ޑެމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއިން ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލްއާ ކުރިމަތިލާން އެއްވެސް ޖެހިލުމެއް ނުވާ ކަމަށް ކޯޗު ސެބަސްޓިއަން ޑެސަބްރޭ ބުނެފިއެވެ.

ކޮންގޯއަކީ އެފްރިކާ ބައްރުގައި ފާހަގަކޮށްލެވޭ ތާރީހެއް އޮތް ޓީމެކެވެ. ސަރަހައްދީ ގޮތުންނާއި ބައިނަލްއަގުވާމީ މައިދާނުގައި ވެސް މުހިންމު ކާމިޔާބީތަކެއް ހޯދާފައިވާ ޓީމެކެވެ. ކޮންގޯގެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއަކީ 1974 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ވާދަކުރުމެވެ. އެއިރު "ޒައިރް" ގެ ނަމުގައި ކުޅެމުންދިޔަ ކޮންގޯ ވެފައިވަނީ ސަބް-ސަހާރަން އެފްރިކާ ސަރަހައްދުން ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ގައުމަށެވެ. މިފަހަރު އެނބުރި އައީ 52 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ.

"އަހަރެމެން ކުރަން ޖެހޭ ކަމަކީ ފުރަތަމަ މެޗުގެ ޕްރެޝަރާ ޑީލް ކުރުން. އަހަރެން ބޭނުމީ އަހަރެންގެ ޓީމު ފަހަތުގައި މަޑުކޮށްގެން ނުތިބެ ކުޅެން. އެހެންވީމަ ރިސްކް ނަގާނަން. އެ ރިސްކް ނަގާނީ ރަނގަޅު ވަގުތުގައި. އަހަރެމެން ޖެހިލުމެއް ނުވޭ ބޮޑެތި މެޗުތަކަކަށް. އަހަރެމެން ވަރުގަދަ ޓީމުތަކާ ކުރިމަތިލާނީ ކުޅޭ ހިތުން،" ޑެސަބްރޭ ބުންޏެވެ.

މީގެ ކުރިން "ޒައިރް"ގެ ނަމުގައި ކުޅުނު ވޯލްޑް ކަޕްގައި ކޮންގޯއަށް ގޯލެއް ޖެހިފައެއް ނުވެއެވެ. އެޓީމު ކޮޅަށް އެފަހަރު ތިން މެޗުން 14 ގޯލް ވަދެފައިވެއެވެ.

ކޮންގޯއަކީ މިހާރު އެ ހާލަތުގައި އޮތް ޓީމަކަށް ނުވާނެއެވެ. ސްކޮޑިގައި ޔޫރަޕްގެ ވަރުގަދަ ލީގުތަކުގައި ކުޅޭ ކުޅުންތެރިން ހިމެނެއެވެ. އެޓީމަށް މިފަހަރު ދިމާވި ހަމައެކަނި ގޮންޖެހުމަކީ ކޮންގޯގައި އެބޯލާ ފެތުރެމުންދާތީ ދިމާވި ބައެއް ދަތިތަކެވެ. އަދި އެގައުމުގެ ސަޕޯޓަރުން ވޯލްޑް ކަޕް ބާއްވާ ގައުމުތަކަށް ދަތުރު ނުކުރެވޭނެ ކަމަށް ވަނީ އަންގައިފައެވެ.

"އަހަރެމެންނަށް އެނގޭ 100 މިލިއަން ކޮންގޯގެ ރައްޔިތުން ބަލަން ތިބޭނެކަން. އަހަރެމެން އެ ރައްޔިތުންނަށްޓަކައި ކުޅޭނީ. އަހަރެމެން ދައްކާނަން ހިތްވަރު. ދަނޑުގައި ސަޕޯޓަރުން ތިބެން ފުރުސަތު ނުލިބުމުން އެ ބަލަން ތިބި އެންމެނަށް ހިތްވަރު ހޯދައިދެވޭތޯ ބަލާނަން،" ކޯޗު އިތުރަށް ބުންޏެވެ.