހައި ލީޑު ހޯދުމަށް މަސައްކަތްކޮށްފައެވެ. އެ ޕްރެޝަރާ ގުޅިގެން އޮސްޓްރިއާއިން ވަނީ ޓީމަށް އަވަސް ބަދަލުތަކެއް ވެސް ގެނެސްފައެވެ.
ކުޅުން ރަނގަޅުކޮށް މެޗުގެ 60 ވަނަ މިނެޓުގައި އޮސްޓްރިއާއިން ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކޮށްފައެވެ. ސަބިޓްޒާ ނަަގައިދިން ބޯޅައަކުން، ޕެނަލްޓީ އޭރިއާ ތެރެއިން ސްޓެފަން ޕޮޝް ފޮނުވާލި ހަމަލާ، ޖޯޑަންގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
އޭގެ ތިން މިނެޓު ފަހުން ވެސް އޮސްޓްރިއާއިން ފުރުސަތެއް ތަނަވަސްކުރިއެވެ. ޖޯޑަން ކީޕަރު ޔަޒީދް އަބޫލައިލާ އަތުން ވެއްޓުނު ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ކާނޭ ޗަކުއެމޭކާ ފޮނުވާލުމުން، ގޯލު ކުރިމަތިން އެ ބޯޅަ ދިފާއުކުރީ ޖޯޑަންގެ މުހައްނަދު އަބޫ ތަހާ އެވެ.
މެޗުގެ 67 ވަނަ މިނެޓުގައި އޮސްޓްރިއާގެ ކޯނަރެއް ޖޯޑަންގެ ކީޕަރު އަބޫލައިލާއަށް ރަނގަޅަށް ދިފާއުނުކުރެވުމާއެކު، ޕެނަލްޓީ އޭރިއާ ތެރެއިން އަނަޓޮވިޗް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލި ނަމަވެސް، ވީއޭއާރްއަށް ބެލުމަށްފަހު ރެފްރީ ނިންމީ އާނަޓޮވިޗްއަށް ބޯޅަ ލިބުމުގެ ކުރިން އޮސްޓްރިއާގެ ޕޮޝް އަތުގައި ބޯޅަ ޖެހުނު ކަމަށެވެ. އެހެންކަމުން އެއީ ގޯލެއް ނޫން ކަމަށް ރެފްރީ ވަނީ ނިންމައިފައެވެ.
މެޗުގެ 76 ވަނަ މިނެޓުގައި އޮސްޓްރިއާއިން ވަނީ ގޯލެއް ޖަހައި އަލުން ލީޑު ހޯދައިފައެވެ. ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރެއަށް ސަބިޓްޒާ ނަގައިދިން ބޯޅަ، ގޯލުގެ ތެރެއަށް ވަދެފައިވަނީ ޖޯޑަން ޑިފެންޑަރު ޔަޒާން އަލް އަރަބްގެ ބޮލުގައި ޖެހި ބައިކޮޅަށެވެ.
ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި އޮސްޓްރިއާއަށް ލީޑު ފުޅާކޮށްލުމަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އާނަޓޮވިޗް ފޮނުވާލި ހަމަލާ، ޖޯޑަންގެ ކީޕަރު އަބޫލައިލާ ވަނީ މަތަކޮށްފައެވެ. އޭގެ ފަހުން ނަތީޖާ ހަމަހަމަކުރުމަށް ޖޯޑަނަށް ފުރުސަތެއް ލިބުނު ނަމަވެސް، އަލީ އަޒޭޒާ ފޮނުވާލި ހަމަލާ ދިޔައީ އޮސްޓްރިއާ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.
އިތުރު ވަގުތުކޮޅުގެ އެންމެ ފަހު މިނެޓުގައި އާނަޓޮވިޗް ފޮނުވާލި ބޯޅައެއްގައި ޕެނަލްޓީ އޭރިއާ ތެރެއިން ޖޯޑަންގެ ސާލިމް އޮބައިދް އަތުގައި ބޯޅަ ޖެހުމުން، ވީއޭއާރަށް ބެލުމަށްފަހު ރެފްރީ ވަނީ އޮސްޓްރިއާއަށް ޕެނަލްޓީއެއް ދީފައެވެ. އެ ޕެނަލްޓީ އޮސްޓްރިއާއަށް ކާމިިޔާބުކޮށްދީ، ލީޑު ފުޅާކޮށްދިނީ އެޓީމުގެ ތާރީހުގައި އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދިން އާނަޓޮވިޗްއެވެ.
މި ގްރޫޕުގައި އޮސްޓްރިއާ އާއި ޖޯޑަންގެ އިތުރުން ދެން ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އާއި އަލްޖީރިއާ އެވެ. އަލްޖީރިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ކެޕްޓަން ލިއޮނެލް މެސީގެ ހެޓްރިކުން 3-0 ގެ ނަތީޖާއަކުން އާޖެންޓީނާ ވަނީ މޮޅުވެފައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް