ލުބުނާނުގެ ދެކުނަށް އިސްރާއީލުން ދިން ހަމަލާތަކެއްގައި ހަތަރު މީހަކު މަރުވުމާ ގުޅިގެން، އިސްރާއީލަށް ހަރުކަށި ރައްދެއް ދޭނެކަމުގެ އިންޒާރު އީރާނުގެ އަސްކަރިއްޔާއިން ދީފިއެވެ.
އީރާނުގެ އަސްކަރިއްޔާގެ މައި ކޮމާންޑް ކަމަށްވާ 'ހާތަމް އަލް-އަންބިޔާ' އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާ މެދުވެރިވެގެން ގާއިމުކުރި ސުލްހައިގެ އެއްބަސްވުމާ އިސްރާއީލުން ހިލާފުވެފައިވާ ކަމަށެވެ. އެގޮތުން ފާއިތުވި ދެ ދުވަހުގެ ތެރޭގައި 84 ފަހަރެއްގެ މަތިން އިސްރާއީލުން ހަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް އެ ކޮމާންޑުން ތުހުމަތުކޮށްފައިވެއެވެ.
ލުބުނާނުގެ ނޭޝަނަލް ނިއުސް އެޖެންސީ (އެންއެންއޭ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ ޑްރޯން ހަމަލާތައް އަމާޒުކޮށްފައިވަނީ ދެކުނު ލުބުނާނުގެ މައިފަދޫން އަދި ޝޫކިން އަވަށަށެވެ. މި ހަމަލާތަކުގައި އުޅަނދުތަކަކަށް އަމާޒުކޮށް މަދުވެގެން ހަތަރު މީހުން މަރުވެ، އިތުރު ބަޔަކު ޒަހަމްވެފައިވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
އީރާނުގެ އަސްކަރިއްޔާއިން އިންޒާރުދީފައިވަނީ، ދެކުނު ލުބުނާނުގައި އިސްރާއީލުން ހިންގަމުންދާ އުދުވާންތައް ހުއްޓައިނުލައިފިނަމަ، އީރާނުގެ ބާރުގަދަ އަސްކަރިއްޔާގެ ފަރާތުން ހަރުކަށި ރައްދަކަށް އިސްރާއީލުން އިންތިޒާރުކުރަން ޖެހޭނެ ކަމަށެވެ.
މި އިންޒާރު ދީފައިމިވަނީ، މެދުއިރުމަތީގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި އެމެރިކާއާއި އީރާނާ ދެމެދު ވަގުތީ ސުލްހައިގެ އެއްބަސްވުމެއް ގާއިމުކޮށްފައިވާ ނާޒުކު ދަނޑިވަޅެއްގައެވެ. މި އެއްބަސްވުމުގެ ދަށުން ލުބުނާނުގައިވެސް ހަމަލާތައް މެދުކަނޑައިލުމަށް ނިންމާފައިވީ ނަމަވެސް، އިސްރާއީލުން ލުބުނާނުގައި ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންތައް މުޅިން ހުއްޓައިލާފައި ނުވާކަން އަރަބް ނިއުސް ފަދަ ނޫސްތަކުން ފާހަގަކުރެއެވެ. އީރާނުގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ލުބުނާނުގެ ބިމުން އިސްރާއީލު ސިފައިން ފޭބުމަކީ މި އެއްބަސްވުން ދެމެހެއްޓުމަށް ކޮންމެހެން މުހިންމު ކަމެކެވެ.
އިރާން
އިރާން
އިރާން
އިރާން
ކޮމެންޓް