އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ދެމެދު އޮތް ޒަމާންވީ ގުޅުން ގޯސްވެ، އީރާނާއެކު އެމެރިކާއިން އެކުލަވާލާފައިވާ ސުލްހައިގެ އެއްބަސްވުމާ ގުޅިގެން ޓްރަމްޕް ނަތަންޔާހޫއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ނިއު ޔޯކް ޓައިމްސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވި ގޮތުގައި، އެމެރިކާއާއި އީރާނާ ދެމެދު ވެވުނު އެއްބަސްވުން ނާކާމިޔާބުކޮށްލުމާ ގާތަށް ނަތަންޔާހޫ ވަނީ މަސައްކަތްކުރައްވައިފައެވެ. އަދި ނަތަންޔާހޫއަކީ މުއާމަލާތްކުރަން ވަރަށް އުނދަގޫ ބޭފުޅެއް ކަމަށާއި، އެމެރިކާއިން އީރާނާއެކު އެއްބަސްވުމަކަށް އައުމުން އިސްރާއީލުން އެކަމާ ޝުކުރުވެރިވާން ޖެހޭނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

މީގެ އިތުރުން، ލުބުނާނުގައި ހަރަކާތްތެރިވާ ހިޒްބުاللهއާ ދެކޮޅަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން އީރާނުގެ އެއްބަސްވުމަށް ހުރަސްއެޅޭ ކަމަށާއި، އެކަމާ ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އެމެރިކާގެ ނޫހެއް ކަމަށްވާ "އެކްސިއޯސް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ނަތަންޔާހޫގެ ނިންމެވުންތަކަށް ޓްރަމްޕް ވަނީ ވަރަށް ހަރުކަށި އިބާރާތުން ފާޑުވިދާޅުވެފައެވެ. އަދި އެމެރިކާގެ އެހީތެރިކަމާ ނުލައި އިސްރާއީލަށް ދެމިއޮތުމަކީ ނާދިރު ކަމެއް ކަމަށްވެސް ޓްރަމްޕް ވަނީ ފާހަގަކުރައްވައިފައެވެ.

ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ޓްރަމްޕް ބޭނުންފުޅުވަނީ ހަނގުރާމަ ނިމުމަކަށް ގެނެސް، ބައިނަލްއަގުވާމީ ވިޔަފާރިއަށް މުހިންމު ހޮރުމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށެވެ. ނަމަވެސް، އިސްރާއީލުން ބޭނުންވަނީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް އެއްކޮށް ހުއްޓުވުމަށާއި ހިޒްބުالله ބަލިކުރުމަށް އަސްކަރީ ބާރުގެ ބޭނުންކުރުން ކުރިއަށް ގެންދިއުމަށެވެ.

އިސްރާއީލުގެ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ "ދަ ޓައިމްސް އޮފް އިސްރާއީލް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާއިން އީރާނާއެކު ވެފައިވާ އެއްބަސްވުމުގެ ސަބަބުން އިސްރާއީލުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމުގެ ކަންބޮޑުވުން އެބައޮތެވެ. މި މައްސަލައިގައި ނަތަންޔާހޫ ވިދާޅުވީ، އެމެރިކާއާއި އިސްރާއީލާ ދެމެދު ހުރިހާ ކަމެއްގައި އެއްބަސް ނުވެވޭ ކަމަށާއި، ނަމަވެސް އިސްރާއީލުގެ ސަލާމަތީ މަސްލަހަތު ހިމާޔަތްކުރުމުގައި ދެމިހުންނަވާނެ ކަމަށެވެ.

އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ދެ ގައުމުގެ ގުޅުމަށް މިހާރު ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައެވެ. އީރާނާއެކު ވެވޭ އެއްބަސްވުމުގައި ޖެނީވާގައި ރަސްމީކޮށް ސޮއިކުރުމަށް ހަމަޖެހިފައިވާއިރު، އިސްރާއީލުން ލުބުނާނުގައި ދެމުންދާ ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެފައިނުވާތީ، ސަރަހައްދީ ސަލާމަތާ މެދު ވަނީ ސުވާލު އުފެދިފައެވެ.