ވޯލްޑް ކަޕް 2026 ގައި އާލިން ހާލަންޑްގެ ދެ ގޯލާއެކު އިރާގު އަތުން ނޯވޭ މޮޅުވެއްޖެއެވެ.
ނޯވޭ ގައުމީ ފުޓުބޯޅަ ޓީމަކީ ޔޫރަޕްގެ ފުޓުބޯޅައިގައި ފާހަގަކޮށްލެވޭ ތާރީހެއް އޮތް ޓީމެކެވެ. މި ޓީމަކީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ބާރު ކަމަށްވާ ބްރެޒިލް އަތުން ދުވަހަކުވެސް ބަލިވެފައިނުވާ މަދު ޓީމުތަކުގެ ތެރެއިން އެއް ޓީމެވެ. ބްރެޒިލްއާ ދެކޮޅަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، އަނެއް ދެ މެޗުން ވަނީ އެއްވަރުވެފައެވެ.
ވޯލްޑް ކަޕްގައި ނޯވޭ އިން ވަނީ ތިން ފަހަރެއްގެ މަތިން ވާދަކޮށްފައެވެ. އެއީ 1938، 1994 އަދި 1998 ވަނަ އަހަރުއެވެ. މީގެ ތެރެއިން 1938 އަދި 1998 ވަނަ އަހަރުގެ މުބާރާތުގެ ގަދަ 16 އާ ހަމައަށް އެ ޓީމު ދަތުރުކުރިއެވެ. ސަރަހައްދީ މުބާރާތްތަކަށް ބަލާއިރު، ނޯވޭ އިން ޔޫރޯގައި ވާދަކޮށްފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ 2000 ވަނަ އަހަރުގެ މުބާރާތުގައެވެ. އެ ފަހަރު އެ ޓީމު ކަޓާފައިވަނީ ގްރޫޕް ސްޓޭޖުންނެވެ.
އިރާގުގެ ގައުމީ ފުޓުބޯޅަ ޓީމަކީ އޭޝިއާ ބައްރުގައި ފާހަގަކޮށްލެވޭ ވަރުގަދަ ބާރެކެވެ. އިރާގު ޓީމަކީ، އެ ގައުމުގެ ރައްޔިތުންގެ މެދުގައި އުންމީދާއި އެއްބައިވަންތަކަމުގެ ރަމްޒެއް ކަމަށް ކުޅިވަރު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ. އިރާގުން ވަނީ 1986 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ވާދަކޮށް، ދުނިޔޭގެ ފެންވަރުގައި އެ ގައުމުގެ ހުނަރު ދައްކާލައިފައެވެ.
މީގެ އިތުރުން، 2007 ވަނަ އަހަރުގެ އޭއެފްސީ އޭޝިއަން ކަޕް ކާމިޔާބުކުރުމަކީ އެ ޓީމުގެ ތާރީހުގައި ހޯދި އެންމެ ބޮޑު އެއް ކާމިޔާބީއެވެ. ސަރަހައްދީ ފެންވަރުގައިވެސް އިރާގުން ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. އެގޮތުން، އަރަބިއަން ގަލްފް ކަޕް ހަތަރު ފަހަރު ކާމިޔާބުކޮށްފައިވާ އިރު، އެންމެ ފަހުން މި މުބާރާތް ކާމިޔާބުކުރީ 2023 ވަނަ އަހަރުއެވެ. 40 އަހަރުގެ ދިގު އިންތިޒާރަކަށްފަހު އިރާގު ވޯލްޑް ކަޕަށް ކޮލިފައިވެފައިވަނީ، ކޮލިފައިންގެ ތާރީހުގައި އެންމެ ގިނަ މެޗު ކުޅެން ޖެހުނު ޓީމުގެ ގޮތުގައެވެ. އެއީ 28 މަސް ދުވަހުގެ ތެރޭ 21 މެޗު ކުޅެގެންނެވެ.
މިރޭގެ މެޗުގައި އެންމެންގެ ސަމާލުކަމަށް އަންނާނެ އެއް ކުޅުންތެރިޔަކީ ނޯވޭގެ އާލިން ހާލަންޑެވެ. ހާލަންޑާއި ކެޕްޓަން މާޓިން އޮޑެގާޑާއި އަލެކްސެންޑާ ސާލަޓް އަދި އެންޓޯނިއޯ ނޫސާ، ނޯވޭގެ ފުރަތަމަ 11 ގައި ހިމެނެއެވެ. ނޯވޭ ޓީމުން އޮސްކާ ބޮބް ފެށީ ބެންޗުންނެވެ. އިރާގުގެ ފުރަތަމަ 11 ގައި އެޓީމުގެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އައިމަން ހުސެއިން، އަލީ އަލް ހަމާދީ، އަމީރް އަލް އަމަރީ އަދި އަލީ ޖާސިމް ހިމެނެއެވެ. އަދި އިރާގުގެ ޒިދާން އިގުބާލް ފެށީ ބެންޗުންނެވެ.
އެމެރިކާގެ ޖިލެޓް ސްޓޭޑިއަމްގައި މިރޭ ކުޅުނު "ގްރޫޕު އައި" ގެ މެޗުގައި އިރާގުގެ މައްޗަށް ނޯވޭ އިން ކުރި ހޯދީ 4-1 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ދިހަ މިނެޓުގެ ތެރޭގައި ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ އިރު، ގޯލު ޖަހާނެ ހުސް ފުރުސަތެއް ވެސް ތަނަވަސްކުރެވިފައެއް ނުވެއެވެ. ނަމަވެސް ނޯވޭ ފޯވަޑް ހާލަންޑްގެ ނުރައްކާ ކޮންމެވެސް ވަރަކަށް ފާހަގަކޮށްލެވުނެވެ.
މެޗުގެ 12 ވަނަ މިނެޓުގައި އިރާގުގެ ނުރައްކަލެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އަލީ އަލް ހަމަދީ ފޮނުވާލި ހަމަލާ ދިޔައީ ނޯވޭ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
މެޗުގެ 20 ވަނަ މިނެޓުގައި ނޯވޭ ފޯވަޑް ހާލަންޑްގެ ނުރައްކަލެއް ފެނިގެންދިޔައެވެ. ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ހާލަންޑް ބޮލުން ފޮނުވާލި ހަމަލާ، އިރާގުގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މެޗުގެ 29 ވަނަ މިނެޓުގައި ހާލަންޑް ވަނީ އޭނާގެ ފުރަތަމަ ވޯލްޑް ކަޕް ގޯލާއެކު ނޯވޭއަށް ލީޑު ހޯދައިދީފައެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ ޑޭވިޑް މޮލާ ވުލްފް ހުރަސްކޮށްލި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުންނެވެ. އޭގެ މިނެޓެއް ފަހުން ހާލަންޑް ދިން ބޯޅައަކުން ސާލަޓްއަށް ލީޑު ފުޅާކޮށްލުމަށް ފުރުސަތެއް ލިބިގެންދިޔަ ނަމަވެސް، ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ އިރާގުގެ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފައެވެ.
މެޗުގެ 36 ވަނަ މިނެޓުގައި ވެސް ނޯވޭގެ ހަމަލާއެއް ފެނިގެންދިޔައެވެ. ސާލަޓް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ކެޕްޓަން އޮޑެގާޑް ފޮނުވާލި އެ ހަމަލާ، އިރާގުގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މެޗުގެ 39 ވަނަ މިނެޓުގައި އިރާގުން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. އާމިރް އަލް އަމަރީ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން އިރާގަށް އެ ގޯލު ކާމިޔާބުކޮށްދިނީ އައިމަން ހުސެއިނެވެ.
އޭގެ ހަތަރު މިނެޓު ތެރޭ ނޯވޭ އިން ގޯލެއް ޖަހައި އަލުން ލީޑު ހޯދިއެވެ. އިރާގުގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ޕެނަލްޓީ އޭރިއާ ތެރެއިން ފަސޭހަކަމާއެކު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ނޯވޭގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ގޯލު ވެސް ކާމިޔާބުކޮށްދިން ހާލަންޑެވެ. އެ ގޯލާއެކު އޭނާ ވެގެން ގޮސްފައިވަނީ އެއް މެޗެއްގައި ދެ ގޯލު ޖެހި ނޯވޭގެ ފުރަތަމަ ކުޅުންތެެރިޔާއަށެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި އިރާގަށް އަލުން ނަތީޖާ ހަމަހަމަކުރުމަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން އިބްރާހިމް ބަޔޭޝް ފޮނުވާލި ހަމަލާ، ގޯލު ކުރިމަތިން ނޯވޭ ޑިފެންޑަރު މޮލާ ވުލްފް ވަނީ ބްލޮކްކޮށްފައެވެ.
އޭގެ ފަހުން އިރާގުގެ އަލް ހަމަދީއަށް ވެސް ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު އޭނާ ނުރައްކާކުރުމުގެ ކުރިން، ފަހަތުން އައިސް ނޯވޭ ޑިފެންޑަރު ކްރިސްޓޮފާ އަޔާ ވަނީ ޓެކަލްކޮށް ދިފާއުކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ނޯވޭ ކުރީގައި އޮވެގެންނެވެ.
ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްކުރަމުންދިޔަ އިރާގުން މެޗުގެ 52 ވަނަ މިނެޓުގައި ހަމަލާއެއް ފޮނުވާލިއެވެ. ބަޔޭޝް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، އައިމަން ހުސެއިން ފޮނުވާލި ހަމަލާ ނޯވޭގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
ދާދި ހަމަހަމަ ކުޅުމަކަށްފަހު ކުޅުން ރަނގަޅުކޮށް މެޗުގެ 77 ވަނަ މިނެޓުގައި ނޯވޭ އިން ވަނީ އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްފައެވެ. އޮޑެގާޑް ނަގައިދިން ބޯޅައަކުން ބޮލުން ފޮނުވާލި ހަމަލާއަކުން ނޯވޭއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ލިއޯ އޮސްޓިގާޑް އެވެ.
މެޗުގެ 83 ވަނަ މިނެޓުގައި ހާލަންޑަށް ހެޓްރިކް ފުރިހަމަކުރުމަށް ހުސް ފުރުސަތެެއް ލިބިގެންދިޔައެވެ. އިރާގުގެ ޑިފެންސަށް ހެދުނު ގޯހަކުން ލިބުނު ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ހާލަންޑް ފޮނުވާލި ހަމަލާ، އިރާގުގެ ކީޕަރު ޖަލާލް ހަސަން ވަނީ ކުރިއަށް ނުކުމެ ދިފާއުކޮށްފައެވެ.
ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ވެސް ނޯވޭ އިން އެޓީމުގެ ހަތަރު ވަނަ ގޯލު ކާމިޔާބުކުރިއެވެ. ހާލަންޑް ޖައްސާލި ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނޯވޭއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކްރިސްޓިއަން ތޯސްޓްވޭޓްއެވެ.
މި ގްރޫޕުގައި ނޯވޭ އާއި އިރާގުގެ އިތުރުން ދެން ހިމެނެނީ ފްރާންސާއި ސެނެގާލެވެ. ގްރޫޕުގެ ފުރަތަމަ މެޗުގައި ކިލިއަން އެމްބާޕޭގެ ދެ ގޯލާއެކު ސެނެގާލްގެ މައްޗަށް ފްރާންސުން ކުރި ހޯދީ 3-1 ގެ ނަތީޖާއަކުންނެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް