މިދިޔަ އޮގަސްޓް މަހުގެ 27 ގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 31.566 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްއިން މިއަދު އާންމުކުރި ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުގައި ބުނެފައިވާ ގޮތުން، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 30.635 ބިލިއަން ރުފިޔާއާ އަޅައި ބަލާއިރު ތިން ޕަސެންޓް އިތުރު އަދަދެކެވެ.
ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި އާމްދަނީއަށް މި ކުރިއެރުން ލިބިފައިވަނީ އިމްޕޯޓް ޑިއުޓީ އާއި މުދަލާއި ހިދުމަތުގެ އަގުން ނަގާ އާންމު ޓެކްސް (ޖީޖީއެސްޓީ) އިން ލިބުނު އާމްދަނީ އިތުރުވުމާ ގުޅިގެންނެވެ.
އެގޮތުން އިމްޕޯޓް ޑިއުޓީ 2.757 ބިލިއަން ރުފިޔާއަށް އަރައިފައިވާ އިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ 18.3 ޕަސެންޓް އިތުރުވުމެކެވެ. މިދިޔަ އަހަރު ހުރީ 2.331 ބިލިއަން ރުފިޔާގައެވެ.
ޓީޖީއެސްޓީ އާމްދަނީއަށް ވެސް 7.7 ޕަސެންޓްގެ ކުރިއެރުމެއް އައިސްފައިވާ އިރު، މިއަހަރު ވަނީ 4.375 ބިލިއަން ރުފިޔާ ލިބިފައެވެ. ޓެކްސްގެ ގޮތުގައި ލިބުނު ޖުމްލަ އާމްދަނީ ވަނީ 7.4 އިންސައްތަ އިތުރުވެ، 24.394 ބިލިއަން ރުފިޔާއަށް އަރައިފައިވާ ކަމަށް ވެސް ފިނޭންސުން ބުންޏެވެ.
މީގެ އިތުރުން ވިޔަފާރި އާއި މުދަލުން ނަގާ ޓެކްސް 21.3 ޕަސެންޓް އިތުރުވެ 5.798 ބިލިއަން ރުފިޔާއަށް އަރާފައިވާ އިރު، އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 9.2 އިންސައްތަ އިތުރުވެ 1.542 ބިލިއަން ރުފިޔާއަށް ވަނީ އަރައިފައެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 1.565 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، މިއީ 9.1 އިންސައްތައިގެ އިތުރުވުމެއް ކަމަށް ވެސް ފިނޭންސުން ބުންޏެވެ.
މުދަލުން ލިބުނު އާމްދަނީ 12.3 ޕަސެންޓް އިތުރުވެ 1.954 ބިލިއަން ރުފިޔާއަށް އަރާފައިވާ އިރު، ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު ވަނީ 77.0 އިންސައްތަ އިތުރުވެ 0.515 ބިލިއަން ރުފިޔާއަށް އަރައިފައެވެ.
އާމްދަނީ އިތުރުވިއިރު ދައުލަތުގެ ހަރަދުތައްވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ބޮޑު ހޭދައެއް ކޮށްފައިވަނީ އިދާރީ ހިދުމަތްތަކާއި އުމްރާނީ ތަރައްގީއަށެވެ.
މިނިސްޓްރީން ބުނީ އިދާރީ ހިދުމަތްތަކަށް ކުރި ރިކަރަންޓް ހަރަދު 1.982 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށާއި މިއީ 7.4 އިންސައްތަ އިތުރުވުމެއް ކަމަށެވެ. ބިމާއި އިމާރާތް ނުހިމަނައި އުމްރާނީ ތަރައްގީގެ ވަސީލަތްތަކަށް ކުރި ކެޕިޓަލް ހަރަދު 2.839 ބިލިއަން ރުފިޔާއަށް އަރާފައިވާ އިރު، މިއީ 8.6 އިންސައްތަ އިތުރުވުމެއް ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމްތަކަށް (ޕީއެސްއައިޕީ) މަޝްރޫއުތަކަށް 4.312 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، މިއީ 16 ޕަސެންޓްގެ އިތުރުވުމެކެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ އެހީ އާއި ސަބްސިޑީއަށެވެ. އެގޮތުން 10.366 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު، އޭގެ ތެރެއިން ސަބްސިޑީއަށް 4.265 ބިލިއަން ވަނީ ހޭދަކޮށްފައެވެ.
މީގެ އިތުރުން މުސާރަ އާއި އުޖޫރައަށް ކުރި ހޭދަ 14.1 ޕަސެންޓް އިތުރުވެ 5.556 ބިލިއަން ރުފިޔާއަށް ވަނީ އަރައިފައެވެ. އަދި އާސަންދައަށް ކުރި ހަރަދު ވަނީ 1.910 ބިލިއަން ރުފިޔާއަށް އަރައިފައެވެ.
ނަމަވެސް ދަރަނި އަދާކުރުމާއި އިންޓްރެސްޓްގެ ހަރަދު ވަނީ 5.2 ޕަސެންޓް ދަށްވެ، މިދިޔަ އަހަރުގެ މިމުއްދަތާ އަޅައި ބަލާއިރު 3.801 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ.
މިމަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ހަރަދު ވަނީ 35.984 ބިލިއަން ރުފިޔާއަށް އަރައިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައި ބަލާއިރު 18.3 ޕަސެންޓް އިތުރު އަދަދެކެވެ. މީގެ ތެރެއިން ރިކަރަންޓް ހަރަދަކީ 31.053 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދަކީ 4.931 ބިލިއަން ރުފިޔާއެވެ.
މި މުއްދަތުގެ ނިޔަލަށް 4.418 ބިލިއަން ރުފިޔާގެ އޯވަރޯލް ޑެފިސިޓެއް ރެކޯޑް ކުރެވިފައިވާ ކަމަށް ދައުލަތުގެ މާލީ ހިސާބުތަކުން ދައްކާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
ކޮމެންޓް