ޔޫރަޕްގެ މުބާރާތްތަކުގައި ދައްކަމުން އައި މޮޅު ކުޅުމާއެކު، 28 އަހަރުގެ ދިގު މެދުކެނޑުމަކަށްފަހު އޮސްޓްރިއާއިން ވޯލްޑް ކަޕްގެ މައިދާނަށް ނުކުންނަން ތައްޔާރުވެއްޖެއެވެ. އެމެރިކާގެ ކެލިފޯނިއާގައި ކުޅޭ ވޯލްޑް ކަޕް 2026 ގެ މެޗުގައި އޮސްޓްރިއާއާ ދެކޮޅަށް ނުކުންނާނީ، އަލަށް ވާދަކުރާ ޖޯޑަންއެވެ.
އެތައް އަހަރެއް ވާންދެން ފުޓުބޯޅައިގެ މައިދާނުގައި ފަނޑުވެފައި އޮތުމަށްފަހު، ކޯޗު ރާލްފް ރަންގްނިކްގެ އިރުޝާދުގެ ދަށުން އޮސްޓްރިއާގެ ޓީމަށް ވަނީ އާ ދިރުމެއް ލިބިފައެވެ. ޔޫރޯ 2024 ގައި އެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކައި، މުބާރާތުގެ ގަދަ 16 އާ ހަމައަށް ދަތުރުކޮށްފައެވެ. އެ ފަހަރު އެ ޓީމު ކަޓާފައިވަނީ ތުރުކީއާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗަކުންނެވެ.
މާޒީއަށް ބަލާއިރު، އޮސްޓްރިއާއަކީ ދުނިޔޭގެ ފުޓުބޯޅައިގައި ނުފޫޒުގަދަ ގައުމެކެވެ. އެގޮތުން 1954 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ކުޅެފައިވާ އިރު، 1978 ގައި އާޖެންޓީނާގައި އޮތް މުބާރާތުގެ ގަދަ އަށެއްގައިވެސް އެ ޓީމު ވަނީ ހިމެނިފައެވެ. އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި މިފަހަރު ބާއްވާ މުބާރާތުގައި އެފަދަ ބޮޑު ކާމިޔާބީއެއް ގިނަ ސަޕޯޓަރުން އުންމީދު ނުކުރި ނަމަވެސް، ޔޫރޯގައި ދެއްކި ފަދަ މޮޅު ކުޅުމެއް ދެއްކޭނެކަމުގެ ޔަގީންކަން ޓީމަށް އެބައޮތެވެ.
ޖޯޑަންއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، ކުރީކޮޅުގައި ޕޮއިންޓް ހޯދުމަކީ އޮސްޓްރިއާއަށް ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ ކުރިއަށް ދެން އޮންނާނީ އަލްޖީރިއާ އަދި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާ ދެކޮޅަށް އުނދަގޫ މެޗުތައް ކަމަށްވުމުންނެވެ.
ޖޯޑަންއާ ދެކޮޅަށް ކުޅޭ މެޗާ ކުރިމަތިލާއިރު އޮސްޓްރިއާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ކޯޗު ރަންގްނިކްގެ އެގްރެސިވް ޕްރެސިން ގޭމްގައި މުހިންމު ދައުރެއް އަދާކުރާ އެޓޭކިން މިޑްފީލްޑަރު ކްރިސްޓޮފް ބައުމްގާޓްނާއަށް އަނިޔާވެފައިވުމެވެ. ފަލަމަސްގަނޑަށް ލިބިފައިވާ ސީރިއަސް އަނިޔާއަކާ ގުޅިގެން އޭނާއަށް ނުކުޅެވުނު ނަމަވެސް، ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން އޭނާ ސްކޮޑާއެކު މަޑުކުރާނެއެވެ. މިއީ ޔޫރޯ މުބާރާތުގައި ކަކުލުގެ ލިގަމެންޓް އިރައިގެން ދިއުމުގެ ސަބަބުން ކެޕްޓަން ޑޭވިޑް އަލަބާވެސް އަމަލުކުރި ގޮތެވެ.
އާރްބީ ލައިޕްޒިގަށް ކުޅެމުން އަންނަ ބައުމްގާޓްނާ ބުނިގޮތުގައި، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އަނިޔާއިން ރަނގަޅުވުމަށެވެ. "އަހަރެންނަށް އެންމެންނަށްވެސް އެންމެ ބޮޑަށް އެހީތެރިވެދެވޭނީ ވީހާވެސް އަވަހަކަށް ފިޓްވެގެން. އެކަމަކު އޭގެ އިތުރުންވެސް އަހަރެންނަށް ކުރެވެން އޮތް ކޮންމެ ކަމެއް ކޮށްދޭން މަސައްކަތް ކުރާނަން،" އޭނާ ބުންޏެވެ.
ބައުމްގާޓްނާ ނެތްތަން ފޫބެއްދުމަށްޓަކައި، ދާދި ފަހުން އޮސްޓްރިއާގެ ގައުމީ ޓީމަށް ކުޅުމަށް ނިންމި ޕޯލް ވާނާ ނުވަތަ ކާނީ ޗުކްވުއެމެކާއަށް ފުރުސަތު ލިބުމަކީ އެކަށީގެންވާ ކަމެކެވެ. އުމުރުން 20 އަހަރުގެ ވާނާ، އޮސްޓްރިއާ ހިޔާރުކުރީ ޖަރުމަނުގެ 20 އަހަރުން ދަށުގެ ޓީމަށް ކުޅުމަށްފަހުއެވެ. އަދި އުމުރުން 22 އަހަރުގެ ޗުކްވުއެމެކާ އޮސްޓްރިއާއާ ގުޅުނީ އިނގިރޭސިވިލާތުގެ ޖޫނިއާ ލެވެލްގައި ކުޅުމަށްފަހުއެވެ. މި ދެ ކުޅުންތެރިން އޮސްޓްރިއާއަށް ކުޅެން ނިންމިކަން ކަށަވަރުވީ މިދިޔަ މާޗު މަހުގައެވެ. މި ދެ އެޓޭކިން މިޑްފީލްޑަރުންނަކީވެސް މޮޅު ކުޅުންތެރިންގެ ގޮތުގައި ފާހަގަކުރެވިފައިވާ ދެ ކުޅުންތެރިންނަށްވާ އިރު، ކޯޗު ރަންގްނިކް ވަނީ ދާދި ފަހުން ކުޅުނު އެކުވެރިކަމުގެ މެޗުތަކުގައި އެ ކުޅުންތެރިންގެ ބޭނުން ހިފައިފައެވެ.
އޮސްޓްރިއާއާ ދެކޮޅަށް ނުކުންނަ ޖޯޑަން އަކީ ދުނިޔޭގެ ފެންވަރުގެ މުބާރާތަކަށް މުޅިން އާ ޓީމެކެވެ. މޮރޮކޯގެ ކޯޗު ޖަމާލް ސައްލާމީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޖޯޑަނުން މި މުބާރާތުގައި މާ ބޮޑު އަމާޒުތަކެއް ކަނޑައަޅާފައި ނުވި ނަމަވެސް، އެ ޓީމަކީ ފަހަކަށް އައިސް އެ ސަރަހައްދުގައި ފާހަގަކޮށްލެވޭ ބާރެކެވެ. އެގޮތުން 2023 ވަނަ އަހަރުގެ އޭޝިއަން ކަޕްގެ ފައިނަލްގައި އަދި 2025 ވަނަ އަހަރުގެ އަރަބް ކަޕްގެ ފައިނަލްގައި އެ ޓީމު ވަނީ ވާދަކޮށްފައެވެ.
ވޯލްޑް ކަޕް 2026 ގެ "ގްރޫޕު ޖޭ" ގައި އޮސްޓްރިއާ އާއި ޖޯޑަން ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން މާދަމާ ހެނދުނު 9:00 ގައެވެ.
އަލީ ރިފްޝާން
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް